ސިނަމާލެ ބްރިޖާއި އެއާޕޯޓް މަގު ހިމެނޭހެން މާލޭ ސިޓީގެ ބައެއް ސަރަހައްދުތައް ބަންދުކުރުމަށް ނިންމައިފި އެވެ.
ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ފަރިތަކުރުން ތަކަކާއި ގުޅިގެން މިއަދާއި މާދަމާގެ މެންދުރުފަހު އެކަކުން ފެށިގެން ފަރިތަކުރުން ތައް ނިމެންދެން އެ ސަރަހައްދުތައް އެކި ވަގުތުތަކުގައި ބަންދު ކުރަމުން ގެންދާނެ ކަމަށެވެ.
މި ފަރިތަކުރުންތަކާއި ގުޅިގެން ބަންދުކުރުމަށް ހަމަޖައްސާފައިވަނީ ސިނަމާލެ ބްރިޖާއި އެއާޕޯޓް މަގުގެ އިތުރުން ބޮޑުތަކުރުފާނުމަގުގެ ބައެއް ސަރަހައްދުތަކާއި ގްރީން ޒޯންގެ ގޮތުގައި ކަނޑައަޅާފައިވާ ސަރަހައްދުތައް ކަމަށް ފުލުހުން ހާމަކުރެއެވެ.
މިސަރަހައްދުތައް މި ދެ ދުވަހު އެކަކުން ފެށިގެން އެކިވަގުތުތަކުގައި ބަންދުކުރާނެ ކަމަށް ފުލުހުން ހާމަކުރި ނަމަވެސް އެއީ ކޮން ވަގުތުތަކެއްކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ގާތްގަޑަކަށް 40،000 އެއްހާ މީހުން ދިރިއުޅޭ ހުޅުމާލޭގައި ދިރިއުޅޭ މީހުން މާލެ ދިއުމަށް ބޭނުންކުރާ ސިނަމާލެ ބްރިޖް މިއަދު އެކެއްގެ ފަހުން އެކިވަގުތުތަކުގައި ބަންދުކުރާކަން ފުލުހުން ޓްވީޓް ކޮށްފައިވަނީ އެކެއްޖެހުމުގެ 33 މިނިޓްކުރިންނެވެ.