ދިވެހި ރައްޔިތުންނަށް ހިޖުރީ އާ އަހަރުގެ ތަހުނިޔާ ފޮނުއްވައި, ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްނުކުރުމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އިލްތިމާސްކުރައްވައިފިއެވެ.
ހިޖުރައިން 1446 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި ދިވެހި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރަކްބާދީ ފޮނުއްވައި ކުރީގެ ރައީސް ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވީ ގައުމު ހަމަ މަގަށް އެޅުވޭނީ ވެރިން ޒިންމާދާރު ކުރުވައިގެން ކަމަށެވެ.
އެހެންކަމުން ޕާޓީއަކަށް ސިޔާސީ ފިކުރަކަށް ނުބަލައި, ހުރިހާ ރައްޔިތުން ނުކުމެ ސަރުކާރު ޖަވާބުދާރީކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ގައުމުގެ ކަންކަން އިސްލާހުކުރުމުގެ ވައުދާއެކު އައި ސަރުކާރުގެ އަމަލުތަކަށް ފާރަވެރިވުމަށާއި, ގައުމީ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްނުކުރުމަށް ޔާމީންގެ މެސެޖުގައި ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ހިޖުރީ ގޮތުން އައު އަހަރަކާ ބައްދަލުކުރާއިރު, އިސްލާމީ އުންމަތަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ނުރައްކާތަކުގެ މަތިން ހަނދާން ކުރުމަށާއި, ސަޙްޔޫނީން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކުން, އެ މުސްލިިމް އަޚުންނާއި އުޚުތުން ސަލާމަތްކޮށްދެއްވުމަށް އެދި ދުއާ ކުރުމަށް ވެސް ޔާމީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ފޮޓޯ: ޕީޕީއެމް