ސަމޯއާ އެގްރީމަންޓްގައި ސޮއިކުރީ އިސްލާމްދީނާ ޚިލާފު މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް: ސަރުކާރު

Loading

Facebook
Twitter
WhatsApp

ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް) ގެ ”ސަމޯއާ އެގްރީމަންޓް“ ގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށަހަޅާފައި ކަމަށް ސަރުކާރުން ބުނެފިއެވެ.

“ސަމޯއާ އެގްރީމަންޓް“ ގައި ބައިވެރިވާން ނިންމައި މިކަމާމެދު މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވީ މިދިޔަ ހަފުތާގައެވެ. މި އެގްރީމަންޓްގައި ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ރުހުން ދީފައެވެ.

އެގޮތުން މި އެގްރީމަންޓްގައި ރާއްޖެއިން ސޮއިކުރީ އިއްޔެގައެވެ.

އެކަމާ ގުޅިގެން ފާޑުކިޔުން އަމާޒުވުމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ސަމޯއާ އެގްރީމަންޓްގައި ދިވެހިރާއްޖެއިން ސޮއިކޮށްފައިވަނީ އިސްލާމްދީނާ، އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށަހަޅާފައި ކަމަށާއި އެގޮތުން ޖުމްލަ 12 މާއްދާއަކަށް ޑެކްލަރޭޝަން އަދި ރެޒަވޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

“މީގެ ކުރިންވެސް ރާއްޖެއިން ބައިވެރިވެފައިވާ މުއާހަދާތަކުގައި ސޮއިކޮށްފައިވަނީ މިފަދަ މާއްދާތަކަށް ރެޒަވޭޝަން ހުށަހެޅުމަށްފަހު.“

އިސްލާމްދީނާ އަދި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާ ފުށުއަރާ އެއްވެސް ކަމަކަށް މި ސަރުކާރުން ފުރުސަތުނުދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭ ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ސަމޯއާ އެގްރީމަންޓްގެ މައިގަނޑު ނުކުތާތަކުގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގަން ފުރުސަތު ދިނުމާއި، އެބޯޝަން ހެދުމުގެ ހުއްދަ ދިނުމާއި، ދީނީ މިނިވަންކަން ދިނުން ހިމެނެއެވެ.

މި އެގްރީމަންޓަކީ ކުރިއަށް އޮތް 20 އަހަރަށް އީޔޫ-އޯއޭސީޕީއެސް ގުޅުމުގެ މައިގަނޑު 6 ދާއިރާއަކަށް ބިނާވެފައިވާ ގާނޫނީ އޮނިގަނޑު ހާމަކޮށްދޭ އެގްރީމަންޓެއް ކަމަށާއި މި މައިގަނޑު ހަ ދާއިރާއަކީ ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ, ޕީސް އެންޑް ސެކިއުރިޓީ, ޑިވެލޮޕްމަންޓް, އިކޮނޮމިކް ގްރޯތު, ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ ކަމަށް ސަރުކާރުން ބުނެފައިވެއެވެ. އަދި މި އެގްރީމެންޓުގައި ބައިވެރިވެ އޯއޭސީޕީއެސްގެ ފުރިހަމަ މެންބަރަކަށްވުމުން ޔޫރަޕްގެ އިއްތިހާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުސަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.

އެގޮތުން ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުން ވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Loading

One Response

  1. މިއީސަޅިގޮތެއް. އެގްރީމެންޓްގައި ސޮއިކުރިޔަސް ބައެއް މާއްދާތަކަށް ޢަމަލު ކުރަން ނުޖެހޭނެޔޯ. ދެން ކީއްކުރަންބާ އެ މާއްދާތައް ޑިލީޓް ކުރުވައިފާ ސޮއިނުކުރީ! އެޗެ.ޑީ. ސީ އާއި އަހަރެން އެބައޮތް އެގްރީމެންޓެއް އޮވޭ. މާދަމާ ދާނަން ގޮސް ބުނާނަން އޭގައި އަހަރެން ސޮއިކުރީ އޭގެ ބައެއް ބައިތަކަށް ޢަމަލު ނުކުރަން ނިޔަތްގަނެގެނޭ! އޯ ކޭ ވާނެބާ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް