''އެއް ލެޕްޓޮޕާއި, އެއް ރިސޯޓުން'' ޤައުމު ހިންގުންވީ ބޮޑު މުސީބާތަކަށް!

Loading

Facebook
Twitter
WhatsApp

އަނެއްކާވެސް ދިރިހުށްޓާ ފެނުނު މަންޒަރެއްގެ ވާހަކައެވެ. 2008 ގައި ކުރެވުނު ކެމްޕޭނެއްގެ ތެރޭގައި ބޭފުޅަކު ވިދާޅުވިއެވެ. މި ޤައުމު ހިންގުމަށް ބޭނުންވަނީ “އެއް ލެޕްޓޮޕާއި އެއް ރިސޯޓު“ ގެ ނަފާއެވެ. ރައްޔިތުން މިކަމާ ވީ އުފަލެއްގެ ބޮޑުކަމުން ރައީސް މައުމޫނު ޢަބްދުލްޤައްޔޫމުގެ 30 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައެވެ.

ރަށްރަށުގެ ކަތީބުންގެ ސިސްޓަމް ކަމުނުގޮސްގެން އެޓޮލްސް މިނިސްޓްރީ ހިންގެވި ވިޔަފާރިވެރިއެއްގެ ބަހަށް ލާމަރުކަޒީ ނިޒާމު ދިވެހިރާއްޖެއަށް ފާކުރާން ވެސް ޖެހިއްޖެއެވެ. އެ ވިޔަފާރިވެރިޔާއަށް ހީވީ މިއީ ސިންގަޕޫރުހެންނެވެ.

މި ޤައުމުގައި 2008 ވަނަ އަހަރާ ހަމައަށް އޮތް ކަތީބު ސިސްޓަމަކީ މި ޤައުމަށް މިހާރުވެސް އެންމެ ކަމުދާނެ ސިސްޓަމެވެ. ޤައުމުގެ ބައިތުލްމާލަށް ތުރާނުވެ ޤައުމުގެ ކަންކަން ހިންގޭނެ ގޮތެވެ.

120 މީހުންގެ އާބާދީ އޮންނަ ރަށްރަށުގައި 5 ކައުންސިލަރުން އެބަ ތިއްބަވައެވެ. އެއީ އާބާދީގެ ކޮންމެ 24 މީހަކަށް ކައުންސިލަރެކެވެ. މިގޮތުން އެއްބައި ރަށްރަށަށް 5 ކައުންސިލަރުން އަދި ދެން ހުރި ރަށްރަށަށް 7 ކައުންސިލަރުން އިންތިޚާބުކޮށްގެން, ރައްޔިތުންގެ ފައިސާއިން އެ ބޭފުޅުންނަށް ބޮޑު މުސާރަދީގެން ޙާޞިލުވީ ކޮންކަމެއްތޯއެވެ؟

މަލްޓި ޕާޓީ ޑިމޮކްރެސީ ގެ ނަމުގައި ޤައުމަށް ފާވި ކަންކަމުން, މި ޤައުމު މިއަދު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށްޓަަކައި މިހާރު މިވަނީ ވަރަށް ހަރުދަނާ އަދި ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހިފައެވެ.

މި މަހުގެ 7 ވަނަ ދުވަހުގެރޭ ޕީއެންސީގެ ޖަގަހައިގައި ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު އިޢުލާން ކުރެއްވި ކަންކަމަކީ, އެ ކަންކަން އެގޮތަށް ތަންފީޒު ކުރެވިއްޖެނަމަ ދިވެހިރާއްޖޭގެ ބައިތުލްމާލަށް އެއިން ނަފާ ލިބޭނޭ ކަންކަމެވެ.

ރައީސް ޑރ. މުއިއްޒު, “ދެލޯ މަރާލައިގެން“ ނަމަވެސް ސިޔާސީ މަޤާމުތައް މަދުކުރައްވަން ވީއެވެ. ޕާޓީގެ އިސް އެކްޓިވިސްޓުން ނޫނީ ގާތް މީހެއްގެ އަހުލުބައިތަކަށް ވީތީ އެ މީހާއަށް ސިޔާސީ ވަޒީފާ ދިނުން ނިމުމަކަށް ގެންނަވަންވީއެވެ.

ޑރ. މުއިއްޒަކީ ދިވެހިރާއްޖޭގެ ކަންކަން ހިންގުމަށް ހަވާލުވެވަޑައިގެން ހުންނެވި އެންމެ އިސް ފަރާތް ނުވަތަ ވަލިއްޔުލްޢަމްރު ކަމަށްވާއިރު, ގައުމުގެ ކަންކަން ހަމަމަގަށް އެޅުވުމުގައި ވަކި މީހެއްދެކެ ޖެހިލުންވެވަޑައިގަނެ ނުވަތަ ވަކި މީހެއްދެކެ ބިރުފުޅުގަންނާކަށް ނުޖެހެއެވެ. ޕާޓީއާއި އާއިލީ މަސްލަހަތު ދޫކުރައްވައި ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވަންވީއެވެ. ޖަލްސާތަކާއި ބައްދަލުވުންތަކާއި ޚިޠާބުތަކުގައި ޑރ. މުއިއްޒު އާންމުކޮށް ތިޔަ ވިދާޅުވާ “ހަގީގީ މާނައިގައި“ ކަންކަން ކުރައްވަންވީއެވެ.

2008 ގައި ވުޖޫދުވި ފެހި ޤާނޫނު އަސާސީއަކީ މާ މޮޅު އަދި މާ ނަފާވެރިކަން ބޮޑު އެއްޗެއްގެ ގޮތުގައި ބަޔަކަށް ހީވިޔަސް އަދި ތިން ބާރު ވަކިވެފައޭ އަޑުގަދަކޮށް ބުންޏަސް, އެއީ ހަމަ ތިންބާރު ރަނގަޅަށް މަސްހުނި ކުރެވިފައިވާ އެއްޗެކެވެ.

އެގްޒެކެޓިވް އިން ނަން ހުށަހެޅުމުން މިނިވަން ކަމަށް ބުނާ މުއައްސަސާތަކަށް މީހުން އައްޔަން ކުރަނީ ރައްޔިތުންގެ މަޖިލީހުންނެވެ. ފަނޑިޔާރުން އައްޔަންކޮށް, ވަކިކުރަނީ ޖޭއެސްސީ ކިޔާ ކޮމްޕޯނަޓަކުންނެވެ. މި ކޮމްޕޯނަޓުގައި މެޖޯރިޓީ އޮންނަނީ އެގްޒެކެޓިވް އަދި ރައްޔިތުންގެ މަޖިލިސްގެ މުށުތެރޭގައެވެ.

ދިވެހީންގެ ލޮލުގައި އަނދުން އަޅުވައިގެން ސިޔާސީ ބޭފުޅުންގެ ފޮށިތައް ފުރާލަނީއެވެ. ދިވެހިރާއްޖެ ޑީފޯލްޓަކަށް ގޮސްފިނަމަ ސްރީލަންކާއަށް ވީވަރު ވެސް ނުވާނެއެވެ. ސިޔާސީ މީހުންގެ މައިންބަފައިންނާއި ޢާއިލާ މީހުން ވެސް ގައިމު މި ޤައުމުގައި ދިރިއުޅޭއިރު, ޤައުމަށް ގައްދާރުވަނީ ދެން ކީއްވެތޯއެވެ؟

މިއަދު މި ދިވެހިރާއްޖެ މިވަނީ ޖީޑީޕީއަށް ނުތަކާވަރުގެ ދަރަންޏެއް ބޮލުގައި އެޅިފައިވާ ޤައުމަކަށް ވެފައެވެ.

ކުރިން ނަންގަތްހެން އެއް ލެޕްޓޮޕުން އަދި އެއް ރިސޯޓުގެ ނަފާއިން ޤައުމު ހިންގާ އަދި ނުވިތާކަށް އޭރު (2008) ގައި ޑޮލަރު ލިބެމުން އައި ރޭޓު ކަމުގައިވާ 12.82 ރުފިޔާގެ ރޭޓު 10 ރުފިޔާއަށް ދަށްކުރާނަމޭ, ކިޔައި ވީ ވައުދަށް ވެސް ދިވެހީން ހަމަ ހެއްލުނީއެވެ. ނުވިތާކަށް އެ ރޭޓު ވެސް 10 ރުފިޔާގެ ބަދަލުގައި ބޮޑުވެގެންދިޔައީ 15.42 ރުފިޔާއަށެވެ.

ދިވެހި މުހާވިރާއެއްގައި ވެއެވެ. ކޮންމެ ހެއްލުމަކީ ގެއްލުމެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް