''ފެނަަކައިގެ 60 ޕްރޮޖެކްޓެއް ނުނިމެނީސް, ބަޖެޓުކުރި ފައިސާ ހުސްކޮށްލި''

Loading

Facebook
Twitter
WhatsApp

ފެނަަކަ ކޯޕަރޭޝަން ލިމިޓެޑުން ހިންގި 60 ޕްރޮޖެކްޓެއްގެ މަސައްކަތްތައް ނުނިމެނީސް, އެ ޕްރޮޖެކްޓްތަކަށް ބަޖެޓުކުރި ފައިސާ ހުސްކޮށްލާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވެއްޖެއެވެ.

ޝާމިލް މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މިއަދު ބޭއްވި ބައްދަލުވުމުގައި, ފެނަކައިން އިން-ހައުސްކޮށް ހިންގި ޕްރޮޖެކްޓްތަކަކާ ގުޅޭ ގޮތުން އޭސީސީން ތަހުގީގުކުރަމުންދާ މައްސަލައިގެ ތަފުސީލުތައް ހިއްސާކޮށްދިނުމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ޙުސައިން އެދިވަޑައިގަތުމުންނެވެ.

މެމްބަރު އިބްރާހިމް ޙުސައިން ވިދާޅުވީ ފެނަކައިން 60 ޕްރޮޖެކްޓް އިއުލާންކޮށް, ބަޖެޓުކުރި ކަމަށާއި އޭގެ ތެރެއިން 14 މަޝްރޫއު ނިމުނު ނަމަވެސް ބަޖެޓުކުރި ހުރިހާ ފައިސާ ޚަރަދުކޮށް ހުސްކޮށްލި ކަމަށެވެ.

އެހެންކަމުން އެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއި ގިނަ މަޝްރޫއުތައް ނުނިމި ހުއްޓައި ބަޖެޓު ހުސްވީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވިއެވެ.

އެގޮތުން ޝާމިލް ވިދާޅުވީ އޭސީސީއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެފަދަ މައްސަލައެއް ބަލަމުން ދަނިކޮށް, ކާކުކަން ނޭނގޭ މީހެއްގެ ފަރާތުން އިތުރު މައްސަލައެއްގެ ގޮތުގައި ފެނަކައިގެ 60 ޕްރޮޖެކްޓަކާ ގުޅޭ ގޮތުން މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލަ ބަލައި ޕްރެލިމިނަރީ އެސެސްމަންޓު ނިމިފައިވާ ކަމަށް ވެސް ޝާމިލް ވިދާޅުވިއެވެ.

މިހާރު ބަލަމުން އަންނަނީ މާލީ އިތުރު މަންފާ ލިބުނު މީހުން ބަލައި ނުހައްގު މުއްސަނދިކަން ހޯދި ގޮތް ކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ މި ކަމުގައި ޝާމިލުވާ މީހުންނަށް ނުހައްގުން މުއްސަނދިކަން ލިބިފައިވޭތޯއާއި އަދި އެއީ ކޮން ކަހަލަ މުއްސަނދިކަމެއްތޯއާއި ވަކި ކަހަލަ ކުންފުނިތަކެއް ބޭނުންކޮށްގެން ފައިދާ ލިބިގަނެފައިވޭތޯ ޖިނާއީ މިންގަނޑުތަކުގެ ތެރެއިން ދެނެގަނެވޭނީ އެ މަސައްކަތަށް ފަހުކަމަށެވެ.

ޝާމިލް ވިދާޅުވި ގޮތުން އޭސީސީއިން މި މައްސަލައިގެ ތަހުގީގު ބައްޓަން ކުރަމުން އަންނަނީ ފަސް ކުށެއްގެ ނިސްބަތުންނެވެ. އެއީ މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ހޯދައިދިނުމާއި މަގާމުގެ ބޭނުންކޮށްގެން ނުހައްގު މަންފާ ލިބިގަތުމާއި ޚިޔާނާތާއި ރިޝްވަތާއި ނުހައްގު މުއްސަނދިކަމެވެ.

މިފަދަ މައްސަލަތަކުގައި ދިމާވާ ހުރަހެއްގެ ގޮތުގައި ޝާމިލް ވަނީ ބޭންކުތަކުން ހޯދަންޖެހޭ މައުލޫމާތު ލިބުމުގައި ހުރި ދަތިތައް ފާހަގަކުރައްވައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް