ސްކޫލް ތަކުން ދަރިވަރުންނަށް ދުރޫސުލް އަޚުލާގު ކިޔަވައިދޭންޖެހޭ

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް ސައްތައިން ސައްތަ މުސްލިމް ގައުމެކޭ ކިޔަނީ ގާނޫނުއަސާސީގައި އެހެން ލިޔެފައިވާތީ ހެއްޔެވެ. އަދި ދިވެއްސެއްގެ ގާތުގައި ޣައިރު މުސްލިމަކު ކަލެއަކީ މުސްލިމެއްހޭ އަހައިފިނަމަ ފަޚުރުވެރިކަމާއެކު ވަގުތުން އާއެކޭ ބުނެ ޖަވާބުދެއެވެ.

ކަން އޮތީ ހަމަ މިހެންތޯއެވެ. މުސްލިމަކަށް ވަނީ ތިމަންނާއަކީ މުސްލިމެކޭ ބުނީމަތޯއެވެ. ދިވެއްސަކަށް ވިޔަސް މުސްލިމަކަށް ނުވާނެއެވެ. ތިމާއަކީ މުސްލިމެކޭ ބުނެވޭނީ މުސްލިމެއްގެ ކިބައިގާ ހުންނަންޖެހޭ ޝަރުތު ތިމާގެ ކިބައިގާ ފުރިހަމަ ވަންޏާއެވެ.

މިހާރަކަށް އައިސް ރާއްޖޭގެ ސްކޫލްތަކުން ތަޢުލީމު ޙާޞިލު ކުރަމުން އަންނަ ބައެއް ދަރިވަރުންނާއި ސްކޫލްތަކުން ނުކުންނަ ބައެއް ދަރިވަރުންނަށް ދަސްވެފައި ހުންނަނީ ހިންދީ ފިލްމުތަކުން އެފެންނަ ފަދަ ގުންޑާއިންގެ އުޞޫލުތަކެވެ.

މާލޭބަހުންނަމަ ވަކަރުގޭ ކުދިންގެ އުޞޫލެވެ. މިކަން ކަން ކުޑަ ކުޑަކަމެއްގެ ގޮތުގައި ބަލައިފިނަމަ ރާއްޖޭގެ ކުރިމަގާމެދު ސިފަވެގެން އަންނަނީ ބިރުވެރިކަމާއި ނާމާންކަން ވެރިވެފައިވާ އަނދިރި ކުރިމަގެއްގެ ގޮތުގައެވެ.

ރާއްޖޭގެ ބައެއް ސްކޫލްތަކުގައި އެކި ނަންނަމުގައި ގޭންގްތައް އުފެދެމުން ދާކަން އެސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނަށް ނޭނގުމަކީ ޙައިރާންވާ ވަރުގެ ކަމެއްތާއެވެ. ސްކޫލްތަކުގެ ދަރިވަރުންގެ ކިބައިން މިހާރަކަށް އައިސް ފެނިގެން ދަނީ މުސްލިމުންގެ ކިބައިން ފެނިގެން ނުވާނެ ފަދަ ވިޔާނުދާ ސިފަތަކެވެ.

އެކުދިންގެ ކިބައިގާ އެއްވެސް މީހަކަށް އިޙުތިރާމު ކުރުމުގެ ސިފައެއް އަށަގެންފައެއް ނުވެއެވެ. ޖަމާޢަތް ހަދައިގެން މާރާމާރީ ހިންގުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމާއި ލަނޑު ދިނުމާއި ހުތުރު ބަސްތައް ބޭނުން ކުރުމާއި ބުލީކުރުމާއި އަދި ފޭރުންފަދަ އެތައްކަމެއް އެ ކުދިންގެ ކިބައިން ފެންނަމުން އެބަދެއެވެ.

ސްކޫލްތަކުން މިފަދަ ޒުވާނުން އުފެދިގެން މުޖުތަމަޢަށް ނުކުތުމަކީ ރާއްޖޭގެ ތަޢުލީމީ ނިޒާމު ފެއިލްވެފައިވަކަމުގެ އަލިގަދަ ހެއްކަކަށް ފުދެއެވެ. ކިޔަވާފައި ހުއްޓަސް އަދި ނުކިޔެވި ހުއްޓަސް ކޮންމެ ޒުވާނަކީ ސްކޫލެއްގައި ކޮންމެވެސް ވަރަކަށް އުޅެފައިވާ ޒުވާނަކަށް މެނުވީ ނުވާނެއެވެ. ރާއްޖޭގެ ސްކޫލްތަކުން ތަމްރީނުވެގެން މުޖުތަމަޢަށް ނުކުންނަ ބައެއް ޒުވާނުންގެ ކިބައިގާ އަޚުލާގީ ގޮތުން ހަރުދަނާ އެއްވެސް ސިފައެއް އަށަގެންފައެއް ނުވެއެވެ.

އަދި ނަމާދު ނުކުރުމާއި މައިންބަފައިންނަށް ކިޔަމަންތެރި ނުވުމާއި ޢުމުރުން ދުވަސްވީ މުސްކުޅިންނަށް މަލާމާތް ކުރުމާއި އިޙުތިރާމް ނުކުރުމަކީ ސްކޫލްތަކުގެ މަންހަޖުގެ އުނިކަމުން ދިމާވާ ކަމެއް ބާވައެވެ. ކޮންމެ މަހަކު އެއްފަހަރު ނުވަތަ ދެފަހަރު ސްކޫލްތަކުގައި ޕޭރެންޓް ޓީޗާސް މީޓިންގތައް އެބަ ބާއްވައެވެ. އެހެނަސް މިއިން ބައްދަލުވުމަކުން ދަރިވަރުގެ ކިޔެވުމާއި ސްކޫލުގައި ދަރިވަރު އުޅޭގޮތާއި ދަރިވަރުގެ އަޚުލާގުގެ މައްޗަށް އަލިއަޅުވާ ވާހަކަ ނުދައްކަނީ ހެއްޔެވެ.

މިގޮތުން ބާއްވާ ބައްދަލުވުންތައް ނިމިގެން ދާއިރު ޕޭރެންޓަށްވެސް އަދި ޓީޗަރަށްވެސް ދަރިވަރުގެ ޙާލަތާބެހޭ މާގިނަ ކަންތައްތަކެއް އެނގޭކަމަކަށްނުވެއެވެ. އަދި ދަރިވަރު ރަނގަޅު ދަރިވަރަކަށް ހެދުމަށްޓަކާ ޕޭރެންޓާއި ޓީޗަރާއި ދެމެދު ވާހަކަ ދެކެވޭ ތަނެއްވެސް ނުފެނެއެވެ.

ކަން މިހެން ހުރުމުން ދަރިވަރުގެ އަޚުލާގަށް އަންނަ ބަދަލާއި ސްކޫލުގައާއި ސްކޫލުން ބޭރުގައި ދަރިވަރުގެ އުޅުން ބިނާވަމުންދާގޮތުގެ އެއްވެސް މަޢުލޫމާތެއް ޕޭރެންޓަކަށްވެސް އަދި ޜީޗަރަކަށްވެސް އެނގޭ ކަމަކަށް ނުބެލެވެއެވެ. ސްކޫލްތަކުގެ ފާޚާނާތަކުގައި މަސްތުވާތަކެތި ބޭނުންކުރަމުން އަންނަ ކަމުގެ އަޑުތައް މުޖުތަމަޢުގައި ފެތުރެމުން އަންނަ އިރު ސްކޫލުގެ ވެރިންގެ ފަރާތުން އެކަން ކަން ރަނގަޅު ކުރުމުގެ އެއްވެސް ސިޔާސަތެއް އޮތްކަމަކަށް ވެސް ނުބެލެވެއެވެ.

އުފެދެމުން އަންނަ ޖީލަކީ އެއްވެސް އަޚުލާގެ ސުލޫކެއް ނެތް ޖީލަކަށް މިވަނީ ބަދަލުވެ ނިމިފައެވެ.ބެލެނިވެރިންނާއި ސްކޫލްތަކުގެ ވެރިން މިކަންކަމާމެދު ފުންކޮށް ވިސްނާން ޖެހިއްޖެ ކަމަށް ދެކެމެވެ. ނޫންނަމަ މިގައުމުން އިސްލާމް ދީން ފުހެވި ކޮންމެވެސް އެހެން ދީނެއް އުފެދިގެން ހިނގައިދާނެއެވެ.

އުފެދެމުން އަންނަ މިޖީލުގެ ބައެއް ޒުވާނުންގެ މެދުގައި އެއްޖިންސުން ގުޅުންހިންގުމުގެ އާދަ އަންނަނީ ބިރުގަންނަ ފަދަ ދަރަޖަކަށް އިތުރު ވަމުންނެވެ. ކުއްޖާ ވިހެއުމާއެކު ކުއްޖާއަށް ބެލެނިވެރިންގެ ފަރާތުން ފޯނާ އައިޕޮޑު ފަދަ އިލެކްޓޯނިކް ސާމާނު ދީ ނެޓްލިބޭނެ ވަސީލަތްތައް ހުންނަނީ ގާއިމް ކޮށްދީފައެވެ. މިތަކެތި ބޭނުން ކޮށްގެން ކުޑަކުދީން ކުރަނީ ކޮންކަމެއްތޯ ބަލާލަނީ މަދު ބައެކެވެ.

އެހެންކަމުން އުފެދެމުން އަންނަ މި ޖީލަކީ ލަދެއް ޙަޔާތެއް ގޮތެއް ފޮތެއް ނެތް ޖީލަކަށް މިވަނީ ބަދަލުވެފައެވެ. މިއީ ކުޑަކަ ކުޑަ ކަމެއްގެ ގޮތުގައި ނުބައްލަވާ ގައުމީ ފެންވަރުގައި މި ކުޑަ ކުޑަ އިސްލާމީ އުންމަތް ނަގަހައްޓާ ދެމެހެއްޓުމަކީ ކޮންމެހެން ވެސް ކުރަންޖެހިފައިވާ ދީނީ އަދި އިޖްތިމާޢީ ވާޖިބެއް ކަމުގައި ބަލަން ޖެހެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް