ރާއްޖޭގައި ހިންގާ ސްޕާތަކަށް އެތައް ގައުމެއްގެ އެތައް ހާސް އަންހެނުން ވަނީ ގެނެވިފައެވެ. މި ދެންނެވި އަންހެނުންތައް ސްޕާތަކުގައި މަސައްކަތް ކުރަމުން އަންނަ އިރު މަސާޖަށް ދައްކާ ފައިސާނޫން ފައިސާއެއް ސްޕާހިންގާ ވެރިން ނުހޯދައެވެ. އެހެނަސް ހުރިހާ ބަދުނާމެއް ބޮލުގަ އަޅަން ޖެހެނީ ސްޕާ ހިންގާ ވެރީން ކަމީ ދެރަވަރުގެ ކަމެއް ކަމަށް އެވެރިން ދެކެވެ.
ސްޕާތަކަށް މަސާޖުކުރަން ދާމީހުން ކައުންޓަރަށް މަސާޖު ފީ ދެއްކުމަށްފަހު މަސާޖު ކޮށްދޭ ރޫމަށް ވަދެއެވެ. މަސާޖުކޮށް ނިމުމަށްފަހު މަސާޖު ކުރެވުނު މީހާ މަސާޖުކޮށްދިން އަންހެން މީހާގެ ގާތުގައި އިތުރު އެހީތެރިކަމަކަށް އެދެއެވެ. އެކަމަށް އެވެރިން ނަގާ ފީއަކީ އެވެރިންނަށް ލިބޭ އެއްޗެކެވެ. މިގޮތުގެ މަތީން ދުވާލެއްގެ މައްޗަށް އެއިން ކޮންމެ އަންހެނަކު ތިންހަތަރުހާސް ރުފިޔާ ނަގާކަމަށް ވެއެވެ.
މިދެންނެވި ބިދޭސީ އަންހެނުން އޭގެ އިތުރުން އެވެރިންގެ އޮފްގަޑީގައި ދިވެހި ފިރިހެނުން މެދުވެރުކޮށްގެން އެވެރިންގެ ގާތަށް ފިރިހެނުން ގެންދާ ކަމުގެ މަޢުލޫމާތުވެސް ލިބެއެވެ. އަދި ބައެއްފިރިހެނުން ކުލީ ރޫމްތަކަށްވެސް ބިދޭސީ އަންހެނުން ގެންދެއެވެ. މިފަދަ ކޮންމެ ބައްދަލުވުމަކަށް އެއްހާސް ރުފިޔާއާއިފަނަރަސަތޭކަރުފިޔާ އާއި ދެމެދުގެ މިންވަރެއް އެވެރިންނަށް ގެންދާ ފަރާތުން ދޭކަމަށް ވެއެވެ.
އަންދާޒާކުރާ މީހުން ބުނާ ގޮތުގައި ބިދޭސީ އަންހެނުން މަހެއްގެ މަށްޗަށް ދެމިލިއަނާ ގާތްކުރާ މިންވަރަކަށް ރާއްޖެއިން ޑޮލަރު ބޭރު ކުރެއެވެ. ހަމަ އެހެންމެ ރާއްޖޭގައި ދެލައްކައެއްހާ ބިދޭސީ ލޭބަރުން މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ވަނީ ފޫނުބެއްދޭވަރުގެ ލޮޅުން އަރާފައެވެ. ގައުމު ހިންގާ ފަރާތްތަކުން ގައުމުގެ އިގުތިސާދާމެދު ނުވިސްނާނަމަ އެކަމުގެ ހިތިކަން ތަޖުރިބާ ކުރާނެ އެހެންބަޔަކު އުޅޭނެހެއްޔެވެ. ގައުމާމެދު ވިސްނާ ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މަހެއްގެ މައްޗަށް ބިލިއަނަކަށްވުރެ ގިނަ ޑޮލަރު ރާއްޖެއިން އެބަ ބޭރުވެއެވެ.
މިކަންކަން ސަރުކާރުގެ އިސްވެރިންނަށް އެނގިވަޑައިގަންނަވަން ވީ މާކުރީންނެވެ. ބިދޭސީން ރާއްޖެއަށް ގެނެވެނީ ސަރުކާރުގެ ކޮންމެވެސް މުވައްސަސާއަކުން ހުއްދަ ދެއްވުމުންނެވެ. އެހެނަސް ހުއްދަ ދޫކުރުމުގައިވެސް ރިޝްވަތު ގެ ޢަމަލުތައް އެކުލެވި އެކަން ކަން އެވަނީ ކޮންޓްރޯލުން ވެސް ނެއްޓިފައެވެ. އިސް ފަރާތްތަކަށް މިކަންކަން އެނގެނީ ވަގުއަރާ އެންމެން ކާލާފައި ދާފަހުންނެވެ. ގައުމުގެ އިގުތިޞާދު ފުނޑުފުނޑު ވަނީ ކުއްލިއަކަށް ނޫނެވެ. ހީނަރު ވަމުން ވަމުން ގޮހެވެ.
ދައުލަތުގެ އިސް މަގާމުތައް ފުރުއްވާ ގިނަ ބޭފުޅުން ގައުމާމެދު ނުވިސްނާކަން މިއެނގެނީ ރައްޔިތުމީހާގެ އަނގަޔާ އަތާދިމާ ނުވެދާ ފަހުންނެވެ. ދައުލަތުން އިސް މަގާމު ދެއްވަނީ އެބޭފުޅުންގެ މާލީ ތަނަވަސްކަން އިތުރުކޮށްދީ މަހުޖަނަކަށް ހަދައި ދިނުމަށް ކަމަށް މެނުވީ އެބޭފުޅުން ގަބޫލު ކުރާހެން ހީއެއް ނުވެއެވެ.
ގައުމު އަނދަވަޅަކަށް ވެއްޓިގެންދާއިރު އޭގެ ކުރިން އެކަން ނޭނގޭވަރުގެ ގަމާރު ބަޔަކު ސަރުކާރާ ހަވާލުވުމަކީ ގައުމަށް ކުރިމަތިވާނެ އެންބޮޑު އެެއް ގެއްލުމެވެ. ގައުމުގެ އިގުތިސާދީ ހާލަތު ދަށްވެ ގައުމު އިނދަޖެހިގެންދާއިރު އެކަން މެދުވެރިވި ސަބަބުތައް ދެނެގަނެ އެކަންކަން ފޫބައްދަން އެނގިވަޑައިނުގަންނަވާނަމަ އެބަޔަކާ ގައުމު ޙަވާލު ކޮށްގެން ތިބުމުގެ ބޭނުމެއް އޮތްކަމަކަށް އެއްވެސް ބަޔަކު ގަބޫލެއް ނުކުރެއެވެ.
ރާއްޖޭގެ އިގުތިޞާދު ހީނަރުވުމުގައި އިސްވެދެންނެވި ކަންކަމުގެ އިތުރުންވެސް އެހެން ކަންކަން ހުރުމަކީ އެކަށީގެން ވާކަމެކެވެ. އެހެންކަމުން އެފަދަ ކަންކަން ހޯއްދަވާ ބެއްލެވުމަށްފަހު މޫނެއް ކަނދުރާއަކަށް އަދި އަމިއްލަ ޖީބަށް ނުބައްލަވާ ގައުމަށް ފައިދާވާގޮތަށް ކަންކަން ނިންމުމަށް ދަންނަވަން ޖެހެއެވެ. ރައްޔިތުން އިރަށް ދޮންކުރުމުގެ ބަދަލުގައި ގައުމުން ބޭރުވާ ޑޮލަރު ބޭރުވުން ހުއްޓުވާ އެފަދަ ފަރާތްތަށް ރެާއްޖެއިން ފޮނުވާލެއްވުމަކީ ގައުމުގެ އިގުތިޞާދަށް ލިބޭ ކުރިއެރުމެކެވެ.
ކޮންމެ މަހަކު ރާއްޖެއިން ދޮޅުބިލިއަނެއްހާ ޑޮލަރު ބޭރުވުމަށް އެދުވެރިވެފައިވާ ސަބަބުތައް ދެނެގަނެ ރައްޔިތުންނަށް ގަރުދިޔަ ބޯންނުޖައްސާ އެކަން ޙައލު ކުރުމަށް ސަރުކާރަށް ފަރުދީ ހައިސިއްޔަތުން ގޮވާލަމެވެ.
One Response
ވަރަށް ސަޅި.