އޮޅުވާލައިގެން އިންޝުއަރެންސް ހޯދައިފިނަމަ 5 މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް ގާނޫނެއް

Loading

Facebook
Twitter
WhatsApp

އޮޅުވާލައިގެން އިންޝުއަރެންސް ހޯދައިފިނަމަ 5 މިލިއަން ރުފިޔާއިން ޖޫރިމަނާކުރެވޭ ގޮތަށް އިންޝުއަރެންސްގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފިއެވެ.

އިންޝުއަރެންސް ހޯދުމަށްޓަކައި ގަސްތުގައި ދޮގު މައުލޫމާތު ދީގެން ހައްގު ނޫން މަންފާއެއް ހޯދައިފި ކަމަށްވާނަމަ އެކަމުގެ ކުޑަ ބޮޑު މިނަށް ބަލައި، އެއްލައްކަ ރުފިޔާއާއި ފަސް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުގެ ފަރާތުން އިންޝުއަރެންސްގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤެވެ.

މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމެއްގެ ގޮތުގައި ފާހަގަކުރައްވައިފައިވަނީ ރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި އިންޝުއަރެންސް ކުންފުނިތަކާއި އެ ކުންފުނިތަކާ ގުޅިފައިވާ ފަރާތްތަކަށް ލައިސަންސް ދިނުމާ ގުޅޭ އުސޫލުތަކާއި އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާ ގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމު ކުރުމެވެ.

އިންޝުއަރެންސް ކުންފުނި ނުވަތަ ގުޅިފައިވާ ފަރާތަކުން ގާނޫނާ ޚިލާފުވެއްޖެނަމަ އަޅާނެ ފިޔަވަޅުތައް ބިލުގައި ބަޔާންކޮށްފައިވެއެވެ.

އޭގެތެރޭގައި އެފަރާތުން ހިންގާ ހަރަކާތްތަކުގެ ތެރެއިން ވަކި ހަރަކާތެއް ހުއްޓާލުމަށް އެންގުމާއި, އެފަރާތުން ކޮށްފައިވާ ކަމެއް ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމާއި, އިތުރަށް ވިޔަފާރި ކުރިއަށް ގެންދިޔުމަށް ވަކި ޝަރުތުތަކެއް ކަނޑައެޅުމާާއި ހިއްސާދާރުންނަށް ފައިދާ ބެހުން މަނާކުރުން ނުވަތަ ބަހާ މިންވަރު ހުދޫދު ކުރުމާއި, ކަނޑައަޅާ އަދަދެއްގެ ފައިސާ ވަކި މުއްދަތަކަށް ޑިޕޮސިޓްކޮށް ބެހެއްޓުމަށް އެންގުމާއި, އެފަރާތުގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާމަން ނުވަތަ ބޯޑުގެ އެހެން މެންބަރެއް މަގާމުން ވަކިކުރުމަށް އެންގުން ހިމެނެއެވެ.

މި ބިލުގައި ހިމެނޭ މަނާ ކަމެއް ކުރުމުގެ ތުހުމަތުގައި އެ ފަރާތެއް ބަލާ ފާސްކުރުމަށް ހުރަސްއަޅައިފިނަމަ 75،000 ރުފިޔާއާއި 750،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ. އަދި މި ގާނޫނުގެ ދަށުން އަދަބު ކަނޑައަޅާފައިނުވާ ކަމަކަށް އެކަމުގެ ކުޑަބޮޑު މިނަށް ބަލައި 5,000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް