ޕީޕީއެމް-ޕީއެންސީއާއި ރައީސް މުޢިއްޒަށް ހެއްދެވިނުހެއްދެވިއަށް ގޮވި ނިހާދަށް ''ސްޓޭޓް މިނިސްޓަރުކަން''

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ޒައާމަތުގައި ޕީޕީއެމް-ޕީއެންސީއާއި ރައީސް ޑރ.މުޙައްމަދު މުޢިއްޒަށް ހެއްދެވިނުހެއްދެވިއަށް ގޮވައި އެންމެ ގަދަޔަށް ފާޑުވިދާޅުވި އެއް ބޭފުޅާ ކަމުގައިވާ އައްޑޫ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ނިހާދު, ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކުރައްވައިފިއެވެ.

“ސަންދާނު“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާދު, ސްޓޭޓް މިނިސްޓަރުކަމަށް ހަމަޖެއްސެވީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

މިދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރެއްވި ނިހާދު, ސަރުކާރު ހިންގާ މައި ޕާޓީކަމަށްވާ ޕީއެންސީއާ ގުޅިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހުގައެވެ.

އެމްޑީޕީގައި ހުންނެވިއިރު, ޕީޕީއެމް-ޕީއެންސީއަށް އެންމެ ގަދަޔަށް ފާޑު ވިދާޅުވި އެއް ބޭފުޅަކީ ނިހާދެވެ.

އެގޮތުން ޕީޕީއެމް-ޕީއެންސީއަށް ގެނެވޭނީ އަނިޔާވެރި ސަރުކާރެއް ކަމަށާއި ތަރައްގީ ގެނެސް ނުދެވޭނެ ކަމަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އިވެންޓެއްގައި ނިހާދު ވިދާޅުވެފައިވެއެވެ.

ޕީޕީއެމް-ޕީއެންސީއަ.ށް ބުއްދިވެރިވާނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ނޫޅެ, އެހެން ކަމެއް ކުރަން އުޅުނިއްޔާ ކަމަށް ވެސް ނިހާދު އޭގެކުރިން ވިދާޅުވެފައިވެއެވެ.

“މީހަކު ޓްވީޓެއް ކޮށްލާއިރަށް, ބޯކޮށް ވާރޭ ވެހިލާއިރަށް, ގަދަޔަށް ވައި ޖެހިލާއިރަށް, މީހަކު ބާރަށް އެއްޗެއް ބުނެލާއިރަށް ރެނދުލާ ޕާޓީއަކަށް ރިޔާސީ އިންތިޚާބެއްގަ ކޮން ވާދައެއް ކުރެވޭނީ؟ އެހެންކަމަކާ އުޅުން ބުއްދިވެރި!“ 26 އޮގަސްޓު 2022 ގައި ނިހާދު ވިދާޅުވެފައިވެއެވެ.

ނިހާދު ވަނީ ޕީޕީއެމް-ޕީއެންސީގެ އިސް ބޭފުޅުންނަށް ރައްދުވާ ގޮތަށް ވަރަށް ހުތުރު ބަސްތަކުން ވެސް އެއްޗެހި ކިޔުއްވައިފައެވެ.

ކިންގް ސަލްމާން މިސްކިތް ނުހުޅުވައި ލަސްވަނީ ކީއްވެތޯއާއި ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ޒައާމަތުގައި ނިންމަވާފައި އޮތް ގޮތާ ޚިލާފަށް މިސްކިތަށް ބޮޑެތި ބަދަލުތަކެއް ގެންނަކަމުގެ މައުލޫމާތު ލިބިވަޑައިގަންނަވާ ކަމަށް ވިދާޅުވެ, މިދިޔަ ދައުރުގައި ޑރ.މުޢިއްޒު ސުވާލުކުރެއްވުމުން ރައްދު ދެއްވައި ނިހާދު އޭރު ވިދާޅުވެފައިވަނީ “ރައީސް އިބޫ“ ގެ ސަރުކާރުން މިސްކިތެއް ތަޅައެއް ނުލާނެ ކަމަށާއި, މިސްކިތް ބިނާ ކުރާނީ ކަމަށެވެ. އަދި ޑރ.މުޢިއްޒު އިތުރު ވާހަކަ ނުދައްކަވައި ތައުބާވެވަޑައިގެން ރަނގަޅަށް އުޅުއްވުމަށް ވެސް ގޮވައިލެއްވިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް ނިހާދު އައްޔަން ކުރައްވައިފައި މިވަނީ ރާއްޖޭގެ އިގުތިސާދު އިނދަޖެހި, ދައުލަތް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާތީ ސިޔާސީ މަގާމުތައް މަދުކުރަން ނިންމަވާފައިވާ ކަމަށް ރައީސް ވިދާޅުވި ފަހުންނެވެ.

ނިހާދު އައްޔަން ކުރެއްވުމާއެކު, ޓޫރިޒަމް މިނިސްޓްރީގައި މިހާރު ޖުމްލަ 3 ސްޓޭޓް މިނިސްޓަރަކު ތިއްބަވާނެއެވެ. އެއީ ނިހާދުގެ އިތުރުން ހާރިޒް މުޙައްމަދާއި އަޙްމަދު ނާޒިމް މުހައްމަދެވެ.

މީގެއިތުރުން ޓޫރިޒަމް މިނިސްޓްރީގައި 11 ޑެޕިއުޓީ މިނިސްޓަރުން ތިއްބަވައެވެ.

ސްޓޭޓް މިނިސްޓަރަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ދައުލަތުގެ ބަޖެޓުން މަހަކު 43,500 ރުފިޔާ ހޭދަކުރެއެވެ. މިއީ އަހަރަކަށް ބަލާއިރު 522،000 ރުފިޔާއެވެ. ފަސް އަހަރަށް ބަލައިފިނަމަ 26,10,000 ރުފިޔާއެވެ.

ގިނަ ބަޔަކު ބުނާ ގޮތުގައި, މި ސަރުކާރު ގެނައުމަށް ގުރުބާންވި މީހުން އެއްފަރާތް ކުރުމަށްފަހު, ރައީސް ޑރ.މުޢިއްޒު, ސަރުކާރުގެ އިސް މަގާމުތަކަށާއި ސިޔާސީ އެހެނިހެން މަގާމުތަކަށް އައްޔަން ކުރައްވަނީ މި ސަރުކާރު ގެނައުމަށް އެއްވެސް މަސައްކަތެއް ނުކޮށް އޭރު އެއްޗެތި ގޮވަން ތިބި ފަރާތްތަކެވެ.

Loading

2 Responses

  1. ކީރިތި ރަސޫލާއަށް ހެއްދެވި ނުހެއްދެވި ގޮވައި، އެވަރުންވެސް ނުފުދިގެން ކަނޑި ހިފައިގެން އެކަލޭގެފާނު ޝަހީދުކޮށްލަށް ދިޔަ، އުމަރުގެފާނަށް އެންމެ ފަހުން އުންމަތުގެ ފާރޫޤު ކަން ﷲ ދެއްވީ!

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް