މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭހެން ސަރުކާރުގެ އެއްވެސް މިނިސްޓްރީއަކަށް، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙަައްގުގެ ދަށުން މިހާތަނަށް ހުށަހަޅާފައިވާ އެއްވެސް އާރު.ޓީ.އައި އަކަށް ސަރުކާރުން ޖަވާބު ނުދީ ނޯންނާނެކަމަށާއި މި ސަރުކާރު ހިންގާނީ ހާމަކަންބޮޑު ޖަވާބުދާރީވަނިވި ގޮތެއްގައި ކަމަށެވެ.
ހަޤީޤީ މާނާގައި ރާއްޖޭން ކޮރަޕްޝަން ނައްތާލުމަށް މިހާތަނަށް ރާއްޖޭގައި މަސައްކަތް ނުކުރާ މިންވަރަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށާއި ދައުލަތުގެ ޚަރަދުތައް ރައްޔިތުންނަށް ހާމަކުރުމަށް ގެންގުޅުއްވާނެ މުހިންމު ބައެއް ސިޔާސަތުތައް އެމަނިކުފާނު މި ޖަލްސާގައި ޙިއްޞާކުރެއްވިއެވެ.
ދައުލަތުގެ އެކި މަޝްރޫޢުތަކާ މަސައްކަތްތައް ކޮށްދޭ ފަރާތްތަކުން ފައިސާ ހޯދުމަށް ހުށަހަޅާ ބިލްތައް ޢާންމުކުރެވޭނެ އުޞޫލެއް ތަޢާރަފް ކުރައްވާނެ ކަމަށާއި މިގޮތަށް މިކަން ހިނގަން ފެށުމުން، އެކި ކަންކަމަށް ކުރާ ހޭދަ ރައްޔިތުންނަށް އޮޅުންފިލުމުގެ އިތުރަށް، ބިލްތައް ލިބެމުންދާ ތަރުތީބުން ފައިސާ ދައްކަމުން ދިޔުމަށް މަގުފަހިވާނޭކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މީޑިއާތަކުން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށް ފަސޭހަ ކޮށްދެއްވާނެ ކަމަށާ، މީޑިއާތައް ފުރިހަމައަށް ހަރުދަނާ ގޮތެއްގައި ހިންގުމަށް މި ސަރުކާރުން މީޑިއާ ވިލެޖް ޤާއިމުކުރުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުގެ އަދާހަމަ މި ޖަލްސާގައި ރައީސް ވަނީ ޙިއްޞާކުރައްވާފައެވެ.
މި ވިލެޖް ޤާއިމުކުރައްވާނެ ތަން ހަމަޖައްސަވައިފިކަން ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރެއްހައި ދުވަހުގެ ތެރޭގައި މީޑިއާ ވިލެޖްގެ ޚިދުމަތް ލިބެން ފަށާނެ ކަމަށެވެ. އަދި ނޫސްމީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ވަކި މިންވަރެއްގެ އެހީއެއް ދެއްވުމަށް ވެވަޑައިގަތް ވަޢުދުގެ ދަށުން، އަންނަ އަހަރު ނޫސްމީޑިއާތަކަށް ފައިސާ ދެއްވަން ފަށްޓަވާނެކަންވެސް މި ޖަލްސާގައި ރައީސް ވަނީ އިޢުލާންކުރައްވާފައެވެ.