ބައިނަލް އަގްވާމީ އިންސާފުގެ ކޯޓުގެ ހުކުމަށް އެމެރިކާގެ ފާޑުކިއުން

Loading

Facebook
Twitter
WhatsApp

ވޯޝިންގްޓަނުން ރޮއިޓާރސް ދީފައިވާ ޚަބަރުތަކަށް ބަލާއިރު ވަރަށް ޚާއްސަގޮތެއްގައި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ގަދަކަމުން އަރައިގަނެގެންތިބުން ޣައިރުގާނޫނީކަމަށް ބައިނަލްއަގްވާމީ އިންސާފުގެ ކޯޓުން ކުރި ހުކުމްގެ ފުޅާކަން ބޮޑުކަމުން އެމެރިކާއިން އެ ހުކުމާ ދޭތެރޭ ހިތްހަމަނުޖެހުން ފާޅުކުރި ޚަބަރު ހިމެނެއެވެ.

ިއެމެރިކާއިން ބުނަނީ އެ ހުކުމުގެ ސަބަބުން މައްސަލަ ހައްލުކުރުން އިތުރަށް އުދަނގޫ ވާނެކަމަށެވެ. ( 75 އަހަރުވީއިރު ނުވި އުނދަގުލެއް އެ ކޯޓުގެ ހުކުމުން މެދުވެރިވާނެގޮތެއް ނުބުނެއެވެ. ) ދުނިޔޭގެ ކޯޓުގެ ހުކުމުގައި ވަރަށް ސަރީހަ ކޮށް ބުނެފައިވަނީ ހުޅަނގު އައްސޭރިއާއި އިރުމަތީ ގުދުސްއާއި އަދިވެސް ފަލަސްތީނުގެ ބިންތައް ކަމުގައި ކަނޑައަޅާފައިވާ އެންމެހާ ބިންތަކުގައި އިސްރާއީލުން ތިބުމާއި އަދި އިސްރާއީލުގެ ރައްޔިތުން ވަޒަންވެރި ކުރަމުން ގެންދިއުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށެވެ.

އެ ކޯޓުގެ ހުކުމަކީ ޔޫ އެން ގެ އާންމު މަޖިލީހުގެ އެދުމުގެ މަތިން ދީފައިވާ އިސްތިޝާރީ ލަފައެކެވެ. އެ އަމުރުގައި ބުނެފައިވަނީ ޔޫ އެން ގެ ސެކިއުރިޓީ ކައުންސިލް އާއި އާންމު މަޖިލީހުގެ މެމްބަރު ގައުމުތަކުންނާއި އަދި ޔޫ އެން ގެ މެމްބަރު އެއްވެސް ގައުމަކުން ފަލަސްތީނުގެ ބިމުގައި އިސްރާއީލުން ތިބުމާއި ވަޒަންވެރިކުރުވުމުގެ އެއްވެސް ގާނޫނީ ހައިސިއްޔަތެއް  އިސްރާއީލަށް ލިބިގެންވާ ކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށާއި އިސްރާއީލުން އެ ބިންތަކުގައި ތިބުމަށް އެއްވެސް ސިފައެއްގައި އެހީތެރިކަން ފޯރުކޮށްދީގެންވެސް ނުވާނެ ކަމަށެވެ.

އަދި ފަލަސްތީނުގެ ރައްޔިތުން ވިއްސިވިހާލި ކޮށްލުމާއި އަދި އެތަންތަނުގައި އިސްރާއީލުގެ ރައްޔިތުން ވަޒަންވެރިކުރުވުމު ގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ގެއްލުމާއި އުފުލަންޖެހުނު ތަކްލީފަށް ފުރިހަމަ ބަދަލު ދިނުމެއް އިސްރާއީލުން ދޭން ޖެހޭނެކަމަށްވެސް އެ އަމުރުގައި ހިމަނާފައި ވެއެވެ.

ސްޓޭޓް ޑިޕާރޓްމެންޓުގެ އޮފިޝަލަކު ބުނެފައިވަނީ ”އިސްރާއީލު ސަރުކާރުގެ ތާއީދާއެކު ފަލަސްތީނުގެ ބިމުގައި ހިންގަމުންގެންދާ ވަޒަންވެރިކުރުވުމުގެ މަޝްރޫއުތަކަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް ކުރަމުންގެންދާ ކަމެއް ކަމާށާއި އޭގެ ސަބަބުން ސުލްހައަށްވެސް ހުރަސް އެޅިގެންދާ ކަމަށް “ އަހަރެމެން ގަބޫލު ކުރަމެވެ.

އެހެންނަމަވެސް ކޯޓުގެ ނިންމުމުގެ ދާއިރާ ފުޅާވެގެން ގޮސްފައިވާލެއް ބޮޑުކަމުން އިސްރާއީލާއި ފަލަސްތީނުގެ މައްސަލަ ހައްލުކުރަން ހުރަސް އެޅިގެންދާނެއެވެ. އަދި އެ ކޯޓުގެ ނިންމުމުގައި “ ވީހާވެސް އަވަހަށް ފަލަސްތީނުގެ ބިންތަކުން އިސްރާއީލުން ފައިބައި އަދި އެތަންތަނުގައި އިސްރާއީލުން ވަޒަންވެރިކުރުވުން ވެސް ވީހާ އަވަހަކަށް ހުއްޓުވަން ޖެހޭނެކަމަށް އޮތް އޮތުމަކީ މައްސަލަ ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތާ ދުރު ވިސްނުމެއްގެ ހުކުމެއް ކަމަށެވެ.

އެމެރިކާއިން މިބުނާ ބަހުގެ މާނައަކީ މުސްތަގްބަލްގައި މެދުވެރިވެރި ވެދާނެ އޮކްޓޯބަރު 7 ގެ ހަމަލާ ފަދަ ހަމަލާތަކުން އިސްރާއީލަށްވެސް ސަލާމަތުން ތިބެވޭނެ ކަމުގެ ޔަގީންކަން ހޯދުމަށް ދައްކާ ބަހަނާ އެކެވެ. ( ނިއުކްލިއަރ ހަތިޔާރާއި އަދި ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތާއީދާއެކު ދަނޑު ބިން ފަސްގަނޑު ޖަހަން ގެންގުޅޭ މަށަންދަތި ނޫން އެހެން ހަތިޔާރެއް ނެތް ފަލަސްތީނުގެ ރައްޔިތުންނަށް އެއްގަމާއި ކަނޑާއި ވައިގެ މަގުން އެންމެ ބަރު ހަތިޔާރުން އިސްރާއީލުން ހަމަލާދެމުން ގެންދާއިރު ސަލާމަތާ ރައްކާތެރިކަން ހޯދާދޭން ޖެހެނީ ކޮންބަޔަކަށް ހެއްޔެވެ ؟ )

ބައިނަލް އަގްވާމީ އިންސާފުގެ ކޯޓް ނުވަތަ ދުނިޔޭގެ ކޯޓުގެ ނިންމުމުގައި ބުނެފައިވަނީ އިސްރާއީލުން ފަލަސްތީނުގެ ބިމުގައި ތިބުމާއި އަދި އެތަނުގައި އިސްރާއީލުގެ ރައްވެހިން ވަޒަންވެރި ކުރުވަމުންގެންދިއުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި ވީހާވެސް އަވަހަށް އެކަންތައް ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށެވެ. މިއީ ފަލަސްތީން- އިސްރާއީލުގެ މައްސަލައިގާ މިހާތަނަށް ކޮށްފައިވާ އެންމެ ބާރުގަދަ ނިންމުން ކަމުގައި ބެލެވެއެވެ.           

ދުނިޔޭގެ އަދުލު އިންސާފާއި އިންސާނުންގެ ހަމަހަމަކަން ޔަގީން ކުރުމަށްޓަކައި އުފައްދާފައިހުންނަ ޖަމާއަތްތަކާއި ޝަރުއީ ކޯޓުތަކުގެ ހުކުމް ތަންފީޒުކުރުން މަޖުބޫރު ނުވުމަށްވުރެން ވަކިން ބޮޑު ކޮމެޑީއެއް އެކަވީސްގަރުނުގައި ނުފެންނާނެއެވެ. އެކަމަކު އެކަން އެއޮތީ އެގޮތަށެވެ.

އެމެރިކާއާއި އެމެރިކާގެ ބައިވެރިން ދުނިޔޭގެ ކޯޓުގެ ފަނަރ ފަނޑިޔާރުންގެ ޕެނެލުން އިއްވި ހުކުމަކީ ތަންފީޒުކުރަންނުޖެހޭ އަމުރެއްކަން ދުނިޔެއަށް ދައްކަން އުޅުނު ކަމުގައި ވިޔަސް މިއަދު ދުނިޔޭގައި އެ އަމުރުގެ ބުރަދަން ވަޒަންކުރާ ގައުމުތައްވެސް މަދެއް ނޫނެވެ. މި ސަބަބަށްޓަކައި އެމެރިކާއާއި އެމެރިކާގެ ބައިވެރިންނަށްވެސް އެ ހުކުމް ވިދާލައިފާ އެއްލާލުމަކީ ކުރެވޭނެ ކަމަކަށް ނުވާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް