ދުނިޔޭގެ ބިމުގެ އެންމެ އެތެރޭގައިހަރު މައުދަނު ގުޅައެއްފަދައިން އޮންނަ ”ބިމުގެ މަދު“ ނުވަތަ ”އިނަރ ކޯރ“ގެ ދުވެލި މަޑުވެފައިވާކަން ސައިންސްވެރިންގެ ދިރާސާއިން ދައްކައިފިއެވެ. ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯރނިއާ ގެ ސައިންސްވެރިންގެ ޓީމަކުން ބުނެފައިވަނީ، ދުނިޔޭގެ މެދުގައި އޮންނަ ވަށް އޮށެއްފަދަ ފަށަލައާއި ބެހޭ ގޮތުން މިހާތަނަށް އެނގިފައިވާ ކަންކަން ފަހުގެ ހޯދުންތަކުގެ އަލީގައި ދޮގުކުރެވިފައިވާތީ، މިހާރު ފެންނަމުންދާ ބަދަލުތަކުގެ ނަތީޖާއަކަށް ވަނީ ކޮންކަމެއްކަމާމެދު ސުވާލު އުފެދޭކަމަށެވެ.
މިގޮތުން، ދުނިޔޭގެ އެންމެ ބޭރު ތޮށްޓަށްވުރެ 3000 މޭލު އަޑީގައި އޮންނަ އިނަރ ކޯރއަކީ ބޭރު ފަށަލައިގެ އެނބުރުމާއި ވަކިން، މިނިވަންކަމާއެކު އެނބުރޭ އެއްޗެއްކަމަށް ސައިންސްވެރިން ގަބޫލުކުރާއިރު، ދުނިޔޭގެ ބިމަށް ދަމާ ބާރާއި އެއާއި ގުޅުމެއް ވާކަމަށް ގަބޫލުކުރެވޭތީ މިކަން ދިރާސާކުރުމަށްޓަކައި އިލްމުވެރިން އެތައް އަހަރުތަކެއް ވަނީ ހޭދަކޮށްފައެވެ. މީގެކުރިން، ސައިންސްވެރިންނަށް ގަބޫލުކުރެވިފައި އޮތީ އިނަރ ކޯރ އަކީ ބިމުގެ މަތީ ފަށަލައަށްވުރެ އެތައް ގުނައެއް ބާރަށް، ”ސުޕަރ-ރޮޓޭޝަން“ގެ ނިޒާމުގެ ދަށުން އެނބުރޭ އެއްޗެއްގެ ގޮތުގައެވެ. އެހެންނަމަވެސް، އެންމެ ފަހުން ނޭޗަރ ޖާނަލްގައި ޝާއިއު ކުރެވިގެން ދިޔަ ދިރާސާއިން ކިޔައިދެނީ މުޅިން ތަފާތު ވާހަކަތަކެކެވެ.
ޔޫއެސްސީގެ ޑޯރންސައިފް ކޮލެޖް އޮފް ލެޓަރސް، އާޓްސް އެންޑް ސައިންސަސްގެ ޑީން’ސް ޕްރޮފެސަރ، ޖޯން ވިޑޭލް ދިން ބަޔާނެއްގައި ބުނެފައިވަނީ، އެތައް އަހަރުތަކަކަށްފަހު ދުނިޔޭގެ އެންމެ އެތެރޭގައި އޮންނަ ފަށަލަ، އިނަރ ކޯރގެ ދުވެލި މަޑުވެއްޖެއެވެ.

”މިބަދަލުތައް ދައްކުވައިދިން ސައިސްމޯގްރާމްތައް ފެނުނު ފުރަތަމަ ފަހަރު އަހަރެން ހަމަ ވަރަށް ކަންބޮޑުވި. އެކަމަކު ޝައްކެއްނެތި ހަމަ އެއްކަމެއް ދައްކުވައިދޭ ޑަޒަނަކަށްވުރެ ގިނަ ހެކި ފެނުމުން، އެކަން ދޮގުކުރެވޭނެ ގޮތެއް ނުވިސްނުނު. އަހަރެމެންގެ ސައިންސްވެރިން ވަނީ މިމޮޑެލްއާއި އެއްކޮޅަށްވެސް ދެކޮޅަށްވެސް ބަހުސްކޮށް މަޝްވަރާތައް ކޮށްފަ. އަދި އަހަރެމެންގެ އެންމެ ފަހުގެ ދިރާސާއިން މިއާގުޅޭ އެންމެ ސާފު މައުލޫމާތު ލިބިގެންދާނެ.“ އޭނާ ވިދާޅުވިއެވެ.
1991 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދުގައި ސައުތް ސޭންޑްވިޗް އައިލެންޑްސް އަށް އެރި ބިންހެލުންތަކުގެ ސައިސްމިކް ވޭވްތައް ދިރާސާކޮށްގެން، އިލްމުވެރިން ހޯދި ހޯދުންތަކުގެ އަލީގައި އެނގިފައިވަނީ ބިމުގެ މަދުގެ އެނބުރުން މަޑުވުމުގެ އިތުރުން، މަދު އެނބުރެމުން މިހާރުދަނީ ކުރިން އެނބުރެމުންދިޔަ ކޮޅުނޫން އަނެއް ކޮޅަށް ކަމަށެވެ. ޕީކޭއައިކޭޕީ ނަމަކަށް ކިޔާ ސައިސްމިކް ވޭވްއަކަށް ހާއްސަ ސަމާލުކަމެއް ދީގެން ދިރާސާވެރިން ކުރި ދިރާސާގައި 143 ޖޯޑު ބިންހެލުމުގެ އަދަދުތަކަށް ރިއާޔަތްކޮށް ހާއްސަ ޕެޓާރންތަކެއް ފާހަގަކޮށްފައިވެއެވެ.
މިގޮތުން، މިދިރާސާއިން ދައްކާފައިވަނީ، 2003 ވަނަ އަހަރާއި 2008 ވަނަ އަހަރާއި ދެމެދު އިނަރ ކޯރ އެނބުރެމުން ދިޔައީ ސުޕަރ-ރޮޓޭޝަންގައި ނަމަވެސް، 2008 ވަނަ އަހަރަށްފަހު އިނަރ ކޯރގެ އެނބުރުން ދުނިޔޭގެ ބޭރު ފަށަލައިގެ އެނބުރުމަށްވުރެ މަޑުވެފައިވާކަމެވެ. އަދި 2008 ވަނަ އަހަރާއި 2023 ވަނަ އަހަރާއި ދެމެދު އިނަރ ކޯރގެ ދުވެލި، ސުޕަރ ރޮޓޭޝަންގެ ދުވެލީގެ ދެގުނައަށް އަދި މިހާރު ތިންގުނައަށް މަޑުވެފައިވާކަމަށެވެ.
އިނަރ ކޯރގެ ދުވެލި މަޑުވާން ފަށާފައިވަނީ 2010 ވަނަ އަހަރަށް ފަހުގައި ކަމަށް އިލްމުވެރިން ގަބޫލުކުރާއިރު، އިނަރ ކޯރގެ ދުވެލި އިތުރަށް ދިރާސާކުރަން ޖެހޭކަން އިލްމުވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، މިފަހަރުގެ ހޯދުންތަކުން އެނގެނީ ދުނިޔޭގެ ބިން އުފެދިފައިވާ ގޮތާއި އެނބުރޭ ގޮތް އަހަރެމެންނަށް އަދިވެސް އެންމެ ރަނގަޅަށް އެނގިފައިނުވާކަމެވެ. އަދި ބިމަށް ދަމާބާރާއި ބޮޑު ގުޅުމެއް އޮންނަ ދުނިޔޭގެ މަދުގެ އެނބުރުންތަކުން ބިމަށް ދަމާބާރަށް ނޭދެވޭ އަސަރެއް ކޮށްފާނެކަމާމެދު ސުވާލު އުފެދެއެވެ.
ވިޑޭލް ގަބޫލުކުރައްވާ ގޮތުގައި މިބަދަލުތަކުގެ ނަތީޖާއެއްގެ ގޮތުން، ދުވަހުގެ ދިގުމިނަށް އަސަރުކުރާނެއެވެ. މޫސުމާއި، ބިމަށް ދަމާބާރާއި އެހެނިހެން ކަންކަމަށް އަސަރުކުރާނެކަމަށް އޭނާ ގަބޫލެއް ނުކުރެއެވެ.