ސީ އެން އެން އިން އިންތިޒާމް ކޮށްގެން ހުކުރުވިލޭރޭގައި ބޭއްވި އެމެރިކާ 2024 ގެ ފުރަތަމަ ރިޔާސީ ބަހުސް ގައި މިހާރުގެ ރައީސް ޖޯ ބައިޑްން އަށް ކިޔޭ ނުކިޔޭ އެއްޗެއް އެނގިވަޑައި ނުގަތުމުން އެ މަނިކުފާނު ކެމްޕޭން ނުރައްކަލަށް ވެއްޓި އެ މަނިކުފާނު ރިޔާސީ ރޭހުން އެއްފަރާތަށް ޖެހުމަށް ބައެއް ޑިމޮކްރެޓުން ގޮވަން ފަށައިފިއެވެ.
ޕާރޓީގެ ބައެއް ބޭފުޅުންގެ ވިސްނުން ކުރީގެ ޕްރޮސެކިއުޓަރ އަދި މިހާރުގެ ނައިބު ރައީސް ކަމަލާ ހަރިސް ޕާރޓީގެ ރިޔާސީ ޓިކެޓް ދީފިނަމަ ޑޮނާލްޑް ޓްރަމްޕް ގެ ޖިނާއީ ކުށްތަކުގެ ރެކޯރޑާއެކު ސައިޒަށް ކަނޑާލާފާނެ ކަމަށް އުންމީދުކުރަން ފަށައިފިއެވެ.
ޑިމޮކްރެޓުން ބޭނުންވީ ރައީސް ޖޯ ބައިޑްން ލައްވާ ޓްރަމްޕް ސައިޒް ކުރުވާށެވެ. އެކަމަކު މިހާރު ބެލެވޭގޮތުން އެކަން ކުރެވޭނީ 59 އަހަރުގެ ފުރަތަމަ އަންހެން ރައީސާއަކަށް ވުމުގެ މަގު ހުޅުވެމުންދާ ’ ކުލަ ’ ނަސްލުގެ އަންހެނާ ކަމަލާ ހަރިސް އަށެވެ. ދެކިބަލާށެވެ.
އިންސާނީ ކަރާމަތާ ހަމަހަމަ ކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަމުން ގެންދާ އެމެރިކާގައި މިއަދުވެސް ޔޫރަޕްގެ ކުލަ ނޫން ކީހުންނަށް މުޚާތަބް އެ ކުރަނީ ’ ކުލަ ’ ނުވަތަ ’ ކަޅު ’ ނަސްލުގެ މީހުން ކަމުގައެވެ.
އުމުރުން 81 އަހަރު ވުމާއި އަދި ރަނގަޅަށް ކޮޅަށް ނުހުރެވުންފަދަ ބަސްތަކުން ރައީސް ބައިޑްންއަށް މިހާތަނަށް ފުރައްސާރަ ކުރަމުން ގެންދިޔަ ނަމަވެސް ރިޔާސީ ރޭހުން ކަޓުވާލަން ބޭނުންވާ ވަރުގެ ގޯހެއް މިފަހަރުގެ ރިޔާސީ ބަހުސްގައި މެނުވީ ނުހައްދަވައެވެ.
ޑިމޮކްރެޓުން އުންމީދުކުރީ ރައީސްކަމުގެ ދެވަނަ ދައުރެއް ފުރިހަމަކުރުމުގެ ހަކަތައާއި ބުންވަރު ރައީސް ބައިޑްންގެ ކިބައިގާ ހުންނާނެ ކަމަށެވެ. އެކަމަކު ފެނިގެން މިދިޔައީ ރިޔާސީ ބަހުސްގެ ފުރަތަމަ ބުރުގައި ރޭލު ދަގަޑުން ކައްސާލިތަނެވެ.
ރިޔާސީ ބަހުސްގެ ޕްލެޓްފޯމް ކޮންޓްރޯލް ކުރަމުން ގެންދިޔައީ ކުރީގެ ރައީސް ޓްރަމްޕް އެވެ. ހަމަ އެވަގުތުން ފެށިގެން ރައީސް ބައިޑްން އަކީ މިފަހަރުގެ ޗޮއިސް ނޫންކަމަށް ޑިމޮކްރެޓުންގެ އިސް ބޭފުޅުން ނިންމަވައިފި ކަހަލައެވެ.
މީޑިއާގައި މިކަހަލަ ތަފާތު ވާހަކަތަކެއް ފެތުރެމުން ދިޔަނަމަވެސް ރައީސް ބައިޑްންގެ ކެމްޕޭން ކޮމިއުނިކޭޝަން ޑިރެކްޓަރ މައިކަލް ޓައިލަރ ރިޕޯރޓަރުން ގާތު ބުނެފައިވަނީ އަދި މިހާތަނަށް ރަސްމީ ސިފައެއްގައި އެކަހަލަ ވާހަކައެއް ނުދެކެވޭ ކަމަށެވެ.
ރައީސް ޖޯ ބައިޑްން އަކީ ޑިމޮކްރެޓުންގެ ރިޔާސީ ކެންޑިޑޭޓެވެ. އެކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެން ނަމަވެސް ކޮންގްރެސްގެ ގާނޫނީ އިސް ބޭފުޅުންނާއި އަދި ޖޯ ބައިޑްންގެ ކުރިން ރައީސްކަން ކުރެއްވި ބަރަކް އޮބާމާވެސް ހުކުރު ވިލޭރޭގެ ރިޔާސީ ބަހުސަށްފަހު ބުނަމުންގެންދަނީ ދުވަސް ކުޑަތަންވީމާ ދެން އަލަށް ނެރޭނީ ފަހެ ކާކު ހެއްޔެވެ!
އެންމެ ބޮޑަށް ރައީސް ބައިޑްން އަށް ދިމާކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނޭ ކުރީގެ އައޯވާ ސެނެޓަރ ޓޮމް ހާރކިން ބުނެފައިވަނީ ބައިޑްން ހޭވި ހަޑިން ދެން އަރާ ނުގަނެވޭނެ ކަމަށެވެ. ބައިޑްންއަށް ދެން އެންމެ ރަނގަޅުވާނީ މަށަކަށް ދެން ނުވާނެއޭ ކިޔާފާ އަމިއްލައަށް ދުރަށް ޖެހުމެވެ.
އެމެރިކާގެ ރައްޔިތުން މިފަހަރުގެ ރިޔާސީ އިންތިޚާބާދޭތެރޭ ދެކޭގޮތް ބެލުމަށް ކުރެވެމުންދާ ދިރާސަތަކުގައި މި ފަހަކަށް އައިސް އެންމެ ފާހަގަކުރެވޭ ސުވާލަކަށް ވެފައިއޮތީ 2020 ގެ ކޯވިޑް ބަލިމަޑު ކަމުގެ ތެރޭގައި ރައީސް ބައިޑްން އާއި ނައިބު ރައީސާ ކަމަލާ ހަރިސް އުޅުއްވީ ރައްޔިތުންނަށް ފިލައިގެންތޯއެވެ!
މިހާރު އިންތިޚާބު ކައިރިވީމާ އައިސް ރައްޔިތުން ކޮނޑަށް އަތްލައިގެން އުޅުމަކުން އަދި ނުފުދޭނެއެވެ. ކުރީގެ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު ދެއްވި ވާހަކަތަކާއި އަދި ކުރެއްވި ވައުދުތަކާއި ކަންކުރެއްވިގޮތް ވަރަށް ތަފާތެވެ.
ހުކުރުވިލޭރޭގެ ރިޔާސީ ބަހުސްގައި ރައީސް ބައިޑްން ކޮޅަށް ނެގެހެއްޓެވޭތޯ އެކިއެކި މީޑިއާތައް ބޭނުންކޮށްގެން ނައިބު ރައީސާ ކަމަލާ ހަރިސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ. އެންމެފަހުން އެކަމަނާވެސް ފޫހިވެ އަދި ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި ފެނުނު ޖޯ ބައިޑްން އަށް ރިއާޔަތްކޮށް މިރޭގެ ބާކީ އޮތް ބައި “ ކަލޭކޮއްޕަން ފަހަތުގައި ނުހުރެވޭނެއޭ “ ރައީސް ބައިޑްންއަށް މުޚާތަބްކޮށް ސީ އެން އެން ގެ އެންޑަރސަން ކޫޕަރ ކައިރީގައި ކަމަލާ ހަރިސް ބުނި ކަމަށް ވެއެވެ.
އެމެރިކާގެ ރިޔާސީ ތަޚްތަށް ނައިބު ރައީސާ ކަމަލާ ހެރިސް އުންމީދު ކުރެއްވުމަކީ އެކަމަނާއަށް ލިބިފައިވާ ހައްގެކެވެ. އެކަމަކު އެކަމަނާ ހަނދާކުރައްވަން ޖެހޭނެ އެންމެ މުހިންމު ހަގީގަތަކީ އެކަމަނާއަކީ އަންހެނަކަށްވެފާ އެމެރިކާގެ ތާރީޚުގައި މީގެ ކުރިން އެއްވެސް އަންހެނަކު ރައީސްކަން ކުރައްވާފައި ނެތުމެވެ.
އެކަމަނާއަކީ ކުލަ އަށް ނިސްބަތްކުރެވޭ އަންހެނަކަށްވެފާ އެމެރިކާގެ ރައްޔިތުންގެ ކުރިމަތީ އެކަމަނާ ރިޔާސީ ތަޚްތަށް ކުފޫ ހަމަވާ ކަމަކަށް ނުބަލާނެއެވެ.
މިކަހަލަ އެތައް ސަބަބުތަކަކަށްޓަކައި އެކަމަނާގެ ނަމުގެ ކުރިމައްޗަށް ސްޓެފަން ސްޓަބްސް ކެލިފޯރނިޔާގެ ގަވަރނަރ ގަވިން ނިއުސަމް އަދި މިޝިގަންގެ ގަވަރނަރ ގްރެޗަން ވިޓްމަރ ފަދަ އެތައް ބޭފުޅުންގެ ނަން ހުރަސް ކުރާނެއެވެ.
ރައީސް ބައިޑްން ރިޔާސީ ރޭހުން ބޭރަށް ނެރުމަށް ޑިމޮކްރެޓުންގެ ތެރޭގައި ބަހުސް ކުރެވެން ދާއިރު އެ މަޝްވަރާތަކުން ނައިބު ރައީސް ކަމަލާ ހަރިސްވެސް ހުންނަނީ ބޭރުކޮށްފައެވެ. އެމެރިކާގެ ފުރަތަމަ އަންހެން ރައީސާއަކީ ކުލަ ނަސްލުގެ ބޭފުޅަކަށް ވުމުގެ ފުރުސަތު ޑިމޮކްރެޓުން ދޭކަށް ބޭނުމެއް ނުވެއެވެ. ނައިބު ރައީސް ކަމަލާ ހަރިސް ހުންނަވަނީ މިކަމާ ވަރަށް ބޮޑަށް ނުރުހިފައެވެ. ޕޮލިޓްކޯއަށް އެކަމަނާގެ ޝުއޫރުތައް ބަންޑުން ކޮށްލަމުން ބުނެފައިވަނީ ޑިމޮކްރޭޓުންނޭ ކިޔާފައި ކަޅު ނަސްލުގެ މީހުންނާއި ކުލަ ނަސްލުގެ މީހުން އެއްފަރާތް ކުރީމާ މިބުނެވޭ އެއްޗެއް ވިސްނޭ ބާވައޭ އަހަރެން ހިތަށް އަރައެވެ. ރައީސްކު ހޮވުމަށްޓަކައި ކަޅުމީހުންނާއި ކުލަ މީހުންގެ ވޯޓުވެސް ބޭނުންވާނެއެވެ. ކާމިޔާބު ކުރެވުމުގައި އެ ވޯޓުތަކުންވެސް ކުޅޭނީ ހަމަ ދޮންމީހުންގެ ވޯޓުންވެސް އަދާކުރާ ހިއްސާއެވެ.
2 Responses
ލާހިކެއް ނޫން އެކަމަނާއަށް ތިޔަ ފުރުސަތު ހޯދާކަށް. މޮޔައަކަސް ތަންދޮރު ނޭގުނަސް ހަމަ ދޮންމީހަކު އަންނާނީ. ބަރަކް އޮބާމާއަށް ހަދާލިވަރު އަދި ހަނދާނަކުން ނުފިލާ. މުސްލިމެކޭ އެފްރިކާނެކޭ ގޮވަމުން ދިޔައީ.
ކަމަލާ ހަރިސް އަކީ އަމިއްލައަށްވެސް ޔަހޫދީއަކަށް ވެގެން އުޅޭ މީހެކެވެ. ވެރިކަން ލިބިއްޖެއްޔާ ޓްރަމްޕަށްވުރެން ސަހަލައެއް ނުވާނެއެވެ.