ބިލިއަނަރ ޖޯން ޑޭވިސަން ރޮކްފެލަރގެ ހަޔާތުން ކުރު ޚުލާސާއެއް

Loading

Facebook
Twitter
WhatsApp

ކޮންމެ އިންސާނެއްގެ ދިރިއުޅުމުގައި ވެސް ޚާއްސަ ކަންތައްތަކެއް އެކުލެވިފައިވާނެއެވެ. ބައެއް މީހުންނަކީ އޭނާގެ މަގުސަދުގައި ކާމިޔާބު މީހެއްކަމަށް ބެލެވޭއިރު, ބައެއްމީހުންގެ ކާމިޔާބީ އެ މިންގަނޑުން ނުބެލިދާނެއެވެ.

ޖޯން ޑެވިސަން ރޮކްފެލަރ އުފަންވީ 1839 ވަނައަހަރު ޖުލައި 8 ވަނަ ދުވަހުއެވެ. އުމުރުން 97 އަހަރުގައި މި ދުނިޔެއަށް ދާއިމަށް އަލްވަދާއު ކިޔަންޖެހުނީ 1937 ވަނައަހަރު މެއިމަހުގެ 23 ގައެވެ.

ރޮކްފެލަރ ގެ އުމުރުން 16 އަހަރުގައި ފިހާރައެއްގެ ސޭޓެއްގެ ( ބުކް ކީޕަރެއްގެ ) ވަޒީފާ އަދާކުރަން ފެށިއެވެ. އުމުރުން 20 އަހަރުގައި ތެލުގެ ވިޔަފާރީގެ ތެރެއަށް ވަދެ 1870 ގައި 41 އިންވެސްޓަރުންނާއެކު 70 މިލިއަން ޑޮލަރުގެ އަގުހުރި ޓްރަސްޓެއްގެ ގޮތުގައި ސްޓޭންޑަރޑް އޮއިލް ކޮމްޕެނީ އުފެއްދިއެވެ.

އެ ދުވަސްވަރަކީ ކަނޑުދަތުރުކުރާ އުޅަނދުފަހަރު ބޭނުންކުރަމުން ގެންދިޔަ ސްޓީމް އިންޖީނު ތެލުން ހިންގާ އިންޖީނަށް ބަދަލުވަމުން ދިޔަ ދުވަސްވަރެވެ. ނަތީޖާއަކަށް ވެގެން ދިޔައީ ސްޓޭންޑަރޑް އޮއިލް ކޮމްޕެނީއަށް މުއްސަނދިވުމުގެ ހުރިހާ ފުރުސަތެއް ތަންމިނަށް ހުޅުވިގެން ދިއުމެވެ.

ރޮކްފެލަރގެ އުމުރުން 25 އަހަރުގައި އެމެރިކާގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް އޭނާގެ ނުފޫޒު އޮތީ އިންތިހާއަށް ފޯރާފައެވެ. އުމުރުން 31 އަހަރުގައި އެމެރިކާގެ އެންމެ ބޮޑު ތެޔޮ ސާފުކުރާ ކާރުޚާނާ އޭނާގެ ބާރުގެ ދަށަށް ގެނެވިއްޖެއެވެ. އަދި އުމުރުން 38 އަހަރުގައި އެމެރިކާގެ ތެޔޮ ސާފުކުރާ ކާރުޚާނާތަކުގެ %90 އޮތީ އޭނާގެ ބާރު ދަށުގައެވެ.

އެ ދުވަސްވަރު ރޮކްފެލަރއަކީ އެމެރިކާގެ އެންމެ މުއްސަނދި މީހާ ކަމަށާއި އަދި ދުނިޔޭގައި އޭރުތިބި އެންމެ ބޮޑެތި މުއްސަނދިންގެ ލިސްޓުގެ އެންމެ ކުރީ ސަފުގެ ނަންތަކުގެ ތެރޭގައި ހިމެނޭ ނަމެއް ކަމަށް ބެލެވުނެވެ. ހަމަކަށަވަރުން ވެސް އޭނާ ފާހަގަ ކުރެވިފައިވަނީ މުޅި ދުނިޔޭގައި ވެސް ފުރަތަމަ ބިލިއަނަރ ކަމުގައެވެ.

ރޮކްފެލަރ ގެ އުމުރުން ފަންސާހަކަށް އަހަރަށް އެޅުނުއިރު, އެމެރިކާގައި އޭނާގެ ނުފޫޒު ފެތުރިފައިވާ މިންވަރަކީ ސަރުކާރުން ސިޔާސަތު ބައްޓަން ކުރުމުގައި ވެސް އޭނާގެ ވިޔަފާރިއަށް ހުރަސް ނޭޅޭނެ ގޮތްތަކަށް ބަލައި ދިރާސާ ކުރަމުން ގެންދާ ކަމަށް ބުނެވެއެވެ. އެ ދުވަސްވަރު މުޅި އެމެރިކާގެ ޖީޑީޕީ ގެ 39 ބިލިއަން ޑޮލަރުގެ %3 އަކީ ރޮކްފެލަރގެ ހިއްސާއެވެ.

ފައިސާއާއި މުދަލުގެ އުފަލާ ހިތްހަމަޖެހުން އޭގެ އެންމެ މަތީ ލެވެލްގައި ވަނިކޮށް ގުދުރަތުގެ ނިޔާ އައިސް ލައިގަތީ ހީވެސް ނުކުރާ ގޮތަކަށެވެ. އުމުރުން 53 އަހަރުގައި ހަށިގަނޑުގައި އުފެދުނު ވޭންގަދަ ރިހުމެއްގެ ސަބަބުން ބޮލުގެ އިސްތަށިތައް އެއްކޮށް ފައިބައިގެން ހިނގައްޖެއެވެ. ނިދިން މަހްރޫމުވެ ދިރިއުޅުމުގެ އުފަލާ ހިތްހަމަޖެހުން އެއްކޮށް ނެތިގެން ހިނގައްޖެއެވެ. ބޭނުންވި ކޮންމެ އެއްޗެއް ގެނެސްގެން ކެވިދާނެ މުއްސަނދިކަން ލިބިފައިވާއިރު, އާދައިގެ ސޫޕް ތަށްޓެއް ނުވަތަ އާދައިގެ ބިސްކޯދެއް ޑައިޖެސްޓްކުރާނެ ހަކަތަ ވެސް ހަށިގަނޑުގައި ނެތިއްޖެއެވެ.

ސިއްހީ ފަރުވާ ދިނުމަށްޓަކައި ޚާއްސަ ޑޮކްޓަރުން ތިބިއިރު, ރޮކްފެލަރ ގެ ބަލި ދެނެގަތުމާއި ފަރުވާއެއް ދިނުމުގެ މަގެއް ހޯދުނުކަމަކަށް ނުވިއެވެ. އެންމެ ފަހުން އަދި އަހަރެއްހާ ދުވަހު ދިރިހުރެވިދާނެ ކަމަށް ބުނެ ޑޮކްޓަރުން ވެސް އުންމީދު ކަނޑާލީއެވެ.

ހަށިގަނޑުގައި އަޅަމުންދިޔަ ގަދަ ވޭނާއެކު މަރުގެ އިންތިޒާރު ކުރުން ނޫން އެހެން ގޮތެއް ނެތިފައިވަނިކޮށް އެއްދުވަހަކު ނިދިން ހޭލެވުނުއިރު އޭނާގެ ލޮލުގެ ކުރިމަތީގައި މުއްސަނދި ކަމުގެ ހަގީގަތް އޮތީ ހާމައަށް ފެންނާށެވެ.

މަރުވެގެން ކަށްވަޅަށްދާއިރު, އެ މުއްސަނދިކަމުގެ ކިތަންމެ ކުޑަ މިންވަރެއް ވެސް ކަށްވަޅަށް ނުގެންދެވޭނެ ކަމުގެ ހަގީގަތެވެ. މުޅި އެމެރިކާ އޭނާގެ ބާރުގެ ދަށުގައި އޮތްއިރު އޭނާގެ އަމިއްލަ ނަފުސު ވެސް އޭނާގެ ބާރުގެ ދަށުގައި ނެތް ކަމުގެ ހަގީގަތެވެ. އޭނާގެ އަމިއްލަ ދިރިހުރުމާމެދު ވެސް އޭނާގެ އިޚްތިޔާރެއް ނެތް ކަމުގެ ހަގީގަތެވެ.

މި ނިކަމެތިކަން އިޙްސާސް ކުރެވެމުންދިޔައިރު, މުޅިން އާ އެހެން ވިސްނުންތަކެއް އޭނާގެ ސިކުނޑީގައި ދައުރުވަމުން ދިޔައެވެ. އެ ވިސްނުންތައް ހަގީގަތަކަށް ހެދުމުގެ ހަކަތަ އަދިވެސް އޭނާގެ ސިކުނޑީގައި ހުރިކަމަށް އޭނާއަށް ގަބޫލުކުރެވުނެވެ. އެ ވިސްނުމަށް އަމަލީ ސިފަ ގެނައުން ލަސްކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ޑޮކްޓަރު ބުނެފައިވަނީ އަހަރެއްހާ ދުވަހު ދިރި ދުނިޔޭގައި ހުރެވިދާނެ ކަމަށެވެ. އެއީ މިއަދު ނޫނީ މާދަމާކަމަށްވެސް ވެދާނެތީއެވެ.

އޭނާ ކުރަން ބޭނުންވި ކަންތައް އޮތީ ކަނޑައަޅައި ނިންމާފައެވެ. ވަގުތު ބޭކާރު ކުރުމަކާ ނުލައި އޭނާގެ ގާނޫނީ ޓީމާއި އެކައުންޓެންޓުންނާއި މެނޭޖަރުން ހާޒިރުކޮށް ހަދަންވީ ގޮތް ތަފްސީލާއެކު ކިޔާދީފިއެވެ. މަޝްހޫރު ރޮކްފެލަރ ފައުންޑޭޝަން ވުޖޫދު ކުރެވުނީއެވެ.

އަހަރެންގެ މިލްކިއްޔާތުން އެތައް އިންސައްތަ ތައުލީމަށްޓަކައި ހޭދަކުރާށެވެ. މިތައް އިންސައްތަ ހޮސްޕިޓަލާއި ސިއްޙީ ޚިދުމަތަށް ހޭދަކުރާށެވެ. މިތައް އިންސައްތަ ސިއްހީ ދިރާސާތަކަށް ހޭދަކުރާށެވެ. މިގޮތަށް ގޮސް އޭނާގެ މިލްކިއްޔާތުގެ ބޮޑު ހިއްސާއެއް އެކިއެކި ޚިދުމަތްތަކަށް ކަނޑައަޅައި ނިންމާލައިފިއެވެ. އެންމެ ބޮޑު ހިއްސާއެއް ކަނޑައެޅީ ސިއްހީ ކަންތައްތައް ދިރާސާކުރުމަށާއި އެއަށް ފަރުވާ ދެނެގަތުމަށެވެ.

ޕެނިސިލިން ހޯދުމާއި ކެއްސުން ބަލީގެ ޖަރާސީމާއި ރީނދޫ ހުމާއި ފަނިވުމާއި މެލޭރިޔާ ފަދަ ގިނަ ބަލިތަކެއްގެ ޖަރާސީމު ދެނެގަތުމާއެކު އެ ބަލިތަކުގެ ވެކްސިންއާއި ފަރުވާ އެ ފައުންޑޭޝަންގެ ދިރާސާތަކާއި ތަޙްލީލުތަކުން ދުނިޔެއަށް ހަދިޔާ ކޮށްފިއެވެ.

ރޮކްފެލަރގެ މިލްކިއްޔާތުގެ ބޮޑު ހިއްސާއެއް އާންމު ރައްޔިތުންގެ ތައުލީމާއި ސިއްހަތަށް ހޭދަކުރަން ނިންމި ހިސާބުން ފެށިގެން އޭނާގެ އަމިއްލަ ސިއްހަތު ވެސް ރަނގަޅުވަމުން ދިއުމުގެ ނިޝާންތައް ފެންނަން ފަށައިފިއެވެ. އެންމެ ފަހުން އޭނާގެ ގޮތް ނޭނގުނު އަދި ބޭސްފަރުވާއެއް ނުލިބުނު ބަލި މުޅިން ރަނގަޅުވެ ފުރިހަމަ ސިއްހަތެއް އޭނާއަށް ލިބިއްޖެއެވެ.

97 އަހަރުގެ ދިގު އުމުރެއްގައި ސަލާމަތް ސިއްހަތެއްގައި އޭނާ ދިރި ދުނިޔޭގައި ހުރިކަމަށް ވެއެވެ. އޭނާ މަރުވިއިރު އަންބަކާއި ތިން އަންހެން ދަރިންނާއި ފިރހެން ދަރިއަކު ދުނިޔޭގައި ތިއްބެވެ. ރޮކްފެލަރގެ ޒާތީ އާދަތަކުގެ ތެރޭގައި ބަނގުރަލާއި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުހެލިވުން ހިމެނޭ ކަމަށް އޭނާ ބުނެފައިވެއެވެ.

ރޮކްފެލަރގެ ޑައިރީގެ އެންމެ ފަހު ސަފުހާތަކުގައި ލިޔެފައިވެއެވެ. މާތް ރަސްކަލާނގެ އަހަރެން ފުރިހަމަ ސިއްހަތެއްގައި އުފަލާ ހިތް ހަމަޖެހުމުގައި އުމުރު ހޭދަކުރުމަށް ހެޔޮ ފުރުސަތުތަކެއް ދެއްވިއެވެ. ހަމައެއާއެކު އަހަރެންނަށް ދެއްވި މުއްސަނދިކަން އެއީ އަހަރެންގެ މިލްކެއް ނޫންކަމާއި އޭގެ މިލްކުވެރި ފަރާތަކީ އެކަލާނގެ ކަމާއި އަދި އަހަރެންނަކީ ހަމައެކަނި އެކަލާނގެ އަންގަވާފައިވާ ގޮތުގައި އެ މުދަލާއި ފައިސާ ތަސައްރަފުކުރަން ހަވާލުކޮށްފައިވާ އަމާނާތްތެރިއަކުކަން ވެސް އެނގިއްޖެއެވެ.

އަޅުގަނޑުމެންގެ މި ރާއްޖޭގައި ވެސް ހަމަ މިފަދައަކުން ފައިސާވެރި މަހުޖަނަކު އުފެދިގެން އައި ދުވަސް އޮތީ ފެނިފައެވެ. އެ ބޭފުޅާ ވެސް ބޭނުންކުރައްވަމުން ގެންދެވީ ހަމަ މި ފަލްސަފާއެވެ. ތަފާތު ފެނިގެންދިޔައީ ރޮކްފެލަރ ބޭނުންކުރީ އޭނާގެ ކުރިއެރުމަށްޓަކައި ސިޔާސީ ބޭފުޅުންގެ ކުރިމަގު އޭނާގެ އަމާޒަށް ބަދަލު ކުރުން ކަމަށްވެފައި, އަޅުގަނޑުމެންގެ މަހުޖަނު ވަކި ހިސާބަކުން ސިޔާސަތަކީ އޭނާ ކަނޑައަޅުއްވާ އެއްޗަކަށް ހެއްދެވުމުގެ މަގުސަދު ނޫން އެހެން އަޒުމެއް ސިކުނޑީގައި ނެތިގެންދިއުމެވެ.

ނަތީޖާ އޮތީ އަޅުގަނޑުމެންގެ ކުރިމަތީގައި ހާމައަށް ފެންނާށެވެ. ދުނިޔޭގެ އެންމެ ނަން މަޝްހޫރު ހިލޭ ސާބަހަށް މަސައްކަތްކުރާ ފައުންޑޭޝަންތަކުގެ ލިސްޓުގެ އެންމެ ކުރީގައި ރޮކްފެލަރ ފައުންޑޭޝަން ހިމެނެއެވެ.

މި ދެންނެވި ދިވެހި މަހުޖަނު, މާތް ރަސްކަލާނގެއަށްޓަކައި އޭނާގެ މުދަލާއި ފައިސާ ހޭދަކުރައްވާ ކަމަށް ވިދާޅުވެއެވެ. ތައުލީމާއި ބޭސްފަރުވާއަށެވެ. ނަމަވެސް ޖެހިގެން އަންނަ ދުވަހު އޭގެ ކަލަ ގޮވުމަކީ އެބޭފުޅާގެ ނިޔަތް ހާމަވެގެންދާ ކަމެކެވެ. އޭނާއަށް ދެއްވި މުއްސަނދިކަން އެއީ އޭނާގެ މިލްކެއް ނޫންކަމާއި އޭގެ މިލްކުވެރި ފަރާތަކީ އެކަލާނގެ ކަމާއި އަދި އޭނާއަކީ ހަމައެކަނި އެކަލާނގެ އަންގަވާފައިވާ ގޮތުގައި އެ މުދަލާއި ފައިސާ ތަސައްރަފުކުރަން ހަވާލުކޮށްފައިވާ އަމާނާތްތެރިއަކުކަން ރޮކްފެލަރ އަށް އެނގުނު ނަމަވެސް މި ދެންނެވި ދިވެހި މަހުޖަނަކަށް އެކަން ނޭނގޭކަން ހާމަވެގެންދާ ކަމެކެވެ.

މި މަހުޖަނުގެ ކަމަކީ އަދިވެސް “ބައްކުރުމެވެ.“ ވެރިކަމުގެ ކޮންމެ ފަސް އަހަރެއް ދައުރެއްގައި އޭނާއަށް ފަޅުތަކެއް ނުވަތަ ރަށްތަކެއް ނުވަތަ ބިންތަކެއް ދޭން ޖެހެއެވެ. ނުދީފިނަމަ އެ ވެރިކަމެއް ގޯސްވެ, އޭނާގެ ފައިސާތައް ހޭދަކުރަނީ ގައުމު ހަލަބޮލިކޮށްލައި ފަސާދަ ހިންގުމަށް ހިތްވަރު ދިނުމަށެވެ.

Loading

2 Responses

  1. ރޮކްފެލަރ މޯލްޑިވްސް އެއީ ކާކު؟ ސޭޓުތަ؟ އާހ! އޭނާޔަށް މުދާމަދުވެގެން އަބަދު އުޅޭތަން ފެންނަނީ. ކޮންމެ އުފެދޭ ސަރުކާރެއްގައިވެސް ކޮންމެވެސް ގޮތެއް ހަދައިގެން އޭނާ ބައިވެރިވެއެވެ. ބޭނުން ކަމެއް ނުވެއްޖެނަމަ އެ ހުންނަ ރައީސްގެ އަބުކަތިލައެވެ. އަދި ކުރީގެ ސަރުކާރަކުން އޭނާ ޚިޔާނާތްތެރިވެގެން ކެންސަލުކުރި ކޮންމެވެސް އެގްރީމެންޓެއްގެ ބަދަލު ދައުލަތުން ދަމައިގަނެއެވެ. އެ ނުދީފއްޔާ ސަރުކާރާއި އިދިކޮޅަށް ބަޣާވާތް ކުރާނެއެވެ. ފެބްރުއަރީ 7 ގައި ދެން ފެބްރުއަރީ 1 ގައިވެސް އެ ނަހަލާލު ފައިސާތަކުން ދެ ރައީސުން ހަލާކުކޮށްލިއެވެ. ހަމަ ބޮޑަށް ޔަގީންވަނީ ރާއްޖޭގެ ރޮކްފެލާ އަކީ ސޭޓެވެ.

  2. ދިވެހިރާއްޖޭގެ މަހުޖަނުންނަށް މިވާގޮތަކީ ދެ ބައިރުފިޔާ ޖީބަށް ލެވޭއިރަށް ދެން ވެރިކަން ބޭނުން ވަނީއެވެ. އެއީ މުޅިން ގޯސް ވިސްނުމެކޭވެސް ނުބުނެވޭނެއެވެ. އަވަހަށް ބޮޑަށް މުއްސަނދިވެ ގަތުމަށް އެއަށްވުރެން ކުރު ރާސްތާއެއް ނުފެންނާނެއެވެ. އައްސަދު ތިޔަވިދާޅުވާ ސޭޓުވެސް ސޭޓުގެ ގޮތުގައި ހުންނެވިނަމަ ގައުމު ފަޚްރުވެރިވާނެ ދަރިޔަކަށް ވީހެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް