ކައިވެނިކުރުމުގައި ކުފޫހަމަވުމާއި މަޖުބޫރުކަމެއްނެތުން

35

ކުފޫހަމަވުން:

ކުފޫހަމަވުމަކީ ހަމަހަމަވެގެންވުމާއި އެއްފަދަވެގެންވުމެވެ. ކައިވެނި ކުރުމުގައި ކުފޫހަމަވުމޭ ބުނެވެނީ ދީނާއި ނަސަބާއި މުދަލާއި ޢިލްމާއި އިޖްތިމާޢީ ޙައިޘިއްޔަތާއި ޢައިބުތަކުން ސަލާމަތްވެގެންވުމުގައި ފިރިމީހާ، އަނބިމީހާއާ ހަމަހަމަވެގެން ވުމަށެވެ. އިޖްތިމާޢީ މައްސަލަތަކާ ބެހޭގޮތުން ލިޔެއުޅުއްވާ ލިޔުންތެރިންނާއި ބައެއް މުފައްކިރުން ވިދާޅުވާ ގޮތުގައި ކުފޫހަމަވުމަށް ބެލެވޭ އިސްވެ ބަޔާންކުރެވުނު ކަންތައްތަކުގައި އަނބިމީހާއަށްވުރެ ފިރިމީހާގެ ޙައިޘިއްޔަތާއި ދަރަޖަ އުފުލިފައިވާނަމަ ނުވަތަ އެދެމީހުންގެ މެދުގައި މާބޮޑު ތަފާތެއް ނުވާނަމަ އެދެމަފިރިކަމުގެ ޙަޔާތް ކާމިޔާބު ކުރުމަށް އޮންނަ ފުރުޞަތު ބޮޑުވެފައި މައްސަލަތައްޖެހުން ކުޑަވާނެއެވެ.

ޢިލްމުވެރިން ވިދާޅުވާގޮތުގައި ކައިވެނިކުރުމުގައި ކުފޫހަމަވުމަކީ ޝަރުޢީ ހަމަތަކުން ބަލާއިރު ރިޢާޔަތް ކުރެވެން ޖެހޭނެ ކަމެކެވެ. ނަމަވެސް ރިޢާޔަތް ކުރެވެންވީ ކަންތައްތަކަކީ ކޮބައިކަމާއިމެދު ޢިލްމުވެރިންގެ މެދުގައިވަނީ އިޚްތިލާފު އުފެދިފައެވެ. މާލިކީ މަޛްހަބުގެ ޢިލްމުވެރިން ވިދާޅުވާގޮތުގައި ކުފޫހަމަވުމުގައި ޝަރުޢީ ގޮތުން ރިޢާޔަތްކުރެވެން ޖެހޭނީ މީހާގެ ދީނާއި ޚުލުޤާއި ﷲގެ އަމުރުފުޅުތަކަށް މީހާ ބޯލަނބައި ކިޔަމަންވާ މިންވަރާއި މެދުއެވެ. އެބޭފުޅުން ދެކެވަޑައިގަންނަވާ ގޮތުގައި މީހާގެ ހަސަބާއި ފައިސާއަކީ ކުފޫހަމަވުމުގައި ރިޢާޔަތް ކުުރެވެންޖެހޭނެ އެއްޗެއް ނޫނެވެ. ޚުލްޤު ހެޔޮ ޞާލިޙު ހެޔޮލަފާ މީހަކު ކަމުގައި ވަނީނަމަ ޙަސަބާއި، ނަސަބާއި، ފައިސާގެ ގޮތުން އަނެހެން މީހާއަށްވުރެ މާދަށް ފަންތީގެ މީހަކަށްވެސް ކައިވެނިކުރުން އެއަންހެން މީހާއަށް ހުއްދަވާނެއެވެ. އެޙާލަތުގައި ފިރިހެން މީހާއަކީ ތަނަވަސްކަމެއް ލިބިފައިނުވާ މީހެއްކަމަށް ބުނެ އެކައިވެންޏާއިމެދު އިޢުތިރާޟު ކުރުމަކީ ވަލީވެރިޔާއަށް އޮންނަ ޙައްޤެއް ނޫނަކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ. އެއާޚިލާފަށް ދީންވެރިކަމާއި އަޚުލާޤީ ކަންފުޅެއް އެމީހެއްގެ ކިބައިގައި ނެތް މީހަކާއި އޭނާގެ އަންހެން ދަރިފުޅު ކައިވެނި ކުރަން އުޅޭނަމަ އެކައިވެންޏާއިމެދު އިޢުތިރާޟު ކުރުމުގެ ޙައްޤު ވަލީވެރިޔާއަށް ލިބިގެންވެއެވެ. އަދި އެފަދަ ޙާލަތުގައި އޭނާގެ ރުހުމާއި ނުލައި އެކައިވެނި ފަސްޚުކޮށްދިނުމަށް އެދުމަކީވެސް ވަލީވެރިޔާގެ ޙައްޤެކެވެ. ހަމަ މިއުޞޫލުން ދީންވެރިކަމެއް އަޚުލާޤީ އެއްވެސް ރީތި ސިފައެއް އެކުލެވިފައި ނުވާ މީހަކާ އަންހެން ކުއްޖާގެ ނުޤަބޫލުގައި އޭނާގެ ބައްޕަ ކައިވެނި ޢަޤުދު ކޮށްދީފިނަމަ އެކައިވެނި ފަސްޚުކޮށްދިނުމަށް އެދުމުގެ ޙައްޤު ބިކުރުވެރި (ކުރިން މީހަކާއި ނުއިނދެހުރި) އަންހެން ކުއްޖާއަށްވެސް ލިބިގެންވެއެވެ.

ކުފޫހަމަވޭތޯ ބެލުމަށްޓަކައި އެންމެ ބޮޑަށް ރިޢާޔަތްކުރަން ޖެހޭނީ މީހާގެ ދީންވެރިކަމަށާއި އަޚުލާޤީ މާތް ސިފަތަކަށްކަން ބާޔަންކޮށް ދެއްވުމުގެ ގޮތުން މާލިކީ މަޛްހަބުގެ ޢިލްމުވެރިން ގެންނެވި ދަލީލުތަކުގެ ތެރޭގައި އަންނަނިވި ވަޙީ ބަސްފުޅު ހިމެނެއެވެ.

“يَٰٓأَيُّهَا  النَّا سُ إِنَّا خَلَقْنَاكُمْ مِّنْ ذَكَرٍ وَأُنْشَ وَجَعَلْنَا كُمْ شُعُوبَّا وشقَبَآ ئِلَ لِتَعَارَفُوا إٍنَّ أكْرَمَكُمْ عِنْدَ ﷲ أَتْقَاكُمْ”  (ا لحجرات : 13 )

މާނައީ: “އޭމީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހެއްދެވީ ފިރިހެނަކާއި އަންހެނެއްގެ ކިބައިންނެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން ބައިބަޔަށް ޤަބީލާތަކަަކަށް ލެއްވީ އެއްބަޔަކު އަނެއް ބަޔަކަށް ތަޢާރަފުވެ އެނގި އުޅުމަށްޓަކައެވެ. ހަމަކަށަވަރުން ﷲ ގެ ޙަޟްރަތުގައި ތިޔަބައިމީހުންކުރެ އެންމެ ހެޔޮ މާތްމީހަކީ ތިޔަބައިމީހުންގެ ތެރެއިން އެންމެ ތަޤުވާވެރި މީހާއެވެ.” މިއާޔަތުގެ އިތުރުން މިކަމުގައި ކީރިތި ރަސޫލާ ދެއްވާފައިވާ އިރުޝާދުތައްވެސް ވަރަށް ގިނަގުނައެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ.

“إِذَا خَطَبَ إِلَيْكُمْ مَنْ تَرْضَوْنَ دِيْنَهُ وَخُلقَهُ فَزوِّجُوهُ، إِلاَّ تَفْعَلُوا تَكُنْ فِتْنَةٌ فِي الأَرْضِ وَفَسَادٌ عَرِ يْضٌ” (الترمذي)

މާނައީ: “އެމީހެއްގެ ދީންވެރިކަމާއި، އަޚްލާޤީ ސިފަތަކާއިމެދު ތިޔަބައިމީހުން ހިތްހަމަޖެހޭ އަދި ރުހޭ މީހަކު ތިޔަބައިމީހުންގެ އަންހެން ދަރިއަކާ ކައިވެނި ކުރުމަށް އެދިއްޖެނަމަ ފަހެ ތިޔަބައިމީހުން އޭނާއާ ކައިވެނިކޮށްދޭށެވެ! އެގޮތަށް ތިޔަބައިމީހުން ޢަމަލު ނުކޮށްފިނަމަ، ބިމުގައި ފިތުނަވެރިކަމާއި ބޮޑުވެގެންވާ ފަސާދަ އުފެދިދާނެއެވެ.” ކުފޫހަމަވާ މީހުންނާއި ކައިވެނި ކުރުމާއި ބެހޭގޮތުން މާތްރަސްކަލާނގެ ރުއްސުންލެއްވި ޢަލީގެފާނާ ސުވާލުކުރެވުނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. “މީސްތަކުންނީ އެމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ކުފޫހަމަވާ ބައެކެވެ. އިސްލާމްވެ އީމާންވެއްޖެ ނަމަ އެމީހުންގެ ޢަރަބިންނާއި ޢަރަބި ނޫން މީހުންނާއި ޤުރައިޝުންނާއި ހާޝިމީންގެ މެދުގައި ކައިވެނި ކުރުމަށް ކުފޫހަމަވެގެން ވެއެވެ.”

އަލްއިމާމު އިބްނު ޙަޒުމް ވިދާޅުވާގޮތުގައި ކުފޫހަމަވުމުގެ އަސާސީ މިންގަނޑަކީ މުސްލިމެއް ކަމުގައި ވުމެވެ. އިސްލާމްދީނުގެ އަހުލުވެރިންނަކީ އެއްބަޔަކު އަނެއްބަޔެއްގެ އަޚުންނެވެ. ކޮންމެ މުސްލިމު ފިރިހެނަކަށް ކޮންމެ މުސްލިމް އަންހެނަކާވެސް ކައިވެނި ކުރެވިދާނެއެވެ. އެއީ އެއަންހެންމީހާއަކީ ޒިނޭކުރާމީހަކުކަމުގައި ނުވާނަމައެވެ. އެކަމުގެ ދަލީލުތައް ވަރަށް ގިނަގުނައެވެ. އެއްއާޔަތެއްގައި ﷲ ވަޙީކުރައްވާފައި ވެއެވެ.

“إِنَّمَا الْمُؤْمِنُونَ إِخْوةٌ” (ا لحجرات : 10 )

މާނައީ: “ހަމަކަށަވަރުން މުއުމިނުން ވާކަން ކަށަވަރީ އަޚުންތަކެއް ކަމުގައެވެ.” މިއާޔަތުގެ އިތުރުން އެންމެހައި މުސްލިމުންނާ މުޚާތަބު ކުރައްވައި ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގައި ވެއެވެ.

“فَانْكِحُوامَاطَابَ لَكُمْ مِنَ النّسَاءِ” (النساء: 3)

މާނައީ: “ފަހެ އަންހެނުންގެ ތެރެއިން ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ތިޔަބައިމީހުން ކައިވެނި ކުރާށެވެ.” ކީރިތި ރަސޫލާގެ އަޅެއްކަމުގައިވާ ޒައިދު ރަޟިޔަﷲ ޢަންހު އުއްމުލް މުއުމިނީން ޒައިނަބު ރަޟިޔަﷲ ޢަންހާއާ އެކަލޭގެފާނު ކައިވެނި ކޮށްދެއްވިއެވެ. އެއީ އެކަލޭގެފާނު އެކަމަނާއާ ކައިވެނި ކޮށްދެއްވިއެވެ. އެއީ އެކަލޭގެފާނު އެކަމަނާއާ ކައިވެނި ބައްލަވައިގަތުމުގެ ކުރިންނެވެ. އަދި ޢަބްދުއްރަޙްމާން ބިން އަޢުފުގެ އުޚުތަކާ ބިލާލު ރަޟިޔަﷲ ޢަންހު ކައިވެނި ބައްލަވައިގަތެވެ. މިފަދަ މިފަދަ ވަރަށްގިނަ މިސާލުތައް އިސްލާމީ ތާރީޚުން ފެންނަން އެބަހުއްޓެވެ.

ޖުމްލަގޮތެއްގައި ދީންވެރިކަމާއި ޚުލްޤު ހެޔޮކަމަކީ ހުރިހާ ޢިލްމުވެރިންވެސް ކުފޫހަމަވުމަށްޓަކައި އެންމެ މުހިންމު އަސާސެއްކަމުގައި ބައްލަވާ ކަންތަކެވެ. އަލްއިމާމު އަބޫ ޙަނީފާ އާއި އަލްއިމާމު ޝާފިޢީ އަދި އަލްއިމާމު އަޙްމަދުވެސް އެންމެ ބޮޑަށް ފާހަގަކުރައްވާ ސިފަތަކަކީ އެއީއެވެ. މީގެ އިތުރުން ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު ހުރިކަމުގައިވިޔަސް މީހާގެ ހަސަބާއި ފުދުންތެރިކަމާއި، ރީތިކަމާއި އެކަކު އަނެކަކު ދެކެ ނަފްރަތުވާފަދަ ބަލިތަކުން ސަލާމަތްވެގެންވުމާއި މިއީވެސް ޢާއިލީ ޙަޔާތެއްގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ރިޢާޔަތް ކުރަންޖެހޭ ކަންތައްތައް ކަމަށް ވަރަށް ކުރީޒަމާނުއްސުރެ އިންސާނުން އަންނަނީ ދެކެމުންނެވެ. މީސްތަކުންގެ މެދުގައި ޒަމާނުއްސުރެ އުފެދިފައިވާ މިބޮޑު ޙަޤީޤަތް ހާމަކޮށްދެއްވަމުން ކީރިތި ރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ.

“تُنْكَحُ الْمَرْأَةُ لأَرْبَعٍ: لِمَالِهَا،وَلِحَسَبِهَا،وَلِجَمَالِهَا،وَلِدِيْنِهَا، فَاظْفَرْ بِذَاتِ الدّيْنِ تَرِبَتْ يَدَاكَ” (البخاري)

މާނައީ: “އަންހެނުންނާ މީހުން ކައިވެނިކޮށް އުޅެނީ ހަތަރު ކަމަކަށްޓަކައެވެ. އެއަންހެނާގެ މުދަލަށްޓަކައެވެ. އަދި އެއަންހެނާގެ ހަސަބާއި ނަސަބުގެ މޮޅުކަމަށްޓަކައެވެ. އަދި އޭނާގެ ރީތިކަމަށްޓަކައެވެ. އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ތިބާ ދީންވެރި އަންހެނާއާ ކައިވެނިކުރުމުގެ ހެޔޮނަސީބު ލިބިގަންނާށެވެ! އޭރުން ތިބާއަށް ހުރިހާ ރަނގަޅު ގޮތްތަކެއް މެދުވެރިވެ ދިރިއުޅުން ބާއްޖަވެރިވާނެއެވެ.”

ކުފޫހަމަވާންޖެހޭ މީހަކީ ކޮބައި؟

ކައިވެނި ކުރުމުގައި ކުފޫހަމަވުން ޝަރުޠުވާ މީހަކީ ފިރިމީހާއެވެ. ރިޢާޔަތްކުރަން ޖެހޭނީ ދީންވެރިކަމާއި ޚުލްޤު ހެޔޮކަމަށް އެކަނިކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންގެ އަރިހުގައި އެސިފަތަކުގައި އަންހެން މީހާއާއި އެއްފަދަ ވާންޖެހޭނެ މީހަކީ ފިރިހެން މީހާއެވެ. ރިޢާޔަތްކުރަންޖެހޭނީ ނަސަބާއި ތަނަވަސްކަމާއި ރީތިކަން ފަދަ ކަންތައްތައްކަމަށް ދެކެވަޑައިގަންނަވާ ބޭފުޅުންގެ އަރިހުގައި އެކަންތައްތަކުގައި އަންހެންމީހާއާ އެއްފަދަ ވާންޖެހޭނެ މީހަކީވެސް ފިރިހެންމީހާއެވެ. އަންހެންމީހާ ފިރިހެންމީހާއާ ހަމަހަމވުން ޝަރުޠެއްނޫނެވެ. އެކަމުގެ ދަލީލަކީ ބުޚާރީއާއި މުސްލިމުގައި ވާރިދުވެފައިވާ އަންނަނިވި ނަބަވީ ބަސްފުޅެވެ.

“أَنَّ النَّبِيَّ ﷺ قَال: “مَنْ كَانَتْ عِنْدَهُ جَارِيَة فَعَلَّمَهَا وَأَحْسَنَ تَعْلِيْمَهَا،  وَأَحْسَنَ إِلَيْهَا ثُمَّ أَعْتَقَهَا وَتَزَوَّجَهَا فَلَهُ أَجْرَانِ” (رواه البخاري ومسلم)

މާނައީ: “ހަމަވަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ނަބީކަލޭގެފާނު ޙަދީޘްފުޅު ކުރެއްވިއެވެ. “އެމީހެއްގެ ގާތުގައި ޖާރިޔާއެއް ވެއްޖެ މީހާ، ފަހެ އޭނާ އެކަނބުލޭގެއަށް އުނގަންނައިދިނީ އަދި އެކަނބުލޭގެ ތަޢުލީމު ރިވެތިކޮށް ފުރިހަމަކޮށްދީ އަދި އެކަނބުލޭގެއަށް އިޙުސާންތެރިކޮށް ހިތައި ދެން އެކަނބުލޭގެ މިނިވަންކޮށް އެކަނބުލޭގެއާ ކައިވެނިކޮށްފިނަމަ ފަހެ އޭނާއަށް ދެއަޖުރު (ދެދަރުމަ) ހުއްޓެވެ.”

ކީރިތި ރަސޫލާއަކީ އެންމެހައި މަޚްލޫޤުންގެ ތެރެއިން އެންމެ މަތިވެރި ޤަދަރާއި ޢިއްޒަތާއި ޝަރަފު ލިބިވަޑައިގެންފައިވާ މާތްސާހިބާއެވެ. ޢަރަބިންގެ ތަފާތު ދަރަޖަތަކާއި ފަންތިތަކުގެ އަންހެން ބޭކަނބަލުންނާ އެކަލޭގެފާނު ކައިވެނި ބައްލަވައިގެންނެވިކަމީ އިސްވެދިޔަ މަޢުލޫމާތުތަކުގެ ޞައްޙަކަން ސާބިތުވާ ދަލީލަކަށް ފުދެއެވެ.

ކައިވެނި ކުރުމުގައި މަޖުބޫރުކަމެއް ނެތުން:

ކައިވެނި ކުރާއިރު ކައިވެނީގެ ދެފަރާތްކަމުގައިވާ އަންހެން ކުއްޖާއާއި ފިރިހެން ކުއްޖާއާ ދެމީހުން އެކައިވެންޏާއިމެދު ރުހި ޤަބޫލުވުމަކީ ކައިވެނީގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. ދެފަރާތަށް ނުވަތަ އެއްފަރާތަށް ވިޔަސް މަޖުބޫރު ކުރުވައިގެން ކައިވެނީގެ ޢަޤުދު ކޮށްފިނަމަ އެކައިވެނީގެ ޢަޤުދު ޞައްޙައެއް ނުވާނެއެވެ.

އަންހެން ކުއްޖާގެ ވަލީވެރިޔ އޭނާގެ އަމިއްލަ ނަފްސުން އެއަންހެން ކުއްޖާއަށް އޭނާ އިންނާނެ ކުއްޖަކު ހޯދައިދީގެން ކައިވެނި ކޮށްދޭނަމަ އެއަންހެން ކުއްޖާއަށް އިޚްތިޔާރު ދޭންވާނެއެވެ. ވަލީވެރިޔާ ހަމަޖެއްސި ކުއްޖާއާމެދު އަންހެން ކުއްޖާ ރުހޭނަމަ ކައިވެނި ކޮށްދެވިދާނެއެވެ. އޭނާ ނުރުހޭނަމަ މަޖުބޫރު ކުރުވައިގެން އެކަން ކުރުވުމުގެ ބަދަލުގައި އެންމެ ރަނގަޅު ގޮތަކީ އިސްލާމީ އުޞޫލުތަކަށް ތަބާވުމުގެ ގޮތުން އޭނާ ހިތްހަމަޖެހޭފަދަ އެހެން ކުއްޖަކު އޭނާއަށް ހޯދައިދިނުމެވެ.

ކައިވެންޏަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ހީކުރާހާ އާދައިގެ ކަމެއްނޫނެވެ. އެއީ ވަރަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމެކެވެ. އަންހެނަކާއި ފިރިހެނެއްގެ މެދުގައި ޖަހައިލެވޭ ކައިވެނީގެ ގޮށަކީ ދެހަށިގަނޑެއް އެއްހަށިގަނޑަކަށް ބަދަލުކޮށްލާ ކަމެކެވެ. ޝަރުޢީ އެތައް އެތައް ޙުކުމްތަކެއް އޭގެމަތީ ޤާއިމުވެގެންދާ ކަމެކެވެ. ދެމަފިރިން އެކަކު އަނެކަކަށްޓަކައި އަދާކުރަންޖެހޭ ޙައްޤުތަކަކާއި ވާޖިބުތަކެއް ވާފަދައިން ދަރިންނަށްޓަކައި އަދާކުރަންޖެހޭ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކެއްވެސް ކައިވެނީގެ ސަބަބުން މިވުޖޫދަށް އުފަންވެގެން އާދެއެވެ. އެހެންކަމުން ކޮންމެ ކައިވެންޏެއްގެ ފެށުން ވާންޖެހޭނީ ލޯތްބާއި ކުލުނާއި އިޙުސާންތެރިކަމާއި އިޙުލާޞްތެރިކަމާއި ތެދުވެރިކަންމަތީ އާރާސްތުވެގެން އަންނަ ފެށުމަކަށެވެ. ފައިސާ އާއި ފިލައިދަނިވި ދުނިޔަވީ ވަގުތީ އުފާތަކަށްޓަކައި މަޖުބޫރުކުރުވައިގެން ކުރެވޭ ކައިވެނިތަކުން ދާދި އަވަހަށް އޭގެ ބަރަކާތް ކެނޑި ހީވެސް ނުކުރާކަހަލަ ދެރަގޮތްތަކާ ކުރިމަތިލާން ޖެހޭފަހަރު ފަހަރު އަންނަނީ މަދެއްކޮށް ނޫނެވެ. މިހިރީ ދުނިޔެ ދައްކައިދޭ ޢިބުރަތުން ފުރިގެންވާ އަގުހުރި ފިލާވަޅުތަކެވެ. މިފިލާވަޅުތަކުން ޢިބުރަތް ޙާޞިލުކުރުމަށްޓަކައި އިސްލާމްދީން ގޮވައިލަނީ ވަރަށް ޞުލްޛަވެރި ގޮތެއްގައި ދެޢަރޫސުންގެ ރުހުމާއެކު ކައިވެނީގެ ޢަޤުދު ފުރިހަމަވެގެން ދިއުމަށެވެ. ޚާއްޞަކޮށް ކައިވެނީގެ ޢަޤުދުކުރެވޭ އަންހެން ކުއްޖާއަކީ ބިކުރުވެރި (މީގެކުރިން މީހަކާ ނުއިންނަ) ކުއްޖަކު ކަމުގައި ވަނީނަމަ އޭނާއަށް ލިބިފައިވާ އިޚްތިޔާރުތަކެއްވެސް ހުރެއެވެ. މާތްރަސްކަލާނގެ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބިން ޢައްބާސްގެ އަރިހުން ރިވާވެގެން ވެއެވެ.

أَنَّ جَارِيَةَّ بِكْرًاأَتَتْ رَسُول ﷲ ﷺ فَذَكَرَتْ أَنَّ أَبَاهَا زَوَّجَهَا وَهِيَ كَارِهَة فَخَيَّرَهَا النَّبِيُّ ﷺ” (رواه أحمد وأبوداود وابن ماجة)

މާނައީ: ހަމަކަށަވަރުން ބިކުރުވެރި ޖާރިޔާއަކު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް އައެވެ.އަދި އެކަނބުލޭގެ ބައްޕަ އެކަނބުލޭގެ ނުރުހޭ ޙާލުގައިވެސް ކައިވެނި ކޮށްދީފިކަމަށް ދެންނެވިއެވެ. ފަހެ އެހިނފު ސަލާމާއި ޞަލަވާތްލެއްވި މާތްބަނިއްޔާ އެކަނބުލޭގެއަށް އިޚްތިޔާރު ދެއްވިއެވެ.” އެބަހީ ކައިވެނީގެމަތީ ދެމިހުންނަށް ނޭދޭނަމަ ކައިވެނި ރޫޅައިލުމުގެ އިޙްތިޔާރު ދެއްވިއެވެ. “ނައިލުލް އަޥްޠާރި” މިފޮތުގައި އަލްއިމާމު ޝައުކާނީ ލިޔުއްވާފައި ވެއެވެ. “ތަޞައްރުފު ފުދިފައިވާ ބިކުރުވެރި އަންހެން ކުއްޖެއްގެ އިޛްނަޔާ ނުލައި އެކުއްޖާއާ، ކައިވެނި ކޮށްދެވިއްޖެނަމަ އެކައިވެނީގެ ޢަޤުދު ޞައްޙައެއް ނުވާނެއެވެ. އައުޒާއީ އާއި ޘައުރީ، އަދި ޙަނަފީ މަޛްހަބުގެ ޢިލްމުވެރިންގެވެސް ރައުޔަކީ އެއީއެވެ.”

އަންހެން ދަރިންނާމެދު އޯގާތެރިވުމަށާއި ޝަރުޢީގޮތުން ކުފޫހަމަވާނަމަ އެކުދިން ރުހޭ ބަޔަކާ އެކުދިން ކައިވެނިކޮށްދިނުމަށް އަންހެން ދަރިންގެ ވަލީވެރިންނަށް ނުވަތަ ވާރުތަވެރިންނަށް އިސްލާމްދީން ގޮވައިލައެވެ. ހަރުކަށިވާން ނުވާތަންތާނގައި ހަރުކަށިވުމަކީ އިސްލާމީ ރިވެތި އަޚްލާޤީ މާތްސިފަތަކާ މުޅިން ތަޢާރުޟުވާ ކަމެކެވެ. ބިކުރުވެރި ކުއްޖެއްކަމުގައިވިޔަސް އަދި ކުރިން މީހަކާ އިނދެ ރޭކުރުމަށްފަހު ވަރިވެފައިވާ ބިކުރުވެރިނޫން ކުއްޖެއްކަމުގައިވިޔަސް ވަކިމީހަކާ ކައިވެނިކުރުމަށް މަޖުބޫރުކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއްނޫނެވެ. އަދި ކިއެއްތަ އެއީ އިސްލާމްދީން މުޅިން މަނާކުރާ ކަމެކެވެ. ވީމާ ކޮންމެ މީހަކުވެސް އެމީހެއްގެ ދަރިފުޅަށް ރަނގަޅު މުސްތަޤުބަލް އެދޭނަމަ ހަރުކަށި އެންމެހައި ޢަމަލުތަކަކުން ދުރުހެލިވެ ޞުލްޙަ މަޞްލަޙަތު ނުގެއްލޭގޮތަށް ޢާއިލާގެތެރޭ ކަންތައްތައް ރާވައި ހިންގަމުން ދާނަމަ އަޅުގަނޑުމެންގެ މުޖުތަމަޢު ފެންނާނީ ދުނިޔޭގެ ތަފާތު މުޖުތަމަޢުތަކުގެ މެދުގައި ނަމޫނާ މުޖުތަމަޢެއްގެ ގޮތުގައިކަން ޔަޤީނެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ