އިސްލާމީ ގައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްސަ ކޮންފަރެންސްގެ 9 ވަނަ ސެޝަންގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.
އިސްލާމީ ގައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްސަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ވަޒީރު ޑރ. މުޙައްމަދު ޝަހީމް މިހާރު ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމް (އިސްލާމީ މަރުކަޒު) ގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފާއި ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
އިސްލާމީ ގައުމުތަކުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްސަ ކޮންފަރެންސްގެ 9 ވަނަ ސެޝަން ކުރިއަށްދާނީ މަހުގެ 4 ވަނަ ދުވަހާއި 5 ވަނަ ދުވަހުގައި މައްކާގައެވެ.
“އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ މި ކޮންފެރެންސްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށް ވަނީ ހަމަޖެހިފައި.“ މި ކޮންފަރެންސާ ގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ޚަބަރެއްގައި ރިޕޯޓުކޮށްފައި ވެއެވެ.
މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމާއި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަފުދު ރާއްޖެއަށް އެނބުރިވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
ފޮޓޯ: އިސްލާމިކް މިނިސްޓްރީ