ކަރަންޓުގައި ޖެހި ޒުވާނަކު ނިޔާވުމުން 50،000 ރުފިޔާއިން ފެނަކަ ޖޫރިމަނާކޮށްފި

Loading

Facebook
Twitter
WhatsApp

ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހި 18 އަހަރުގެ ޒުވާނަކު ނިޔާވި މައްސަލައިގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތީރިޓީ (ޔޫއާރުއޭ) އިން ފެނަކަ ކޯޕަރޭޝަން 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އެ ޒުވާނާ ނިޔާވީ، ވިއްސާރަވެ މަގުމަތީގައި ހެދިފައި އޮތް ފެންގަނޑެއްގެ ތެރޭގައި ކުޅެން އުޅުނު ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި، އެ ކުދިން ސަލާމަތް ކުރަން އުޅުމުގެ ތެރޭގައެވެ.

 ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ މެއި މަހުގެ 23ގައި އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހާދިސާގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބުނީ މީސްމީޑިއާގެ ޒަރިއްޔާއިން، ޖެހިގެން އައި ދުވަހު ކަމަށާއި އެއާއެކު އެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.  

އެގޮތުން އެ ތަހުގީގުގެ ތެރެއިން، ކަން ހިނގާދިޔަ ގޮތާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އުނގޫފާރު ކައުންސިލުންނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސާފުކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކުރެއެވެ. ތަހުގީގަށް ހާމަވެފައިވާ ގޮތުގައި އެ މައްސަލަ ދިމާވާން މެދުވެރިވި ސަބަބަކީ، މަގު ބައްތިތަކުގައި ހުންނަންޖެހޭ ސަލާމަތީ އިކުއިޕްމަންޓްތަކުގެ ތެރޭގައި ހިމެނޭ އާތު ލީކް ސަކިޓް ބްރޭކަރު (އީއެލްސީބީ) އާއި މިނިއޭޗަ ސާކިޓް ބްރޭކަރު (އެމްސީބީ) ހަރުކޮށްފައިނުވާ މަގު ބައްތިތަކަށް ފެނަކައިން ކަރަންޓު ދީފައިވުން ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެ ހާދިސާ ހިނގަން ދިމާވި މައިގަނޑު ސަބަބަކީ އުނގޫފާރުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކައިން އިހުމާލުވުމުން ކަމުގައި އެ އޮތޯރިޓީގެ ތަހުގީގަށް ސާބިތުވުމުން، ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ގާނޫނުގެ ދަށުން 50,000 ރުފިޔާއިން އިއްޔެ ފެނަކަ ކޯޕަރޭޝަން ޖޫރިމަނާ ކޮށްފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ. އަދި އެ ޖޫރިމަނާ 30 ދުވަހުގެ ތެރޭގައި ފެނަކައިން ދައްކަން ޖެހޭނެ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

މީގެ އިތުރުން މި ތަހުގީގުން އިތުރަށް ހަމާވެގެން ދިޔަ ގޮތުގައި، ފެނަކައިން ކަރަންޓުގެ ޚިދުމަތް ދެމުންގެންދާ ވަރަށް ގިނަ ރަށްތަކުގެ މަގު ބައްތިތަކުގައި އާތު ލީކް ސާކިޓް ބްރޭކަރު ހަރުކުރެވިފައި ނުވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

އެހެންކަމުން އެފަދަ ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ފެނަކައިން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އާތު ލީކް ސަކިޓް ބްރޭކަރާއި މިނިއޭޗަ ސާކިޓް ބްރޭކަރު ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ވެސް އެ އޮތޯރިޓީން ވަނީ އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް