އައިސީޖޭން އިސްރާއީލުގެ ވެރިން ހައްޔަރު ކުރުމުގެ އަމުރަށް އިނގިރޭސި ވިލާތުން ދެކޮޅެއް ނުހަދާނެ

Loading

Facebook
Twitter
WhatsApp

ބައިނަލްއަޤްވާމީ ޖިނާއީ ކޯޓުން އިސްރާއީލުގެ ބޮޑު ވަޒީރާއި ދިފާއީ ވަޒީރު ހައްޔަރުކުރަން ނެރޭ އަމުރަށް އިނގިރޭސި ވިލާތުން ދެކޮޅު ނުހަދާނެކަމަށް ބޮޑުވަޒީރު ކީއަރ ސްޓާމަރ ގެ އޮފީހުން އިއްޔެ ހާމަކޮށްފައިވާ ކަމަށް ޔުނައިޓެޑް ޕްރެސް އިންޓަރނޭޝަނަލް އިން ރިޕޯރޓް ކޮށްފިއެވެ.

އިނގިރޭސި ބޮޑުވަޒީރު އޮފީހުގެ މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ ދަ ގާރޑިއަނުންނެވެ. ބޮޑު ވަޒީރު ސްޓާމަރގެ އޮފީހުގެ ރަސްމީ ތަރުޖަމާނު ދަ ގާރޑިއަންއަށް ބުނެފައިވަނީ އިނގިރޭސި ވިލާތުން އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ބަލާ މައްސައެއްގެ ތެރެއަށް ނުވަތަ ނިންމާ ނިންމުމެއްގެ ތެރެއަށް ނުވަންނާނެ ކަމަށެވެ. އެހެންނަމަވެސް މީގެކުރިން ރިޝީ ސުނަކުގެ ސަރުކާރުން ވިސްނަމުން ގެންދިޔަކަމަށްވަނީ އެ މައްސަލައިގެ ތެރެއަށް ކޯޓާ ދެކޮޅަށް ވަނުމަށެވެ.

ވޯޝިންޓަންގައި އިސްރާއީލުގެ ވަރަށް ސީނިއަރ އޮފިޝަލަކު ވޯޝިންޓަނުގައި ރިޕޯރޓަރުންނާއި ވާހަކަ ދައްކަމުން އިނގިރޭސި ވިލާތުގެ ނިންމުން ހާމަކުރުމުގެ މާ ކުރިން ވެސް  ބުނެފައިވަނީ އިނގިރޭސި ވިލާތުގެ ވިސްނުންހުރީ ހަމަބުއްދީގެ މިންގަނޑުން އެއްކިބާ ވެފައި ކަމަށެވެ. ޓައިމްސް އޮފް އިސްރާއީލުން ބުނެފައިވަނީ އިނގިރޭސި ވިލާތުގެ ވިސްނުމާދޭތެރޭ އިސްރާއީލުން ވަރަށް ހިތާމަކުރާކަމަށެވެ. އަދި އިނގިރޭސި ވިލާތުގެ ވިސްނުން ޑިމޮކްރެސީ އާއި އަދުލު އިންސާފުންވެސް އެއްކިބާ ވެފައިވާ ކަމަށެވެ.                      

ބައިނަލްއަގްވާމީ ޖިނާއީ ކޯޓުގެ ޕްރޮސެކިއުޓަރ ކަރީމް އޭ އޭ ޚާން ބުނެފައިވަނީ އިސްރާއީލުގެ ބޯޑުވަޒީރު ނަތަންޔާހޫ އާއި ދިފާއީ ވަޒީރު ގަލަންޓް  ގަސްދުގައި ގައްޒާގައި ހަނގުރާމައިގެ ބޮޑެތި ޖަރީމާ އާއި އަދި އިންސާނުން ބަނޑަށް މެރުމުގެ ޖިނާއީ ކުށް ކޮށްފައިވާކަމަށާއި އަދި އާންމު ރައްޔިތުންނަށް ބޮޑެތި އަނިޔާކޮށް ގެދޮރުންނެރެ ވިއްސި ވިހާލި ކޮށްލުމުގެ ޖަރީމާ ހިންގާފައިވާކަމަށެވެ. ކަރީމް ޚާން ހާމަކޮށްފައިވާގޮތުގައި މިހާރު ލިބިފައިހުރި ހެކިތަކުންވެސް އެ މައްސަލަތައް ސާބިތު ކުރެވޭނެ ކަމަށެވެ.                          

ކަރީމް ޚާނުގެ ބަޔާނުގައި ބުނެފައިވާގޮތުން ހަމާސްގެ ލީޑަރ ޔަހްޔާ ސިންވާރާއި އަދި މުޙަންމަދު ދިއާބް އިބްރާހިމް އަލް މަސްރީއާ ދެކޮޅަށްވެސް ދައުވާ ހުށައަޅާނެ ކަމަށެވެ.                                   

ރައީސް ބައިޑްން ސަރުކާރުން ބުނެފައިވަނީ ދުނިޔޭގެ ޖިނާއީކޯޓު ހައްދުން ބޭރުވެގެންދާ ކަމަށެވެ.  

Loading

One Response

  1. އަދުލު އިންސާފުވެސް ވާނަ މިޖެހެނީ ވަކި ބަޔަކު ރުހޭ ގޮތަކަށް އެހެންނޫނީ ހައްދުން މައްޗަށް ދަނީ ނުވަތަ ދޮރު ކަނޑުން ބޭރަށް ދަނީ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް