ކުރީގެ ރައީސް ޔާމީންގެ ޚިޔާނާތުގެ ޑުރާމާ ޝަރިޢަތް

Loading

Facebook
Twitter
WhatsApp

ރައީސް އަބްދުﷲ ޔާމީންގެ ބޭންކް އެކައުންޓްތައް ފްރީޒްކުރީ ގާނޫނާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން މިވަނީ މިދާކަށްދުވަހު ޙުކުމްކޮށްފައެވެ.

އިސްލާމިކް ބޭންކުގައި ކުރީގެ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން އަމުރު ނެރެފައި ވަނިކޮށް، މިދިޔަ އަހަރުގެ މާޗު މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އެކައުންޓްތައް ވަނީ ދޫކޮށްލައިފަ އެވެ. އެއީ ޖިނާއީ އިޖުރައާތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރައާތު ފުރިހަމަ ނުކޮށް، އެ އަމުރު ނެރެފައިވާތީ ކަމަށްވާތީއެވެ. އެ މައްސަލަ ސަރުކާރުން ސުޕުރީމްކޯޓްގައި އިސްތިފުކޮށް ޙުކުމުހަމައަށް އާދެވި ހައިކޯޓުން ކުރިޙުކުމް ރަނގަޅުކަމުގައި ބުނެ އެހުރިހާ އެކައުންޓެއްގެ ތަޅުވެސް ހުޅުވުމަށް މިވަނީ ދިވެހި ދައުލަތުން ފަހުބަސް ބުނެފައެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި ޝަރީއަތުގެގައި ޙުކުމް އިއްވަވަމުން ފަނޑިޔާރު ހުސްނު ސުޢޫދު ވިދާޅުވީ، ޔާމީންގެ އެކައުންޓް ފްރީޒް ކުރަން ފުލުހުން ކްރިމިނަލް ކޯޓުގައި އެދުނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ޔާމީން ހެދި އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރުގެ މައްސަލާގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ފޮނުވި ސަސްޕިޝަސް ޓްރާންސްއެކްޝަން ރިޕޯޓް (އެސްޓީއާރު) އަކާ ގުޅިގެން ކަމަށެވެ. އެކަމަކު އިސްލާމިކް ބޭންކުގައި ހުރި ޔާމީންގެ އަށް އެކައުންޓާ އެސްކްރޯ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރާ ހުރި ގުޅުމެއް ފުލުހުންނަށް ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ވެސް ބުނެދެވިފައިނުވާކަމަށް އެ ޙުކުމުގައި ބަޔާންކުރެވިފައިވެއެވެ. ފަނޑިޔާރު ސުޢޫދު ވިދާޅުވީ އެ އެކައުންޓުތައް ތަޅުއެޅުވުމަށް  އަމުރު ނެރެފައިވަނީ ގާނޫނާ އެއްގޮތަކަށް ކަމަށް ފެނިވަޑައި ނުގަންނަވާކަމަށެވެ.

އަދި އިތުރަށް ވިދާޅުވި ގޮތުގައި އެކައުންޓް ފްރީޒް ކުރަން ފުލުހުން ކޯޓުގައި އެދޭއިރު ތުޙުމަތު ކުރެވޭ އަދަދު ނުވަތަ ލަފާ ކުރެވޭ އަދަދެއް ބުނެދޭން ޖެހޭނޭކަމަށެވެ. މީހެއްގެ ހުރިހާ އެކައުންޓުތަކެއްގައި ހުރި ހުރިހާ ފައިސާއަކީ ތުޙުމަތު ކުރެވޭ ފައިސާ ނަމަ، އެގޮތަށް ގަބޫލު ކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ފުލުހުން ކޯޓަށް ހުށަހަޅަން ޖެހޭނެ ކަމަށާއި އެފަދަ އަމުރަށް އެދެނީ ކޮން ގާނޫނީ ހަމައަކުން ކަން ފުލުހުން ބުނެދޭން ޖެހޭނެ ކަމަށް ވެސް ޙުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވިއެވެ.

އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ކުރި ޙުކުމަށް ސުޕްރީމް ކޯޓުން ތާއީދު ކުރނަމަވެސް، އެ ނިންމުމަށް ހައި ކޯޓުން ވާސިލްވީ ގޯސްކޮށް ކަމަށް ފެނިވަޑައިގަންނަވާ ކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ. ހައި ކޯޓުން ނިންމީ ޔާމީންގެ އެކައުންޓް ފްރީޒްކުރަން އަމުރު ނެރުނީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގައި ބަޔާންކުރާ ޢިޖުރައާތު ފުރިހަމަ ނުކޮށް ކަމަށެވެ. އެއީ އެ މާއްދާގެ ދަށުން އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ހޯދޭނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް ހޯދުމަށް ފަހު ކަމަށް ވެފައި އެފަދަ އަމުރެއް ކުރިން ހޯދާފައި ނެތުމުންނެވެ.

އެކަމަކު ސުޕްރީމް ކޯޓުގެ ޙުކުމުގައިވަނީ ބޭންކިން ގާނޫނުގެ ދަށުން ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި ޕްރޮސެކިއުޓާ ޖެނެރަލް ބޭންކްތަކުން ހޯދާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް އެކައުންޓް ފްރީޒް ކުރަން އެދޭ ނަމަ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރެއް އޮތުން ލާޒިމްނުވާނެ ކަމަށެވެ. އަދި އެ ނޫން ޙާލަތްތަކުގައި އެކައުންޓް މޮނީޓާ ކުރުމުގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި އޮންނަނީ އެކަށީގެންވާހެކި ހުރެގެންނޫނީ އެކައުންޓްތައް ފްރީޒް ކުރުމުގެ އަމުރެއް ނުދިނުމަށް ކަމަށް ބަޔާންކުރެވިފައިވެއެވެ.

ސީދާ ބޭންކަށް ލިޔެގެން ހޯދާ މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ޖިނާއީ އިޖްރައާތުގެ ގާނޫނުގެ 73 ވަނަ މާއްދާއަށް ބިނާކޮށް މީހެއްގެ ބޭންކް އެކައުންޓް ފްރީޒްކުރަން އެދުމުގެ ބާރު ޖިނާއީ ކުށް ތަޙުގީގު ކުރުމުގެ ގާނޫނީ ބާރު ލިބިފައިވާ ފަރާތްތަކަށާއި ޕްރޮސެކިއުޓާ ޖެނެރަލަށް ލިބިދެއެވެ.

އެކަންކަން ފާހަގަކުރަށްވައި، ސުޕްރީމް ކޯޓުގެ ޙުކުމުގައިވަނީ ޔާމީންގެ އެކައުންޓްތައް ދޫކޮށްލަން ހައި ކޯޓުން ނިންމި ނިންމުން ބިނާކުރި ސަބަބު ގޯސް ކަމަށެވެ. އެކަމަކު އެކައުންޓް ފްރީޒްކުރި ސަބަބާއި އެކައުންޓްތަކާ ހުރި ގުޅުން ފުލުހުން ބުނެދެވިފައި ނުވާތީ އެ އަމުރުތައް ދޫކޮށްލަން ހައި ކޯޓުން ކުރި ހުކުމް ރަނގަޅު ކަމަށް ވެސް އެޙުކުމުގައިވެއެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސުއޫދެވެ. މި ތިންބޭފުޅުންނަކީވެސް އެމްޑީޕީ އިން ފަނޑިޔާރުގެ އިސްލާޙުކުރުމަށްބުނެ މިދައުރުގައި ގެނައި ބަދަލާއިއެކު އެ އިސްލާޙި ފިޔަވަޅުގެ ދަށުން އިސްކުރެއްވި ފަނޑިޔާރުންވެސްމެއެވެ. ވީމާ މި ތިންފަނޑިޔާރުންގެ މިނިންމުމަށް މާބޮޑު އަޑުގަދަކުރުމެއް މީޑިއާއަކުން އަދި ފެނިގެނެއްނުދެއެވެ.

ގިނަބަޔަކަށް މިހާރު ގަބޫލުކުރެވޭ ގޮތުގައި ޔާމީނު ޝަރިޢަތަކީ ސީދާ ސިޔާސީ މަންފާއެއް ހޯދުމަށް މިހާރުގެ ސަރުކާރުން ކުޅޭ ޑުރާމާ އެޕިސޯޑުންބައެކެވެ. އެގޮތުން ޔާމީނު ސަރުކާރުގެ ބުރޯ އާއި އެކުވެސް ސަރުކާރުން މިވަނީ ”ޑީލް“ އެއް ހައްދަވާފައެވެ. އަދި އޭގެ އިތުރަށް އެމްޑީޕީގެ މަޖިލިސް މެމްބަރު އަދި މަޖިލިސްގެ ނައިބުރައީސް އީވާ އަށް ކަނޑައެޅިގެން އެބޮޑު ވައްކަމުގައި ބައިވެރިވި އެމްޑީޕީގެ ބައެއްގިނަ މެމްބަރުން އެނގޭކަމަށް ވަރަށް ޖަޒުބާތާއި ފައުޅުގައި މަޖިލިސްގައި ބުނެފައިވާއިރުވެސް އެކަމަނާއާއި ސަރުކާރުން އެއްވެސް ސުވާލެއްކޮށް ދައުލަތުން ގެއްލުނު މިބޮޑު ޚިޔާނާތުގެ ފައިސާ ހޯދުމަށް އެއްވެސް ފިޔަވަޅެއް ނޭޅެނީ ވަކިމީހެއް ނުވަތަ ވަކިބައެއްގެ ފަހަތުން ދިއުމުގެ ޙަގީގީ ނިޔަތް އޮތުމުންކަމުގައި ބެލެވެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީން މިހާރު ގެންދަވަނީ ފަސް އަހަރުގެ ޖަލު ޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ޙުކުމް އިސްތިއުނާފު ކުރަން ޔާމީނުގެ ފަރާތްޕުޅުން ހައި ކޯޓަށް ހުށަހެޅުއްވި މައްސަލަވެސް މިހާރު އޮތީ ޙުކުމް އިއްވުމުގެ ގާތުގައެވެ. ހެއްކާގަރީނާ ނެތި ޝަރިޢަތްތައް ހިންގައި ކޯޓުތަކުން އެބަޔަކު ބޭނުންވާގޮތަށް ޙުކުމްތައް ނެރުމުގެ ސަގާފަތް ނެތިކޮށްލަންޖެހެއެވެ. އެގޮތަށް ދަޢުވާކޮށް ޝަރިޢަތްތަކުގެ ޙުކުމް ބޭނުންވާހާގޮތަކަށް ނުނެރެވުމުން ދައުލަތުގެ ފަނޑިޔާރުންނަށް ބެވުމާއި އެބޭފުޅުންގެ އަބުރު ކަތިލުންވެސް ނިމުމަކަށް ގެންނަންޖެހެއެވެ.

 

Loading

One Response

  1. ޔާމީނު ނޫނީ މިގައުމުގައި ވައްކަންކުރި ސިޔާސީ މީހަކު ނެތެވެ. ބުރޯވެސް ޑީލް ހެދުމުން އޭނައަށް އޮކުސިޖަންއާއި ނޫޅެވޭވަރަށް ބަލިވެ ގޭގައި އޮކްސިޖަން މެޝިން ބޭނުންކޮށްގެން ނެށުމަށް ގެއަށް އެވަނީ ބަދަލުކޮށްފައެވެ. ދެން އެ އޮކްސިޖަން މެޝިނު ބޭނުންކޮށްގެންވެސް ރަނގަޅުނުވާތީ ބޭސްފަރުވާއަށް އިންޑިއާއަށް އާސަންދައިގެ ދަށުންފޮނުވަން ޖެހެނީއެވެ. އެފަކީރުވަރަށް ބަލިވީއެވެ. ރައީސް ނަޝީދު ޕޕއެމް ގައި އެޅުވިފަނި ރައްޔަތުންގެ ދައުލަތަށް 30 ބިލިއަނުން ވައްކަން ކޮށްފައިވަނިކޮށް ސަރުކާރާ ހެދި ޑީލްގެ ދަށުން ކިހާމޮޅުހެއްޔެވެ. ކާލީ ރައްޔަތުންގެ ޚަޒާނާއެވެ. ޑީލް ހެދީ އެވައްކަމުގެ ފައިދާލިބިގެން ތިބި ބޮޑުންގެ ސަރުކާރުންނެވެ. މިސަރުކާރުގައި ގިނައީ އެވައްކަމުން ބައިއަޅާފަ ތިބި ބޮޑުންނެވެ. އީވާ ޢަބުދުﷲ ވިދާޅުވާގޮތުން އެމީހުން ގިނައީ އެމްޑީޕީގައެވެ. ނަންތައްވެސް އެނގޭމެއެވެ. ނަމަވެސް ތަޙުގީގެއް ހިންގޭކަށްނެތެވެ. ކޮންނަންފަށައިފިނަމަ އުދަލީގެ ދަނޑިބިދޭނީކަން ޔަގީންވާތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް