ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ރާއްޖޭގައި ޣައިބަށް ކަށުނަމާދުކޮށްފިއެވެ.
ހަނިއްޔާ ޝަހީދުކޮށްލީ އިރާނުގެ އައު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް އެ ގައުމުގެ ވެރި ރަށް ކަމަށްވާ ތެހެރާނަށް ވަޑައިގެން ހުންނަވަނިކޮށް މިދިޔަ ބުދަ ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ.
ހަނިއްޔާ ޝަހީދުކޮށްލި ހަމަލާ ދީފައި ވަނީ އޭނާ ހުންނެވި އިމާރާތަށް ދިން ހަމަލާއެއްގައެވެ. މި ހަމަލާގައި ހަނިއްޔާގެ ބޮޑީ ގާޑެއް ވެސް ޝަހީދުވެފައިވެއެވެ.
ހަނިއްޔާ ޝަހީދުކޮށްލުމުން އޭނާގެ މައްޗަށް ރާއްޖޭގައި ބައެއް މިސްކިތްތަކުގައި މިއަދު ހުކުރު ނަމާދަށްފަހު ޣައިބަށް ކަށުނަމާދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ އިސް އޮފިޝަލަކު ދެންމެ ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.
ހަނިއްޔާއަށް ދިން ހަމަލާ ގިނަ ގައުމުތަކަކުން ކުށްވެރި ކޮށްފައިވާއިރު ދިވެހި ސަރުކާރުންވެސް ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.