ނަން މަޝްހޫރުވިޔަސް, ބޮޑަސް, ކުޑަސް ނޫސްތަކާމެދު ސަރުކާރުން އެއްހަމައަކުން ކަންކުރަންޖެހޭ

Loading

Facebook
Twitter
WhatsApp

ވެރިކަން ނުލިބި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮންނައިރު, އެ ޕާޓީތަކާއި ޕާޓީގައި ހިމެނިވަޑައިގަންނަވާ ބައެއް ސިޔާސީ ބޭފުޅުންގެ އުޅުމާއި ގުޅުމާއި އެ ޕާޓީއަކަށް ވެރިކަން ލިބުމުން, ހަމަ އެބޭފުޅުންގެ އުޅުމާއި ގުޅުން ހުންނަ ގޮތް ހާސްބައި ތަފާތެވެ.

މި ދެންނެވި ފަދަ ޕާޓީތަާއި އެ ޕާޓީތަކުގައި ތިއްބަވާ ބޭފުޅުން ސަރުކާރާ އިދިކޮޅުގައި ތިއްބަވާއިރު, ނޫސްތަކާއި ނޫސްވެރިންނާ ބާއްވަވަނީ ވަރަށް ވެސް ގާތް ގުޅުމެކެވެ. އެހެނީ އެބޭފުޅުންގެ ޕާޓީ ޕްރޮމޯޓްވުމަށް ނޫސްތަކަކީ ބޮޑު ދައުރެއް އަދާކުރާ އެއްޗެއް ކަމަށްވާތީއެވެ.

ނަމަވެސް ވެރިކަމަށް އާދެވުމުން އެފަދަ ގުޅުމެއް ނޯވެއެވެ. ކަމަކާ ސުވާލެއް ދަންނަވައިލަން ގުޅައިލުމުން ފޯނު ނުނަންގަވާ ތަނުގައި މެސެޖެއް ކޮށްލުމުން ރިޕްލައި ވެސް ނުކުރައްވައެވެ.

މި ދެންނެވީ ހުރިހާ ބޭފުޅުންގެ ގޮތެއް ނޫނެވެ. ބައެއް ބޭފުޅުންނެވެ. މަގާމާއި އިއްޒަތް, ޝަރަފާއި ފަޚުރު ލިބިވަޑައިގަތީމާ މާޒީގެ މަތިން ހަނދުމަފުޅު ނެތުނީ ތޯއްޗެކެވެ!

މިދިޔަ ދައުރުގައި ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު, އެމްޑީޕީގެ ސަރުކާރުގެ އިސް ގިނަ ބޭފުޅުން ގޮތް ހުރީ އެފަދައިންނެވެ. އޭރުގެ ހޯމް މިނިސްޓްރީއާ ގުޅޭ ކަންކަމުގައި މައުލޫމާތު ހޯދުމަށް އެތައް ފަހަރަކު ޝައިޚު އިމްރާނަށް ގުޅީމެވެ. ނަމަވެސް އެއްފަހަރު ވެސް ފޯނު ނުނަންގަވައެވެ. ކުރެެއްވެވިފައި ހުރި ކަންކަމުގެ ސަބަބުން ދަންނަވައިފާނެ ސުވާލެއްގެ ގޮތުން ޖެހިލުންވެވަޑައިގަތީ ކަމަށްވުން ވެސް އެކަށީގެންވެއެވެ.

ނަމަވެސް މި ދެންނެވި ޝައިޚު އިމްރާން ވެސް އަދި އޭރުގެ ސަރުކާރުގެ ބައެއް އެހެން ބޭފުޅުން ވެސް މައުލޫމާތު ދެެއްވުމުގައި އިސްކަންދެެއްވީ އެމްޑީޕީ ސަރުކާރަށް ސަނާކިޔައި ހުޝާމަދު ކުރަމުންދިޔަ ނޫސްތަކާއި އެ ނޫަސްތަކުގެ ނޫސްވެރިންނަށެވެ.

އޭރު ސަރުކާރުގެ އިސް ބޭފުޅެއް ކަމަށްވާ އަކްރަމް ކަމާލުއްދީންއަށް ކަމަކާ ބެހޭ ގޮތުން ސުވާލެއް ދަންނަވައިލަން ގުޅައިލީމެވެ. ވިދާޅުވީ ތިކަމާ ބެހޭ ގޮތުން އެވެނި މީޑިއާއަކަށް މައުލޫމާތު ދެއްވައިފިން ކަމަށެވެ. އޭނާ އިޝާރަތް ކުރެއްވި ނޫހަކީ ނަން މަޝްހޫރު އަދި އެމްޑީޕީ ސަރުކާރު ދިފާއު ކުރުމުގައި އޭރު އެތަކެއް ރިޕޯޓުތަކެއް ގެނެސްދިން ނޫހެކެވެ.

ކުރެއްވި ސުވާލަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އަކްރަމް ވިދާޅުވީ އޭނާ ކުރިން މައުލޫމާތު ހިއްސާކުރެއްވި ނޫހުގެ ޚަބަރު ބަލައިގެން މައުލޫމާތު ނެގުމަށެވެ. އޭގެފަހުން ބޯހިޔާވަހިކަމުގެ މަޝްރޫއުއަކާ ގުޅިގެން ސުވާލެއް ދަންނަވައިލަން ގުޅައިލުމުން ވިދާޅުވީ “ހަމަ އަޑެއް އިވޭ އިރަށް ގުޅަންޖެހޭތޯ“ މިފަދައިންނެވެ. އަދި “އިވޭ ކޮންމެ އެއްޗެއް ޚަބަރަކަށް ނުވާނެ“ ކަމަށެވެ.

މި ތަނުގައި އިމްރާނާއި އަކްރަމްގެ ވާހަކަ މި ގެނައީ މައުލޫމާތު ހޯދުމަށް އޭރު ހުރި ގޮންޖެހުންތަކުގެ ކުޑަކުޑަ މިންވަރެއް ބަޔާންކޮށްލުމުގެ ގޮތުންނެވެ.

އޭރު ސަރުކާރުގެ އިސް ބޭފުޅުންނާ ސުވާލެއް ދަންނަވަން ފުރުސަތު ލިބެނީ ނޫސްވެރިންގެ ބައްދަލުވުމަކުންނެވެ. ނޫނީ ޖެހެނީ މަގުމަތިން ދިމާކުރާށެވެ.

މީގެ އެއް ހެއްކަކީ އޭރުގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ނޫސްވެރިންނާ ބައްދަލުނުުކުރައްވާތާ އެތައް ދުވަހެއްވެފައިވަނިކޮށް ނޫސްވެރިންތަކެއް މަގުމަތިން އެމަނިކުފާނާ ބައްދަލުކޮށް ސުވާލު ދަންނަވާ ހިސާބަށްދާން ޖެހުމެވެ.

ނަމަވެސް އޭރު ވެސް ގުޅައިލުމުން ވަގުތުން ޖަވާބު ދެއްވާ ބޭފުޅުން ވެސް ތިއްބެވިކަން ފާހަގަކޮށްލަމެވެ.

މި ސަރުކާރު އައުމަށްފަހު ވެސް, ސަރުކާރުގެ ބައެއް ބޭފުޅުންގެ ގޮތް ހުރީ މި ދެންނެވި ފަދަ ގޮތަކަށެވެ. ކުރިން އެމްޑީޕީގެ ވެރިކަމުގައި ނޫސްވެރިންނާ ގާތް ގުޅުމެއް ބޭއްވެވި ބޭފުޅުންނަށް މިއަދު ސުވާލެއް ދަންނަވައިލަން މި ޖެހެނީ އާދޭސް ދަންނަވާށެވެ. ގިނަ ބޭފުޅުން ފޯނު ނުނަންގަވާ ތަނުގައި ރިޕްލައި ވެސް ނުކުރައްވައެވެ.

މި ސަރުކާރުގެ މިނިސްޓަރަކަށް ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން އެމަނިކުފާނުގެ ބަހެއް ހޯދައިލަން ގުޅީމެވެ. ބަޚަބަރެވެ. އެހެން އުޅެނިކޮށް ދެން ދިމާވީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ކެމްޕެއިން އިވެންޓެއްގެ ތެރެއިންނެވެ. އެތަނުން ފެނިގެން ގޮވައިލުމުން ވަޑައިގެންފައި ވިދާޅުވީ ގުޅައިގެން ފޯނު ނުނެންގެވިއްޖެނަމަ މެސެޖެއް ކުރުމަށެވެ. އަދި އެމަނިކުފާނުގެ ޕާފޯމަންސް ކިހިނެއްތޯ ވެސް ސުވާލު ކުރެެއްވިއެވެ.

އޭގެފަހުން އިތުރު ޚަބަރަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމަށް ގުޅައިލުމުން ފޯނެއް ނުނަންގަވައެވެ. ނުވިތާކަށް ކުރި މެސެޖުތަކަށް ރިޕްލައި ވެސް ނުކުރެއްވިއެވެ. ޖަވާބު ނުދެއްވީ ނުވަތަ ރިޕްލައި ނުކުރެއްވީ ވަކި ނޫހެއްގެ ފަރާތުން ގުޅީމާ ކަމަށް ވެސް ވެދާނެއެވެ.

ކޮންމެ ކޮންމެ މައުލޫމާތަކީ އެ މިނިސްޓްރީއެއްގައި ނުވަތަ އެ ކުންފުންޏެއްގައި ހުންނަ މީޑިއާ އޮފިޝަލަށް ގުޅައިގެން ހޯދަންޖެހޭ މައުލޫމާތެއް ނޫނެވެ. ބައެއް ކަންކަމުގެ ގޮތުން ސީދާ މިނިސްޓަރު ނުވަތަ ކުންފުނީގެ ވެރިޔާ ވެސް ނޫސްތަކުން ކުރާ ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގަންނަވަން ޖެހޭނެއެވެ.

ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ މި ސަރުކާރަކީ ދެފުށް ފެންނަ ވަރަށް ބޮޑަށް ހުޅުވާލެވިފައިވާ ސަރުކާރެއް ކަމަށް ވިދާޅުވެފައެވެ. މައުލޫމާތު ހޯދަން ދަތިނުވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ނަމަވެސް މުއައްސަސާތަކުން ވެސް މައުލޫމާތު ދިނުމުގައި އާންމު ގޮތެއްގައި އިސްކަންދެނީ ނަން މަޝްހޫރު ބޮޑެތި މީޑިއާތަކަށެވެ. ދައުލަތުގެ މީޑިއާތަކަށެވެ. ސަރުކާރަށް ހުޝާމަދު ކުރާ ނޫސްތަކަށެވެ. ބައެއް ނޫސްވެރިންނަށެވެ.

ހަމަޔާއި އިންސާފުން ކަންކަން ކުރާކަމަށްވާނަމަ, ކުދި ނޫސްތަކަށް ވެސް ނުވަތަ އަލަށް އުފެދި, ކުރިލައި ހެދެމުންދާ ނޫސްތަކަށް ވެސް އިސްކަންދޭންޖެހޭނެއެވެ.

ނޫސް މަޖައްލާ ހިންގުމަށް ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީގޮތުން ކުރިމަތިވާ ގޮންޖެެހުންތަކެވެ. ރާއްޖޭގައި ނޫސް ހިންގަވާ ބައެއް ބޭފުޅުން ނޫސް ހިންގަނީ ސްޕޮންސަރގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. ނޫސްވެރިންނަށް މުސާރަދިނުމާއި ނޫހުގެ އެހެނިހެން ޚަރަދުބަރަދު ބަލަހައްޓަނީ އެއިން ލިބޭ އެއްޗަކުންނެވެ.

މީގެ އިތުރަށް ނޫސް ހިންގަވާ ބައެއް ބޭފުޅުން ނޫސް ހިންގަނީ އަމިއްލަ ޖީބުން ޚަރަދުކޮށްގެންނެވެ. ނޫސްވެރިކަމަށް ހުންނަ ޝައުގެއްގެ ބޮޑުކަމުން އަމިއްލަ ޖީބުން ޚަރަދުކޮށްގެން ނޫސް ހިންގިޔަސް އެކަން އެގޮތަށް އަބަދު ކުރުމަކީ ވާނެ ކަމެއް ވެސް ނޫނެވެ.

ކޮންމެ ވެރިކަމެއްގައި ވެސް ކުންފުނިތަކުން ސްޕޮންސަރ ދިނުމުގައި އިސްކަންދެނީ ވަކި ނޫސްތަކަކަށެވެ. އާންމު ގޮތެއްގައި ނަން މަޝްހޫރު ބޮޑެތި މީޑިއާތަކަށެވެ. ސަރުކާރު ދިފާއުކޮށް ވާހަކަދައްކައި ސަރުކާރުން ކުރާ ނޭދެވޭ ކަންކަމަށް “ފަސްއަޅައި ފޮރުވަން“ މަސައްކަތް ކުރާ އަދި ސަރުކާރަށް ސަނާ ކިޔައި ހުޝާމަދު ކުރާ ނޫސްތަކަށެވެ.

ރާއްޖޭގައި މިހާރު ރަޖިސްޓްރީކޮށްފައިވާ ނޫސް މަޖައްލާތަކުގެ ތެރެއިން ބައެއް ނޫސްތަކަކީ ސަރުކާރުގެ ކޮންމެވެސް އިސް ބޭފުޅަކު ހިންގަވާ ނޫސްތަކެވެ. ނުވަތަ ސަރުކާރުގެ އިސް ބޭފުޅެއްގެ ހިއްސާ އޮންނަ ނޫހެކެވެ. އެފަދަ ބައެއް ނޫސްތަކަށް ސަރުކާރުގެ އެތައް ކުންފުންޏަކުން ވަނީ ސްޕޮންސަރ ދީފައެވެ.

ނަމަވެސް ނޫހެއްގައި ހުންނަވާ އިސް ބޭފުޅަކީ ސަރުކާރާ ކުޑަކޮށް ވެސް ޚިޔާލު ތަފާތު ބޭފުޅެއްކަން ސަރުކާރަށް ފާހަގަކުރެވިއްޖެނަމަ, ސަރުކާރުގެ ކުންފުނިތަކުން އެ ނޫހަކަށް ސްޕޮންސަރެއް ނުދެއެވެ. ސްޕޮންސަރ ހޯދުމަށް ކުންފުނިތަކަށް އެތަކެއް ޕްރޮޕޯސަލެއް ހުށަހެޅިޔަސް އެ އެއްޗެެއް ލާނީ ކުނިވަށިގަނޑަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން, ނޫސް މަޖައްލާތައް ހިންގަވާ ބައެއް ބޭފުޅުންނަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ “ފަޅީގެ“ ބޭފުޅުން ކަމަށް ބަލައި, އެ ބޭފުޅުން ހިންގަވާ ނޫސްތަކަށް ސްޕޮންސަރ ދިނުމަށް ސަރުކާރުގެ ކުންފުނިތަކުން ވަނީ ދެކޮޅު ހަދައިފައެވެ.

ނޫސް މަޖައްލާ ހިންގަވާ ކޮންމެ ބޭފުޅަކީ ސަރުކާރާ އެއްކޮޅަށް ވާހަކަ ދައްކައި ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅަކަށް ވާކަށް ވެސް ނުޖެހެއެވެ. އެކަން އެެހެން ނުވެސް އޮންނާނެއެވެ.

އެ ސަރުކާރަކީ ހަގީގީ މާނައިގައި ހިނގާ ސަރުކާރަކަށް ވުމުގެ އެންމެ ބޮޑު ރޯލެއް އަދާކުރާ އެއްޗަކީ ނޫސް މަޖައްލާތަކެވެ. ހަގީގީ މާނައިގައި ހިނގާ ނޫސްތަކުން ސަރުކާރުގެ ރަނގަޅު ކަންކަން ވެސް ފާހަގަކުރާނެއެވެ. ހަމައެއާއެކު ސަރުކާރުގެ ކަންކަން ހިނގާ ގޮތާމެދު ފާޑު ކިޔައި ސަރުކާރު ޖަވާބުދާރީކޮށް ހަމަމަގަށް އަޅުވަން މަސައްކަތް ވެސް ކުރާނެއެވެ. މީޑިއާގެ ހަގީގީ ބޭނުމަކީ ދުވަހުން ދުވަހަށް، ދެފުށް ފެންނަ ގޮތަށް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމެވެ.

ނަމަވެސް ފާޑުކިޔުންތައް ހަޖަމު ނުވެގެން, އެ ނޫހަކާމެދު ދަތިކުރުމުގެ ފިޔަވަޅު އަޅައި ތަފާތުކުރުން ގެންގުޅެ ހެދުންފަދަ ކަންކަމަކީ ތަހުޒީބު ސަރުކާރަކުން ކޮށްގެންވާނެ ކަންކަމެެއް ނޫނެވެ.

ދައުލަތުގެ މީޑިއާތަކަށް އަދި ސަރުކާރުގެ އިސް ބޭފުޅުން އަޑީގައި ތިއްބަވައިގެން ހިންގަވާ މީޑިއާތަކަށް ޚަރަދުކުރާ ގޮތަށް, އެ ނޫސްތަކަށް ފުރުސަތުތައް ފަހިކޮށްދޭ ގޮތަށް, އެހެން ނޫސްތަކަށް ވެސް ޚަރަދުކޮށް ހަމަހަމަ އުސޫލަކުން އެކަން ކުރިއަށްގެންދެވެން ވާނެއެވެ.

ސިޔާސީ ޕާޓީތަކަށް ދައުލަތުން އެތަކެެއް ފައިސާއެއް ޚަރަދުކުރާއިރު, ސިޔާސީ ޕާޓީތަކަށްވުރެ ބޮޑަށް ރާާއްޖޭގެ މީޑިއާތައް ޒިންމާދާރުކަން ބޮޑެވެ. ރާއްޖެއަށް ޑިމޮކްރެޓިކް ތައާރަފުވުމަށްފަހު އައި މަރުހަލާތަކުގައި އައި އިންތިޚާބުތަކުގައި ރާާއްޖޭގެ ޑިމޮކްރަސީ ސަސްޓެއިން ކުރި ބަޔަކީ ހަގީގަތަށް ބުނާނަމަ މީޑިއާތަކެވެ.

ދައުލަތުގެ ބަޖެޓުން ވަކި ޕަސެންޓެއް އަމިއްލަ މީޑިއާތަކަށް ކަނޑައަޅައި، އެ ފައިސާ ހަމަޖައްސައިދެެއްވާނެ ކަމަށް ރިޔާސީ އިންތިޚާބުގައި ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

އެމަނިކުފާނު އޭރު ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުން ދޫކުރާ ސްޕޮންސަރ ފީތަކަށް ނޫސްތައް ބަރޯސާވާން ޖެހުމުގެ ސަބަބުން ނޫސްތައް ހިންގާ ކުންފުނިތަކާއި މީޑިއާތައް އޮންނަނީ ވަރަށް ބޮޑު އަޅުވެތިކަމެއްގެ ތެރޭގައި ކަމަށެވެ.

”ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ވަކި އިންސަތައެއް ދޭ ގޮތަށް މި އޮންނަނީ ގާނޫނަށް ބަދަލު ގެނެސްގެން، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް، މީޑިއާތަކަށާއި ނޫސްވެރިކަމުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ދޭ ގޮތަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ހުށަހަޅާނަން“

މީޑީއާތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެހީތެރިކަން ދިނުމަށް އުސޫލުތަކެއް ކަނޑައެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޔޫތު މިނިސްޓްރީން ދާދިފަހުން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ބުނެފައިވަނީ މަޖިލީހުން އަންނަ އަހަރުގެ ބަޖެޓު އެކުލަވާލައިރު މީޑިއާތަކަށް ދޭނެ ފައިސާ ހިމަނާނެ ކަމަށެވެ.

ނޫސްތަކުން އުންމީދުކުރަނީ މިކަން ވެސް ހަގީގަތަކަށްވާނެ ދުވަހަކަށެވެ. ނަން މަޝްހޫރަސް, ބޮޑު ނޫހަކަސް, ކުޑަ ނޫހަކަސް, ގިނަ ދުވަސްވީ ނޫހަކަސް, އަލަށް އުފެދި ކުރިއަރަމުން އަންނަ ނޫހަކަސް ހަމަހަމަ ފުރުސަތުތަކެއް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ.

ކުންފުނިތައް މެދުވެރިކޮށް ސަރުކާރުން ބައެއް ނޫސްތައް ގަނެލާކަށެއް ނޫނެވެ. ޗާގޯސް މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ނުގެއްލޭ ކަމަށް ދެއްކުމަށް، ރައީސް އޮފީހުން ފައިސާ ދީގެން، ރާއްޖޭގެ މަޝްހޫރު ގިނަ ނޫސްތަކުގައި މިދިޔަ ސަރުކާރާ އެއްކޮޅަށް އާޓިކަލްތައް ލިޔުނު ގޮތަށް, މި ސަރުކާރުން ވެސް ވަކި ނޫސްތަކަކަށް ފައިސާދީގެން ބޮޑެތި ކަންކަން ފޮރުވުމަށް މަސައްކަތް ކުރާކަށެއް ނޫނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް