މައްސަލަ ބަލައި އަދަބުދޭން ރައީސް ވިދާޅުވިއިރު, ޚިޔާނާތުގެ ލިސްޓުގައި ''އަސްލު ރައީސާއި'', ނައިބާއި, ވަޒީރުން

Loading

Facebook
Twitter
WhatsApp

“އަޅުގަނޑު ބޭނުންވަނީ ރައްޔިތުންނަށްޓަކައި, ރައްޔތުންގެ ފައިސާ ހޯދަން. އެމްއެމްޕީއާރްސީގެ މައްސަލަ މީގެތެރެއަށް ބަލާައިރު, އެންމެ ބޮޑު މައްސަލައަކީ. އެ ވައްކަން ކުރި ފަރާތްތައް ދެނެގަނެ, އެއީ ކޮންމެ މީހެއް ކަމުގައި ވިޔަސް, އެ މީހަކަށް ދޭންޖެހޭ ހައްގު އަދަބު މި ސަރުކާރުން ދީ, އެ ފައިސާ ރައްޔިތުންނަށް ހޯދުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން.“ ޕީއެންސީއިން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ރައީސް ޑރ.މުޙައްމަދު ވިދާޅުވިއެވެ.

ޚިޔާނާތުގެ ފައިސާ ހޯދަން “ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން“ ކަމަށް އަޑުފުޅަށް ބާރުލައްވައިފައި ރައީސް ވިދާޅުވި ހިނދު, އަތްތިލަބަޑީގެ އަޑުން މުޅިތަން ގުގުމައިލިއެވެ.

ޖަލްސާއަށް ވަޑައިގެން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އާއި, ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫނާއި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދާއި މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއާއި ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލު ވެސް އިންނެވީ އަތް ޖައްސަވާށެވެ.

ރައީސް ޑރ.މުޢިއްޒު “ޚިޔާނާތުގެ ފައިސާއޭ“ ވިދާޅުވިއިރު, އަދުރޭގެ މޫނުފުޅު މަތިން “ޒާތެއްގެ ހިންޏެއް“ އައިސްފައި އިން މަންޒަރު ފެނިގެންދިޔައިރު, ސަޢީދާއި ޝުޖާއުއާއި މުޙައްމަދު އިސްމާޢީލާއި, ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް އިންނެވީ ފާޑަކަށް “ތުންފިއްތަވައިގެން“ ނެވެ. “ރައީސްއޭ, ތިޔަ ދައްކަވަން ފެށްޓެވީ ކޮން ޒާތެއްގެ ވާހަކަފުޅެއްހޭ,“ ހިތާހިތުން ކިޔައިލަކިޔައިލާ ތިބި ފަދަ ގޮތަކަށެވެ.

މި ދެންނެވި ހުރިހާ ބޭފުޅުންނަކީ ވެސް, ރައްޔިތުން މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ) އާއި, ޖުޑިޝަރީ ކޮމިޓީ ގުޅިގެން އެކުލަވައިލައިފައިވާ ޖޮއިންޓް ކޮމިޓީއިން 2021 ވަނަ އަހަރު މެއިމަހުގެ 12 ވަނަ ދުވަހު އާންމުކުރި, “އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވިކަމަށް ތުހުމަތުކުރެވޭ ބޭފުޅުންގެ ލިސްޓު“ ގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނެވެ.

ލިސްޓުގައި ހިމެނިވަޑައިގަންނަވާ ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާއި, އެ ބޭފުޅުން ނެންގެވި ކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދުތައް:

  1. ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް  (1.8 މިލިއަން ރުފިޔާ)
  2. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ (1.7 މިލިއަން ރުފިޔާ)
  3. އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު (8.3 މިލިއަން ރުފިޔާ)
  4. ޑިފެންސް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް މުޙައްމަދު ޣައްސާން މައުމޫން (2.5 މިލިއަން ރުފިޔާ)
  5. ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް (1 މިލިއަން ރުފިޔާ)
  6. ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ.ޢާއިޝަތު ޝިހާމް (200،000 ރުފިޔާ)
  7. ފޮރިން މިނިސްޓަރު މޫސާ ޒަމީރު ( އަދަދު އަދި ސާފެއްނުވޭ )
  8. ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓަރު ޠާރިޤް އިބްރާހިމް (އަދަދު އަދި ސާފެއްނުވޭ)
  9. ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހިމް (އަދަދު އަދި ސާފެއްނުވޭ)
  10. އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ޙުސައިން ޝަރީފް (579،286 ރުފިޔާ)
  11. މަޖިލީހުގެ އިދާރާގެ ބިއުރޯ ޗީފް އަޙްމަދު ނިހާން ޙުސައިން މަނިކު (5 މިލިއަން ރުފިޔާ)
  12. ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާޙް (1.2 މިލިއަން)
  13. އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް (26.57 މިލިއަން ރުފިޔާ)
  14. ވިލިމާލޭ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް (23.1 މިލިއަން ރުފިޔާ)
  15. މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް (4.7 މިލިއަން ރުފިޔާ)
  16. ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު (55.5 މިލިއަން ރުފިޔާ)
  17. މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (1.61 ރުފިޔާ)
  18. މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު (1.2 މިލިއަން ރުފިޔާ)
  19. މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު (1 މިލިއަން ރުފިޔާ)
  20. ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސަޢުދުﷲ ހިލްމީ ( 800,000 ރުފިޔާ)
  21. ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު(800,000 ރުފިޔާ)
  22. ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު މުޢާޒް މުޙައްމަދު ރަޝީދު(16 މިލިއަން ރުފިޔާ)
  23. ރީޖަނަލް އެއަރޕޯޓްސްގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީން (200,000 ރުފިޔާ)

މީގެއިތުރުން ވެސް މި ސަރުކާރަށް ނިސްބަތްވެވަވަޑައިގަންނަވާ ބައެއް ބޭފުޅުން ޚިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ވަނީ ތުހުމަތު ކުރެވިފައެވެ. އެގޮތުން ބަލާއިރު, މި ސަރުކާރުގެ ބައިވެރިއެއް ކަމަށްވާ އެމްއެންޕީގެ ރައީސް އަދި މާފަންނު އުތުރު ދާއިރާ މެންބަރު ކާނަލް މުޙައްމަދު ނާޒިމަަށް 5،900،000 ރުފިޔާ ލިބިވަޑައިގެންނެވިކަމަށް ތުުހުމަތު ކުރެވިފައިވެއެވެ.

ރޭގެ ޖަލްސާގައި ރައީސް ވިދާޅުވީ ރައްޔިތުންގެ ފައިސާއިން ގެއްލިފައިވާ ފައިސާތައް ހޯދަންޖެހޭ ކަމަށާއި. ކޮރަޕްޝަނުގެ ނުބައި އެކި ކަހަލަ އަމަލުތައް ހިންގައިގެން ރައްޔިތުންގެ ފައިސާއިން ކޮށްފައިވާ ވަށްކަންތައް ބައްލަވާނެ ކަމަށެވެ.

ކޮންމެ ސަރުކާރެއްގައި ވެސް ރިޔާސީ ކޮމިޝަނެއް ހަދައި އެތަނަށް އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ޚަރަދުވާއިރު, ގެއްލިފައިވާ އެއްވެސް ފައިސާއެއް މިހާތަނަށް އަނބުރާ ހޯދިފައިނުވާ ކަމަށާއި, މި ސަރުކާރުން އެކަން ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ގެެއްލުނު ފައިސާ އަނބުރާ ހޯދުމަށް ގާނޫނެއް ފާސް ކުރުމަށްޓަކައި އެސެޓް ރިކަވަރީ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަލަށް ތައާރަފުކުރާ މި ގާނޫނުގެ ދަށުން ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ވިއްކައި, ކުޑަ އަގެއްގައި ވިއްކައިގެން ފައިދާ ހޯދައި, އެފަދަ ކަންކަން ކޮށްފައިހުރި ފަރާތްތަކުގެ ކިބައިން އެ މުދާތައް ރިކަވަރކޮށް, އެ ފައިސާއިން ފައިދާވާ ގޮތަށް ފައިސާ ހޯދާނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުގައި ރައްކާކޮށްފައި ހުރި “ކަޅު ފައިސާ“ ވެސް ހޯދަން ފަސޭހަވާނެ ގޮތަކަށް އެ ގާނޫނު ފަރުމާ ކުރެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

”އޭރުން އިރާދަކުރެއްވިއްޔާ ހަމައެކަނި ރާއްޖޭގައި ވައްކަންކޮށްގެން ރައްކާކޮށްފައި ހުރި ފައިސާއެއް ނޫން, ރާއްޖެއިން ބޭރަށް ގެންގޮސްފައި އެއްޗެއް ހުރިއްޔާ އެ ވެސް ހޯދުމުގައި މިހާރަށް ވުރެ ފަސޭހަ ވެގެންދާނެ.” މިކަން ކުރުމުގައި “އަޅުގަނޑު ކަންބޮޑެއްނުވާނެކަން“ ފާހަގަކުރައްވަމުން ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު ކުރީގެ ސަރުކާރުތަކުން ކޮމިޝަންތައް ހަދައިގެން އެތަކެއް ޚަރަދުތަކެެއް ކޮށްގެން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އަނބުރާ ހޯދިފައި ނުވިޔަސް, އާ ގާނޫނާއެކު އެކަމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

“އެކަމުގަ ބައިވެރިވި މީހެއްކަމުގައި ސާބިތުކުރެވެން ޖެހޭނީ އިންސާފުވެރިކަމާއެކީގަ. އެ ވައްކަމުގަ ބައިވެރިވި ކޮންމެ މީހެއް ކަމުގަ ވިޔަސް އިންސާފުވެރިކަމާ އެކީގަ ބަލައި, އެކަމުގަ އެ ނިޔަތުގަ ބައިވެރިވި މީހެއްކަމުގައި ވާނަމަ, އެ މީހަކަށް ފިޔަވަޅު އެޅެންޖެހޭނެ. އެއީ ރައްޔިތުންގެ މުދާ, ރައްޔިތުންގެ ފައިސާ.“

މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ކޮރަޕްޝަނަކީ ސަރުކާރު ތެރޭގައި އަބަދު ހިނގަ ހިނގާ އޮންނަ ކަމެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރައްވާނެ ކަމަށެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ހިންގި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެކިޔުންތަކުން ފެންނާން އޮތް އަދަދަށް އެކަނި ބެލި ނަމަވެސް, މި ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރައެވެ.

ޚިޔާނާތުގެ ފައިސާ ނެންގެވި ބޭފުޅުންގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެންބަރުންނާއި, 19 ވަނަ މަޖިލީހުގެ 16 މެންބަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސްކޮށް ތިއްބެވި 05 ބޭފުޅުންނާއި މިދިޔަ ސަރުކާރުގައި އިސް މަގާމުތަކުގައި ތިއްބެވި 07 ބޭފުޅުންނާއި، 07 ފަނޑިޔާރުންނާއި، ސަލާމަތީ ބާރުތަކުގައި ތިއްބެވި 23 އޮފިސަރުން ހިމެނިވަޑައިގަންނަވާ ކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

މި މައްސަލައިގެ މައި “މުގޫ“ ކަމަށްވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޢަބްދުލްޣަފޫރާއި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޒިޔަތުގެ މައްޗަށް ކުށް ސާބިތުވެފައިވެއެވެ. އަދީބާއި ޒިޔަތުގެ މައްޗަށް އިއްވި ޖަލު ހުކުމުގެ އަދަބު, ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށް, މިދިޔަ ދައުރުގައި ވަނީ އެ ދެ ބޭފުޅުންނަށް މާފުދެއްވައި, މިނިވަންކޮށް ދެއްވައިފައެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައެއްގައި (ވޮޑަމުލާގެ މައްސަލަ) ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމައި, 5 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ ޖަލު ހުކުމުން މިނިވަންވެވަޑައިގެންފައި ވަނިކޮށް, އެމްއެމްއެމްޕީއާރްސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގައި (އާރަށުގެ މައްސަލަ) 11 އަހަރުގެ ޖަލު ހުކުމެއް ވެސް އިއްވިއެވެ. އެ ހުކުމުން ރައީސް ޔާމީން މިވަގުތަށް މިނިވަންވެވަޑައިގެންނެވި ނަމަވެސް, އެ މައްސަލަ އަލުން ބަލަން ހައިކޯޓުން މިހާރު ވަނީ ކްރިމިނަލް ކޯޓަށް އަންގާފައެވެ.

ޚިޔާނާތުގެ މައްސަލައިގައި އަޙްމަދު ނިހާން ޙުސައިން މަނިކުގެ މައްޗަށް ވެސް 6 ދައުވާއެއް އުފުލިއެވެ. ނަމަވެސް ޕްރޮސެކިއުޓަރ އޮފީހުން މިދިޔަ ޖޫންމަހު ނިހާނަށް ފޮނުވި ސިޓީއެއްގައި ވަނީ, އެ މައްސަލަ އެ އޮފީހުން މުރާޖައާ ކުރުމަށްފަހު, މައްސަލަ އިތުރަށް ކުރިއަށް ނުގެންދަން ނިންމާފައިވާ ކަމަށް އަންގާފައެވެ. ދައުވާތައް އަނބުރާ ގެންދަން ނިންމީ 2021 ވަނަ އަހަރު ސްޕްރީމް ކޯޓުން ނިންމި, ޔާމީންގެ މައްސަލައިގެ ހުކުމަށް ރިއާޔަތްކޮށް ބެލިއިރު, ނިހާންގެ މައްޗަށް އެ ދައުވާތައް ސާބިތުވާނެ ކަމަށް ނުބެލެވޭތީ ކަމަށް ޕީޖީއިން ބުނެފައިވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައް އެނގޭއިރު, ޕީޖީއިންނާއި, ފުލުހުންނާއި, އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) އިން އެ ފަރާތްތަކަށް ދައުވާކުރަމުން ނުދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނެވިއިރު, ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވެއެވެ. ނަޝީދު ވިދާޅުވެފައިވާ ގޮތުން މިދިޔަ ސަރުކާރުން ވެސް އުޅުނީ މި މައްސަލަ އޮއްބައިލުމަށެވެ.

ޚިޔާނާތުގެ ފައިސާ ހޯދަން “ކުރަންޖެހުނު ކޮންމެ ކަމެއް ކުރާނަން“ ކަމަށް ރައީސް މުޢިއްޒު މިއަދު ވިދާޅުވާއިރު, ނަޝީދު ވިދާޅުވި ފަދައިން ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތައް ސާފުކޮށް އެނގެން އެބައޮތެވެ.

މަޖިލީހުގެ ސްޕަރމެޖޯރިޓީ ލިބިފައި އޮތްއިރު, މިނިވަން މުއައްސަސާތަކާއި ތަހުގީގީ އިދާރާތައް ވެސް އޮތީ ސަރުކާރުގެ ނުފޫޒުގެ ދަށުގައި ކަމަށް ގިނަ ބަޔަކު އެބަ ތުހުމަތުކުރެއެވެ. ސުވާލަކީ ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ނައިބު ރައީސާއި މަޖިލީހުގެ ރައީސް ނުވަތަ މި ގައުމުގެ “އަސްލު ރައީސް“ އާއި ވަޒީރުން ހިމެނިވަޑައިގަންނަވާއިރު, އެ ބޭފުޅުން ތަހުގީގީ އިދާރާތަކަށް ހާޒިރުކޮށް, މި މައްސަލަތައް ބެލިދާނެތޯ އުފެދޭ ސުވާލެވެ.

ތިނޯހެއްގެ ފަގައިން ޖަމަލެއް ވަދެއްޖައުމަށް ދާންދެން, މިއިން މައްސަލައެއް ބަލައި ގެއްލުނު ފައިސާ ހޯދައި, ކުށްވެރިވާ ފަރާތްތަކަށް އަދަބުދެވޭނޭ ކަމަކަށް ނުބެލެވެއެވެ.

ނަމަވެސް ދެއްކެވި ވާހަކަފުޅު “ހޮޅިވާހަކަ“ އަކަށްނުވެ, ގެއްލުނު ފައިސާ ހޯދިއްޖެނަމަ ކިތަންމެހައި ވެސް ރަނގަޅެވެ. ކުރީ ސަރުކާރުން ހެދިހެން މައްސަލަ އޮއްބައިނުލައިފިނަމަ, ކިތަންމެހައި ވެސް ރަނގަޅެވެ.

Loading

2 Responses

    1. ތިވާނީ އަންނި ދިން ލިސްޓަކަށް. ތަންކޮޅެއް ބަލައިގެން ލިޔެބަލާށެވެ. ނިހާނުކައިރިން އަހާބަލަ. ނިހާނަށް އެނގޭނެ ތި ލިސްޓް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް