ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާނެހެން ގެދޮރުވެރި ލޯން އޮކްޓޯބަރުގައި ދޫކުރަނީ

Loading

Facebook
Twitter
WhatsApp

ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް އަންނަ އޮކްޓޫބަރުމަހު ދޫކުރަން ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ އެންމެ ބޮޑު ވަޢުދަކީ ގެދޮރުވެރިކަން ފަހިކޮށްދިނުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ކޮންމެ ރައްޔިތަކަށްވެސް ނެގޭގޮތަށް ދޫކުރާ މި ލޯނުތައް ދޫކުރަން ކުރަންޖެހޭ ހުރިހާ މަސައްކަތެއްހެން މިހާރު ނިމިފައިވާކަމުގައެވެ.

އެގޮތުން ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ލޯނުތައް މެދުވެރިކޮށް ގެދޮރު އަލަށް އިމާރާތްކުރުމަށާއި، މަރާމާތުކުރުމަށާ އަދި ހަދަންފަށައި ނުނިމި ހުރިބައި ނިންމުންފަދަ ކަންކަން ކުރެވޭނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިފަހުން ސަރުކާރުގެ އިސްބޭފުޅުންގެ ވަފުދެއް ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ކުރެއްވި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މާލެ ސަރަހައްދުގެ ގެދޮރުވެރިކަމަށް ބޭނުންވާ ބިންތައް ގުޅައިލުމަށް ބާކީ އަޅަންޖެހޭ ދެ ބުރިޖުގެ މަސައްކަތްކުރުމަށް ގޮތްތަކެއް ހޯދާފައިވާކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް