ސެޓަލައިޓެއް ލޯންޗް ކުރުމަށާ ޗާގޯސް މައްސަލައިގައި އިންޑިޔާއިން މޮރިޝަސްއަށް އެހީވަނީ

Loading

Facebook
Twitter
WhatsApp

މޮރިޝަސް އިން ސެޓަލައިޓެއް ލޯންޗް ކުރުމަށް އެހީވާނެކަން އިންޑިޔާއިން އިއުލާން ކޮށްފިއެވެ. މިކަން އިއުލާން ކޮށްފައިވަނީ އިންޑިޔާގެ އެކްސްޓަރނަލް އެފެއާސް މިނިސްޓަރ ޑޮކްޓަރ އެސް ޖައިޝަންކަރު އެގައުމަށް ކުރެއްވި ދަތުރު ފުޅެއްގައެވެ. މިޕްރޮޖެކްޓްގެ ޕްލޭނިންގ ޑޮކިއުމަންޓް ގައި މިހާރު އިންޑިޔާގެ ސްޕޭސް ރިސަރޗް އޯގަނައިޒޭޝަން (އައި.އެސް.އާރު.އޯ) އާއި މޮރިޝަސްގެ ސްޕޭސްއާބެހޭ އިދާރާ އާއި ދެމެދު ސޮއިކޮށްފައިވާކަން ވެސް ވަނީ ހާމަ ވެފައެވެ.

މިކަން ވަނީ މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖުގްނޯތުވެސް   ކަށަވަރު ކޮށްދެއްވާފައެވެ.

އައު ސެޓަލައިޓްގެ މަސައްކަތް ފަށައިގަތުމުން އެއްގަމާ ކަނޑުގެ ސަރަހައްދުތައް މޮނިޓަރކޮށް ބެލެހެއްޓުމަށް ބޭނުންވާ ޑޭޓާ އަދި ފޮޓޯ އާއި މަންޒަރު ފޮނުވާދޭނެއެވެ. ޖުގްނޯތު ވިދާޅުވި ގޮތުގައި މިޖައްވީ ޕްރޮޖެކްޓްގެ މައިގަޑު މަގްސަދަކީ އިންޑިޔާ އާއި މޮރިޝަސް ހިމެނޭ ސަރަހައްދުގެ މުހިންމު ޖައްވީ ޑޭޓާ ހިއްސާ ކުރުން ކަމުގައެވެ.

އިންޑިޔާ އާއި މޮރިޝަސް އާއި ދެމެދު ސްޕޭސް ޕޯޓަލް އެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ދާކަމަށް ޚަބަރުލިބެއެވެ. ޖައްވީ ކެޕޭސިޓީ އިތުރު ކުރުމަށް އެހީތެރި ވެދޭނެ ކަން އިންޑިޔާއިން މޮރިޝަސްގެ އިތުރުން ބޫޓާން އަށްވެސް ވަނީ އަންގާފައެވެ.

ޑޮކްޓަރ ޖައިޝަންކަރު މޮރިޝަސް އަށް ކުރެއްވި ދަތުރު ފުޅުގައި އިންޑިޔާއިން އެހީވާނެ 12 ޕްރޮޖެކްޓެއް ވަރޗުއަލްކޮން ވަނީ އިފްތިތާހް ކޮށް ދެއްވާފައެވެ. މީގެ ތެރޭގައި ތައުލީމީ، ސިއްހީ ،ސްޕޯޓްސް އަދި ޕަބްލިކް އެމްނިޓީ ޕްރޮޖެކްޓައް ހިމެނެއެވެ. އަދި ކުރިޔަށް އޮތް 2މަސް ދުވަހުގެ ތެރޭގައި އެހީގެ އިތުރު 8 މަޝްރޫއު އިފްތިތާހް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޑޮކްޓަރ ޖައިޝަންކަރު މިދަތުރު ފުޅުގައިވަނީ އެގައުމުގައި މިހާރު ބިނާ ކުރަމުންދާ ސިވިލްސަރވިސް ކޮލެޖް ގެ ސައިޓަށްވެސް ޒިޔާރަތް ކުރައްވާ އެތާ މަސައްކަތް ކުރަމުންދާ އިންޑިޔާގެ މަސައްކަތް ތެރިންނަށް ތައުރީފް ކުރައްވާފައެވެ.

މިކަންކަމުގެ އިތުރުން ޑޮކްޓަރ ޖައިޝަންކަރު މިދަތުރު ފުޅުގައި ވަނީ ޗާގޯސް މައްސަލައިގައި އިންޑިޔާއިން މޮރިޝަސް އަށް އެއްބާރުލުން ދޭނެ ކަން ތަކުރާރު ކުރައްވާފައެވެ. ”ސޮވްރެންޓީ އެންޑް ޓެރިޓޯރިއަލް އިންޓެގްރިޓީ އޮފް ނޭޝަންސް“ މި ޕްރިންސިޕަލްގެ ދަށުން ޗާގޯސް މައްސަލައިގައި މޮރިޝަސް އަށް އިންޑިޔާއަށް އެއްބާރުލުން ދެމުން އަންނަ އައުން އެގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަން އަދިވެސް އެއްފަހަރު ދެއްވާ ކަމަށް ޑޮކްޓަރ ޖައިޝަންކަރު ވިދާޅުވެފައި ވެއެވެ.

ޗާގޯސް އާކިފެލެގޯ މިވަގުތު އޮތީ އިގިރޭސީންގެ ދަށުގައެވެ. ނަމަވެސް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް(އައިސީޖޭ) އަދި އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮދަލޯ އޮފް ދަ ސީސް(އިޓްލޮސް) އިންނިންމާފައިވަނީ އިގިރޭސި ސަރުކާރުން އެތަން މޮރިޝަސް އަށް އަނބުރާ ރައްދު ކުރަން ޖެހޭ ކަމަށެވެ.

ޗާގޯސް އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ ބޮޑު ސަރަހައްދެއް ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން އާއި ފުށު އަރައެވެ.ނަމަވެސް ޗާގޯސްގެ މިލްކުވެރިކަން ހޯދުމަށް މޮރިޝަސްއިން ކުރަމުންދާ މަސައްކަތުގައި ރާއްޖެއިން މޮރިޝަސް އަށް އެއްބާރުލުން ދެއްވާނެ ކަމަށް 2022 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، ޕްރަވިންދު ކުމާރު ޖުގްނޯތު އަށް ފޮނުއްވި ސިޓީ ފުޅެއްގައި ވިދާޅުވެފައިވާ ކަމަށް ބޭރުގެ މީޑިޔާ ރިޕޯޓް ތަކުގައި ބުނެފައިވެއެވެ. މިފަދަ ސިޓީ ފުޅެއް ފޮނުއްވިކަން އެނގުނު ނަމަވެސް ސަރުކާރުން މި ސިޓީ ދިވެހި މީޑިޔާ އަށް ހާމަ ކޮށްފައެއް ނުވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް