ނޭޓޯއާ ދެކޮޅަށް ނިކުންނަން ޖެހިދާނެ ކަމަށް ރަޝިޔާއިން އިންޒާރު ދީފި

Loading

Facebook
Twitter
WhatsApp

ވޯޝިންގްޓަން ޕޯސްޓާއި އަދި ފަސްޓް ޕޯސްޓުން އިއްޔެގެ އެންމެ ފަލަ ސުރުހީއަކީ ބްލެކް ސީގެ ތެރޭގައި އުދުހެމުން ގެންދާ އެމެރިކާގެ ޑްރޯންތައް ގިނަވަމުން ދާނަމަ ނޭޓޯއާއި ދެކޮޅަށް ރަޝިޔާއިން ސީދާ ހަރަކާތަށް ނިކުންނަން ޖެހިދާނެ ކަމަށް ރަޝިޔާއިން ދިން އިންޒާރެވެ.


ކްރެމްލިން އިން ތުހުމަތު ކުރަނީ އެމެރިކާގެ ޑްރޯންތަކުން ޔޫކްރެއިނަށް ޖާސޫސް ކޮށްދެނީ ކަމަށެވެ. އެކަމަކު އެމެރިކާއިން ބުނަމުން ގެންދަނީ އެމެރިކާއިން ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފު ނުވާ ކަމަށެވެ. އަދި ޔޫކްރެއިނަށް ތާއީދުކުރަމުން ގެންދާ ނޭޓޯގެ މެމްބަރު ގައުމުތަކަށް ގެއްލުންދެނިވި ސިއްރު ހައިބްރިޑް އުކުޅުތަކުގެ ހަނގުރާމައިގެ ހަރަކާތްތަކެއް ރަޝިޔާއިން އިތުރު ކޮށްފައިވާ ކަމަށެވެ.
( ހައިބްރިޑް ހަނގުރާމައިގެ ތަޢާރުފެއް ކުރުކޮށް ބުނާނަމަ ބުނެވޭނީ ދޮގާ ވަހުމް ބޭނުންކޮށްގެން އިންސާނުންގެ ސިކުނޑިތަކާ ކުޅެލުން ކަމަށެވެ. ހަނގުރާމައެއްގެ ވާހަކަ ދައްކާނަމަ ހަނގުރާމައާއި ސުލްހަ އޮޅުވާލުމަށް މަސައްކަތް ކުރުމެވެ. ސީދާގޮތުން ޙަމަލާ ދިނުމާއި ނުސީދާގޮތުން ހަމަލާ ދިނުމެވެ. އިގްތިސާދީ ގޮތުން ގެއްލުން ދެނިވި ހަރަކާތްތައް ހިންގުމާއި ދޮގު މައުލޫމާތު ފެތުރުންވެސް ހިމެނެއެވެ. ހައިބްރިޑް މިބަހަކީ ރޯމަނުންގެ ވެރިކަމުގައި ތަފާތު ނަސްލުތަކުގެ ކައިވެންޏަށް ލިބުނު ދަރިން ވަކިކޮށް ދެނެގަތުމަށް ބޭނުންކުރި ލެޓިން ބަހެކެވެ. )
ދާދި ފަހުން އިނގިރޭސި ވިލާތާއި ސްޕެއިންގައި ޔޫކްރެއިނަށް ފޮނުވަން ތައްޔާރު ކޮށްފައިހުރި ހަތިޔާރު ގުދަންތަކެއްގައި އަލިފާން ރޯކޮށްލުމަކީ ކްރެމްލިނުން ހިންގާ ހައިބްރިޑް ހަނގުރާމައިގެ އުކުޅެކެވެ. މި ބާވަތުގެ ގެއްލުންތައް ދިނުމަކީ ރަޝިޔާއިން އާންމުކޮށް ކުރާ ކަމެކެވެ. އެއިން ރެކިގަތުން ފަސޭހަވާނެތީއެވެ.
ޔޫކްރެއިން ހަނގުރާމައާ ދޭތެރޭ ވާހަކަ ދައްކާނަމަ ބުނެވޭނީ ރަޝިޔާއިން ޔޫކްރެއިނަށް ޙަމަލާ ދެނީ ކަމަށާއި ޔޫކްރެއިނުން ދިފާއުވެ ގަންނަނީ ކަމަށެވެ. ޔޫކްރެއިނުގެ ދިފާއަށްޓަކައި ނޭޓޯއިން މަދަދު ފޯރުކޮށް ދެނީއެވެ.
ނޭޓޯއިން ފޯރުކޮށްދޭ އެހީތަކަށް ރަޝިޔާއިން ގެއްލުންދީ ނެތިކޮށްލަނީއެވެ. މިއިން ކޮންމެ ކަމަކުން ޔޫކްރެއިން- ރަޝިޔާގެ ހަނގުރާމަ ނުހުއްޓި ފުޅާވެގެންދަނީއެވެ. ލިބެމުންދާ ގެއްލުން އިތުރުވެ މަރުވަމުންދާ މީހުން ގިނަވުން ނޫން ނަތީޖާއެއް ނުފެނެއެވެ. މިއީ ފަސްޓް ޕޯސްޓުގެ ޑޭވިޑް އިގްނޭސިއަސް ޔޫކްރެއިން- ރަޝިޔާގެ ހަނގުރާމަ ތަޢާރުފް ކޮށްދިނުމަށް ބޭނުންކުރި ޖުމުލަ ތަކެކެވެ.
މިހާރު މިއޮތީ ނޭޓޯއާއި ރަޝިޔާގެ ސީދާ ކުރިމަތި ލުމަކަށް މަގުހުޅުވާދީފައެވެ. ގައުމުތަކުގައި ފައިސަލާކުރަންތިބި ވެރިންނަކަށް ބިރެއް ނެތެވެ. ހުރިހާ ގެއްލުމެއް ގައުމުތަކުގެ ރައްޔިތުންނަށެވެ. ގައުމު ދިފާއުކުރުމުގެ ނަމުގައި މަރުވަމުންދަނީ ސިފައިންނާއި އާންމު ރައްޔިތުންނެވެ. އަމުރު ނެރޭ މީހާއިންނަނީ ފިނިކުރި ކޮޓަރީގައި ހަތަރުފަރާތުން ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކޮށްގެންނެވެ.
ފަސްޓް ޕޯސްޓް އިންޑިއަން އެޑިޝަންގައި އިންޓަރނޭޝަނަލް ސްޓަޑީޒްގެ ޕްރްފެސަރ ނަލިން ކުމާރު މަހާޕަތުރާ ބުނެފައިވަނީ ވަރަށް ބޮޑު ތެދެކެވެ. ދުނިޔޭގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ނޭޓޯއިން ރަޝިޔާއާއި ދެކޮޅުވެރި ވުމުގެ ބަދަލުގައި ޔޫކްރެއިންގެ ހަނގުރާމައިގެ ތެރެއަށް ވަނުން ހުއްޓާލަން އެބަ ޖެހެއެވެ.
ނޭޓޯގެ ބޭނުމަކީ ރަޝިޔާގެ ބަނޑުދަށުގައިވެސް ނޭޓޯ ފުޅާކުރުމެވެ. ރަޝިޔާއިން މިކަމަށް ފުރުސަތު ދީފާނެކަމަށް ބަލައިގެން ނުވާނެއެވެ. އެހެނީ އެމެރިކާ ނުވަތަ އިނގިރޭސިވިލާތުގެ ބަނޑުދަށުގެ ރަޝިޔާގެ ނިއުކުލިއަރ ސަބްމެރީންތައް އޮތަކަ އެމީހުންވެސް ނުދޭނެ ފަދައިންނެވެ.
އެމެރިކާއަށް ޔޫކްރެއިން މުހިންމުވާ އެހެން ސަބަބެއްވެސް އެބައޮތްކަން ވަނީ ފަޅާއަރާފައެވެ. އެމެރިކާގެ ސިޔާސީ ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި ޔޫކްރެއިނަކީ ދުނިޔޭގެ ސުޕަރ ޕަވަރގެ ގޮތުގައި އެމެރިކާ ދެމިއޮތުމަށް ކޮންމެހެން ބޭނުންވާ އެތައް ޓްރިއަން ޑޮލަރުގެ އަގުހުރި މައުދަނެއްގެ ޚަޒާނާއެކެވެ. ކޮންމެ އަގެއް ދީގެންނަމަވެސް ޔޫކްރެއިންގެ އެ ޚާޒާނާ އޮންނަން ޖެހޭނީ އެމެރިކާގެ .މުށުތެރޭގައެވެ

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް