މިހާތަނަށް އެމެރިކާގެ ކޮންގްރެސްގައި ބޭރުގެ ރައީސަކު ދެއްވި އެންމެ ވަނދު ތަގްރީރު

Loading

Facebook
Twitter
WhatsApp

އިއްޔެ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ އެމެރިކާގެ ކޮންގްރެސްގައި ދިން ތަގްރީރަކީ ބޭރުގައުމެއްގެ ރައީސަކަށް އެ ޝަރަފް ދިނުމުން މިހާތަނަށް ދެއްކި އެންމެ ވަނދު ވާހަކަތައް ކަމުގައި ކުރީގެ ކޮންގްރެސް ސްޕީކަރ ނާންސީ ޕެލޯސީ ހާމަ ކުރައްވައިފިއެވެ. 

އެކްސްގައި އެކަމަނާ ކޮށްފައިވާ ޕޯސްޓެއްގައި ލިއުއްވާފައިވަނީ މިހާތަނަށް އެމެރިކާގެ ކޮންގްރެސްގައި ތަގްރީރު ކުރުމުގެ ޝަރަފް ދެވުނު ބޭރުގެ ރައީސުންގެ ތެރެއިން މިހާތަނަށް އެންމެ ފެންވަރުނެތް ތަގްރީރެއް ދީފައިމިވަނީ ނަތަންޔާހޫ ކަމަށެވެ. 

އެކަމަނާ އެ ޖަލްސާއަށް ބޮއިކޮޓް ކުރައްވައި ވަޑައިނުގެން، އެކަމަކު އެ ޖަލަސާ އަޑު އައްސަވަން އިންނެވީ ޙަމާސްއިން ހިފާއްޓާފައިވާ އިސްރާއީލުގެ ރަހީނުންނާއި އަދި މަރުވެފައިވާ މީހުންގެ ޢާއިލާތަކާއެކުގައި ވަގުތުކޮޅެއް ހޭދަކުރެއްވުމަށެވެ.                                                           

އިސްރާއީލުގެވެސް ރައްޔިތުންގެ ތެރެއިން ބަޔަކަށް ލިބިފައިވާ ނިކަމެތިކަމުގެ ވާހަކަ ދައްކާ އަޑު އަހަން އަހަރެމެން ބޭނުން ވެއެވެ. އެ ޢާއިލާތަކުން ބޭނުންވަނީ މިހާރު ހިނަގަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެނެސް އެމީހުންގެ ލޯބިވާ ބަފައިންނާއި ދަރިންވެސް ހިމެނޭ ގޮތުގައި ހުރިހާ އަސީރުން މިނިވަންވެގެން އައުމެވެ. އެމީހުންގެ އުންމީދަކީ މިފަހަރު މި ލިބުނު ފުރުސަތު ނަތަންޔާހޫ ނަގާ ނުލާނެ ކަމަށެވެ.                               

ޑިމޮކްރެޓިކް ޕާރޓީއަށް ނިސްބަތްކުރެވޭ މި ފެންވަރުގެ އިސް ބޭފުޅަކު މިހެން ވިދާޅުވުމުން ނަތަންޔާހޫ އާއި އެމެރިކާ ދުރުވެފައިވާ މިންވަރު ހާމަވެގެން ދެއެވެ. އެމެރިކާއިން އިސްރާއީލަކާ ދުރެއް ނުވެއެވެ. އެމެރިކާއިން ދުރުވެފައިވަނީ ނަތަންޔާހޫގެ ހައްދުފަހަނާ އަޅައިފަވާ ފަނާކުރަނިވި ސިޔާސަތާއެވެ.

ނަތަންޔާހޫގެ ވާހަކަ ކޮންގްރެސްގައި ކުރިއަށް ދިޔައިރު ޙާޒިރުވެތިބީ ކޮންގްރެސްގެ 2 ގެއާއި ސެނޭޓް މެމްބަރުންގެ ދަބައިކުޅަ އެއްބައެވެ. ނަތަންޔާހޫގެ މުޅިތަގްރީރުގައި ކިޔަމުން ގެންދިޔައީ އެމެރިކާގެ ރައްޔިތުން އިސްރާއީލަށް ދެކޮޅަށް އަޑު އުފުލަމުން ގެންދަނީ އީރާނުން ހިތްވަރުދީގެން ކަމަށެވެ.                            

ރައީސްބައިޑްން އަށް ނަތަންޔާހޫ ތަޢުރީފުކޮށް ވާހަކަދެއްކިއެވެ. ބައިގަރުނު ވަންދެން ދެމިގެންދާ އެކުވެރިކަން ހަނދާންކުރިއެވެ. އިސްރާއީލާއި އެމެރިކާ އަބަދުވެސް އޮންނާނީ އެކުވެރިކަމުގައޭ ގޮވަމުން ގެންދިޔައެވެ. އެމެރިކާއިން ފޯރުކޮށްދޭ މިލިޓްރީ އެހީތަކަށް ޝުކުރުވެރި ވާކަމަށް ބުންޏެވެ. 

މެދު އިރުމަތީގައި ފުޅާވެގެން ހިނގައިދާނެ ހަނގުރާމައެއް ފެށުން ހުއްޓުވުމަށްޓަކައި ގައްޒާގެ ހަނގުރާމަ އަވަހަށް ނިންމާލަން އަދިވެސް ގިނަ ހަތިޔާރު ބޭނުންވާތީ އެކަން އަވަސްކޮށްދިނުން އެދެމުން ގެންދިޔައެވެ. 

ނަތަންޔާހޫގެ ވާހަކަތައް ކުރިއަށް ގެންދިޔައިރު ދޭތެރެއަކުން ޑިމޮކްރެޓިކް މިޝިގަންގެ މެމްބަރު ރާޝިދާ ތުލައިބް “ ވޯރ ކްރިމިނަލް ގަތުލު ޢާންމުގެ ކުށްވެރިއެއް “ ލިޔެފައިވާ ބޯޑެއް ހިފައިގެން ތެދުވިއެވެ. އަދި ބައިނަލް އަގްވާމީ ޖިނާއީ ކޯރޓުގެ ޕްރޮސެކިއުޓަރަކުވެސް ނަތަންޔާހޫއަކީ ގައްޒާގައި  އިސްރާއީލުން ހިންގަމުންގެންދާ މިލިޓްރީ ޙަރަކާތްތަކާއި ގުޅިގެން ވޯރ ކްރިމިނަލެއް ކަމުގައި ނިންމަން ހުށައަޅާފައިވާކަން ހަނދާން ކޮށްދެމުން ގެންދިޔައެވެ.                

މަޖިލީހުގެ އިދާރާ ( ކެޕިޓަލް ބިލްޑިންގ ) އިން ބޭރުގައި ނަތަންޔާހޫގެ ތަގްރީރަށް ނުރުހުން ފާޅުކުރަމުން އެތައްބަޔަކު މުޒާހަރާ ކުރަމުން ގެންދިޔައެވެ. އެމެރިކާގެ ޕާރކް ޕޮލިސްއާއި މެޓްރޮޕޯލިޓަން ޕޮލިސް ގުޅިގެން އޭގެތެރެއިން އެގާރަމީހަކު ވަނީ ހައްޔަރު ކޮށް ބޮޑެތި ހަމަނުޖެހުން ހިނގާފައިވެއެވެ. މިއަދު ނަތަންޔާހޫ އަކީ ދުނިޔެ ގަބޫލުކުރާ ޓެރެެރިސްޓްއެކެވެ. 

އިނގިރޭސިވިލާގުން އިއްޔެ ބުނެފާވަނީ ބައިނަލް އަަގުވާމީ ކްރިމިނަލް ކޯޓުން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ އެއްވެސް ކުށްވެރިޔަކު އެ ގައުމަށް އަރައިފިނަމަ ހައްޔަރުކުރާނެ ކަމަށެވެ. އިސްރާއީލުގެ ބޮޑުވަޒީރު މި ނަތަންޔާހޫ އެ ލިސްޓްގައި ފުރަތަމަޔަށް ހިމެނެއެވެ.                                      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް