ރަޝިޔާއިން ހޫތީ މުޖާހިދުންނަށް އެންމެ މިޒަމާނުގެ އެންޓި-ޝިޕް މިސައިލް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ކުރެވެމުންދާކަން އެމެރިކާގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާކަން ވޯލްސްޓްރީޓް ޖަރނަލުން ހާމަކޮށްފިއެވެ.
އެމެރިކާއިން ބުނެފައިވާ ގޮތުގައި ރަޝިޔާއިން ހޫތީ މުޖާހިދުންނަށް ބޭނުންވާ އެންޓި-ޝިޕް މިސައިލް ދިނުމުގެ ވިސްނުމަކީ ރަޝިޔާގެ އެތެރެއަށް ހަމަލާ ދެވޭ ވަރުގެ ހަތިޔާރު އެމެރިކާއިން ޔޫކްރެއިނަށް ފޯރުކޮށްދޭން ނިންމުމާ ގުޅިގެން ރަޝިޔާގެ ވިސްނުމަށް އައި ބަދަލެކެވެ.
މީގެ ކުރިން ވެސް އިނގިރޭސި ވިލާތުގެ ކަނޑު ސިފައިން ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާ ދިނުމުން ރަޝިޔާއިންވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. ކްރެމްލިންގެ ރަސްމީ ތަރުޖަމާނު ދިމިތުރީ ޕެސްކޯވް ވިދާޅުވެފައިވަނީ އެމެރިކާއާއި އިނގިރޭސި ވިލާތުގެ މަނަވަރުތަކުން ހޫތީ މުޖާހިދުންގެ އަމާޒުތަކަށް ހަމަލާ ދިނުމަކީ ބައިނަލް އަގްވާމީ ގާނޫނު ހުއްދަކުރާނެ ކަމެއް ނޫން ކަމަށާއި ރަޝިޔާއިން އެ ހަމަލާތައް އެންމެ ހަރުކަށި ބަހުރުވައިން ކުށްވެރިކުރާ ކަމަށެވެ.
ބިޒްނަސް އިންސައިޑަރުން މީގެ ކުރިން ބުނެފައިވަނީ އެމެރިކާގެ ބިޔަ އެއަރކްރާފްޓް ކެރިއަރ ޑްވައިޓް ޑީ. އައިޒެންހާވަރ އިން މިއަހަރު މޭ މަހާ ހަމަޔަށް ހޫތީ މުޖާހިދުންގެ އަމާޒުތަކަށް 500 އަށްވުރެން ގިނަ ފަހަރު ހަމަލާދީފައިވާ ކަމަށެވެ. އައިޒެންހާވަރުން މިހާގިނަ ހަމަލާތައް އޮއްސާލިއިރު ވެސް ހޫތީ މުޖާހިދުންގެ ހަމަލާތަކަށް ހުއްޓުމެއް ނައުމަކީ އެމެރިކާއިންވެސް ކަންބޮޑުވުން ފާޅުކުރަމުން ގެންދާ ކަމެކެވެ. އެމެރިކާގެ އޮފިޝަލަކު ވޯލްސްޓްރީޓް ޖާރނަލް އަށް ބުނެފައިވާގޮތުގައި މުސްތަގްބަލްގެ ހަމަލާތައް މިއަށްވުރެން ކާމިޔާބުވާނެ ގޮތަކަށް ހިންގުމަށް ސެންޓްރަލް ކޮމާންޑަށް މިހާރު ވަނީ އަންގާފައެވެ.
ޕެންޓަގަން އާއި ދިފާއީ ވުޒާރާއާއި އަދި ރަޝިޔާގެ ދިފާއީ ވުޒާރާގެ ބަހެއްވެސް ހޯދުމަށް ބިޒްނަސް އިންސައިޑަރުން މިގެންދަނީ މަސައްކަތް ކުރަމުންނެވެ.
މި ހުސްވި މަހުގެތެރޭގައިވެސް ރަޝިޔާއިން ހޫތީ މުޖާހިދުންނަށް އެންމެފަހުގެ އެންޓި-ޝިޕް މިސައިލް ފޯރުކޮށްދޭން އުޅުމުން ސައޫދީ އެރޭބިޔާއިން އޭގެތެރެއަށް ވަދެ އެކަން ހުއްޓުވީ ކަމަށް މިޑްލް އީސްޓް އައި އިން ރިޕޯރޓްކޮށްފައިވެއެވެ. އެމެރިކާގެ އޮފިޝަލުން ގަބޫލު ކުރާގޮތުގައި އަނެއްކާވެސް އެހެން ގައުމެއްގެ ތެރޭންލާފައި ރަޝިޔާއިން ހޫތީ މުޖާހިދުންނަށް ހަތިޔާރު ފޯރުކޮށްދޭން ފަށަން ބޭނުންވަނީއެވެ. ވަނަވަރު ހާމަކުރަން ބޭނުންނުވާ އެމެރިކާގެ އޮފިޝަލަކު ބުނެފައިވަނީ ރަޝިޔާއިން އެގޮތަށް އަމަލުކުރުން ހުއްޓުވޭނެ ގޮތަކާ ދޭތެރޭ އެމެރިކާއިން ވިސްނަމުން ގެންދާ ކަމަށެވެ.
ހޫތީ މުޖާހިދުން ގެންދަނީ އެމެރިކާއާއި އިސްރާއީލަށް ފިއްތުން ކުރިމަތިކުރުމުގެ ގޮތުން ރެޑް ސީގެ ތެރެއިން ދަތުރުކުރާ ވަކި ގައުމުތަކެއްގެ ބޯޓުފަހަރަށް މިސައިލުންނާއި ޑްރޯނުން ހަމަލާ ދެމުންނެވެ.
ކޮންގްރެޝަނަލް ރިސާރޗް ސަރވިސް ރިޕޯރޓުގައި ބުނެފައިވާގޮތުން މިދިޔަ އަހަރު އޮކްޓޯބަރ މަހުގެ 17 ވަނަ ދުވަހުންފެށިގެން މިއަހަރު މޭ މަހާ ހަމަޔަށް ރެޑް ސީން ދަތުރުކުރާ ބޯޓުފަހަރުގެ ތެރެއިން މަދުވެގެން 53 ބޯޓަކަށް ހޫތީ މުޖާހިދުން ވަނީ ހަމަލާދީފައެވެ. އޭގެ އިތުރުން އެމެރިކާގެ ކަނޑު ސިފައިންގެ އުޅަނދުފަހަރަށްވެސް އެތައް ފަހަރަކު ނުރައްކާތެރިކަން ކުރިމަތި ކޮށްފައެވެ.