ވެރިޔަކު މަސްވެރިންލައްވާ އިންޖީނުގެތައް ހިންގުމުގެ ހިތި ނަތީޖާ

Loading

Facebook
Twitter
WhatsApp

ދިވެހީންގެ ލޭނާރަކީ ނުވަތަ މައިބަދައަކީ މަސްވެރިކަމެވެ. އަހަރުމެންގެ ކާބަފައިން ދިންހާ އަވީގައި ވެހުނުހާ ވާރޭގައި މަސްވެރިކަން ކޮށް އުޅުނީ ވަރަށްވެސް ދަތި ޙާލުގައެވެ.

 މިޒަމާނުގައި ކާބަފައިން އެކުރެއްވި ބުރަ މަސައްކަތުގެ ޒައްރެއްގެ މިންވަރުވެސް އިޙްސާސް ނުކުރެވޭނެއެވެ. ވާނީވެސް އެހެން ނޫންތޯއެވެ.މަސްދޯނި ފަހަރުގައި 1974ގައި އިންޖީނު އެޅުނު ހިސާބުން ދިވެހި މަސްވެރިން ކުރަމުން އައި ހިތްދަތި ތަޖުރިބާ ހަނދާނުން ފުހެވިއްޖެކަހަލައެވެ.

ކާބަފައިން މަސްވެރިކަން ކުރީ ރިޔަލު ދޯނި ފަހަރުގައެވެ. ވިއްސާރައިގެ ގަދައިގައި ޖެހިއްޖެނަމަ ރިޔާ ހަލާކުވެ އާ ރިޔަލެއް ނޫނީ އެ ރިޔަލުގެ ހަލާކުވެފައި ހުރިތަންތަން ހަދައިގެން އަލުން މަހަށް ފުރާންވީއެވެ. ރިޔަލުގަ ނޫނަސް ބައެއް ފަހަރު ފަލި ޖަހައިގެން ދޯނި ފަހަރު ދުއްވާފައި އެބަ ހުއްޓެވެ.

އެހާމެ ތަކުލީފުގައި ކާބަފައިން މި ދިވެހިރާއްޖެ އަޅުގަނޑުމެނާއި ހަމައަށް ގެނެސްދިނީ އެއްވެސް ބަޔަކަށް ނުދަރާ ލިބުނު އެއްޗަކުން ފުއްދާލައިގެންނެވެ.

ބުނެއުޅެއެވެ! ނުފޯރާފޮތިން ފޫގެޅީމާ ދެން ކޮންމެވެސް ލަދުވެތި ތަނެއް ފެންނާން އޮންނާނެއެވެ. ދިރި އުޅުމުގައިވެސް ނެތް ޙާލަތެއްގައި އުޅެން ދިމާކުރީމާ ވާނީ ހަމަ އެހެންނެވެ.

ބައެއް ރަށްރަށުގައި 1990ގެ ކުރީކޮޅުގެ އަހަރު ތަކުގައިވެސް ހިރުނދު، ދުނބުރި، ދިއްގާ ގަސް ތައް އަދި ބައެއް ރުއް ފެނުމުން ދޯނީގެ މިވެނި ބަޔަކަށް މިބައި ވަރަށް ފައްކާވާނޭ ބުނެއުޅެއެވެ. އެހެނަސް ދިވެހިރާއްޖެ އަށް ފަސޭހަ ކަމާއެކު ލަކުޑި ބެރި އިމްޕޯރޓް ކުރާން ފެށި ހިސާބުން މިކަންވެސް ނެތި ދިޔައީއެވެ.

ކިއްސަރު ވަޑާންވެސް ކަފުން ކުރުމުގެ ވަގުތު ޖެހެން ފެށިއެވެ. މިހާރު ފައިބަރުން ނޫނީ ދޯނި ފަހަރު ނުހެދެއެވެ. ވާނީވެސް އެހެންތާއެވެ. ދުނިޔެ ދައްކާ ފަސޭހަ އަދި އަވަސްގޮތް ކޮންމެ މީހަކުވެސް މިހާރު ބޭނުންވެއެވެ. މިހާރު ހުވަދޫ ކަނޑު ހުރަސް ކުރުމަށް ބޯޓު ފަހަރަށް އަރާނީ %99 އެބޯޓެއްގެ ފަޅުވެރިންނެވެ. ގިނަވާނީވެސް ބިދޭސީންނެވެ. ބަންގްލަދޭޝް މީހުނެވެ.  

ދިވެހިރާއްޖެގެ ޤައުމިއްޔަތު އަދި އޮތް ކުޑަވެސް ސަގާފަތް ނެތި ދިޔައީ ދިވެހީންގެ ސަބަބުންނެވެ. ޓެކްނޮލޮޖީގެ ފަސޭހަކަން ބޭނުން ކުރާން ފެށުމުން ދެންވާނޭ ގޮތް ނުވަތަ ވެދާނޭ ގޮތާމެދު ޚިޔާލުވެސް ކޮށްލާން ބޭނުން ނުވީއެވެ.

ކުޑަ މިސާލެއް އެހެނަސް މިކަމެއް ދިމާވެއްޖެ ނަމަ ދެލޮލޮގެ އޮށް ބޭރަށް ނިކުންނަފަދަ ވާހަކައެއް ބުނެލާނަމެވެ. ގްރޭޓަރ މާލޭ އޭރިއާއޭ މިކިޔާ ޞަރަހައްދުގައި އޮތް މާލެ އަދި ހުޅުމާލެ ސިޓީގައި އެތަކެއް ފަންގިފިލާތަކުގައި ދިރިއުޅެމުން އަންނަ އެތައް ހާސް ބަޔަކަށް ދެދުވަހަށް ކަރަންޓުގެ ޚިދުމަތް ނުލިބުނަސް ބޮޑު މުސީބާތަކަށް ބަދަލުވެގެން ދާނެއެވެ. އެންމެ ކުޑަމިނުން ބޮޑުކަމުގޮސްފައި ތާހިރު ވާނޭގޮތްވެސް ނުހުންނާނެއެވެ. ފެން ނުލިބުނީމައެވެ.

ކާބަފައިންގެ ޒަމާނުގައި ވިއްސާރަ މޫސުމުގައި ދަތުރުފަތުރު ނުކުރެވޭނެތީ ގޭގޭގެ ބަނޑަހަ ކޮޓަރި (ގުދަން ކޮޓަރި) ތަކުގައި ބައެއް ކާބޯތަކެތި ރައްކާކޮށްފައި ހުރެއެވެ. އެގޮތުން ހިއްކާފައި ހުންނަ ބަނބުކެޔޮ، ރައްކާކުރެވިފައިވާ އެތަކެއް ކާށި، ދިޔާ ހަކުރު ނޫނީ ފަތުލި ހަކުރެވެ. އަހަރު ތެރެގައި ތަދު ދުވަސްވަރު ކެއުމަށް ރައްކާ ކުރެވިފައިވާ ކާބޯ ތަކެއްޗެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާވެސް ތަފާތެވެ. ސްރީލަންކާގައި ކޮންމެވެސް ވަރަކަށް ގުދުރަތީ ވަޞީލަތްތައް އެބައޮތެވެ. ދިވެހިރާއްޖޭގައި އޮތީ ހަމަ މަސްވެރިކަމެވެ. ދެން މިއޮތީ ބޭރު ދުނިޔެއަށް ބަރޯސާވެފައިވާ ޓޫރިޒަމް ނުވަތަ ފަތުރުވެރިކަމެވެ. ދާދި އިހަށް ދުވަހު ޢާލަމީ ވަބާއެއް ކަމުގައިވާ ކޮވިޑްގައި ދިވެހިރާއްޖޭގެ މީސްތަކުން ކުރި ތަޖުރިބާތައް މަތީން ހަނދާންވެސް ނެތިއްޖެ ކަހަލައެވެ. އަދި މިވީ ދެތިން އަހަރެވެ.

އާއެކެވެ! މަސްދޯނި ފަހަރުގައި ތިބި ނޫކަށި ޒުވާން ކުދީންނަށް ފެނަކަ ކިޔާ ކުންފުންޏެއްގެ ވަޒީފާތައް ބޮޑު މުސާރައިގައި ބަހާލުމުން މަހަށްގޮސް އުޅުނު ކުދީންތައް މަސްދޯނި ފަހަރުތަކުން ކެނޑެން ފެށިއެވެ. ވޭތުވެދިޔަ ދެތިން އަހަރުގެ މަސްވެރިކަމުގެ ތަފާސް ހިސާބަށް ބަލައިލުމުން ދެރަވާން ޖެހެއެވެ.

މަސްދޯނި ފަހަރު މަހަށް ނުފުރުމުން މަސްދޯނި ފަހަރުގައި ގެންގުޅެވޭ ބިދޭސީންގެ އަދަދު ދޭކުން އަށަކަށް މިއޮއް އެރީއެވެ. ކޮންފަދަ ހިތާމަ ހުރި ކަމެއްތޯއެވެ؟ ގަރުދިޔަ އާއި ބަތާވެސް ކެވޭނީ މަސްވެސް ބާނައިގެން ނޫންތޯއެވެ؟ އަޅުގަނޑުގެ ކޮށި ވިސްނުމަށް އެއްވެސް ގޮތަކަށް ނޭނގުނީ މަސްވެރިކަމުގައި އުޅުނު ބަޔަކު ބޮޑެތި ޖަނަރޭޓަރ ބަލަހައްޓާ އެއަށް ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލު ކުރާނޭ ގޮތެވެ. ފަހަރުގައި ވެދާނެއެވެ. އަޅުގަނޑަށް ނޭފަތު ކުރިއާއި ހަމައަށް ވިސްނުން ނުގެންގުޅެވެނީ ކަމަށް؟ ދެއްތޯ؟  

Loading

2 Responses

  1. ތިމާމެންގެ ވިސްނުންހުރީބަޔަކުދައްކާހާދަޅަޔަކަހެއްލިކަންނެއްކަމުގެވަބާގައިޖެހި ތިމާއަމިލަޔައް ހަލާކުވެ ދިއުން ބޮޑުހަނގުރާމައިގެ ދުވަސްވަރުގައިވެސް ކާބަފައިން ތިބީ އަނބިދަރިން ނާއެކު އޮނުއޮރިޔާނިވާކޮ ކައިގެންބޮއިގެން އަލިކަންވެސް ލިބިގެން ކާބަފައިންގެ ހަށިގަނޑު ވަރުގަދަވެފަ މާބާރުވެސްގަދަ އަޚުލާގުރަގަޅު ޚުލްގުހެޔޮ އޯގާތެރިކަން ބޮޑު

  2. މަހަށްދާނެ ކަމެއް ނެތް. ދަނޑު ހައްދާނެ ކަމެއްވެސް ނެތް. ވެރިމީހާއަށް ސަލާމްޖަހައިގެން ދައުލަތުގެ ކުންފުންޏަކުން ނޫނީ ސަރުކާރުން ވަޒީފާއެއް ހޯދައިގެން އެއިރަކު އޮންނަ ސަރުކާރަކަށް ސަނާކިޔާލަކިޔާލާ ހުރޭ. ބޭރު މީހުން އައިސް ރާއްޖޭގެ ހުރިހާ ސިނާޢަތެއް ހިފާހުސްކުރަން ދީފާ ހެވިފާތިބޭ! ހަނގުރާމައެއް ފެށި ރަންބިސް އަޅާ ރާބޯ ކުކުޅުވެސް މަރުވެގޮސް ގައުމުގައި ގަރުދިޔަބޯލައި ނޫޅެވޭ ހިސާބަށް ދިޔައިމާ ދެން ލޯ މުދުނަށް އަރުވައިގެން މަގުތަކުގައި ބޮށްތަކެއްހެން ތިބޭށެވެ. ވެރިމީހާ ބޭނުންވިޔަސް ތިމާމެން އިންސާނުންނަށް ވީތީ ދާއޮހުރުވައިގެން ޢާންމުދަނީ ހޯދަން އެބަޖެހެއެވެ. ވެރީން ކުރެވުނު ވައްކަމެއް ކޮށްގެ ވެރިކަން ނިންމާލާނީ މުޅި ޢުމުރަށް އެމީހުނާއި އެމީހުންގެ ޢާއިލާއާއި މިތުރުން އުޅޭވަރަށް ކައްވާލައިގެނެވެ.
    ގެއްލޭނީ ތިބާގެ އެއްކަލަ ކަންނެތްކަމުގެތެރޭގައި އުޅުނު ވަޒީފާގަނޑެވެ. ދެން އަތުންފައިން މަސައްކަތެއް ކޮށްގެން ކައި ބޮއި އުޅޭވޭވަރަށްވުރެ ތިބާ ހުންނާނީ ލޮޑުވެ ވަރުދެރަވެ ސިނކުޑި ގޮވާފައެވެ.
    ހަމަ ތެދެކެވެ. ދިވެހީން ވިސްނާ ފިކުރުކުރަން ވެއްޖެއެވެ. ދަރުވާ އެލަނި ދިވެހި ދައުލަތުގެ ކުންފުނިތަކެވެ. ދައުލަތަކި މަށާއެކު ތިބާވެސްމެއެވެ. ސަރުކާރު މާދަމާވެސް ބަދަލުވެދާނެއެވެ. 7 ފެބްރުއަރިވެސް އައެއް ނޫންހެއްޔެވެ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް