ހުންގާނު ނެތް އޮޑީގެ މިސްރާބު ގެއްލި, ކަނޑު ނުބައިކުރުން

Loading

Facebook
Twitter
WhatsApp

ކޮންމެ ފަސް އަހަރަކުން އެއްފަހަރު ދިވެހީންނަށް އާ ރާއްޖެއަކަށް ދިއުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން އެއް ބޭފުޅަކު ދިވެހިން “އަނެއް ދިވެހިރާއްޖެ“ އަށް ގެންދަވައި, ދެން ވަޑައިގެންނެވި ބޭފުޅަކު ދިވެހީން “ޖަޒީރާ ރާއްޖެ“ އަށް ގެންދަވައި, އެންމެ ފަހުން ވަޑައިގެންނެވި ބޭފުޅާ ދިވެހީން ގެންގޮސް މިހާރު ލާފައި ތިބީ “ދިވެހީންގެ ރާއްޖެ“ ކިޔާ ތަނަކަށެވެ.

“ދިވެހީންގެ ރާއްޖެ“ މެނިފެސްޓޯ ލޯންޗުކުރަން ބޭއްވި ޖަލްސާގައި މިހާރުގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ މެނިފެސްޓޯގައި ހުރި ކަންކަން ލިޔެފައިވާނީ އޭގެ ފަހަތުން އެތައް ގިނަ ދިރާސާތަކެއް ކުރުމަށްފަހު ކަމަށާއި “ވައުދެއް ފުއްދޭނެ ގޮތް ނޭނގިއެއް ވައުދެއް ނުވާނަން“ ކަމަށެވެ.

ޑރ.މުޢިއްޒަށް ވެރިކަން ލިބިވަޑައިގަތީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ނަންފުޅާއި ފޮޓޯއާއި ތަރައްގީއާއި ފަލްސަފާ ބޭނުންކުރައްވައިގެންނެވެ. އެންމެ ފުރަތަމަ ފުއްދަވާނެ ކަމަށް ޑރ.މުޢިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ޔާމީން މިނިވަންކުރެއްވުމުގެ ވައުދުފުޅު ހިމެނުނަސް އެ ވައުދުފުޅު ފުއްދަވަން އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށް ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.

“އަޅުގަނޑުމެންގެ ސަރުކާރު ކަމަށް ގަބޫލުކުރެވޭ ސަރުކާރުން އަޅުގަނޑު ވީއްލާކަށް ވެސް މަސައްކަތެއް ނުކުރޭ.“

މިއީ މި ސަރުކާރުގެ ފެށުން އައި ގޮތެވެ.

މިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ޑރ.މުޢިއްޒުގެ ވެރިކަމެއްގައި ދިވެހިންގެ އަތުން ރާއްޖެ ބީވެގެންދާނެއެވެ. އަދި ރާއްޖޭގެ ކަންކަން ހައްދު ފަހަނައަޅައިދާނެއެވެ. ނަޝީދުގެ މި ބަސްފުޅަށް ބަލާއިރު މިސްރާބު ހުރީ މި މަގަށެވެ.

“އަޅުގަނޑު އަދުލުވެރިވާނަން. ބޭއިންސާފެއް ނުވާނަން. ވައްކަމާއި ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނަން. މި އުފެދޭ އާ ސަރުކާރުގައި އެކަންކަމަށް ފިޔަވަޅުއަޅާނެ. ސަރުކާރުގެ ދެފުށް ފެންނާނެ. ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ.“ މިއީ ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ޑރ.މުޢިއްޒު ދެއްވި ފުރަތަމަ ތަގުރީރުން ތަންކޮޅެކެވެ.

ބޭއިންސާފެއް ނުވާނަމޭ ވިދާޅުވިއިރު ދިވެހި ރައްޔިތުންނަށް ޑރ.މުޢިއްޒު މިހާރު ވަނީ ބޭއިންސާފުވެފައެވެ. މަސްވެރިންނަށް ދޭންވާ ލާރިކޮޅު ނުދީ ތިއްބެވުމަށްވުރެ ވަކި ބޭއިންސާފުވުމެއް އޮންނާނެ ހެއްޔެވެ! ސަރުކާރުގެ އެއްވެސް އިހުލާސްތެރިކަމެއް ވާނަމަ މަސްވެރިންގެ ހައްގު ފައިސާ ދިނުމަށް ޔާމީން ވެސް ވަނީ ގޮވާލައްވައިފައެވެ.

ކޮރަޕްޝަނަށް ހަރުއަޑުން ނޫނެކޭ ބުނާނެކަމަށް ވިދާޅުވިއިރު މިދިޔަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މިފްކޯއަށާއި، ސްޓެލްކޯއަށާއި ފެނަކައާއި ސަރުކާރުގެ އެހެން ކުންފުނިތަކުން ވެސް އެތައް މީހަކަށް ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މީގެއިތުރުން ޕީއެންސީގެ ކެންޑިޑޭޓުންގެ ކެމްޕޭންގައި ވޯޓު ގަނެ ލާރި ބަހާފައިވެއެވެ. އަދި ހަމައެއާއެކު ސަރުކާރުގެ ބައެއް ކުންފުނިތަކުގައި ކޮރަޕްޝަންގެ ޖަރީމާތައް ހިންގާކަމުގެ އަޑުތަކާއި ސަރުކާރުން ހިންގާ ބައެއް ޕްރޮޖެކްޓްތަކުގައި ކޮރަޕްޝަން ހިމެނޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

ސަރުކާރުގެ ދެފުށް ފެންނާނެ ކަމަށާއި ފޮރުވައި ސިއްރުކުރުމެއް، ވަންހަނާކުރުމެއް ނޯންނާނެ ކަމަށް ވިދާޅުވިއިރު, ސިޔާސީ މަގާމުތަކުގެ ތަފުސީލުތައް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން, މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކުރި ބޭފުޅުންގެ މުސާރަތައް ހިމެނޭހެން އެ މަގާމުތަކުގެ ތަފްސީލުތައް ހޯދުމަށް އޮންލައިން ނޫހަކުން މިދިޔަ ޑިސެމްބަރު މަހު އެދުމުން މުއްދަތު ފަހަނަ އަޅާ ދިޔައިރުވެސް މައުލޫމާތު ހާމަކޮށްފައި ނުވާތީ އައިކޮމްއަށް އެ ނޫހުން ހުށަހެޅި މައްސަލައިގައި ބޭއްވި އަޑު އެހުމުގައި ވަނީ އެ ތަފްސީލުތައް ހާމަނުކޮށް ނުހިފެހެއްޓޭނެ ކަމަށް ވެސް އަންގާފައެވެ.

މި ބަޔާންކުރީ ބަހާއި އަމަލާއި ދިމާވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ޑރ.މުޢިއްޒުގެ ސަރުކާރުގެ ބަހާއި އަމަލު ދިމާވާ މިންވަރުގެ ބައެއް މިސާލުތަކެވެ.

ދެން މި ބަލައިލަނީ އިގުތިސާދީ ހާލަތުގެ މައްޗަށެވެ. ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗުން މިފަހުން ވަނީ ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން “ބީ މައިނަސް“ އިން “ސީސީސީ ޕްލަސްއަށް ދަށްކޮށްފައެވެ. މިއީ މާލީ ހާލަތު ދަށްވުމުގެ ސަބަބުން ބޭރުގެ ދަރަނިތައް ނުދެއްކި, ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑެތި ގައުމުތަކަށް ދޭ ރޭޓިންއެކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު ބޭރުގެ ފަރާތްތަކުން ނަގާފައިވާ ލޯނުތަކަށް ދައްކަން ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެއިން 508 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭއިރު, ޒަރޫރީ ތަކެތި ރާއްޖެއަށް އިމްޕޯޓުކުރުމާއި އާންމު ވިޔަފާރިތަކާއި ބޭރަށްދާ ދިވެހިންގެ ބޭނުންތަކަށް 100 މިލިއަނަށްވުރެ ގިނައިން ޑޮލަރު ބޭނުންވާނެއެވެ. ނަމަވެސް މިދިޔަ ޖެނުއަރީއިން މެއިމަހުގެ ނިޔަލަށް ޑޮލަރުން ރާއްޖެއަށް ލިބުނު އާމްދަނީ ހުރީ 483.1 މިލިއަން ޑޮލަރުގައެވެ. އަހަރުގެ ބާކީ އޮތް މަސްތަކުގައި ލިބޭ އަދަދާއެކު ވެސް އާމްދަނީގެ ގޮތުގައި ރާއްޖެއިން ބޭނުންވާ އަދަދަށް ބޭރު ފައިސާއެއް ނުލިބޭނެއެވެ. ލިބޭ އާމްދަނީން އެތެރޭގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭއިރު, ލިބުނު އާމްދަނީއަށްވުރެ އިތުރަަށް މިދިޔަ ހައެއްކަ މަސް ދުވަސްތެރޭގައި ދައުލަތުގެ ޚަރަދުތަކަށް ވަނީ 3 ބިލިއަން ރުފިޔާ ހޭދަކޮށްފައެވެ.

ބޭރު ފައިސާގެ އާމްދަނީ ނުލިބޭތީ ފައިސާ ދައްކަން ހޭދަކުރަން ޖެހެނީ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ރިޒާވުންނެވެ. އެ އޮތޯރިޓީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ މިދިޔަ މެއިމަހުގައި 492.2 މިިލިއަން ޑޮލަރަށް ވެށްޓިފައެވެ. މިއީ އޭޕްރީލްމަހާ އަޅައިބަލާއިރު, 130 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ.

އަދި މިހާރު ބޭނުންކުރެވޭނެ ރިޒާވުގައި ހުރީ ގާތްގަނޑަކަށް 64 މިލިއަނެއްހައި ޑޮލަރެވެ. ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ (ތެލާއި ކާޑު ފަދަ ތަކެތި) އިމްޕޯޓްކުރުމަށް މަހެއްގެ މައްޗަށް 70 މިލިއަނަށްވުރެ އިތުރަށް ޑޮލަރު ބޭނުންވާއިރު, ރިޒާވްގައި މިހާރު ހުރި އަދަދަކީ އެއްމަސްދުވަހުގެ އިމްޕޯޓަށް ނުފުދޭވަރުގެ ވެސް ކުޑަ އަދަދެކެވެ.

ކަންމިހެން ހުރިއިރު ރައީސް ވިދާޅުވެފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާ ކަމަށާއި އެގޮތުން ސަރުކާރުގެ ރިކަރަންޓް ޚަރަދު ކުޑަކުރުމަށް އެކި ފިޔަވަޅުތައް އެޅުން ހިމެނޭ ކަމަށެވެ. އޭގެތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފުލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ވެސް ހިމެނޭ ކަމަށެވެ.

ނަމަވެސް ސިޔާސީ މަގާމުތަކުގެ އަދަދު މަދެއް ނުވެއެވެ. ވަނީ ގިނައެވެ. މި ފަހުން ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމްގެ އާއިލީ ބޭފުޅުންތަކެއް ސިޔާސީ މަގާމުތަކަށް އައްޔަން ކުރައްވައިފައެވެ. މިއީ ވެސް ބަހާއި އަމަލު ދިމާވާ މިންވަރުގެ މިސާލެކެވެ.

ދާދިފަހުން ޔާމީން ވަނީ ދައުލަތް ހިންގަން ފައިސާ ނެތިގެން މި ސަރުކާރުގެ ވެރިން ކަންބޮޑުވެގެން އުޅޭއިރު އެމްޑީޕީއިން ހިންގިކަމަށް އޭރު މިއަދުގެ ވެރިން ވިދާޅުވަމުން ގެންދެވި ކޮރަޕްޝަންގެ މައްސަލަތައް ނުބައްލަވަނީ ކީއްވެތޯ ސުވާލު ކުރައްވައިފައެވެ. އެގޮތުން ފެނަކައިގެ ބޮޑެތި ކޮރަޕްޝަންތައް ފަދަ ކަންކަން ތަހުގީގުކޮށް ދައުލަތަށް ލިބެން ޖެހޭ ފައިސާ ނުހޯދައި ތިބޭނަމަ އޭގެ މާނައަކީ މި ސަރުކާރުން ވެސް އެ ޖަރީމާތަކުގައި ބައިވެރިވުންކަމުގައި ބެލެވިދާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލައިފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ. ދަރަނިތައް ދައްކަވައި ނިންމާލީ ފައިސާ ޗާޕް ނުކޮށް ކަމަށް ރައީސް ވިދާޅުވުމާ ގުޅިގެން އެ ވާހަކަތަކަށް ރައްދު ދެއްވަމުން ޔާމީން ވިދާޅުވީ މި އަހަރުގެ ދައުލަތުގެ ބަޖެޓަކީ 50 ބިލިއަން ރުފިޔާ ކަަމަށްވާއިރު 36 ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ. އެ 36 ބިލިއަން ރުފިޔާގެ ތެރެއިން މިހާތަނަށް އައިއިރު ލިބުނީ އެންމެ 12 ބިލިއަން ރުފިޔާ ކަމަށް ޔާމީން ވިދާޅުވިއެވެ. ނަމަވެސް އާމްދަނީގެ ބޮޑުބައި ލިބެން ޖެހޭ ވަގުތު ފާއިތުވެފައިވާ ކަމަށާއި، އެ ހިސާބުން އިގުތިސާދު ރަނގަޅަށް މަސައްކަތް ނުކުރާކަމަށް ބުނެވޭނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފައެވެ.

ރުފިޔާ ޗާޕް ނުކުރާ ކަމަށް ވިދާޅުވި ނަމަވެސް 12 ބިލިއަން ރުފިޔާ ވަދެގެން 13.7 ބިލިއަން ރުފިޔާ ޚަރަދު ކުރާނީ ކިހިނެތްތޯ ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ. ސަރކިއުލޭޝަން ނުވަތަ ބާޒާރުގައި ނެތް ފައިސާ އެމްއެމްއޭއިން ނެގުމަކީ އެއީ ފައިސާ ޗާޕުކުރުން ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

މި ސަރުކާރުން އަދިވެސް ދައްކަނީ “ކުރީ ސަރުކާރު, ކުރީ ސަރުކާރު“ ގެ ވާހަކައެވެ. މެނިފެސްޓޯގައި ހުރި ކަންކަން ލިޔެފައިވާނީ އޭގެ ފަހަތުން އެތައް ގިނަ ދިރާސާތަކެއް ކުރުމަށްފަހު ކަމަށާއި “ވައުދެއް ފުއްދޭނެ ގޮތް ނޭނގިއެއް ވައުދެއް ނުވާނަން“ ކަމަށް ވިދާޅުވާއިރު, “ކުރީ ސަރުކާރު“ ކިޔުން ދޫކޮށްލައްވައިފައި ދެންވެސް ވައުދުފުޅުތައް ފުއްދަވަންވީ ނޫން ހެއްޔެވެ! ފުއްދެވޭނެ މަގަށް ކަންކަން ބައްޓަން ކުރައްވަންވީ ނޫން ހެއްޔެވެ! އެ މަގަށް ކަންކަން ބައްޓަން ކުރައްވަން އެނގިވަޑައިގަންނަވާ ބޭފުޅުން މި ގައުމުގައި ތިއްބެވިއިރު, ޕާޓީގެ މަސްލަހަތާއި އަމިއްލަ މަސްލަހަތު ދޫކޮށްލައްވައި, އެފަދަ އިލްމީ ގާބިލު ބޭފުޅުންނަށް އިސްކަންދެއްވަންވީ ނޫން ހެއްޔެވެ! މަހުޖަނުންނަށް ބަރޯސާވުން ދޫކޮށްލައި ވަކި މީހަކަށް ބެލުމެއްނެތި ގާނޫނު ތަންފީޒުކޮށް އިންސާފު ގާއިމުކުރަންވީ ނޫން ހެއްޔެވެ!

ނޫނެކެވެ. އެހެނެެއް ނުވާނެއެވެ. ވަރުހުންނާނީ ވަނާ ޖުނބޭސާއަކު ނޫނެވެ. ފައިސާގައެވެ.

ވެރިޔާ މިވީ ހުންގާނު ނެތް އޮޑިއަކަށެވެ. އޮޑީގައި ތިއްބަވާނީ ދިވެހިން ފަޚުރުވެރިވާފަދަ ފަޅުވެރިންގެ ޓީމެއް ކަމަށް ވިދާޅުވި ނަމަވެސް, އާޖުފާޖު ނޭނގޭ މީހުން އިސް މަގާމުތަކަށް އައްޔަންކުރެއްވުމުން ވާނެހައި އެއްޗެއްވެ މިސްރާބު ވެސް ގެއްލެމުންދަނީއެވެ. “މަސް ނުބޭނުނީމާ ކަނޑު ނުބައިކުރާހެން“ , ކަން ކުރަން ނޭނގުނީމާ, ކުރީ ސަރުކާރުގެ “ބޮލަށް ޖަހަނީ“ އެވެ.

“ދިވެހީންގެ ރާއްޖެ“ , ޔައުނީ “އަދުރޭގެ ރާއްޖެ“ މިވީ ގަހެއް, ރުކެއް, ފެނެއް ނެތް ހަނަފަސް ސަހަރާއަކަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް