އިޚްލާސްތެރި ނިޔަތެއްގައި މަސައްކަތްކުރައްވާ!

Loading

Facebook
Twitter
WhatsApp

ރާއްޖޭގައި މަސްތުވާ ތަކެތީގެ ޝިކާރައައް ނުވާ މަދު ޢާއިލާއެއް މެނުވީ ނެތްކަން ގަބޫލު ކުރައްވާށެވެ. މިކަމަކީ، މާޟީވެދިޔަ ސަރުކާރުތަކުން ޒިންމާ ނަންގަވަން ޖެހޭނެކަމެކެވެ. ނިމިދިޔަ ސަރުކާރުތަކުގެ އިހުމާލުއޮތް ގައުމީ ބޮޑުމައްސަލައެކެވެ. މިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގެ މުގުލުގައި ތިއްބަވާ ބޮހުންގެ ސަބަބުންނާ، ގާނޫނީ ބާރު ނުހިނގުމުގެ ސަބަބުން މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ހައްތަހާވަނީ ގިނައެވެ. މުޅި ޒުވާން ޖީލެއް ފަނާކުރަމުންދާ ބަދަވީންގެ އަތްދަށުން، ޒުވާޏުން ސަލާމަތް ނުކުރުމުގެ ޒިންމާ، ސަރުކާރުގެ ކަމާއިބެހޭ، ފަރާތްތަކުން ނަންގަވަން ޖެހޭނެއެވެ. މިހެން މިބުނެވެން އޮތީ ހަމަ ކޮންމެ ސަރުކާރަކީވެސް ރައްޔަތުންގެ ޓެކްސް ފައިސާއިން ބޮޑު ނުސަކާވަރު ޑެފިސިޓު ބަޖެޓެއް ދީގެން ގާނޫނުން ކަނޑައެޅިފައިވާ ވަކިމުއްދަތަކަށް ދައުލަތް ހިންގަން ޙަވާލުކުރެވޭ ޚާދިމުންތަކެއް އެކުލެވޭ އެއްޗަކަށް ވާތީއެވެ. ދައުލަތުގެ އެންމެބޮޑު ރައުސުލްމާލަކީ ދިވެހި ޒުވާން ޖީލުކަމުގައި މިބައިމީހުންވެސް ބުނަމުންގެންދާތީ މާތްﷲ ގަންދީ ހުވައެއްކޮށްގެން ސަރުކާރާ ޙަވާލުވާތީއެވެ. އެހެނަސް އަބަދުމެ މިފެންނަނީ  އެޒުނާން ޖީލު އަޅާ ޖަލުތައް ފުރެމުންދާތަނެވެ.

ޖަލުތައް ފުރެމުން އެދަނީ މަސްތުވާ ތަކެތީގެ ވިޔަފާރި ހިންގާ ބޮޑުން އުފައްދާ ޒުވާނުން ޖަލުތަކަށް ލަމުންގޮހެވެ. މީގެ ސަބަބުން މުޖުތަމަޢުވެދަނީ ފަސާދައެވެ. މިއަދު 10 މީހުން އަތުލައިގެންފިނަމަ، މުޅިން އާ 10 ޒުވާނުން އެދަލުގައި ދަނީ ޖައްސަމުންނެވެ. ނިމުމެއްނުވާ، މި މަސައްކަތަކީ އިޚްލާސްތެރި ނިޔަތެއް އޮވެގެން ކުރާ މަސައްކަތެއްނަމަ، މިވަބާއިން މިކުޑަކުޑަ ގައުމު ސަލާމަތް ކުރެވޭނެއެވެ. ގާނޫނުތަންފީޒުކުރައްވާ އެންމެހައި އިދާރާތައް ފެއިލްވެ މިކަމުގައި ރާއްޖެ ނާކާމިޔާބު ވެފައި މިވަނީ އަސްލު ޑީލަރު ހުރިގޮތަށް ބަހައްޓާ، ދަށުން މަސައްކަތްކުރާ ގުރޫޕު ހައްޔަރު ކުރެވޭތީއެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ބޮޑެތި ކުއްވެރިންނެއް ނޫނެބުނެވިދާނެއެވެ. އެބައި މީހުންނަކީ އެމުސީބާތުގެ ސަބަބުން ނަފުސާނީގޮތުން ބަލި ބައެކެވެ. ޖަލުތަކަށްލައި ލާއިންސާނީ އަނިޔާ ހަބޭހަށް ކުރުމުގެ ބަދަލުގައި އެބައިމީހުންނަށް ބޭނުންވަނީ ފަރުވާ އާއި ލޯތްބާ އަޅާލުން ކަމުގައި ދެކެމެވެ.

ލޮބުވެތި ރައްޔިތުންނޭ ކެންސަރު ޖެހޭ ހިސާބު ކަނޑާ ބުރިކޮށް ނެގުމުންވެސް ދުވަސްކޮޅެއް ވަންދެން ދުނިޔޭގައި ހުރެދެއެވެ. ބިޔަގަހެއް މަރާލާނަމަ، މޫތަކަށްދާންދެން ނަގާސާފު ކުރަންޖެހޭނެއެވެ. ނޫންނަމަ، އަލުން ކުރިފަޅާ އިހުވަރު އަރައިގެން ދާނެއެވެ.

ދިވެހި ފުލުހުން ކުރާމަސައްކަތަކީ ބޭކާރު މަސައްކަތްތަކޭ ބުނަންދެރަވެއެވެ. އެހެނަސް ނަތީޖާ ދައްކާގޮތުން ބުނެވެން އޮތީ މިހެންނެވެ. އެއީ ގާނޫނުގެ ދިގުއަތް، ވަކިބަޔަކާ ދިމާލަށް ނުފޯރުވާ ހިންގޭ އޮޕަރޭޝަނެކެވެ. ގާނޫނުގެ މަތީގައި މިރާއްޖޭގެ އިސްބަޔަކު ތިބެގެން މިގައުމުގެ ޒުވާނުން ހަލާކުކޮށް ގައުމުގެ އިޖްތިމާޢީ ވަހުދަތު ނެތިކޮށްލުމުގެޒިންމާ ދަޢުލަތް ހިންގުމާ ޙަވާލުވެތިބި ސަރުކާރުގެ ކޮންމެވެސް ހިސާބަކުން އެޒިންމާ ނަންގަވަން ޖެހޭނެއެވެ.

ޒުވާނުން މަސްތުވާތަކެތި ބޭނުންކުރަނީ ބަޔަކު އެތަކެތި ރާއްޖެއަށް އެތެރެ ކުރާތީއެވެ. މިކަންކަން ކުރާއެންމެހައި ފަރާތްތައް ރާއްޖޭގެ ޖާސޫސީ އިދާރާތަކަށް އެގެންޖެހޭނެއެވެ. ބުނެވޭ ގޮތުގައި ބޮޑުތަނުން އެނގޭމެއެވެ. އަދި މިޔާފާރި ކުރާ ފަރާތްތަކުގެ މައްޗަށް ފިޔަވަޅު އެޅެން ޖެހޭނެއެވެ. ނަމަވެސް ހިތާމައަކީ ޖަލަށް ލެވެނީ އެނަހަލާލު ވިޔާފާރިވެރިންގެ ދަލުގައިޖެހި ޕީސްއެއް ބޯލުމަށް ހޯދާ ޒުވާނާއެވެ. އެފަދަ ޒުވާނުން ގިނަވެ މުޖުތަމައު ފަސާދަވެގެން ދާއިރު މިކަންކަމުގެ މުގުލުގައިތިބި ޚާއިނުން ޢިއްޒަތުގައި ތިބެވިގެން ނުވާނެއެވެ. ޢިއްޒަތުގައި ތިބުމުގެ ފުރުޞަތު ކަމާއި ބެހޭ އިދާރާތަކުން ދެވިގެން ނުވާނެއެވެ. ޒުވާނުންނަކީ ގައުމުގެ ކުރިމަގުކަމާއި ގައުމުގެ އެންމެބޮޑު ރައުސުލްމާލުކަމުގައި ބުނެގޮވައެވެ. ގައުމު އުފައްދަންތިބި ގައުމީ ބަޠަލުންނޭވެސް ބުނެތެވެ. ވަކި ބައެއްގެ ސިޔާސީ ބޭނުން ފުއްދުމަށް ނުވަތަ ބޮޑުންގެ ހިޔާވެހިކަމުގެ ދަށުން ޙިމާޔަތްލިބި އެޚާއިނުންގެ  އުފަލައްޓަކާ ގައުމު ހަލާކުވެދިއުމަށް ކަމާއިބެހޭ އިދާރާތަކުން ފުރުޞަތުދީގެން ދެވިގެން ނުވާނެއެވެ.

މަސްތުވާތަކެތި ވިއްކާމީހުންނަކީ އަސްލުވެސް ނައްތާލަންޖެހޭ ބައެކެވެ. ސިންގަޕޯރ ނުވަތަ މަލޭސިއާ އަށްވުރެ މިގައުމުގެ އިޖްތިމާއީ ކަންތައްތައް ބެހެލެއްޓުމަށް ސަރުކާރުން މިކަންކަމަށް އިސްކޮށްފައިވާ ފަރާތްތަކަށް މިކަންކަން ޙައްލުކުރަން މާފަސޭހަވާނެކަން ޔަގީނެވެ. އެހެނަސް ގައުމަށް ޖެހިފައިމިވާ ކެންސަރަކީ ޒަމާންތަކެއްވަންދެން ދިގުދެމިގެން ގޮސްފައިވާ ބޮޑު ކާރިސާއަކަށްވާތީ ނުގުޑާފަދަ ގައުމީ ލޯތްބަކާއި  ޢަޒުމެއްނެތި އެދެވޭނަތީޖާއެއް ނުނެރެވޭނެކަން މިހާރު އެނގި ޔަގީންވެއްޖެއެވެ. އެހެނަސް އިންސާނީ ކަރާމާތާއި ގާނޫނުތަކަށް އެކަމާއި ޙަވާލުކުރެވިފައިވާ ފަރާތްތަކުން އިޙްތިރާމްކޮށް ހެޔޮ ނިޔަތުގައި އިޚްލާސްތެރި ކަމާއެކު މަސައްކަތް ނުކުރާނަމަ، މިގައުމުގެ ކުރިމަގަށް އެޅިފައިވާ އުފާވެރި ކުރިއެރުން ބިލާހަކަށްވެ ނިމިދާނޭކަން ކަށަވަރެވެ.

ގިނައަދަދެއްގެ ބަޔަކު ޖަލުގައި ތިބިއިރު މިކަންކަމުގެ މޭސްތިރިން ތިއްބެވީ އެބައިމީހުން ހިންގާ ޖަރީމާތައް ތާޒާކަމާއެކު ކުރިއަށް ގެންދިއުމުގައި އަވަދިނެތި އެބައިމީހުންގެ އެއަރކޮން ކިއްލާތަކުގައެވެ. އެތަކެއް ޒުވާނުން ތިބީ ޚަރާބުގެހާލަތުގައި މިބުނި ޖަލުތަކުގައެވެ.

މިގައުމުގެ ކުރިމަގު އުޖާލާ ކުރުމަށްޓަކާ މަސައްކަތް ކުރަންތިބި ޒުވާނުންދަނީ އަނިޔާއާއި ވޭން ތަޙައްމަލު ކުރަމުންނެވެ. މައިންބަފައިން ދަނީ ކަރުނައޮއްސަމުންނެވެ. ގައުމު ހަރުއަޑުން ރޮނީއެވެ. ވައްކަމާއި ކޮރަޕްޝަނާ، މަސްތުވާތަކެތީގެ ވަބާގައި ޒުވާނުން ޖައްސުވާ ވަކިބަޔަކު ދަނީ ލައްޒަތު ޙާޞިލްކުރަމުންކަން ޝައްކެއްވެސް ނެތެވެ.

ގައުމުގެ ޢިޖްތިމާއި ފޭރާންވީދި ހަސްފަސްނެތި ހިގައްޖެއެވެ. ރާއްޖޭގައި ތަފާތު ފިކުރުތަކަށް ތަބަޢަވާ ޒުވާނުންނާ ހަރުމީހުންގެ މެދުގައި ފިތުނަ އުފައްދަނީ، ދީނީ އިލްމުވެރިންކަމަށް ދައުވާކުރާ ބަޔަކާއި ސިޔާސީ ހަރުކަށިފިކުރުގެ އަހުލުވެރިންނެވެ. ކަންމިހެން ހުރުމާއެކު އިޚްލާސްތެރިކަމާއި އެކު ޤައުމު އާރާސްތުކުރަން މަސައްކަތްކުރާނެ އިޚްލާސްތެރި އިތުރު ޖަމާޢަތްތަކެއް އުފައްދަންޖެހިފައިވެއެވެ.

ރައީސުލް ޖުމްހޫރިއްޔާއަށް އިލްތިމާސްކޮށް މިދަންނަވަނީ ގާނޫނީ ޙުކޫމަތް މޫނަކަށް ކަނދުރާއަކަށް ނުބައްލަވައި މާތްﷲގަންދީ ކުރައްވައިގެން ހުންނެވި ހުވަޔާއި އެއްގޮތަށް މިގައުމު ހިންގަވައި ދެއްވުމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް