ފެނަކަ އިން ސަޕްލަޔަރުންނަށް ދައްކަން ޖެހޭ ފައިސާގެތެރެއިން 300 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.
މިކަން ހާމަކުރީ ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުޙައްމަދު މަސްއޫދެވެ.
އޭނާ ވިދާޅުވީ ފެނަކައިގެ މިހާރުގެ މެނޭޖުމެންޓުން ހަވާލުވި އިރު ކުންފުނީގެ ދަރަނި 4.3 ބިލިއަން ރުފިޔާ އަށް އަރާ ކަމަށާއި އެއިން އެންމެ ބޮޑު ދަރަންޏަކީ ފެނަކައަށް ތެޔޮ ގަތުމަށް ފަހު ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އަށް ދައްކަން ހުރި ފައިސާ ކަމަށެވެެ.
2020 އިން ފެށިގެން ތެލުގެ ބިލުތަކަށް ފައިސާ ދައްކާފައި ނެތްކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކަމަކު މިހާރު ފެނަކައިން ދަނީ މަހަކަށް ބޭނުންކުރާ ތެލުގެ %70 އަށް ފައިސާ ދައްކަމުން ކަމަށެވެ.
”އެއާއެކު މިދިޔަ 6 މަސް ތެރޭ އެހެނިހެން ސަޕްލަޔަރުންގެ 300 މިލިއަނެއްހާ ރުފިޔާ ދޫކުރެވިއްޖެ.“ އެއާއެކު ދަރަނި ވެސް މިދިޔަ އަހަރު ނިމުނުއިރު ހުރިވަރަށް ވުރެމި އަހަރުގެ ދެވަނަ ކުއާޓަރު ނިމުނުއިރު ކުޑަވެއްޖެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުން އެފްއެސްއެމް ނުހިމަނާ ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ މިހާރު 1.3 ބިލިއަން ރުފިޔާއެވެ.
ފެނަކައިގެ ދަރަނި އަދާކުރަން އެ ކުންފުނިން މަސައްކަތް ކުރަމުންދާއިރު, އެކި ފަރާތްތަކުން އެ ކުންފުންޏަށް ދައްކަންޖެހޭ 500 މިލިއަން ރުފިޔާ ނުލިބި އެބަހުރި ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
ފޮޓޯ: މިހާރު