އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒުވާންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައި ވިދާޅުވީ ހިޖުރީ އައު އަހަރު ފެށިފައިވާއިރު, ހަނދާން އައުކޮށްދެނީ ކީރިތި ރަސޫލާގެ ޙަޔާތްޕުޅުގައި އެކަލޭގެފާނު ނިންމެވި އެންމެ ޙައްސާސް އެއް ނިންމެވުން ކަމަށެވެ.
އެގޮތުން ހިޖުރައިގެ ދަތުރުފުޅުގެ މަތީގައި ކީރިތި ރަސޫލާ ކަންކަން ކުރެއްވި ގޮތާއި، މަދީނާއަށް ވަޑައިގެން އިސްލާމީ ދައުލަތެއް ގާއިމުކުރުމަށް އެޅުއްވި ފިޔަވަޅުތަކާއި، މައްކާ ފަތަޙަ ކުރެއްވުމުގެ ބޮޑު ކާމިޔާބީ، އޭގެ 10 ވަރަކަށް އަހަރު ފަހުން ހާސިލުކުރެއްވި ގޮތަކީ، ކޮންމެ ގައުމެއްގެ ކުރިއެރުމާއި ކާމިޔާބީއަށްވެސް އަގުހުރި ދަރެސްތަކެއް ކަމަށެވެ.
މަދީނާގައި ކީރިތި ރަސޫލާ ހޭދަކުރެއްވި ދުވަސްތަކުން ފެންނާން އޮތީ، މުސްލިމުންގެ މެދުގައި ގުޅުން ބަދަހިކޮށް އަޚްވަންތަކަން ވަރުގަދަކުރެއްވުމަށް އެކަލޭގެފާނު އިސްކަން ދެއްވިކަމާއި އަވަށްޓެރީންގެ ގޮތުގައި ތިބި އެކި ދީންތަކާއި، އެކި ފިކުރުތަކުގެ އަހުލުވެރީންނާއެކު ޞުލްހަ ގާއިމުކުރެއްވައި މަދީނާގެ ބާޒާރުތަކަކީ ވިޔަފާރީގެ މަގުބޫލު މަރުކަޒުތަކަކަށް ހެއްދެވި ތަން ކަމަށެވެ. އަދި ފެހިކަމާއި ދިރުން އިޙްސާސް ކުރެވޭ ވަޒަނެއްގެ ގޮތުގައި މަދީނާ އާބާދުކުރެއްވި ކަމަށާއި ތައުލީމީ ނިޒާމެއް ގާއިމުކުރެއްވި ކަމަށާއި ބޭސްފަރުވާއާއި އެނޫން އިޖުތިމާޢީ ޚިދުމަތްތަކަށް ފަހި، މެހެމާނުންނަށް ކަމޭ ހިތުމުގައި މަގުބޫލު ރަށަކަށް މަދީނާ ހެއްދެވި ތަން ކަމަށެވެ.
“ކީރިތި ރަސޫލާ ގެ މުޅި ދިރިއުޅުއްވުމުންވެސް ފެންނާން އޮތީ، އަޅުގަނޑުމެން ނަމޫނާ ލިބިގަންނަން ޖެހޭ މިފަދަ އެތައް މިސާލެކެވެ. މަދީނާގައި އެކަލޭގެފާނު ކުރެއްވި މަސައްކަތްޕުޅުތަކުގެ ކާމިޔާބުން ލިބޭ އެއް ފިލާވަޅަކީ ގައުމެއްގެ ކުރިއެރުމަށްޓަކައި ރައްޔިތުންގެ އެއްބައިވަންތަވުން މުހިންމުކަމެވެ. ޢާއިލާތައް ބަދަހިވާން ޖެހޭކަމެވެ. މުރާލިކަމާއި ހީވާގިކަމާއެކު މަސައްކަތްކުރަން ޖެހޭކަމެވެ. އަވަށްޓެރިކަމުގެ ގުޅުންތައް ދަމަހައްޓަން ޖެހޭކަމެވެ. ކޮންމެ ފަރުދަކުވެސް ފުދުންތެރި ދިރިއުޅުމަކަށް އަމާޒު ހިފަން ޖެހޭކަމެވެ. އިސްރާފު ނުކުރުމާއި، ބޭކާރު ޚަރަދުތައް ދޫކޮށްލުމުގެ އާދަ އެންމެން ހިފައިފިނަމަ، މުޅި ގައުމުގެ އިގުތިސާދު ހަރުދަނާވާނޭކަމެވެ. އެންމެންގެ މަންފާއަށްޓަކައި އެކަށައެޅިފައިވާ ގާނޫނުތަކާއި އުސޫލުތައް ތަންފީޒުވާން ޖެހޭކަމެވެ.“