ރައީސް އޮފީހުގެ ކުރީގެ ޗީފް ޓެކްނޮލޮޖީ އޮފިސަރު ހާމިދު ޝަފީއު މިއަދު ނިޔާވެއްޖެއެވެ.
ސަންދާނުއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހާމިދު ޝަފީއު ނިޔާވީ، ކެންސަރުގެ ފަރުވާ އަށް އިންޑިއާގެ ބެންގަލޫރުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.
ހާމިދު ޝަފީއު ވަނީ މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް ޓެކްނޮލޮޖީ އޮފިސަރުގެ މަގާމަށް ފުރުއްވާފައެވެ.
ހާމިދު ޝަފީއުއަކީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއުއާއި އޭސީސީގެ ކުރީގެ ރައީސް މުހައްމަދު ޝަފީއުގެ ކޮއްކޮއެކެވެ.
މީގެއިތުރުން މީރާ ޑެޕިއުޓީ ކޮމިޝަނަރު ޖެނަރަލް އޮފް ޓެކްސްއޭޝަން އަސްމާ ޝަފީއުގެ ބޭބެއެވެ.
ހާމިދު ޝަފީއު އަވަހާރަވުމާ ގުޅިގެން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާމިދަކީ ރާއްޖޭގައި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ނަން ފަވާލެވޭ ބޭފުޅެއްކަމަށެވެ. އަދި އެދާއިރާއިން ގައުމަށާއި ދައުލަތަށް ވަނީ ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ހާމިދު ކޮށްދެއްވާފައިވާ ކަމަށެވެ.
ފައިސަލް ނަސީމް ވިދާޅުވީ އެކުވެރި ހާމިދު ޝަފީއުއަކީ ކޮވިޑް މެނޭޖް ކުރުމުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެއް ކަމަށެވެ.