އެމެރިކާއިން ފިއްތުން ކުރިމަތިކޮށްގެން އީރާން އިސްދަށަށް ނުޖެއްސޭނެ

Loading

Facebook
Twitter
WhatsApp

 އީރާނުން ބޭނުން ވަނީ ހުރިހާ ޤައުމަކާއި އެކުގައި އެކުވެރިކަމުގެ ގުޅުމެއް ބާއްވަން ކަމަށާއި އެމެރިކާއިން ވިޔަސް ނުވަތަ އެހެން ޤައުމަކުންވިޔަސް އީރާނުން ކަންތައް ކުރަންޖެހޭނެ ގޮތް ބުނެދީ ބިރުދައްކަން އުޅުމަކުން އީރާނުން އިޖާބަ ނުދޭނެ ކަމަށް އަލަށް އިންތިޚާބު ކުރެވުނު އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅު ވެއްޖެއެވެ.

އެ މަނިކުފާނު ވިދާޅުވީ އީރާނަށް ފިއްތުން ކުރިމަތިކޮށްގެން އިސްދަށަށް ނުޖެއްސޭނެ ކަމަށެވެ.                                                   

މިދިޔަ ހުކުރުދުވަހުގެ އީރާނުގެ ރަސްމީ ނޫސް ތެހެރާން ޓައިމްސްގައި އެ މަނިކުފާނު ލިއުއްވާފައިވެއެވެ. މިއީ ދުނިޔެއަށް އަހަރެންގެ ފުރަތަމަ މެސެޖެވެ. އަހަރެންގެ އިންތިޚާބީ ކެމްޕޭނުގައި ވެފައިވާ ވަޢުދުތައް ފުއްދުމަށް މަސައްކަތް ކުރާނަމަވެ.                                                      

ރައީސް ޕެޒެޝްކިއާންގެ މެސެޖްގައި އެމަނިކުފާނުގެ ޒަޢާމަތުގައި އެންމެބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައިވަނީ އަވަށްޓެރި ގައުމުތަކާއި އެކު ގާތް ގުޅުމެއް އުފެއްދުމަށެވެ. ގައްޒާގައި އިސްރާއީލުން ހިންގަމުންގެންދާ ގަތުލުއާންމު ނިމުމަކަށް ގެނެސް ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް ސިޔާސީގޮތުން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުމުގައި އެއްބައިވަންތަކަން ދެއްކުމަށް ޢަރަބި ގައުމުތަކަށް އެ މަނިކުފާނު ގޮވާލެއްވިއެވެ. އީރާނުން ސަޢޫދީ އެރޭބިޔާއާއި އެކު ހަތް އަހަރުވަންދެން ދެމިގެންދިޔަ ނުތަނަވަސްކަން ނިމުމަކަށް ގެނައުމުގައި ޗައިނާއިން ކޮށްދިން މަސައްކަތަށް ރައީސް ޕެޒެޝްކިއާން ތައުރީފު ކުރައްވައި މަރުޙަބާ ވިދާޅުވެފައި ވެއެވެ.     

ޔޫރަޕުގެ ގިނަ ގައުމުތަކަކާއި އެކު ހީނަރުވެފައިވާ ގުޅުން ގައުމުތަކުގެ ސިޔާސަތަށް އިޙްތިރާމްކުރާ ވެއްޓެއްގައި އަލުން ރަނގަޅު ކުރެވިދާނެ މަގަކަށް ބަލަބަލާ ހުންނެވިކަމަށްވެސް އެ މަނިކުފާނުގެ މެސެޖްގައި ވިދާޅުވެފައި ވެއެވެ.       

2018 ގައި އީރާނުގެ ނިއުކްލިއަރ މައްސަލާގައި އީރާނާއި އެކު އެމެރިކާ އާއި ރަޝިޔާ އާއި ޗައިނާ އަދި އިނގިރޭސިވިލާތު އާއި ފަރަންސޭސި ވިލާތު އާއި ޖަރުމަނުން ވެފައިވާ އެއްބަސްވުމުން އެމެރިކާ އަމިއަލައަށް އެކަހެރިވެ ޔޫރަޕުގެ ގައުމުތަކުންވެސް ވަނީ އީރާނުގައި ނިއުކްލިއަރ ހަތިޔާރު އުފެއްދޭ މިންވަރަށް ޔުރޭނިއަމް ފައްކާކޮށްފައި ހުރި ކަމަށްބުނެ ބަދުނާމު ކޮށްފައެވެ.

 އަދި އެމެރިކާ އާއި ޔޫރަޕް ގުޅިގެން އީރާނާދެކޮޅަށް ފަނާކުރަނިވި އިގްތިސާދީ ހުރަސްތައް ކުރިމަތި ކޮށްފައެވެ. ޔޫރަޕުން އެމެރިކާ އާއި ބައިވެރިވެގެން އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ހުރަސްތަކުގައި އީރާނުގެ ރައްޔިތުންނަށް ކުރިމަތި ވާނެ ނިކަމެތިކަމާއި ދޭތެރޭވެސް ވިސްނާފައި ނެތުމަކީ ހިތާމަކުރައްވާ ކަމެކެވެ.

އެމަނިކުފާނު ވިދާޅުވެފައިވަނީ އީރާނުގެ ދިފާއަށްޓަކައި ކުރަމުންގެންދާ އިންތިޒާމް ތަކުގެ ތެރޭގައި އެއް އިރެއްގައިވެސް ނިއުކްލިއަރ ފަނާކުރަނިވި ހަތިޔާރު މިބަސް ހިމަނާފައި ނުވާނެ ކަމަށެވެ.      

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ ހުޅުވާލާފައިވާ މެސެޖްގައި އެމެރިކާއިން އީރާނުގެ މިލިޓްރީ ކޮމާންޑަރ ޖެނެރަލް ގާސިމް ސުލައިމާނީ ޝަޙީދުކޮށްލުން ކުށްވެރި ކުރައްވާފައި ވެއެވެ. އަދި އެމެރިކާގެ މަގްސަދަކީ މެދުއިރުމަތީގެ ހަމަޖެހުން ނަގާލެވޭނެ ގޮތްތަކަށް ފާރަލުން ކަމަށް ތުޙުމަތު ކުރައްވާފައި ވެއެވެ.            

ރައީސް މަސްއޫދު ޕެޒެޝްކިއާނަށް ކުރިމަތިވެފައިވާ އެންމެ އުނދަގޫ މައްސަލައަކީ ގައުމުގައި އިނދަޖެހިފައިވާ އިގްތިސާދީ މައްސަލަ ޙައްލުކުރުމުވެ.

އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުން އެތަކެއް އަހަރުތަކަށް އީރާނާދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމުގެ ރައްޔިތުން ތިބީ ބަނޑަށްޖެހިފައެވެ. އެޙާލާތުން އަރައިގަތުމަށްޓަކައި އިގްތިސާދީ ދަތިކުރުންތަކަށް ލުޔެއް ލިބުން ބޭނުމެވެ. އެމަކަމު އިސްރާއީލުގެ ފިއްތުންތަކުގެ ކުރިމަތީ ގައި އެމެރިކާ އާއި ޔޫރަޕް އޮތީ ތާށިވެފައެވެ. އިސްރާއީލު ނުރުހޭގޮތަކަށް ޚާއްސަކޮށް އެމެރިކާގެ ސިޔާސަތު ރޭވޭކަށް ނޯންނާއެވެ.                                                             

އީރާނަކީވެސް ވަރުގަދަ އެތައްއެތައް ހަޟާރަތެއްގެ ވެރިކަން ކޮށްފައިވާ ގައުމެކެވެ. ކޮންމެ ކޮންމެ ޙާލަތަކަށް ފަހިވާގޮތަށް ދީއްލާލުމަކީ އީރާނުން ކުރާނެ ކަމެއް ނޫނެވެ. ރައީސް މަސްއޫދު ޕެޒެޝްކިއާން ވިދާޅުވެފައިވާ ފަދައިންނެވެ. އީރާނަށް ފިއްތުން ކުރިމަތިކޮށްގެން އިސްދަށަށް ނުޖެއްސޭނެއެވެ.                       

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް