ވަނަވަރު ހާމަނުކުރުން ޝަރުތުކޮށް ޔޫރަޕުގެ އޮފިޝަލުންތަކެއް ބުލޫމްބާރގަށް މަޢުލޫމާތު ދީފައިވާގޮތުގައި ރަޝިޔާއާއި ޗައިނާ ގުޅިގެން އީރާނުގެ ނުރައްކާތެރި ޝާހިދު މަރުކާގެ ޑްރޯނާއި އެއްފަދަ ޑްރޯނެއް އުފެއްދުން ކުރިއަށް އެބަ ގެންދެއެވެ.
ޔޫކްރެއިންއާއި ދެކޮޅަށް ރަޝިޔާއިން ކުރަމުންގެންދާ ހަނގުރާމާގައި އީރާނުގެ ހަތިޔާރަށް ރަޝިޔާއިން ވަނީ ވަރަށްބޮޑަށް ބަރޯސާވާން ޖެހިފައެވެ. ޚާއްސަކޮށް އެ ހަނގުރާމައިގާ އީރާނުގެ ޝާހިދު މަރުކާގެ ޑްރޯން ރަޝިޔާއިން ގެންދަނީ ވަރަށް ގިނައިން ބޭނުން ކުރަމުންނެވެ.
އެ ނޫހުން ރިޕޯރޓް ކޮށްފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ރަޝިޔާ-ޗައިނާ ގުޅިގެން ތައްޔާރުކުރާ ޑްރޯން ތައްޔާރުކޮށް އަދި ޓެސްޓް ކުރުންވެސް ނިމުމަކަށް އަންނާނެއެވެ.އެ ޑްރޯން އުފެއްދުމުގެ މަސައްކަތް ރަޝިޔާއާއި ޗައިނާ އިން ގުޅިގެން ވަނީ މިއަހަރުގެ ކުރީކޮޅުގައި ފަށާފައެވެ.
ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާ ދިނުމުގައި އީރާނުގެ ޖެޓް-ޕަވަރ 238 މަރުކާގެ ޝާހިދު ޑްރޯން މިއަހަރު ޖެނުއަރީން ފެށިގެން ބޭނުން ކުރަމުން ދާކަމަށް ހުޅަނގުން ގެންދަނީ ބުނަމުންނެވެ.
އީރާނުގެ 238 މަރުކާގެ ޝާހިދު ޑްރޯނަކީ އުދުހޭ އުސްމިނާއި ދުވެއްޔާ އަދި އޭގައި ހަތިޔާރު އުފުލުގެ ގާބިލުކަން އެކުލެވިފައި ވުމާއި އެކު ޔޫކްރެއިންގެ އެއަރ ޑިފެންސް ނިޒާމަށްވެސް ވަރަށް ނުރައްކާތެރި ގޮންޖެހުމަކަށް އެކަން ވަނީ ވެފައެވެ.
ރަޝިޔާއިން އެގައުމު އަމިއްލައަށް އީރާނުގެ ޝާހިދު 136 މަރުކާގެ ކޮޕީއެއް ގެރާން-2 މަރުކާގެ ނަމުގައި ތަފާތު މެޓީރިއަލް ބޭނުން ކޮށްގެން ވަނީ އުފައްދާފައެވެ. މިކަން ކޮންފްލިކްޓް އާރމަމެންޓް ރިސާރޗްގެ ފަރާތުން މިދިޔަ އަހަރު ނިއު ޔޯރކް ޓައިމްސްއަށް ވަނީ މަޢުލޫމާތު ހިއްސާ ކޮށްފައެވެ.
ބުލޫމްބާރގަށް މަޢުލޫމާތު ފޯރުކޮށްދިން އޮފިޝަލުންގެ ކަންބޮޑުވުމަކީ އީރާނަށް ކުރިމަތި ކޮށްފައިވާ އިގްތިސާދީ ދަތިކުރުންތަކާއިހުރެ ޑްރޯން އުފެއްދުމަށްވެސް ހުރަސް އެޅިފައިވާއިރު ޗައިނާއާއި ރަޝިޔާ ގުޅިގެން އެފަދަ ނުރައްކާތެރި ޑްރޯނެއް އީރާނަށްވުރެން ފުދުންތެރި އިގްތިސާދެއްގައި އުފައްދަމުން ގެންދާނެ އަދަދެއްވެސް އަންދާޒާކުރަން ނޭގުމެވެ.
އަދި ހަތިޔާރު އުފެއްދުމުގެ މައިދާނުގައި ރަޝިޔާއާއި ޗައިނާގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީވެސް ހުޅަނގުން ދެކެން ބޭނުންވާނެ ދުވަހެއްނޫނެވެ.
އެމެރިކާގެ އޮފިޝަލުންނަށް ރަޝިޔާ-ޗައިނާގެ މިއުފެއްދުމުގެ މަރުކާއާއި ނަން މިހާތަނަށް އޮޅުންފިލާ ގޮތްވަނީ ނުވެފައެވެ. ޗައިނާގެ ދިފާޢީ ވެބް ސައިޓުގައި އީރާނުގެ ޝާހިދު-136 މަރުކާގެ ޑްރޯނާ އެއްފަދަ ޑްރޯނެއް ސަންފްލާވަރ-200 ނަމުގައި އުފައްދަން މަސައްކަތް ކުރަމުން ގެންދާކަމަށް ޝާއިއު ކޮށްފައިވެއެވެ.
One Response
ހަމަ ސީދާ ދުނިޔެ މިވަނީ ދެބައި ވެފައެވެ. ކުރީގެ ޔުއެސްއާރއާރް އާއި އެމެރިކާގެ ގޮތަށެވެ. މިހާރު ރަޝީޔާ ޗައިނާ އީރާން އާއި އެމެރިކާގެ ބައިވެރީންނެވެ. އެމެރިކާގެ ބަލާވެރިކަން މާ ބޮޑުވީއެވެ.