މިއަދު ހެނދުނު މާލޭ ގަޑިން 7 ޖަހާކަންހާއިރު އިސްރާއީލުގެ ތެލްއަވީވުގެ މެދުތެރެއަށް އަމާޒުވި ބިޔަ ބޮޑު ގޮވުމަކުން އެ ޝަހަރު ގުޑުވާލައިފިއެވެ. އިސްރާއީލުގެ މިލިޓްރީން ތުޙުމަތު ކުރާގޮތުގައި އެއީ ޑްރޯން ޙަމަލާއެކެވެ. އެހެންނަމަވެސް އިސްރާއީލުން އެ ޙަމަލާގެ އިންޒާރުގެ ބަރުގޮނު އަޅާފައެއް ނުވެއެވެ.
ރޮއިޓާރސް އިން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ބާރުގަދަ ވައިގެ ދިފާއީ ނިޒާމުން އިތުރަށް ފާރަވެރިވަމުން ގެންދާ ދުވަސްވަރެއްގައި އެވަރުގެ ޙަމަލާއެއް އިސްރާއީލުގެ އެއަރ ޑިފެންސް ނިޒާމަށް ވާނުވާނޭނގި ތެލްއަވީވަށް އަމާޒްވުމީ ވަރަށް ޙައިރާން ކުރަނިވި ކަމެކެވެ. އަދި އިސްރާއީލުގެ އެބުނާ އަޔަންޑޯމް ފަދަ ތަކެތީގެ ބަރޯސާއެއް ނެތްމިންވަރު ދައްކުވައިދޭ ކަމެކެވެ.
ޑިފެންސް އެޕަރޭޓަސްތަކަށް ހިލަމެއްނެތި އެވަރުގެ ޙަމަލާއެއް ދެވުނު ސަބަބު މިހާރު ގެންދަނީ ތަޙްގީގު ކުރަމުންކަމުގައި ބުނެފައިވެއެވެ.
ޔަމަނުގެ ހޫތީ މުޖާހިދުންގެ މިލިޓްރީ ތަރުޖަމާނު ސޯޝަލް މީޑިއާ އެކްސްގައި ބުނެފައިވަނީ ތެލް އަވީވަށް އަމާޒުވި ޙަމަލާގެ ތަފްސީލު ދާދި އަވަހަށް އެ ޖަމާޢަތުގެ ފަރާތުން ހާމަކޮށް ދޭނެކަމަށެވެ.
އިސްރާއީލުގެ ފުލުހުން ބުނެފައިވަނީ އެ ޑްރޯން ޙަމަލާ އަމާޒުވި ހިސާބު ކައިރީގައިހުރި ހޮޓަލެއް ކައިރިން މަރުވެފާއޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށާއި އެ ޙާލަތު ތަޙުގީގު ކުރަމުން ގެންދާ ކަމަށެވެ. ބުރައިގެން ގޮސްފައިހުރި ގިނައަދަދެއްގެ ބިއްލޫރި އެތިކޮޅުތައް އެ ސަރަޙައްދުގެ މަގާއި ދުވާރުމަތިން ފެންނާންހުއްޓެވެ. އެ ސަރަޙައްދު މިހާރު ވަނީ ބަންދު ކޮށްފައެވެ.
ޙަމާސް އިން ފަލަސްތީނު، ޔަހޫދީ ޒައަނިސްޓުންގެ އަތުން އަތުލުމަށް ކުރަމުންގެންދާ ޖިހާދުގައި ޙިޒްބުއްލާ އާއި ހޫތީ މުޖާހިދުން ވަނީ އިސްރާއީލުން ގަޒާ ދޫކޮށް ފޭބުމަށް ދާންދެން ބައިވެރިވެފައިވާކަން ޢިއުލާނު ކޮށްފައެވެ. އެގޮތުން އިސްރާއީލަށް އެ ދެޖަމާޢަތުންވެސް ދޭ ޙަމަލާތައް ފަހަކަށް އައިސް ވަނީ އިތުރު ކޮށްފައެވެ.
އިސްރާއީލުން ބުނެފައިވަނީ މިހާތަންށް މަރުވެފައިވާ މީހެއްގެ ހަށިގަނޑާއި ޒަޚަމްވެފައިވާ ދިހަ މީހުން ފެނިފައިވާ ކަމަށެވެ. އިސްރާއީލުގެ މިލިޓްރީން އެ ޙަމަލާއާއި ބެހޭ ގޮތުން މިހާތަނަށް ވަކިގޮތެއް ކަނޑައަޅާފައި ނުވިނަމަވެސް ތެލް އަވީވުގެ މޭޔަރ ރޮން ހުލްދާއި އެކްސްގައި ބުނެފައިވަނީ އެއީ ޑްރޯން ޙަމަލާއެއް ކަމަށެވެ.
ތެލްއަވީވުގެ ޑިސްޓްރިކްޓް ކޮމާންޑަރ ޕެރޭޒް އަމްރް ބުނެފައިވަނީ މިއަދުގެ ޙަމަލާ އަމާޒުވެފައިވަނީ ފަތިހު 3.10 ހާއިރުގައި ކަމަށާއި ކައިރީގައިހުރި އަވަށްތައްވެސް ގުޑައިގެން ދިޔަކަމަށެވެ. އަދި މިހާތަނަށް ޒަޚަމްވެފައިވާ 10 މީހުން ފެނިފައިވާ ކަމަށެވެ. ގޮވުމުން ލިބުނެ ގެއްލުން މާ ބޮޑު ނޫނަސް ބޮޑު ސަރަހައްދަކަށް ގެއްލުން ފެތުރުފައިވާ ކަމަށެވެ. އަދި އެ ހިސާބުގަނޑުގައި ދިރިއުޅޭމީހުންނަށް ނަފްސާނީ ބިރުވެރިކަމެއް ތަޙައްމަލު ކުރަން ޖެހިފައިވާކަމަށެވެ.
ޔަމަނުގެ ހޫތީ މުޖާހިދުން ފާއިތުވެގެންމިދާ ނުވަ މަސްދުވަހުގެ ތެރޭގައި އެތައްފަހަރަކު މިސައިލުން އިސްރާއީލަށް ޙަމަލާދިނުމަށް މަސައްކަތް ކޮށްފައިވެއެވެ. އެއިން ކޮންމެ ފަހަރަކުވެސް އިސްރާއީލުގެ ވައިގެ ދިފާއީ ނިޒާމުން ވަނީ އެ ހަމަލާ ދެނެގަނެ ނައްތާލަމުން ކަމަށް ބުނެފާވެއެވެ.
އެކަމަކު މިއަދުގެ ޙަމަލާ އިސްރާއީލަށް ފެނިފައެއް ނުވާކަމަށް ބުނެފައިވެއެވެ.
މިއަދުގެ ޙަމަލާ އަމާޒުވެފައި މިވަނީ އިސްރާއީލުން ހިޒްބުއްލާގެ އިސް ކޮމާންޑަރަކާއި ބައެއް ހަނގުރާމަވެރިން ޝަހީދުކޮށްލިތާ ކުޑައިރުކޮޅެއްގެ ތެރޭގައެވެ.
އިސްރާއީލުން މިހާތަނަށް ހޫތީ މުޖާހިދުންގެ އެއްވެސް އަމާޒަކަށް ޙަމަލާ ދީފައެއް ނުވެއެވެ. އިސްރާއީލުން އެކަން ދޫކޮށްލާފައި އޮތީ އެމެރިކާއާއި އަދި އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރީންނަށެވެ.
މިއަދު ޙަމަލާ އައިސްފައި މިވަނީ ހަނގުރާމަ ހުއްޓާލައި ޙަމާސްގެ ބާރުގެ ދަށުގައި ތިބިކަމަށް ބުނާ 120 ރަހީނުން މިނިވަން ކުރެވޭ ގޮތަކާއި ދޭތެރޭ މަޝްވަރާ ކުރެވެމުންދާ އަންބާ ތަކުރާރުކޮށް ކިޔެވެމުންދާ ވަގުތެއްގައެވެ.
2 Responses
އިސްލާމުންނަށް ނިކަން ކެރިގެން އިޒްރޭލު ހަމަ ނައްތާލަންވީއެވެ. އީރާނު ކަހަލަ ކެރޭ ގައުމުތައް މިއަދު އިސްލާމީ އުންމަތުގައި މަދީއެވެ. ދެ ހަރަމްފުޅުގެ ޚާދިމުންގޮތުގައި މިއަދު ތިބީ ދީނީ ޢިލްމުވެރީނާއި މުހާހިދުންގެ ދުޝްމަނުންނެވެ. ވަރަށް ދެރައެވެ. އިންޝާﷲ މާތްﷲ ފަލަސްތީނު ސަލާމަތްކުރުމަށް ޖިހާދުކުރާ އެންމެނަށް ކާމިޔާބު ދެއްވާށިއެވެ. އާމީން!
ހޫތީ މުޖާހިދުންނަކީ ކެރޭ ހިތްވަރުގަދަ ބައެއްކަން އެ ގެންދަނީ ދުނިޔެއަށް ދައްކަމުންނެވެ. ޔަމަނުން ސީދާ އިސްރާއީލަށް ހަމަލާ ދިނުމަކީ އާދައިގެ ކަމެއް ނޫނެވެ.