އައްޑު އަތޮޅު ގައި މި ފަހުން ކުރި މަސްވެރިން ކުރި އިހުތިޖާޖުގެ ބައިވެރިއަކު އޭނާގެ ހިތުގެ ޝުޢޫރު ސަންދާނާއި ހިއްޞާކުރަމުން ކިޔައި ދިނެވެ. އަހުރެމެން އެއްވެ މިއުޅެނީ އެއްވެސް ހަމަނުޖެހުމެއް ހިންގުމުގެ މަގުޞަދު އޮވެގެނެއް ނޫނެވެ. އަދި ދައުލަތުގެ މުދަލަށް ގެއްލުންދޭކަށެއް ވެސް ނޫނެވެ. ފުލުހުންނާ ކުރިމަތިލުމުގެ ނިޔަތެއް އޮވެގެން ވެސް ނޫނެވެ.
ކޮންމެ ބޭފުޅަކު ވެސް ފުންކޮށް ވިސްނަވައިލައްވާށެވެ. ތިމާގެ އަނބިދަރިން ބަނޑަށް ޖެހިއްޖެނަމަ ތިމާގެ ހިތަށް ކުރާނެ ފުން އަސަރާއި ލޮލުން ފޭދިގެންދާނެ ކަރުނައިގެ އަގުވަޒަންކޮށް ލައްވާށެވެ. އަހަރެމެން ނުކުމެ މިތިބީ މަސައްކަތެއް ނުކޮށް ސަރުކާރަށް ސަލާން ޖަހައިގެން އަނބިދަރީންގެ ބަނޑުފުރާނަ މުއްތި ކުރާކަށެއް ނޫނެވެ.
އަހަރެމެން މަސްވެރިން ނުކުމެ މިތިބީ ދޭހާ އަތްވަކާއި ވެހޭހައި ވާރޭގައި ފިންޏާ ހޫނުގައި ލޯބޯފިއްސައިގެން އަހަރެމެން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގު ހޯދުމަށެވެ. ދަރީންގެ މުސްތަގުބަލު ކަމުގައިވާ ތަޢުލީމަށް އެޅިފައިވާ ހުރަސްތަކުން އަރައިގަތުމަށެވެ. ރޭގަނޑުގެ ކަނު އަނދިރީގައި ތިބި މަސްވެރި ޢާއިލާތަކުގެ ދިފާޢުގައި ވެސް މެއެވެ.
ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގެ އިގުތިޞާދުގެ މައި ލޭ ނާރެވެ. މި ސިނާޢަތުގެ ފައިދާ މުޅި ގައުމު ޙިއްޞާ ކުރަމުންދާއިރު ރާއްޖެއަށް މިފަދަ ބޮޑު ފައިދާއެއް ހޯދަމުންދާ މަސްވެރިންނާމެދު ދިވެހި ސަރުކާރުން އަޅާނުލުމަކީ އިންސާނީ ނަޒަރަކުން ވިސްނާލާއިރު ގައުމުގެ ވެރިން މަސްވެރިންގެ މައްޗަށް އިޙުސާންތެރިކަމުގެ ނަޒަރަކުން ނުބައްލަވާކަމުގެ ރަމްޒެކެވެ.
އިސްލާމީ ވެރިކަމެއް ހިނގާ ގައުމެއްގެ ބޮޑު އާބާދީއެއް ހައިހޫނުކަމުގައި ތިއްބައި ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން ތިއްބެވި ސަރުކާރުގެ ވެރިން ފިނި ކޮޓަރިކޮޅުގައި އަރާމުގައި ތިއްބަވައި އަގުބޮޑު ކާބޯތަކެތި ފަރީއްކުޅުއްވަމުން ގެންދަވާއިރު ރާއްޖޭގެ އަބާދީގެ ބޮޑު ބައެއް ހައިހޫނުކަމުގައި އުޅެމުން މިދާ ޙާލާމެދު އެއްވެސް މިންވަރެއްގެ ވެރިންގެ ވިސްނުމެއް އެކަމާމެދު ނެތުމުން, ހިތުގެ ޝުޢޫރު ފާޅުކުރަނީ ކަމަށް އޭނާ ބުންޏެވެ.
ހިތުގައި އުފެދޭ ސުވާލަކީ މިއީ އިސްލާމީ އުންމަތެއްބާވައެވެ! ޢުމަރުގެފާނުގެ ޚަލީފާކަމުގައި ރައްޔިތުންގެ ޙާލުއަހުވާލު ބައްލަވައި ހައިހޫނުގައި ތިބޭ ރައްޔިތުންނަށް ކާންބޯން ދެއްވުމަށްޓަކައި އެ މަތިވެރި ޚަލީފާގެ އަމިއްލަ ކޮނޑުފުޅު މަތީގައި ކާބޯތަކެތި އުފުއްލަވައި ދެއްވިއެވެ. އެއީ ރައްޔިތުން ބަނޑަށް ޖެހިފައި ތިއްބާ ވެރިން ފަރިއްކުޅުއްވައި ބަނޑުފުރައިގެން ތިބުމަކީ މާތްރަސްކަލާނގެ ދަރުބާރުގައި އެކަނި ކޮޅަށް ހުންނަން ޖެހޭ ދުވަހު ސުވާލު ކުރައްވާނެ ކަމަކަށް ވާތީއެވެ.
ކަން މިހެން ހުރި ނަމަވެސް ދިވެހި އުންމަތުގެ އާބާދީގެ ބޮޑުބައެއް ބަނޑަށް ޖެހި ސަލާމް ޖަހަމުންދާއިރު އަހަރެމެންގެ ކޮށްފައިވާ ބުރަ މަސައްކަތުގެ އަގު ނުދީ ސަރުކާރުގެ ވެރިން ފިއްލަވައިގެން އުޅުއްވުމަކީ ޒިންމާދާރުކަން ކުޑަ އަދި އެހާމެ ޚުދުމުޚުތާރު އަނިޔާވެރި ޢަމަލަކަށް މެނުވީ ނުވާނެއެވެ.
އަނެއްކޮޅުން މިފަދަ ތަހުޒީބީ ޒަމާނެއްގައި ރާއްޖޭގެ މީޑިއާތަކަށާއި މަސްވެރި ޢާއިލާތަކުގެ އަޑު ނާއްސަވައި ސަރުކާރުގެ ވެރިން ފިއްލަވައިގެން އުޅެން ޖެހޭ ސަބަބެއްވެސް ނޭނގޭ ކަމަށް މަސްވެރިޔާ އަސަރާއެކުކު ކިޔައިދިނެވެ.
ރާއްޖެއިން ބާނާ ކަނޑުމަހުގެ ބާވަތްތަކަކީ ދުނިޔޭގެ ބާޒާރުގައި އެންމެ ނަންހިނގާ އެންމެ ރަނގަޅަށް އަގު ލިބޭ މަހުގެ ބާވަތްތަކެވެ. އަދި މަސްވެރިން ކިރުވާފައިވާ މަސް ބޭރުކޮށްގެން މިފްކޯއަށް އެދަނީ ބަރާބަރަށް ފައިސާ ލިބެމުންނެވެ.
އެހެންކަމަމާއެކު މަސްވެރިން ނުކުމެ މިތިބީ މަސްވެރިންގެ ޙައްގު ހޯދުމަށެވެ. ސަރުކާރުގެ ވެރިން އެކުރައްވާ ކަމަކީ މަސްވެރިންގެ ލޮލަށްބޮލަށް އަރުވަން ފުލުހުން ނެރެ ބިރުދެއްކުމެވެ.
މަސްވެރިން ކުރަމުން މިދަނީ މުޒާހަރާއެއް ނޫނެވެ. މަސްވެރިން ކިރުވާފައިވާ މަހުގެ އަގު ހޯދުމަށްޓަކައި މަސްގަތް ކުންފުންޏާ ވާހަކަ ދެއްކުމަށެވެ. އަހަރެންނަށް އަހަރެމެން ކިރުވި މަހުގެ އަގު ލިބެންދެން ނުވަތަ އެ އަގުދޭނެ ދުވަހެއް ބުނަންދެން އެތާގައި އަހަރެމެން ތިބޭނަން ކަމަށް މަސްވެރިޔާ ބުންޏެވެ.
One Response
Woatudhin iraku thiyakameh neynguneh noontha