އެމެރިކާގެ 2 އެއަރކްރާފްޓް ކެރިއަރއަކާއި އިތުރު މަނަވަރުތަކާއި ހަނގުރާމައިގެ ލަޝްކަރުތައް މެދުއިރުމައްޗަށް ޖަމާކުރަން ފަށައިފިކަމަށް މިއަދު ހެނދުނު 8 ގެ ސީ އެން އެން ޚަބަރުގައި ބުނެފިއެވެ. އެމެރިކާއިން ތައްޔާރުވަމުން މިގެންދަނީ އިސްރާއީލުން ހަމާސްގެ ލީޑަރ އިސްމާއީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި އީރާނުން ދީފާނެ ރައްދު ހަމަލާއަކަށް ތައްޔާރު ވުމުގެ ގޮތުން ކަމަށްވެސް އެ ޚަބަރުގައި ބުނެފައި ވެއެވެ.
ސީ އެން އެން އިން ބުނެފައިވާ ގޮތުގައި މިއީ މިދުވަސްވަރު އެމެރިކާއިން މެދުއިރުމައްޗަށް ފޮނުވާ އެންމެ ބިޔަ ލަޝްކަރެވެ. އެ ލަޝްކަރުތައް ފޮނުވުމަކީ އިސްމާއީލު ހަނިއްޔާ ޝަހީދުކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި ފުޅާވެގެން ހިނގައިދާނެ ހަނގުރާމައަކަށް މަގު ހުޅުވިގެން ހިނގައިދާނެ ގޮތަކަށް އީރާނުގެ މަދަދު ލިބޭ މުޖާހިދުންގެ ޖަމާއަތްތަކުން އަމަލު ނުކުރުމަށް އެމެރިކާއިންދޭ ވަރުގަދަ އިންޒާރެއް ކަމަށް ބެލެވެއެވެ.
އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުގެ ބަދަލު ހިފާނެކަމަށް އީރާނުންވަނީ ވައުދުވެފައެވެ.
ހިޒްބު ﷲ ގެ ލީޑަރ ސައްޔިދު ހަސަން ނަސްރު ﷲ ވިދާޅުވެފައިވަނީ އެ ޖަމާއަތުގެ އިސް ކޮމާންޑަރުން ތަކެއް ބެއިރޫތުގައި އިސްރާއީލުން ހަމަލާދީ ޝަހީދުކޮށްލިތާ 24 ގަޑިއިރު ތެރޭގައި ހަމާސްގެ ލީޑަރ އިސްމާއީލު ހަނިއްޔާވެސް ޝަހީދު ކޮށްލުމާ ގުޅިގެން އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއި ގެ އަމުރުފުޅު އަހަރެމެންނަށް ވަރަށް ސާފުކޮށް އަޑު އިވިއްޖެއެވެ. އޭގެ މާނައަކީ ހިޒްބު ﷲ އިން އިސްރާއީލަށް ހަމަލާ ދިނުންކަމުގައި އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ސްޓްރާޓީޖިކް ކޯރޑިނޭޓަރ ޖޯން ކަރބީ ބުނެފައިވެއެވެ. “ އެފަދަ ކޮންމެ ހަމަލާއެއްގެ އަމާޒަށް އެމެރިކާ ވެގެން ދާނެއެވެ. އަހަރެމެން ތިބެން ޖެހޭނީ އެ ހާލަތަށް ތައްޔާރު ވެގެންނެވެ ”. ސެކިއުރިޓީ ކައުންސިލަށް އޭނާ ކިޔާދިނެވެ.
މިހާރު ގަލްފް އޮފް އޮމާނުގައި އޮތް އެމެރިކާގެ އެއަރކްރާފްޓް ކެރިއަރ ޔޫ އެސް އެސް ތިއޮޑޯރ ރޫޒަވެލްޓުގެ ބަދަލުގައި އެއަރކްރާފްޓް ކެރިއަރ ޔޫ އެސް އެސް އަބްރަހަމް ލިންކަން އެ ސަރަހައްދަށް ފޮނުވަން ދިފާއީ ވަޒީރު ލޯއިޑް އައުސްޓިން މިދިޔަ ހުކުރު ދުވަހު އަމުރު ކުރައްވައިފި ކަމަށްވެސް ޕެންޓަގަންގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ސަބްރީނާ ސިންގ ބުނެފައި ވެއެވެ. އަދި ބެލިސްޓިކް މިސައިލުގެ ހަމަލާތަކުން ދިފާއު ވެވޭނެ ނިޒާމު ގާއިމްކޮށްފައިހުރި އިތުރު ޑެސްޓްރޯޔަރާއި މަނަވަރުވެސް މެޑިޓެރޭނިއަން ކަނޑަށް ފޮނުވަން ވަނީ ހަމަޖެހިފައެވެ. މެދުއިރުމަތީގައިތިބި އެމެރިކާ ސިފައިންގެ ލަޝްކަރުތައްވެސް ތައްޔާރީ ހާލަތުގައި ތިބުމަށް ދިފާއީ ވަޒީރު އަމުރު ކޮށްފައިވާ ކަމަށްވެސް ސަބްރީނާ ސިންގ ބުނެފައިވެއެވެ. އަދި އެމެރިކާގެ އަސްކަރިއްޔާ އަބަދުވެސް އޮންނާނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހަރާކަތަށް ގެނެވިދާފަދަ ތައްޔާރީ ހަލަތެއްގަކަމަށްވެސް ސަބްރީނާ ސިންގ ބުނެފައިވެއެވެ.
އެމެރިކާގެ އޮފިޝަލުން ހާމަކޮށްފައިވާގޮތުގައި އީރާނުގެ ހަމަލާތައް ކޮންމެ ވަގުތެއްގައިވެސް އިސްރާއިލަށް އަމާޒުވެދާނެއެވެ. އަދި އެއީ މުޖާހިދުންގެ ހަމަލާތަކާ އެކުވެގެން އީރާނުން ދީފާނެ ހަމަލާތަކަކަށްވެސް ވެދާނެއެވެ.
އެމެރިކާއާއި އީރާނުގެ ސީދާ ކުރިމަތިލުމަކަށް މި ހަމަލާ ބަދަލުވެދާނެކަމަށްވެސް ބެލެވޭ މި ދަނޑިވަޅުގައި ބައިނަލް އަގްވާމީ ބައެއް ތަޖްރިބާކާރުން ދެކޭގޮތްވެސް ސަންދާނުގެ ކިއުންތެރިންނާ ހަމޔަށް ގެނެސްދޭން ބޭނުމެވެ. އެހެންނަމަވެސް މިއީ ހަމައެކަނި އެ ބޭފުޅުންގެ ތަޖްރިބާގެ މައްޗަށް ބިނާކޮށް ފާޅުކޮށްފައިވާ ރައުޔަކަށް ވީމާ އެގޮތަށް ކަންތައް މެދުވެރި ނުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. އަމުދުން އެމެރިކާއާ ދެކޮޅަށް ސީދާ ހަނގުރާމައަކަށް ދާން ބޭނުން ނުވާކަމަށް އީރާނުން ތަކްރާރުކޮށް ބުނަމުން ގެންދިއުމާވެސް އެކުގައެވެ.
އެމެރިކާއިން އީރާނާ ކުރިމަތިލުމަކަށްދާއިރު މީގެ އަހަރުތަކެއް ކުރިން އެމެރިކާއިން އިރާގާ ދެކޮޅަށް ކުރި ކާމިޔާ ހަނގުރާމައިގެ އުކުޅުތައް ބޭނުންކޮށްފާނެއެވެ. އިރާގުން އެ ގައުމުގެ ސިފައިންނަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެ ބޮޑު ލަޝްކަމަށާއި ހަނގުރާމައިގާ ބޭނުންކުރާނެ ޓޭންކްތަކާއި ފައިޓަރޖެޓްތައް ހުރުމާއެކު އެމެރިކާގެ ލަޝްކަރާ ކުރިމަތި ލެވިދާނެ ކަމަށްވަނީ ބަލާފައެވެ. އިރާގަށް އަންދާޒާ ނުކުރެވުނީ ގަލްފުގެ ގައުމުތަކުން އެމެރިކާގެ ލަޝްކަރުތަކަށް މަރުހަބާ ކިޔާފާނެ ކަމާއި އަދި އެމެރިކާގެ ބިޔަ އެއަރކްރާފްޓް ތަކުގެ ކުރިމަތީގައި އިރާގުގެ ކަނޑު ސިފައިންނަށް ފައިހަމަ ނުކުރެވޭނެ ކަމެވެ. ކަންތައްވެގެން ދިޔައީވެސް ހަމައެގޮތަށެވެ.
އެމެރިކާގެ ބިޔަ ހަތަރު އެއަރކްރާފްޓް ކެރިއަރ ގެ ކުރިމަތީގައި އިރާގުގެ ކަނޑު ސިފައިންނަށް ޖެހުނީ އިސާހިތަކު ކުޑަކަކޫ މައްޗަށް ތިރިވާށެވެ. އެއިން އެއަރކްރާފްޓް ކެރިއަރަކަށް ހަމލާދެވޭނެ ބެލިސްޓިކް މިސައިލެއްވެސް އިރާގުގައި ނެތެވެ. އިރާގަށް މަދަދެއް ފޯރުކޮށްދޭނެ އެއްވެސް ގައުމެއް ކައިރީގައި ނެތެވެ. ސަލަމާތުގެ އައްސޭރިއެއް ހޯދަން މަސައްކަތްކުރި ފައިޓަރޖެޓް ތަކަށްވެސް މަގެއް ހުޅުވާދިނީ 8 އަހަރުވަންދެން އެމެރިކާއާއި އަރަބި ގައުމުތަކުގެ ބަހަށް އިރާގުން ފަނާކުރަނިވި ހަނގުރާމައެއްކުރަމުން ގެންދިޔަ އީރާނުން ނެވެ.
ދެންކުއްލިއަކަށް މެދުވެރިވީ އިރާގުގެ ހުރިހާ ލަޝްކަރުތަކަށް މަގު އޮޅިގެން ދިއުމެވެ. އެމެރިގާގެ ޖީ ޕީ އެސް ކުއްލިއަކަށް ހުއްޓާލުމުން އީރާގުގެ ލަޝްކަރުތަކަށް ދާންވީ ނުދާންވީ ތަނެއް ނޭންގި މަގު އޮޅިއްޖެއެވެ. އިރާގުގެ ލަޝްކަރުތައް އިސާހިތަކު ނިކަމެތިވެގެން ދިޔައީއެވެ.
މިއަދުގެ މެދު އިރުމތީގެ މަސްރަހްގައި އީރާނުގެ މަގާމު ވަރަށް ތަފާތެވެ. އީރާނާ އެއްކޮޅަށް ތެދުވާނެ މުޖާހިދުން ޖަމާއަތް ތިބީ ތައްޔާރަށެވެ. އެއަކްރާފްޓް ކެރިއަރަށް ވިޔަސް ހަމަލާ ދެވިދާނެ ކިތަންމެ ވަސީލަތެއް ހުރީ ގާއިމް ކޮށްފައެވެ. ޖީ ޕީ އެސް ހުއްޓުވާލުމަކުން އެއީ އިރާން ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. ސިއްރު ވަސީލަތްތައް އޮތީ މާކުރިން ކަށަވަރު ކޮށްފައެވެ. އީރާނުން އެގައުމަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރުވެސް ގެންދަނީ އެ ގައުމުގައި އުފައްދަމުންނެވެ. އެފަދަ ދެކޮޅުވެރުކަމެއް އަވަހަށް ނިމިގެން ނުދާނެ ކަމަށް އީރާނުންވެސް ވިސްނާ ފިކުރު ކުރާނެއެވެ.