ބްރަސެލްސްއިން އިއްޔެ ރޮއިޓާސް ޚަބަރުގައި ބުނެފައިވަނީ ޓްރަމްޕުގެ އިޚްތިޔާރީ ނައިބު ރައީސް ސެނެޓަރ ޖޭޑީ ވޭންސް އިއުލާނުކުރެވުމާ ގުޅިގެން މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައި ވެސް ޔޫކްރެއިނަށް އެމެރިކާއިން އެހީވެދިނުމަށް ދެކޮޅު ހައްދަވައި އަދި ޔޫރަޕަކީ ވެސް އެމެރިކާއަށް ބަލަދު އަރާފައިވާ ތަނެއް ނޫންކަން ދޭހަވާ މޭރުމަކުން ޖޭޑީ ވޭންސް ވާހަކަ ދައްކަވާފައިވާތީ ޔޫރަޕުގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސްބޭފުޅުންނަށް ވަރަށް ބޮޑު ސިހުމެއް ލިބި ވަޑައިގެންފި ކަމަށެވެ.
އެންމެ ފުރަތަމަ އެ ވާހަކަތައް ދެކެވިފައިވަނީ މިއުނިކްގައި އޮތް ސެކިއުރިޓީ ކޮންފަރެންސްގައެވެ. އެ ކޮންފަރެންސްގައި ޖަރުމަނުގެ ޗާންސެލަރ އޯލަފް ޝުލްޒުގެ ކޯލިޝަން ގްރީން ޕާރޓީގެ ކޯ-ލީޑަރ ރިކާރޑާ ލަންގް ވެސް ބައިވެރިވިއެވެ.
ސެކިއުރިޓީ ކޮންފަރެންސްގައި ވޭންސް ދެއްކި ވާހަކަތަކަށް ރިއާޔަތްކޮށް ލާންގް އެކްސްގައި ލިޔެފައިވަނީ “ ޑޮނާލްޑް ޓްރަމްޕަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ކިހާ އަވަހަކަށް ރައީސް ޕޫޓިންއަށް ހަދިޔާއަކަށް ޔޫކްރެއިން ދެއްވާފާނެކަން “ ވޭންސްގެ ވާހަކަތަކުން އަންދާޒާ ކުރެވޭ ކަމަށެވެ.
ނޮވެމްބަރު މަހުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޑޮނާލްޑް ޓްރަމްޕުގެ ނައިބު ރައީސަކަށް ވޭންސް އިޚުތިޔާރުކުރުމުން އޭނާ ދެއްވި އިންޒާރުގެ ރަނގަބީލު މުޅި ޔޫރަޕު ކޮންޓިނެންޓްގެ ހަމަހިމޭންކަން މިހާރު ނަގާލައިފިއެވެ. އިޚުތިޔާރީ ނައިބު ރައީސަކަށް ވޭންސްގެ ނަން އިއުލާނުކުރުން ވެގެން ދިޔައީ ޔޫރަޕު އެކުގައި ސިއްސުވައިލި ކަމަކަށެވެ. ރައީސް ޓްރަމްޕާއެކު ނައިބު ރައީސަކަށް ޖޭޑީ ވޭންސް ވައިޓްހައުސްއަށް ވަދެ ވަޑައިގެންފިނަމަ އެއީ ޔޫރަޕަށް ހުރި ނުރައްކަލެއް ކަމުގައި ނޫނީ ނުބެލެވޭނެއެވެ. ޔޫކްރައިނަށް އެހީ ދިނުން ހުއްޓުވާލައި ރައީސް ޕޫޓިން ބޭނުންވާ ގޮތަކަށް ޔޫކްރެއިން ފޮތިފޮތިކޮށްލުމަށްފަހު ސުލްހައިގެ އެއްބަސްވުމެއްގެ މައްޗަށް ހަނގުރާމަހުއްޓުވަން ޔޫކްރެއިނަށް މަޖުބޫރު ކުރުވާނެއެވެ.
ފެބްރުއަރީ މަހުގައި އޮތް ސެކިއުރިޓީ ކޮންފަރެންސްގައި ޖަރުމަން ސޯޝަލް ޑިމޮކްރެޓިކް ޕާރޓީގެ ފަރާތުން ބައިވެރިވި އެޕާރޓީގެ ޚާރިޖީ ސިޔާސަތުގެ ތަރުޖަމާނު ނިލް ޝްމިޑް ބުނެފައިވަނީ އެ ކޮންފަރެންސްގައި ޖޭ. ޑީ ވޭންސް ދެއްކި ވާހަކަތަކުން އޭނާއަކީ ރައީސް ޓްރަމްޕުގެ މައުތު-ޕީސްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
2022 ވަނަ އަހަރު ޓްރަމްޕުގެ އެކުވެރިޔާ ސްޓީވް ބެނަން އާ ވާހަކަދައްކަމުން ވެސް ޖޭޑީ ވޭންސް ބުނެފައިވަނީ ޔޫކްރެއިނަށް ކޮންމެ ގޮތެއްވިޔަސް އެއީ އެމެރިކާ ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އޭރު ރަޝިޔާއިން ހުށަހަޅާފައިވާ ސުލްހައިގެ ޕްލޭނަށް ވެސް އޭނާ ގެންދިޔައީ ވަރަށް ބޮޑަށް ތާއީދުކުރަމުންނެވެ. އެހެންނަމަވެސް ޔޫރަޕުގެ ލީޑަރުންގެ ވިސްނުން ހުރީ އެގޮތަކަށް ނޫނެވެ. ޔޫކްރެއިނަށް އެހީ ފޯރުކޮށްދީގެންނަމަވެސް ރަޝިޔާ ބަލިކުރުމުގެ ވިސްނުމެވެ. ޔޫރަޕުގެ ލީޑަރުން ދެކޭގޮތުގައި ރައީސް ޕޫޓިންގެ ފަރާތުން ބަލާގަނެވިދާނެ ސުލްހައިގެ ޕްލޭނެއް ނުލިބޭނެއެވެ.
ޖޭޑީ ވޭންސްގެ ވާހަކައިގައި އިތުރަށް ބުނެފައިވަނީ ރައީސް ޕޫޓިން އަކީ ޔޫރަޕަށް އޮތް ބިރުވެރިކަމެއް ނޫން ކަމަށާއި އަދި އެމެރިކާއާއި ޔޫރަޕުން ކިތަންމެ ހަތިޔާރަކާއި ފައިސާއެއް ޔޫކްރެއިނަށް ދިން ކަމުގައި ވިޔަސް ޔޫކްރެއިނަށް ރަޝިޔާ ބަލި ނުކުރެވޭނެ ކަމަށެވެ. ޔޫރަޕް ކޮނޑަށްލައިގެން އުފުލުމުގެ ބަދަލުގައި އޭޝިޔާއާއި މެދު އިރުމަތީގެ ކަންތައްތަކުގައި ހަރަކާތްތެރިވުމުގައި އެމެރިކާއަށް މާބޮޑަށް ފައިދާ ކުރާނެއެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި އެމެރިކާގެ ކޮޅަށް ލަންބުވަންޖެހޭ އެތައް ބަޔަކު އެބަ ތިއްބެވެ. ޔޫރަޕުގެ ކަންތަކާ ހޭބޯ ނާރާ އުޅުމަށްވުރެން އޭޝިޔާއާއި މެދުއިރުމަތީގައިހުރި އެބާވަތުގެ ކަންތައް ހަމަޔަކަށް އެޅުވުމުން އެމެރިކާއަށް ފައިދާ ބޮޑުވާނެއެވެ. ޖޭޑީ ވޭންސް އެ ކޮންފަރެންސްގައި ބުނެފައި ވެއެވެ.
މިދިޔަ ހަފުތާގައި ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕާއެކު ބައްދަލު ކުރެއްވި ހަންގޭރީގެ ބޮޑުވަޒީރު ވިކްޓަރ އޯރބަން ޔޫރަޕިއަން ޔޫނިއަންގެ ލީޑަރުންނަށް ފޮނުއްވި ސޓީފުޅެއްގައި ނޮވެމްބަރުގެ އިންތިޚާބު ޓްރަމްޕް ކާމިޔާބު ކުރައްވައިފިނަމަ ޔޫކްރެއިން ހަނގުރާމަ ހުއްޓުވާނެކަން ބަޔާން ކޮށްފައި އޮތުމުން ބްރަސެލްސްގެ ވިސްނުމަށް ބާރުލިބިގެން ދެއެވެ.
ޖޭޑީ ވޭންސް ގެ ނަޒަރުގައި 1991 ވަނައަހަރު ޔޫކްރެއިނުން ބޭނުންވާ ކަމަށް ކަނޑައަޅާ ފައިވާ ޔޫކްރެއިން-ރަޝިޔާ ގުޅޭ ސަރަހައްދަކީ ހުވަފެނެކެވެ. އެކަން ހާސިލެއް ނުކުރެވޭނެއެވެ.
ޔޫރަޕުގެ ކަންކޮޅުތަކުގައި ޖޭޑީ ވޭންސް އާ ދޭތެރޭ ބަހުސް ކުރެވެމުންދާއިރު އެމެރިކާއާއި ޔޫރަޕުގެ ސިޔާސީ ގިނަ ބޭފުޅުންގެ ދުލުކޮޅުގައި މިވަގުތު އޮތް ވާހަކައަކީ “ އެމެރިކާގެ ރިޔާސަތު އަދި ޑޯނާލްޑް ޓްރަމްޕް ކާމިޔާބެއް ނުކުރައްވައެވެ. ހަމަ އެ އާއެކު ރައީސް ބައިޑްންއަށް ރިއާސީ އިންތިޚާބު ގެއްލިގެނެއްވެސް ނުދެއެވެ ”. ޔޫކްރެއިންގެ ސިޔާސީ ބޭފުޅުން އަދި ތިއްބެވީ ޖޭޑީ ވޭންސްއާއެކު ވެސް މަސައްކަތް ކުރަންޖެހިދާނެތީވެ ވަރަށް ހަމަހިމޭނުންނެވެ. މިއަދު ޔޫކްރެއިނަށް އެމެރިކާއާއި ޔޫރަޕުގެ އެހީ ވަރަށް ބޭނުމެވެ. މާދަމާ އެމެރިކާއާއި ޔޫރަޕަށް ޔޫކްރެއިންގެ އެހީވެސް ބޭނުން ވެދާނެއެވެ. ޔޫކްރެއިންގެ ބައެއް ސިޔާސީ ބޭފުޅުން ވިދާޅުވެފައިވެއެވެ.