ޗައިނާއަކީ ފަލަސްތީނުގެ ގައުމީ ހެދުމުގެ ބައެއް އެ ހެދުން ވީދިގެންދާތަން ބަލާކަށް ނުތިބޭވޭނެ 

Loading

Facebook
Twitter
WhatsApp

ފަލަސްތީނުގެ ފަތަހަ ޖަމާއަތާއި ހަމާސްގެ ތަފާތު ވިސްނުން އެއީ ސިއްރެއް ނޫނެވެ. ފެންނަ ފެނުމުގައި ފަލަސްތީނުގެ މިނިވަން ދައުލަތެއް ކަށަވަރު ކުރުމަށްޓަކައި ހަމާސް އިން ކުރަމުން ގެންދާ ޖިހާދުގައި ރައީސް އައްބާސްގެ ފަތަހަ ޖަމާއަތުން ބައިވެރިވާ ކަމަކަށް ނުބެލެވެއެވެ. އަދި “ އިސްރާއީލުން ހިފާފައިވާ ހުޅަނގު އައްސޭރީގައި އޮންނަ ފަލަސްތީނުގެ ދައުލަތުގެ ނަމުގައި ވެރިކަން ކުރެއްވުމަށް “ ރައީސް މަހްމޫދު އައްބާސް ރުހިވަޑައިގެން ހުންނަވާ ކަހަލައެވެ.                                                 

މި ފެށުނު ހަފުތާ ބަންދުގެ ތެރޭގައި ފަލަސްތީނުގެ ތަފާތު ގަބީލާތަކުގެ އިސްވެރިން އޭގެތެރޭގައި ހަމާސް އާއި ފަތަހަ ޖަމާއަތްވެސް ހިމެނޭ ގޮތުގައި ޗައިނާގެ އިސް ނެގުމަކަށް ޗައިނާގެ ވެރިރަށް ބެއިޖިންގައި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެއެވެ. 

ޗައިނާއިން ބޭނުންވަނީ ފަލަސްތީނުގެ ގަބީލާތަކާއި ޖަމާއަތްތަކުގެ މެދުގައި އަށަގެންފައިވާ ނުވަތަ ހުޅަނގުގެ ވިސްނުމަށް ބިނާކޮށް އަށަގަނުވާފައިވާ ދެކޮޅުވެރިކަން ނައްތާލައި އެކުވެރި ކުރެވިދާނެ މަގެއް ހޯދުމަށެވެ.                                                   

މިދިޔަ ޖޫންމަހުގެ ތެރޭގައި ޗައިނާއިން އިސްނަގައިގެން ހަމާސް އާއި ފަތަހަ ޖަމާއަތުގެ އިސްވެރިނަގެ ބައްދަލު ކުރެއްވުމެއް ބޭއްވުނެވެ. އެއްޖަމާއަތުން އަނެއް ޖަމާއަތަށް ބަދުނާމުގެ އިނގިލި ދިއްކުރުމާއި އެކު އެ ބައްދަލުކުރެއްވުން ނާކާމިޔާބު ވެގެންދިޔައީއެވެ. އެކަމަކު އެހިސާބުން ޗައިނާއިން އުންމީދު ކަނޑާލަން ބޭނުމެއް ނުވިއެވެ.        

މިފަހަރުގެ ބައްދަލުކުރެއްވުން ބޭއްވޭނީ ކޮމިޔުނިސްޓް ޕާރޓީގެ ޚާއްސަ މެހެމާނުންނަށް ތައްޔާރު ކުރެވިފައިވާ ޑިއާއޯޔޫޓައި ގެސްޓް ހައުސް ގައެވެ. މިފަހަރުގެ ބައްދަލު ކުރެއްވުމުގައި ފަތަހް ޖަމާއަތުން ބައިވެރިވެ ވަޑައިގަންނަވާނީ އެ ޖަމާއަތުގެ ވަރަށް އިސް ބޭފުޅުންނާއި އެކު ޑިޕިއުޓީ ޗެއަރމަން މަހްމޫދު އަލް އައުލް އެވެ. ހަމާސްގެ ވަފުދުގައ އިސްކޮށް ބައިވެރިވެ ވަޑާއިގަންނަވަނީ އިސްމާއީލް ހަނިއްޔާއެވެ. ބައްދަލު ކުރެއްވުމުގެ އެންމެ ފަހު ދުވަހު ޗައިނާގެ ޚާރިޖީ ވަޒީރު ބައިވެރިވެ ވަޑައިގަންނަވާ ގޮތަށެވެ.                       

ޗައިނާގެ އުންމީދަކީ މެދުއިރުމަތީގައި އުފެދިފައިވާ ނުތަނަވަސްކަމަށް ހެޔޮ ބަދަލެއް ގެނައުމުގައި ޗައިނާއިން އިސްދައުރެއް އަދާކުރުން ކަމުގައި އެން ބީ ސީ އިން ބުނެފައިވެއެވެ. އިސްރާއީލާއި ހަމާސް އިން ކުރަމުންދާ ހަނގުރާމަ ހުއްޓުވައި ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ގެނައުމަށްޓަކައި އެމެރިކާއިން ކުރަމުން ގެންދާ މަސައްކަތުގައި ޗައިނާއިން ބައިވެރިވުމަށް ފުރުސަތު ދީފައެއް ނުވެއެވެ.

 މި ސަބަބަށްޓަކައި ޗައިނާއިން ބޭނުންވަނީ ފަލަސްތީނުގެ ހުރިހާ ގަބީލާތަކަކާއި ޖަމާއަތްތަކެއް އެއްމޭޒުދޮށަށް ގެނެސް އެ ފަރާތްތަކުގެ ވާހަކަތައް އަޑުއަހައި އުފެދިފައިވާ ތަފާތުތައް ނައްތާލެވޭނެ މާހައުލެއް ގާއިމް ކުރުމެވެ. ޗައިނާއިން ދެކޭގޮތުގައި މިއީ ހަމައެކަނި ފަތަހަ އާއި ހަމާސް ގެ މައްސަލައަކަށް ވުރެން ބޮޑަށް މުޅި ފަލަސްތީނުގެ ރައްޔިތުންގެ ބައިވެރިވުން ތަމްސީލު ކުރެވެން ޖެހޭނެ މައްސަލައެކެވެ.                                             

މަހްމޫދު އައްބާސްގެ ސަރުކާރުން ޗައިނާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފާރިޒް މަހްދާވީ ބެއިޖިންގައި އެން ބީ ސީ ނިއުސް އަށް ވިދާޅުވެފައިވަނީ ޗައިނާއިން ކުރަމުން ގެންދާ މަސައްކަތުގައި ހަމަކަށަވަރުންވެސް އޮތީ ފަލަސްތީނުގެ މަސްލަހަތެވެ. ގެއްލުމެއް ނޫނެވެ.

ޗައިނާއިން ދެކޭގޮތުގައި މުޅި ފަލަސްތީނު އެކުވެރި ކުރުވުމަކީ ފަލަސްތީނުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅެވެ. އަރަބި ގައުމުތަކުގެ ވެރިންނާއި އެކު މިއަހަރު މޭ މަހުގެ ތެރޭގައި ޗައިނާގެ އޮފިޝަލުން ބޭއްވި ބައްދަލު ކުރެއްވުމުގައިވެސް ރައީސް ޝީ ޖިންޕިން ވަނީ މިމޭރުމުން އެބޭފުޅުންނަށް ދަންނަވާފައެވެ. 

ހަނގުރާމައަކީ އަބަދާއަބަދު ކުރެވޭނެ ކަމެއް ނޫންކަމަށާއި އެއީ މައްސަލައަށް އޮތް ހައްލެއްވެސް ނޫންކަމަށް އަރަބި ގައުމުތަކުގެ ވެރިންނަށް ރައީސް ޝި ޖިންޕިން ދަންނަވާފައިވާ ކަމަށާއި  ޗައިނާއިން މިހާރުވެސް ގެންދަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮންނަން ޖެހޭނެ ކަމަށާއި އެކަމަށް ޓަކައި ޗައިނާއިން އަބަދުވެސް އެއްބައިވަންތަކަން ދެމުން ގެންދާނެކަން ޔަގީންކޮށް ދެމުންނެވެ. 

ފަލަސްތީނުގެ ގަބީލާތަކާއި ޖަމާއަތްތަކުގެ މެދުގައި އުފެދިފައިވާ ޒަމާންވީ ދެބަސްވުންތައް ނައްތާލައި އެއް ވިސްނުމެއްގައި އެއް ލަނޑު ދަނޑިއަކަށް ވާސިލުވުލުގެ އުންމީދު އާލާކުރެވުމުން މެނުވީ ސުލްހަވެރި މާހައުލަކަށް ފުރުސަތު ލިބިދާނެކަމަށް ޗައިނާއިން އުންމީދެއް ނުކުރެއެވެ.

 ޗައިނާއިން ދެކޭގޮތުގައި އެންމެ ފުރަތަމަ ގޭތެރޭގައި ހުރި ތަފާތު ވިސްނުންތައް ޖެހޭނީ ނައްތާލާށެވެ. ގައުމިއްޔަތެއް އުފަންކުރުވުމުގެ ރޫޙް އުފެދިގެން އަންނާނީ އޭގެ ފަހުންނެވެ. 2016 ވަނަ އަހަރުއްސުރެން ސަފީރު ކަމުގައި ހުންނެވި ފާރިޒް މަހްދާވީ ވިދާޅުވެފައި ވެއެވެ.                                                          

ޗައިނާއިން ގަތަރަށް ކަނޑައަޅާފައިވާ ސަފީރު ކާއޯ ޒިއާއޯލިން އާއި ޗައިނާގެ އެންވޯއި ވޭންގް ކެޖިއާން މިދިޔަ މާރޗް މަހުގެ ތެރޭގައި ހަމާސްގެ ޕޮލިޓިކަލް ލީޑަރ އިސްމާއީލް ހަނިއްޔާ އާއި ބައްދަލުކުރައްވައި ހަނގުރާމަ ހުއްޓުމާއި އެކު ގައްޒާ އަލުން އާރާސްތުކުރުމުގައި ޗައިނާއަށް ފުރުސަތު ލިބި ދެއްވާނެކަމަށް އުންމީދު ކުރައްވާކަންވެސް ވަނީ ހާމަކުރައްވާފައެވެ.                                             

ހަމާސްއިން ނެރެފައިވާ ބަޔާނެއްގައި އެވާހަކަތަކަށް އިޝާރާތް ކުރައްވައި ބުނެފައިވަނީ ޗައިނާއިން ދެކޭގޮތުގައި ޗައިނާއަކީ ފަލަސްތީނުގެ ގައުމީ ހެދުމުގެ ބައެއް ކަމަށާއި އެ ހެދުން ވީދިގެންދިއުމަށް ރުހިގެން ނުތިބޭނެކަން ހާމަކޮށްފައިވާ ކަމަށެވެ.                                                         

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ގަބީލާތަކާއި ޖަމާއަތްތައް އެކުވެރި ކުރުވުމަކީ އާދައިގެ ކަމަށް ނުވާނެއެވެ. އެކަމަކު އެކަން ނުކޮށް ދޫކޮށްލެވޭކަށްވެސް ނެތެވެ. ކާމިޔާބު ކުރެވިއްޖެނަމަ ކިތަންމެހާވެސް އުފާވެރިއެވެ. މިފަހަރު ކާމިޔާބު ނުކުރެވިއްޖެނަމަ ލިބުނު ފިލާވަޅުތަކުން ދަރުސް ލިބިގަނެ އަލުން ފަށާނީއެވެ.   

ޗައިނާގެ ސިޔާސަތަކީ އެމެރިކާއާއި ފައިތިލަ ހަމަކުރުން ކަން ގަބޫލެއް ނުކުރެވެއެވެ. ޗައިނާއިން މަސައްކަތް ކުރަމުން ގެންދާތަން އަބަދުވެސް ފެންނަމުންދަނީ ސުލްހަވެރި މާހައުލެއް ގާއިމް ކުރަން ފަށާގަންނައިރު ދިމާވާނެ ގޮންޖެހުންތަކުގެ ތެރެއަށް އެހެން ބަޔަކު ވަދެ ފަނިކުރަން ފުރުސަތު ނުދިނުމެވެ.                     

ޗައިނާއަކީ އިސްރާއީލާއި އެކުގައިވެސް ވަރަށްގާތް ވިޔަފާރީގެ ގުޅުމެއް އޮންނަ ގައުމެކެވެ. އެކަމަކު އޮކްޓޯބަރު 7 ގައި ޙަމާސްއިން އިސްރާއީލަށް ދިން ކުއްލި ޙަމަލާ މިހާތަނަށްވެސް ޗައިނާއިން ކުށްވެރިކޮށްފައެއް ނުވެއެވެ. ސިޔާސީގޮތުން ވަކިފަރާތަކަށް ބުރަ ނުވުމަކީ މިއީއެވެ.                                     

ޗައިނާގެ ޚާރިޖިއްޔާއިން އެމެރިކާގެ ނަންނުބުނެ އެން ބީ ސީ އަށް ހާމަކޮށްފައިވަނީ ޗައިނާ އިން އަބަދުވެސް މަސައްކަތް ކުރާނީ އިންސާފުގެ މަގުގައި ކަމަށާއި ބައެއް ބާރުގަދަ ގައުމުތަކުން އަވިއައިނު އަޅައިގެން ތިބެ ދެފުށް ދެގޮތް ސިފަތައް ދައްކަމުން ގެންދާ ގޮތަށް ޗައިނާއިން ކަންތައް ނުކުރާނެ ކަމަށެވެ.                 

ޗައިނާއިން އެއްވެސް އިރެއްގައި މުޅި ދުނިޔޭގެ ޕޮލިސްމަންއަށް ވެގެން މަސައްކަތް ކުރާކަށް ބޭނުމެއް ނުވާނެ ކަމަށާއި ޗައިނާ އަބަދުވެސް މަސައްކަތްކުރާނީ ކޮންމެވެސް އެއް ދާއިރާއެއްގައި ހުރި ދެބަސްވުންތަކަށް ޙައްލެއް ހޯދަންކަމަށް ބައެއް ސިޔާސީ ބޭފުޅުން ގަބޫލު ކުރައްވައެވެ. 

ޗައިނާގެ މި ސިޔާސަތު ސަޢޫދީ އެރޭބިޔާ އާއި އީރަން ސުލްޙަވެރި ކުރުވުމާއި އިރާގައި އޮމާން ސުލްޙަވެރި ކުރުވަން މިދިޔަ އަހަރު ކުރި މަސައްކަތުންވެސް ވަނީ ކާމިޔާބު ކުރެވިފައެވެ.                                                                  

Loading

One Response

  1. މިހާެަކަށް އައިސް ޗައިނާއިން ބައުނަލް އަގްވާމީ ދަނޑުގައި ރަނގަޅު މަސައްކަތްތަކެއް ކުރަން އުޅޭތަން ފެނެއެވެ. އެކަމުގައި އެމީހުންގެ ފައިދާއެއްވެސް އޮންނާނެއެވ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް