އެމެރިކާގެ ރައްޔިތުން ކުރާ ކަމަކަށް މަލާމާތް ކުރަން ނަތަންޔާހޫ އަކީ ކާކު؟

Loading

Facebook
Twitter
WhatsApp

އަޅުގަނޑުމެންގެ ކިއުންތެރިންނަށް މިގެނެސްދެނީ އިއްޔެ ލޮސް އެންޖަލިސް ޓައިމްސްގެ ޚިޔާލު ފާޅުކުރުމުގެ ސަފްޙާއަށް އެމެރިކާގެ ރައްޔިތުން ފޮނުވާފައިވާ “ އެޑިޓަރަށް ހުޅުވާލާފައިވާ “ ޚިޔާލުތަކުގެ ތަންތަންކޮޅެވެ. 

މިއިން ދޭހަވާ އެންމެ މުހިންމު ކަމަކީ ގައުމުތަކުގެ ވެރިން ޑިމޮކްރެސީ އޭ ނުވަތަ އޮޓޯ ކްރެސީ އޭ ނުވަތަ އެހެންނަމެއްގައި ވިޔަސް ރައްޔިތުންގެ ނަމުގައި ކުރާ އަމުރުތަކާއި ކުރަމުންގެންދާ ގިނަ ކަންތައްތަކަށް ރައްޔިތުންގެ ރުހުން ނުލިބޭ ކަމެވެ.

މި ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އިންސާނުންތަކެއް މަރާލައި އެތައް މިލިއަން މީހުން ގެދޮރުންނެރެވެ ވިއްސި ވިހާލި ކޮށްލަމުންގެންދާ ބިޔަ ބޮޑު ގާތިލެއްކަމަށް ދުނިޔޭގެ ޖިނާއީ ކޯޓުން ހުކުމް ކުރުމުގެ މަގުމަތީގައި އޮތް އިސްރާއީލުގެ ބޮޑު ވަޒީރު އެމެރިކާގެ ކޮންގްރެސްގައި އިއްޒަތާއި ޝަރަފާއެކު ތަގްރީރު ކުރަމުން ގެންދިޔައިރު އެތަނުގައި ތިބި އިއްޒަތްތެރި މެމްބަރުން ތިބީ ތަލިން ކުޅުހިކި އާޝޯހުވެ އަތްޖަހާށެވެ. އެކަމަކު އެމެރިކާގެ ގިނަ ރައްޔިތުންނަށް ކަމެއް ހިނގަމުން ދިޔަކަންވެސް ނޭންގެއެވެ.

މިފަދަ ލިއުންތަކުން އަޅުގަނޑުމެންނަށްވެސް ފިލާވަޅުތަކެއް ލިބޭނެއެވެ. އަޅުގަނޑުމެންގެ ގައުމުގައިވެސް ވަރަށް ގިނަ ކަންތައްތައް ދަނީ ނުވަތަ ގޮއްސާ ހުރީ ރައްޔިތުންނަށް އެނގުމަކާވެސް ނުލައެވެ. ދިވެހި ނޫސްތަކުގެ މިދުވަސްވަރުގެ ފަލަ ސުރުޚީގައި ޓްއަރިސްޓް ރިސޯޓުތައް ހިންގަމުންގެންދާ މަހުޖަނުން ދައުލަތަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުދައްކާތިބި އިރުވެސް އެއީ ދިވެހި ކޮންމެ ރައްޔިތެއްހެ ހިއްސާ އެކުލެވޭ ފައިސާއެއްކަން ދަނެ ވެރިކަމުގެ ފަރާތުން އެ ހޯދަން އޮތީ ނުކުޅެދިފައެވެ.

އެއީ މަހުޖަނުންނަށް ވީމައެވެ. ނިކަމެތި ރައްޔިތަކު ހާހެއްހާ ރުފިޔާ ދައުލަތަށް ނުދައްކާ އޮތަސް އެ ފައިސާ ދައްކާ ނިންމަންދެން އެމީހަކު ބަހައްޓާފައި ހުންނާނެތަނެއް ދެނެވޮޑިގެންވާނީ މާތް ރަސްކަލާންގެއެވެ. އެއީ ފަގީރަކަށް ވީމައެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަހަމައެވެ. އަދުލުގެ ނިޔާގެ ކުރިމަތީގައި އެންމެން ހަމަހަމަ އެވެ. އެކަމަކު ވެރިކަމުގެ ކުރިމަތީގައި ހަމަހަމައެއްނޫނޭ ބުނުމުގެ ޖާގަ އޮތީ ތަންމިނަށް ހުޅުވާދީފައެވެ.

ލޮސް އެންޖަލްސް ޓައިމްސްއަށް ބަލަމާ ހިނގާށެވެ. އެމެރިކާގެ ރައްޔިތުންނަށް ލިބިފައިވާ ޚިޔާލު ފާޅު ކުރުމުގެ މިނިވަންކަމާ ދޭތެރޭ ވިސްނާ ފިކުރު ކުރުމަށްޓަކައެވެ. ގައުމެއްގެ ވެރިޔަކަސް އެމެރިކާގެ ފަސްގަނޑުމަތީ ހުރެގެން ބޭނުންހާ އެއްޗެއް ނުކިޔޭނެކަން ހަނދާންކޮށްދިނުމެކެވެ. ވާނުވާއެއް ނޭންގޭ މީހުންތަކެއްގެ ތެރޭގައި ތަންދޮރު ދަންނަ ހަމަހޭގައިތިބި ބަޔަކުވެސް އުޅޭ ކަން ދެއްކުމެވެ.

ލޮސް އެންޖަލްސް ޓައިމްސްގެ އެޑިޓަރ އެވެ ! މި ގައުމުގައި އަހަރެމެން މުޒާހަރާ ކުރަމުން މިގެންދަނީ އިސްރާއީލުގެ ސިފައިން ގައްޒާއަށް އަރާގަނެ ކުޑަކުދިންނާއި އަންހެނުންނާއި މުސްކުޅިންނަށް ބެލުމެއްނެތި ބަރު ހަތިޔާރު ބޭނުންކޮށްގެންނާއި ކާންބޯން ނުދީ ބަޑަށް ބައިތިއްބައިގެން މަރަމުން ގެންދާތީ އެކަން ބަލާނުގަންނާނެ ހާމަ ކުރުމަށެވެ. 

އަހަރެމެން މުޒާހަރާ ކުރަމުން މިގެންދަނީ ގައްޒާ ސުންނާފަތިކޮށް ބިމާ ހަމަކުރަމުންގެންދާތީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އިސްރާއީލުގެ ބޮޑުވަޒީރު ކޮންގްރެސްގެ ޕޯޑިއަމްގައި ހުރެ އޭނާ ބޭނުންވާހަކައެއް ދެއްކުމަށްވުރެން މި ގައުމުގައި އަހަރެމެންގެ ވިސްނުމާ ފިކުރާއި ޝުއޫރު ފާޅުކުރުމުގެ ހައްގު މާބޮޑަށް ލިބިފައިވާކަން އޭނާއަށް އަންގާދޭށެވެ.

އަހަރެމެންނެކޭ އެއްފަދައިން އިސްރާއީލުގައިތިބި އެ ގައުމުގެ ރައްޔިތުންވެސް ސަރުކާރުން ހިންގަމުންގެންދާ ހަނގުރާމައިގެ ޖަރީމާތަކާ ދެކޮޅަށް އަޑުއުފުލައި މަގުތަކަށް ނިކުމެ މުޒާހަރާ ކުރަމުން ގެންދަނީ އެއީ އީރާނަށް ތާއީދުކުރުމުގެ ނަމުގައި ހެއްޔެވެ ؟ ނަތަންޔާހޫއަށް އެ މަންޒަރު ފެންނަގޮތް ހަދާބަލާށެވެ.

ނަތަންޔާހޫގެ ބޭނުމަކީ ރަހީނުންގެ މައްސަލައާއި ހަނގުރާމަ ދިގު ދަންމައިގެން މަގާމުގައި ބަގުޑި ބެއްދުމެވެ. އޭރުން ޖަލަށްނުގޮސް ސަލާމަތް ވެވިދާނެ ކަމުގެ އުންމީދުގައެވެ.

ސެނޭޓުގެ ރައީސްގެ ހައިސިއްޔަތުން ކަމަލާ ހަރިސް ނަތަންޔާހޫގެ ފަހަތުގައި އެދުވަހު އިށީންދެ އިނުމުން އެއްކިބާ ވުމަކީ އެކަމަނާ ކުރެއްވި ނުރަނގަޅު ކަމެކެވެ. އެމެރިކާގެ ގިނަ ރައްޔިތުންނަށް ސިޔާސީ ކުޅިގަނޑު ހިނގާ ގޮތެއް ނޭގެއޭ ބުނަން ޖެހެއެވެ. 

އެކަމަނާ އެ ޖަލްސާއަށް ނުދިއުމުން ވޯޓުތަކެއް ގެއްލުން އެކަށީގެން ވެއެވެ. އެމެރިކާގެ ރައްޔިތުންނަށް އެނގޭހާވެސް މިންވަރަކީ އީރަނަކީ ދުޝްމިނުން ކަމަށާއި އިސްރާއީލަކީ އެމެރިކާގެ ބައެއް ކަމަށެވެ. އެމެރިކާގެ އާންމުރައްޔިތުން އުނގެނެން ބޭނުންވެސް ނުވާކަހަލައެވެ.

ލޮސް އެންޖަލްސް ޓައިމްސްގެ އެޑިޓަރ އެވެ ! އިސްރާއީލުން ކިތަންމެ ވަރަކަށް މަސައްކަތްކުރިޔަސް ނާޒީން ނައްތާލިގޮތަށް ހަމާސް ނައްތައެއް ނުލެވޭނެއެވެ. ނާޒީންނާ ދެކޮޅަށް ދުނިޔޭގެ ގިނަ ބޮޑެތި ބާރުތެއް އެކުގައި ހަނގުރާމަ ކުރަމުން ގެންދިއައެވެ. އިސްރާއީލަކަށް އެފުރުސަތެއް ނުލިބޭނެއެވެ. މިހާރުވެސް ހަމާސްއަކީ ފަލަސްތީނުގެ ރައްޔިތުން ހީރޯ އިން ކަމުގައި ބަލައިގެންފިއެވެ.

ހިޒްބުއްލާގެ ބާރުގެ ދަށުގައި މިހާރުވެސް ދޮޅު ލައްކަ ރޮކެޓް އިސްރާއީލަށް އަމާޒުކޮށްފާ އެބަހުއްޓެވެ. އެމެރިކާއަށާއި އިސްރާއީލަށްވެސް މިކަން އެނގެއެވެ.

މެދުއިރުމަތީގައި ހަނގުރާމައެއް ފެށިއްޖެނަމަ ސުންނީ އަރަބި ލީޑަރުންނަށް އިސްރާއީލުގެ ރައްޓެހިން ކަމަކަށް ނުވެވޭނެއެވެ. އޭގެ ކުރިން އީރާނުން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރަން ފުރުސަތު ހޯދާނެއެވެ. އަދި އެމެރިކާއިން އީރާނާ ދެކޮޅަށް ހަނގުރާމައަކަށް ދާންވެސް ޖެހިދާނެއެވެ. މިއީ ފަސޭހައިން އެމެރިކާއަށްވެސް ކާމިޔާބު ކުރެވިދާނެ ހަނގުރާމައެއް ނޫނެވެ. އީރާނަކީ އިރާގެއް ނޫނެވެ. އަދި ލީބިޔާއެއްވެސް ނޫންކަން ހަނދާންކުރަންޖެހޭނެއެވެ.

ލޮސް އެންޖަލްސް ޓައިމްސްގެ އެޑިޓަރ އެވެ! އިސްރާއިލަށް ހަނގުރާމައިގެ ހަތިޔާރާއި އެހެނިހެން ޚަރަދުތަކަށް އަހަރަކު އެތައްބިލިއަން ޑޮލަރެއް އެމެރިކާ ސަރުކާރުން ހޭދަކުރަނީ އޭނާ އެ ބުނާ ގޮތެއް ފޮތެއް ނެތް އެމެރިކާ ރައްޔިތުންގެ ޓެކްސް ފައިސާއިންކަން ކޮންމެވެސް މީހަކު އޭނާއަށް ހަނދާކޮށްދީ ބަލާށެވެ. ނަތަންޔާހޫގެ ބަހުން އެ ބުނާ  “ ޔޫޒްފުލް އިޑިއަޓުންނަކީ “ ހަމަ އެމެރިކާގެ ރައްޔިތުންނެވެ.

އެމެރިކާގެ މިއަދުގެ ހަގީގަތަކީ މިއީއެވެ. ނޮވެމްބަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްގެން ރައީސްކަމުގެ ތަޚުތަށް އަރާނީ ސަރުކާރަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް ނުދައްކާ ޚިޔާނާތްތެރިވެފައިވާ ކަސްބީ އަންހެނުން ފަހަތުން އަޅާގަނެގެން އުޅޭ މީހަކަށްވެސް ވުން ވަރަށް ކައިރިއެވެ. މިއީ ދުނިޔޭގެ ސުޕަރޕަވަރ އެމެރިކާގެ ހާލަތެވެ.

Loading

One Response

  1. މިއީ ސަޅި ލިއުމެކެވެ. އަޅުގަނޑުމެންގެތެރޭގައިވެސް ނުރަނގަޅުކަންތައްތައް ދިވެއްސަކު ކުރިއަސް ބިދޭސީއަކު ކުރިއަސް މިވަރަށް ކިޔާލަ ދެވެން ޖެހޭނެއެވެ. ރައްޔިތުންނަށް ހަގީގަތް އޮޅުން ފިލުވާދިނުމަށެވެ. ދިވެހި ގައުމު ދަރަމުން ގޮސް ބަނގުރޫޓް ވާއިރު އެއީ ވެރިންކުރިކަމެކޭ ބުނެ އަތް އުރާލައިގެން ނުތިބެވޭނެއެވެ. މި ގައުމަކީ ދިވެހިންނެވެ. މި ގައުމުގައި ހިނގާކަންތައްތަކަށް ކޮންމް ދިވެއްސަކުވެސް ފާރަވެރިވާން ޖެހޭނެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް