ހަމާސްގެ ލީޑަރ އިސްމާއިލް ހަނިއްޔާ ޝަހީދު ކޮށްލައިފި އެވެ. މިކަން ވަނީ ހަމާސް އިން ކަށަވަރު ކޮށްދީފައެވެ.
އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ އީރާނުގައި ހުންނަވަނިކޮން ރޭދަންވަރުގެ ވަގުތެއްގައެވެ.ހަމަލާ ދީފައިވަނީ އީރާންގެ އައު ރައީސް ޕެޒެޝްކިއާން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށްފަހު އީރާންގައި ހުންނަ އަމިއްލަ ގެކޮޅަށް ވަޑައިގެންނެވުމުގެ މަގުމަތީގައި ނުވަތަ ގެކޮޅަށް ވަޑައިގެންނެވި ފަހުންނެވެ.
ހަނިއްޔާ އަވަހާރަ ކޮށްލުމާއި ގުޅިގެން ހަމާސްގެ ލީޑަރުންދަނީ އެކަމުގެ ބަދަލު ހިފާނެ ކަމަށް ބުނަމުންނެވެ. ހަނިއްޔާއަކީ ޝަހީދު ކޮސްލެވުނު އަބްތާލެއް ކަމަށާ، ހަމާސްއަކީ ”އައިޑިއޮލޮޖީ“ ނުވަތަ ފިކުރެއް ކަމަށާ އެއް ލީޑަރު އަވަހާރަކޮށްލުމަކުން ހަމާސްބަދަލުވެގެން ނުދާނެ ކަމަށާ،ހަތިޔާރު ބަހައްޓާ ނުވަތަ ގޮތްދޫކުރުމެއް ނުފެންނާނެ ކަމަށް ހަމާސްގެ ލީޑަރުން މިވަގުތުވެސް ދަނީ ބުނަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ހަމާސްގެ ލީޑަރުން މި ވަގުތު ތިބީ ޝޮކްގައެވެ.
ފުރަތަމަ ރިޕޯޓްތައް ބުނާގޮތުން ހަނިއްޔާ އަވަހާރަކޮށްލުމަށް ދީފައިވަނީ ރޮކެޓް ހަމަލާއެކެވެ.މި ހަމަލާގައި ހަނިއްޔާ އާއި އެކު އޭނާގެ ބޮޑީގާޑުންވެސް ވަނީ މަރުވެފައެވެ. އީރާން ގަޑިން ދަންވަރު 2ޖަހާއެހާއިރު ރޮކެޓް ހަމަލާ ދީފައިވަނީ ދަތުރު ކުރެއްވި ގާފިލާ އަށް ކަމެއް ނުވަތަ ގެކޮޅަށް ކަމެއް ސާފެއްނޫނެވެ. ނަމަވެސް ހަމަލާއަކީ ރަގަޅަށް ރާވައިގެން ދީފައިވާ ހަމަލާއެއް ކަމަށް ޚަބަރުތައް ބުނެއެވެ.
ހަނިއްޔާ އަވަހާރަ ވެފައިވާކަން ހާމަކޮށް ހަމާސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަވަހާރަވީ ޒަޔަނިސްޓުންގެ ހަމަލާއެއްގައި ކަމަށެވެ.ނަމަވެސް އިސްރާއިލުން މިބުނުމަށް އަދި ވަކިއެއްޗެއް ނުބުނާ ކަމަށް ވެއެވެ.
1962 ވަނައަހަރު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންފައިވާ އިސްމާއިލް ހަނިއްޔާއަކީ ފަލަސްތީންގެ މިނިވަން ކަމަށް ވަރަށްވެސް އަގުހުރި މަސައްކަތް ޕުޅުތަކެއް ކުރައްވާފައިވާ ގައުމީ ލީޑަރެކެވެ.އެތައްފަހަރަކު ޖަލަށް ވަޑައިގެންފައިވެއެވެ. މިފަހުން ބޭއްވުނު ގިނަ މަޝްވަރާތަކުގައި ފަލަސްތީން ތަމްސީލް ކުރައްވާފައިވެއެވެ.ގިނައިން ދިރިއުޅުއްވަމުން ގެންދެވީ ޤަތަރުގައެވެ.ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ޗެއާމަންކަން މިވަގުތު ފުރުއްވަމުން ގެންދަވާ އިސްމާއިލް ހަނިއްޔާ ގްރެޖުއޭޓް ވެވަޑައިގެންނެވީ އެރެބިކް ލިޓަރޭޗަރ ގެ ރޮގުންނެވެ.
2006 ގައި ބޭއްވުނު ފަލަސްތީން އިންތިޚާބް ކާމިޔާބް ކުރެއްވުމާއި ގުޅިގެން އިސްމާއިލް ހަނިއްޔާއަށް ފަލަސްތީންގެ ޕްރިމިނިސްޓަރުކަން ލިބިވަޑައިގެންނެވިއެވެ. ނަމަވެސް ޖެހިގެން އައި އަހަރު ޕެލަސްތީނިއަން އޮތޯރިޓީގެ ރައީސް މަހްމޫދު އައްބާސް އެމަގާމަށް ވަޑައިގެންނެވިއެވެ.ނަމަވެސް ހަނިޔާ އޭގެ ފަހުންވެސް ހުންނެވީ ޣައްޒާ ގައި ދިރިއުޅޭ ފަލަސްތީން ރައްޔިތުންގެ އިސްލީޑަރުގެ ގޮތުގައެވެ.
2003 ވަނަ އަހަރުވެސް އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލުމަށް ވަރުގަދަ ހަމަލާއެއް ދީފައި ވެއެވެ.
ހަނިއްޔާ އަވަހާރަވުމާއި ގުޅިގެން އެކި ގައުމުތަކުން ވަނީ ބަސްބުނަން ފައްޓާފައެވެ. ތައުޒިޔާ ރައްދު ކުރަމުން އީރާނުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ އޮހޮރިގެން ދިޔަ ހަނިއްޔާގެ ލޭފޮދަކީ ބޭކާރު ގޮތުގަ އޮހޮރިގެން ދިޔަ ލެޔަކަށް ވެގެން ނުދާނެ ކަމަށެވެ.ތަހުގީގުތައް ވަގުތުން ފަށާފައިވާ ކަމަށް އީރާނުން ބުނެފައިވެއެވެ.