ވޯޝިންގްޓަނުން ރޮއިޓާރސް ޚަބަރު ދީފައިވާ ގޮތުގައި އިސްރާއީލާއި ހަމާސްއިން ކުރަމުންގެންދާ ހަނގުރާމަ ހުއްޓުވިދާނެ ކަމުގެ އުންމީދު ލިބިއްޖެކަމަށް ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މަޝްވަރާތައް އޭގެ އަމާޒަށް ވާސިލުވުމަށް މަގު ހުޅުވިގެންދާ ކަމަށެވެ.
ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ހަނގުރާމަ ހުއްޓާލައި ގައްޒާއަށް ބޭނުންވާ އިންސާނީ އެހީތައް ފޯރުކޮށް ދިނުމުގެ މަގުފަހިކުރެވި ހަމާސްގެ އަތްދަށުގައި ތިބި އިސްރާއީލުގެ ރަހީނުން މިނިވަން ވެގެން ދިއުމަކީ އެމެރިކާގެ އުންމީދު ކަމަށެވެ. މި މަގްސަދު ޙާސިލު ކުރުމަށްޓަކައި އެމެރިކާއިން މިސްރާއި ގަތަރާއެކު މިގެންދަނީ މެދު ނުކެނޑި މަސައްކަތްކުރަމުންނެވެ.
ކޮލޮރާޑޯގައި ބޭއްވުނު އެސްޕަން ސެކިއުރިޓީ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ މިދިޔަ މޭ މަހުގެ ތެރޭގައި ރައީސް ބައިޑްން އެކަށަ އާޅުއްވާފައިވާ ސުލްހައިގެ އެއްބަސްވުމަށް ތަފާތު ގޮތްގޮތުން ސިޔާސީ ކޮއްޕުންތައް ކުރިމަތި ކުރުމަށްފަހު އެންމެފަހުން އިސްރާއީލާއި ހަމާސްއިން އެއްބަސްވުމަކަށް ގެނެވިއްޖެ ކަމަށެވެ. އަދި މިހާރު ބާކީ އޮތީ ވަރަށް މަދު ކަމެއްގައި އެންމެ ފަހުގެ ނިންމުމަށް އެއްބަސްވުމަކަށް އައުމެވެ.
އަހަރެންނަށް ކުރިމަތިން ފެންނަ މަންޒަރުގައި އަމާޒުގެ ގޯލް އޮތީ 10 ވަރަކަށް ޔާޑު ކައރީގައެވެ. އަހަރެމެން އެ އަމާޒަށް މިހާރު އަރާ ހަމަކުރެވެނީއެވެ. އުންމީދު ކުރެވެނީ މިފަހަރު ދާއިމީ ސުލްހައެއް ގާއިމް ކުރެވޭނެ ކަމަށެވެ. ބްލިންކަން ވިދާޅުވިއެވެ.
މިމަހު 24 ގައި އޮންނަ އެމެރިކާގެ ކޮންގްރެސްގެ ޖޮއިންޓް ސެޝަނެއްގައި ބައިވެރިވުމަށް އިސްރާއީލުގެ ބޮޑުވަޒީރު މިއަންނަ ހަފުތާގައި ވޯޝިންގްޓަނަށް ދަތުރުކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.
އަދި އެދަތުރުގައި ރައީސް ބައިޑްން ކޯވިޑުން ސަލާމަތްވެއްޖެނަމަ ބައްދަލު ކުރާގޮތަށްވެސް ވަނީ އިންތިޒާމް ކުރެވިފައެވެ.
ނަތަންޔާހޫގެ ދަތުރާބެހޭގޮތުން ބްލިންކަން ވިދާޅުވެފައިވަނީ ހަނގުރާމަހުއްޓާލުމާއި އޭގެ ފަހުން ކަންތައްކުރަންޖެހޭގޮތާ ދޭތެރޭ ނަތަންޔާހޫއާއެކު މަޝްވަރާކުރަން ބޭނުންވާކަމަށެވެ. އެމެރިކާގެ ވިސްނުން މިގޮތަށް ހުރިނަމަވެސް ނަތަންޔާހޫ އަދިވެސް ބުނަމުން ގެންދަނީ ހަމާސް ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ގެންދާނެ ކަމަށެވެ.
ޚާރިޖީ ވަޒީރު ބްލިންކަންގެ ވާހަކަފުޅު މީޑިއާއަށް ތިލަވުމާއެކު ދުނިޔޭގެ ބާޒާރުގައި ސާފު ނުކުރާ ތެލުގެ އަގު ފީފާއަކުން 2.48 ޑޮލަރު އަގު ދަށްވެއްޖެކަމަށް ހިއުސްޓަނުން ރޮއިޓާރސް ވަނީ ޚަބަރުދީފައެވެ.