ހަށިވިއްކުމުގެ ވިޔަފާރި: ދިވެހި ފިރިހެން މީހާ ދޫކޮށްލައި ބިދޭސީ 3 އަންހެނުން ބަންދުކޮށްފި

Loading

Facebook
Twitter
WhatsApp

މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި އެކަކު ދޫކޮށްލައި ތިން މީހުން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މާލޭގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއްގައި ބިދޭސީ އަންހެނުންތަކެއް ހަށިވިއްކަމުންދާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޕޮލިސް ސަރވިސްއިން ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެތަން ބަލައި ފާސްކޮށް, ހައްޔަރުކުރީ
55 އަހަރުގެ ދިވެހި ފިރިހެނަކާއި ތައިލެންޑްގެ އުމުރުން 30 އަހަރުގެ ދެ އަންހެނުންނާއި 28 އަހަރުގެ އަންހެނެެކެވެ.

ޕޮލިސް ސަރވިސްއިން މިރޭ ބުނީ އެ މީހުންގެ ބަންދާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރުތު ކުރުމަށްފަހު ފިރިހެން މީހާ ދޫކޮށްލުމަށާއި ތިން އަންހެނުން 15 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މާލޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކާ ކަމުގެ ރިޕޯޓެއް ލިބުމާ ގުޅިގެން, މިދިޔަ ބުދަ ދުވަހުގެރޭ ޓާސްކް ފޯސްއިން ހިންގި އޮޕަރޭޝަނެއްގައި ވިއެޓްނާމަށް ނިސްބަތްވާ 2 އަންހެނަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ މުއައްސަސާއިން ބުރާސްފަތި ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވެއެވެ.

ހޯމް މިނިސްޓްރީން މިދިޔަ މަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މައުލޫމާތު ދެއްވަމުން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވެފައިވާ ގޮތުގައި މަސާޖު ޕާލާއާއި ސެލޫންތަކުގެ ނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް މާލެ ސަރަހައްދުގައި އެބަހުރިއެވެ. އަދި އެ ތަންތަނާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުންދާ ކަަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހަށިވިއްކުމުގެ ވިޔަފާރިއަށް ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް ބޭނުންކުރާކަން ފާހަގަކުރެވޭއިރު, އެފަދަ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

ހަށިވިއްކުމުގެ ވިޔަފާރި ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިދިޔަ މާޗުމަހުގެ ތެރޭގައި ވަނީ ”ޖަޒީރާ“ އާއި ”ޖަޒީރާ ގަރލްސް“ އަދި ”ޖަޒީރާ އެސްކޯޓްސް ގެލެރީ“ ނަމުގައި ޓެލެގްރާމުގައި ތަފާތު ޗެނަލްތައް އުފައްދައި ހަށިވިއްކުމުގެ ވިޔަފާރިއާއި އޮރިޔާން މަންޒަރު އެކުލެވޭ ފޮޓޯ އާއި ވީޑިއޯ ޕޯސްޓް ކުރުމާއި އެހެނިހެން ބޮޑެތި ޖިނާއީ ކުށްތައް ހިންގި ބަޔަކު ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި ދެ ފިރިހެނަކާއި އަންހެނެއްގެ މައްޗަށް ދައުވާކުރުމަށް މިދިޔަ ޖޫންމަހުގެ ތިންވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ. މި ކުށްތައް ކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ 9,495,685.55 ދައުލަތަށް ނަގައިދިނުމަށް ވެސް ޕީޖީ އޮފީހުން އެދިފައިވެއެވެ.

މީގެއިތުރުން ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް ހިންގަމުން ދަނިކޮށް, ”އެމްވީ ކޯލް ގާލްސް“ ކިޔާ ޓެލެގްރާމް ޗެނަލްއެއް ވެސް ވަނީ ހުއްޓުވައިފައެވެ.

”ބޮޑެތި ކުށްތަކަށް އަރައިގަތުމަށް ހިތްވަރު ލިބޭ ގޮތަށް އެމްވީ ކޯލް ގާލްސްގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް ސީޒްކޮށް މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން“ މެއި 01 ގައި ޕޮލިސް ސަރވިސްއިން ބުނެފައިވެއެވެ.

ހަށިވިއްކުމުގެ ވިޔަފާރި ފުޅާވެފައިވާ މިންވަރަށް ބަލާއިރު, މާލޭގެ ސެލޫނެއްގައި ހަށިވިއްކުމުގެ މައްސަލައެއްގައި ޖޫންމަހުގައި ވަނީ ތައިލެންޑުގެ ދެ އަންހެނަކު ވެސް ހައްޔަރުކޮށްފައެވެ.

އެ ދެ މީހުން މަސައްކަތް ކުރާ ސެލޫން ބަލައިފާސް ކުރިއިރު, ބަރަހަނާ ހާލުގައި ތިބި ދެ މީހުން ފެނުނު ކަމަށާއި ޖިންސީ އަމަލު ހިންގުމަށް ބޭނުންކުރާ އާލާތްތައް އެތަނުން ފެނިފައިވާ ކަމަށް މި މައްސަލާގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކުގައި ބުނެފައިވެއެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ މާޗު މަހުގައި ހިންގި އޮޕަރޭޝަނެއްގައި ހިތަދޫ ގެއެއް ބަލައި ފާސްކޮށް ދިވެހި ދެ ފިރިހެނުންނާއި ތައިލެންޑްގެ ތިން އަންހެނަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

އަދި މަރަދޫގައި ހިންގި އޮޕަރޭޝަނެއްގައި ސްޕާއެއްގެ ގޮތުގައި ހިންގަމުން ދިޔަ ތަނަކުން ދިވެހި ފިރިހެނަކާއި އިންޑިއާގެ ފިރިހެނަކާއި ތައިލެންޑްގެ ދެ އަންހެނަކާއި މިޔަންމާގެ އަންހެނަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

ހަމައެއާއެކު މިދިޔަ ޖެނުއަރީ މަހު ފަހުކޮޅު ޖިންސީ އަމަލުކުރަން ބޭނުންކުރާ އާލަތްތަކާއެކު ހަށިވިއްކުމުގެ މައްސަލައެއްގައި
ވިއެޓްނާމްގެ އުމުރުން 34 އަހަރުގެ ޓްރުންގ ތި ހޮންގ ކިޔާ މީހަކު ވެސް ހައްޔަރުކޮށްފައިވެއެވެ.

އޭނާ ހުރި ކޮޓަރި ބަލައި ފާސްކުރިއިރު ޖިންސީ އަމަލުކުރަން ބޭނުންކުރާ އާލަތްތައް ފެނިފައިވެއެވެ. އަދި އޭނާގެ އަތުން ގިނަ އަދަދެއް ފައިސާ ފެނިފައިވާއިރު, އެ ފައިސާއަކީ ހަށިވިއްކައިގެން ހޯދި ފައިސާ ކަމަށް އޭނާ ވަނީ އިއުތިރާފު ވެސް ވެފައެވެ.

ނޯޓް: އެންމެ ތިރީގައިވާ ފޮޓޯ ނަގާފައިވަނީ ސަން އޮންލައިންއިން.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް