ޙަލާލު ތަކެތި ކައިބޮއި އުޅުމުގެ އެއްވެސް ވިސްނުމެއް ބައެއް ދިވެހިންގެ ކިބަޔަކު ނެތް

Loading

Facebook
Twitter
WhatsApp

އިންސާނުންގެ ދިރިއުޅުމުގެ ޙާލަތަށް ބަދަލު އައި ނަމަވެސް މުސްލިމުން އުޅެންވާނީ ހަތް އުޑުމަތިން މާތް އިލާި ވަހީކުރައްވާފައިވާ ފަދައިންނެވެ. އެކަލާނގެ ވަޙީކުރައްވާފައި ވަނީ ތިޔަބައި މީހުން ޙަލާލު ތަކެތި ކައިބޮއި އުޅުމަށެވެ.

1960 ގެ އަހަރު ތަކުގެ ތެރޭގައި ދިވެހިން ކައިބޮއި އުޅުނީ ބަތާއި ކަނޑުމަހުގެ ގަރުދިޔަ ނުވަތަ ދިޔާހަކުރާއި ކާށްޓެވެ. ފެންވަރަން ބޭނުންކުރަނީ ދަނޑި ސައިބޯންޏެވެ. ބޯދޮންނަނީ ކުކުޅުބިހާއި އުނދުނުން ނަގާއަޅި އެއްކުރުމަށްފަހު ލަންސިމޫ ނުވަނަ ފޮނިމާ އެޅުމަށްފަހު އަވީގައި ބެހެއްޓައިގެން ތައްޔާރު ކުރާ ޝޭމްޕޫ އެއް ބޭނުން ކޮށްގެންނެވެ.

ބޮލާއި ހަށިގަނޑުގައި ލާ އުޅެނީ ކާށިތެލެވެ. މި ތެޔޮ ތައްޔާރު ކުރަނީ ބައިނާޅި ބިއްލޫރި ފުޅިއެއްގެ ތިރީގައި ލޯވަޅެއް ތޮރުފުމަށްފަހު އެފުޅިއަށް ތެލާފެން އަޅައި އެތެޔޮސާފު ކުރުމަށްފަހު މީރުވަސް ދުއްވުމަށްޓަކާ އޭގެ ތެރެއަށް މާވަހަރާ ލާދަން ފަދަ މީރުވަސް ދުވާ ތަކެތި ބޭނުންކޮށްގެންނެއެވެ. އަދި މީގެ އިތުރުން މީރުވަސް ދުވާ މާމެލާމެލި ފެނަށް އެޅުމަށް ފަހު އެފެން ބޭނުން ކޮށްގެން ތެޔޮ ސާފުކުމަށް ބޭނުން ކުރެއެވެ.

ގިނަ ދިވެހި އަންހެނުން އޭރު ލައި އުޅެނީ ކަރުކެނޑި ލިބާހާއި ކަނޑިކިއެވެ. ފިރިހެނުން ލައި އުޅެނީ ގަންޖިފަރާހާއި ކޮނޑުކެނޑި އާއި މުންޑެވެ. ބައެއް ފިރިހެނުން ތިބެނީ މުންޑު އަނދެގެން ހުސްގަޔާއެވެ. މިތަކެތި ހޯދަނީ މަހަށް ގޮސް ބާނާ މަސްކޮޅު ކައްކާ ދިލަޖެއްސުމަށްފަހު އޮޑިވެރި ގެތަކަށް ކިރުވައިގެންނެވެ. މިފަދަ ތަކެތި ހުންނަނީ އޮޑިވެރިން މާލެއިން ގެނެސް ގޭގައި ބަހައްޓާފައެވެ.

އެޒަމާނުގައި ވައްކަން ކުރުމަކީ ވަރަށް މަދުން ނޫނީ ހިނގާ ކަންކަމެއް ނޫނެވެ. އެޒަމާނަކީ ރުފިޔާ ގެންގުޅުނު ޒަމާނެއް ނޫނެވެ. ރުފިޔާގެ ބަދަލުގައި އޭރު ބޭނުން ކުރަނީ ބޮއްޔެވެ. އެޒަމާނުގައިވެސް ރާއްޖޭގެ އަރުމާދު އޮޑިފަހަރު އުޅުދޫ ކަރަޔަށާއި އިންޑިއާ އަދި ޕާކިސްތާނުގެ އިތުރުން ބަންގާޅަށާއި އޮސްޓްރޭލިޔާއަށް ދަތުރު ފަތުރު ކޮށް އުޅުނެވެ. އެކަރަތަކުން މުދާ ގަތުމަށް އޮޑިފަހަރުގައި ގެންދަނީ ހިކި ކަނޑުމަހާެއި ކުފުރާއާއި ބޮއްޔާއި ހިމަރޯނުގެ އިތުރުން ކަހަނބު ފަތް ފަދަ ތަކެއްޗެވެ.

ދުނިޔެ ކުރިއަރަމުންދާ ނިސްބަތުން އިންސާނުންގެ ތަރައްގީވެސް އައީ ހަރުފަތަކަށް ހަރުފަތެއް ކުރިއަރަމުންނެވެ. އެގޮތުން ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި އަށް ވަނީ ވަރަށް ބޮޑު ބަދަލުތަކެއް އައިސްފައެވެ. ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅި ބަދަލު ކޮށްލެއްވީ ރައީސް އަލްމަރުޙޫމް ިއިބުރާހިމް ނާޞިރުގެ ޒަޢާމަތުތުގައި އެމަނިކުފާނު ރާއްޖޭގެ މަސްވެރިކަމަށް ގެނެސް ދެއްވި އިންގިލާބީ ބަދަލުތަކުގެ ތެރެއިންނެވެ.

އެމަނިކުފާނު ރާއްޖޭގެ މަސްވެރިން ކުރިން އުޅެމުން ދިޔަ ވައްޓަފާޅި ބަދަލުކޮށް މަސްވެރި ޢާއިލާ ތަކަށް ނިސްބަތްވާ އެންމެން ގުޅި ލާމެހިގެން ކުރަމުންދިޔަ މަސްވެރިޔާ ގެއަށް ގެންނަ މަސް ކައްކާ ހިއްކާ ނުވަތަ ދިލަޖެއްސުމުގެ މަސައްކަތްވެސް ނިމުމަކަށް ގެނައެވެ.އެގޮތުންް އޮޑިވެރި ގެއަށް މަސްކިރުވުން ނިމުމަކަށް ގެނެސް ދެއްވިއެވެ. އޭގެ ސަބަބުން އޭރު މަސްވެރި ޢާއިލާތަކުން އޮޑިވެރިންގެ ގެތަކަށް މަސްކިރުވައިގެން އިގްތިޞާދު ފޫބައްދަމުން ދިޔަ ދިއުންވެސް ނިމުމަކަށް އައީއެވެ.

ރައީސް ނާޞިރުގެ ޒަޢާމަތުގައި މަސްވެރިން ބާނާ މަހަށް ދިވެހި ރުފިޔާ ލިބޭނެ މަގު ކޮށްޓަވައި ދެއްވިއެވެ. އެމަނިކުފާނު އެކަން ކުރެއްވީ ޖަޕާނުގެ ކުންފުންޏަކާ ގުޅި އެކުންފުނީގެ ހޯކޯމާރު ނަމަކަށް ކިޔާ ބޯޓުފަހަރުތަކެއް ރާއްޖެއަށް ގެންނަވާ އެމަސްބޯޓުފަހަރަށް ދިވެހި މަސްވެރިން ބާނާމަސް ކިރުވައި މަސްވެރިންނަށް ވަގުތުން ދިވެހި ރުފިޔާ ލިބޭނޭ މަގު ތަނަވަސް ކޮށްދެެއްވައިގެންނެވެ.

އެހެންކަމުން ރާއްޖެތެރޭގެ މަސްވެރި ޢާއިލާތަކުގެ ގުޅުން ހީނަރުވެގެން ދިޔަ ނަމަވެސް މަސްވެރިން މަސްބާނައިގެން މަސްބޯޓުފަހަރަށް މަސްކިރުވުމަށްފަހު ލިބޭ ފައިސާކޮޅު ހިފައިގެން މާލެގޮސް ބާޒާރުގެ ފިހާރަތަކުން ދިރިއުޅުމަށް ބޭނުންވާ ސާމާނު ގަތުމުގެ މިނިވަންކަން ލިބިގެން ދިޔައެވެ. އޭގެ ސަބަބުން އޮޑިވެރި ގެތަކަށް ބަރޯސާވުން ނިމި އަމިއްލަ ފައިމަތީގައި މަސްވެރިޔާއަށް ތެދުވެހުރުމުގެ ފުރުޞަތު ވަނީ ލިބިގެން ގޮސްފައެވެ.

މިކަމުގެ ސަބަބުން ރާއްޖޭގެ މަސްވެރި ރައްޔިތުންގެ ތަރައްގީއަށްވެސް ކުރިއެރުންތަކެއް ލިބިގެން ދިޔައެވެ. މިހިސާވުން ފެށިގެން ދިވެހިންގެ ކުރީގެ ޑްރެސްކޯޑަށްވެސް ޒަމާނީ ބަދަލުތަކެއް އަތުވެއްޖެއެވެ. ބައެއް ދިވެހި އަންހެނުން ކުރިން ލައި އުޅުނު ކަރުކެނޑި ލިބާސް ދޫކޮށް ސާޅި އަޅަން ފަށައިފިއެވެ. ޒުވާން އަންހެން ކުދީން ބެލްސާއި އަތްކެނޑި ހެދުން ނުވަތަ ރޫޖެއްސި ހެދުންލާން ފަށައިފިއެވެ. މިގޮތުން ފިރިހެނުންގެ ހެދުން އެޅުމުގެ ވައްޓަފާޅި ބަދަލުވެ ފައިކުރި ފުޅާ ފަޓުލޫނާެއި ޑަބަލްބޯ ފައިވާނަށް އެލާޖިކްވަމުން ދިޔައެވެ.

އެހެން ކަމުން މި ބަދަލުތަކާއެކު ދުވަހެއް ދުވަހެއް ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވެސް ދާންފެށީ މައްޗަށެވެ. އެކަމުގެ ސަބަބުން ހޯދަންޖެހޭ ރުފިޔާގެ މިންވަރުވެސް އިތުރު ވެގެންދިޔައެވެ. ކުރިން ފަސްރާތާމަހަށް ލިބުނު ލިބާސްކަނޑާފޮތިކޮޅުގެ އަގު ވެސް ބޮޑުވީއެވެ. ދެރުފިޔާއަށް ލިބުނު ބަރުމާ ޕީސް މުންޑު ދޫކޮށް ވިހިރުޔާއަށް ލިބޭ ފަޓުލޫނު ކަނޑާ ފޮތިގަނޑު ގަންނަން ޖެހުމުން ހޯދަންޖެހޭ ރުފިޔާގެ މިންވަރުވެސް މަތިވީއެވެ.

Loading

One Response

  1. ޙަލާލު ކެއުމެއް ކާ އެއްވެސް މީހަކު މިއަދު މިރާއްޖެއަކު ނޫޅޭނެ، އަދި ޙަލާލު ތަކެތި ހޯދޭނެ ގޮތެއްވެސް މިއަދަކުނެތް، މަސްތުވާތަކެއްޗަކީ ޙަރާމު އެއްޗެއް! އެ ވިއްކައިގެން ހޯދާލާރި، ރިސޯޓު ތަކުގައި ޒިނޭކުރުވައިގެން ހޯދާލާރިއާއި ރަލާއި އޫރުމަސް ވިއްކައިގެން ލިބޭލާރިއާއި. ދޮގު ވާހަކަތައް ނޫސްމެދުވެރި ކޮށްގެން ވިއްކައުގެން ހޯދާކާރިއާއި މިހެންގޮސް ކިޔާނެ ކަމެއްނެތް، މިރާއްޖެ މިއޮތީ ޙަރާމް ރާއްޖެއަކަށް ވެ ނިމުފައެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް