މި ހިނގާ ޖުލައި 15 ވަނަ ދުވަހު ޑްރަގް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރުކުރަން އުޅުނު މީހަކަށް އަނިޔާވެ އޭނާ ހޮސްޕިޓަލަށް ނުގެންގޮސް ލަސްވުމުން އެޗްއާރްސީއެމްއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފުލުހުން ހައްޔަރުކުރަން އުޅެނިކޮށް އަނިޔާވީ މުޙައްމަދު އަޒްމީލް ޖަލީލް ކިޔާ މީހަކަށެވެ.
އެޗްއާރްސީއެމްއިންބުނީ އޭނާ ހައްޔަރުކުރަން އެ ގެއަށް ގޮސް ތިއްބާ، އެ ގޭގެ ކުޑަދޮރަކުން ނިކުމެ ފިލަން އުޅުމުގެ ތެރޭގައި މުޙައްމަދު އަޒްމީލް ޖަލީލް މަގުމައްޗަށް ވެއްޓި އަނިޔާވެ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ބުނާ ހާދިސާ ދިވެހި ފުލުހުންގެ ޚިދުމަތުން އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުން މި މައްސަލަ އެންޓި-ޓޯޗަރ ގާނޫން 2013 ގެ ދަށުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
އެ ކޮމިޝަނުން ބުނީ މި މައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުން މަޢުލޫމާތު ހޯދައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މަޢުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށެވެ. އަދި ހާދިސާ ހިނގިތަނަށް ޒިޔާރަތްކޮށް ސީސީޓީވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ.
“މީގެއިތުރުންވެސް، މި މައްސަލައާ ގުޅިގެން ހޯދަންޖެހޭ އިތުރު މައުލޫމާތު ކޮމިޝަނުން ދަނީ ހޯދަމުން“
މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި، މި ހާދިސާ ހިނގުމުން އާއިލާއިންވެސް މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން މުޙައްމަދު އަޒްމީލް ޖަލީލް އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.
’މުޙައްމަދު އަޒްމީލް ޖަލީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުންލަސްވުން އެއީ ކޮމިޝަނުން ކަންބޮޑުވާކަމެއް. ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ހާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ޚިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ދިވެހި ފުލުހުންގެ ޚިދުމަތަށް ލާފާދީފައިވާނެ.“
މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކޮމިޝަނުން ކުރަމުންދާ ކަމަށާއި ތަހުގީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެވޭނެ ކަމަށް އެޗްއާރްސީއެމްއިން ބުންޏެވެ.