ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމަށް ޗައިނާއާއެކު މަޝްވަރާކޮށްފި

Loading

Facebook
Twitter
WhatsApp

ޗައިނާއަށް މިހާރު ވަޑައިގެން އުޅުއްވާ މިނިސްޓަރުންގެ ވަފުދުގައި ހިމެނިވަޑައިގަންނަވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިން ބައްދަލު ކުރައްވައި މަޝްވަރާކޮށްފި އެވެ.

ޒަމީރު އެކްސްގައި ކުރި ޕޯސްޓެެއްގައި ވިދާޅުވީ ޗައިނާ އެގްޒިމް ބޭންކުގެ ޗެއާމަން ވޫ ފުލިންއާ ބެއިޖިންގައި ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވި އިސްލާހީ ޕްރޮގްރާމްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރައްވައިފައިވާ ކަމަށާއި މި ބައްދަލުކުރެއްވުމުގައި، ތަރައްގީގެ މުހިންމު މަޝްރޫއުތަކަށް ފައިނޭންސް ކުރުމާއި، މުސްތަގުުބަލުގައި ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މޫސާ ޒަމީރާއި ސީޕީސީގެ ސެންޓްރަލް ކޮމިޓީގެ ޕޮލިޓިކަލް ބިއުރޯގެ މެމްބަރު، ސެންޓްރަލް ކޮމިޝަން ފޯ ފޮރިން އެފެއާޒްގެ އޮފީހުގެ ޑިރެކްޓަރު އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އިއްޔެ ބެއިޖިންގައި ވެސް ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރު ޒަމީރު ވަނީ ރާއްޖޭގެ އިގުތިސާދަށް ކަސްޓަމަރުންނާއި އިންވެސްޓަރުންގެ އިތުބާރު އިތުރުވެ، އިގުތިސާދީ ކުރިއެރުމަށް ހެޔޮ އަސަރުކުރާނެ އިސްލާހީ ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ޗައިނާއިން ރާއްޖެއަށް އެއްބާރުލުން ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޓަކައި މުހިންމު ގިނަ މައުޟޫއުތަކަށް ވަނީ މަޝްވަރާކުރައްވާފައެވެ.

ބައްދަލުކުރެއްވުން ނިންމަވާލެއްވީ އެއްބާރުލުން ދިނުމަށް އިތުރު މަގުތައް ހޯއްދަވައިދެއްވުމަށް ދެ ފަރާތުން ވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވަމުންނެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް