ޑްރަގަަށް ފަރުވާ ހޯދުމަށް ދާން އެންޑީއޭގައި އޮންނަ ކިއު ތަރުތީބު ނަންބަރު ވިއްކައި, އެކަމުން ވެސް ވައްކަން!

Loading

Facebook
Twitter
WhatsApp

ޑްރަގަަށް ފަރުވާ ހޯދުމަށް ދާން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގައި އޮންނަ ކިއު ތަރުތީބު ނަންބަރު, އެ ތަނުގެ ބައެއް މުވައްޒަފުން ވިއްކަމުންދާ ކަމުގެ ތުހުމަތުތަކެއް ކުރަމުން އެބަދެއެވެ.

އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ގާނޫނީ ކޮމެޓީގެ މެންބަރު އަލްއުސްތާޒު އަޙްމަދު މަޢުރޫފް ވިދާޅުވީ ޑްރަގުގެ ބައްޔަށް ފަރުވާ ހޯދަން ދާން އެންޑީއޭގައި އެ އޮންނަ ކިއު ތަރުތީބު ނަންބަރު, އެ ތަނުގެ ބައެއް މުވައްޒަފުން ވިއްކަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އަދި އެ ޕާޓީގެ ފަރާތުން މިކަން ވަރަށް ބޮޑަށް ކުށްވެރިކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަޢުރޫފް ވިދާޅުވީ އދ. އިން މިހާރު ބަލަމުންދަނީ ޑްރަގްގެ މައްސަލައަކީ ހެލްތު އިޝޫއެއްގެ ގޮތުގައި ކަމަށާއި އެ ތަނުން ބަލަމުންދަނީ އެއީ ފަރުވާދީގެން ރަނގަޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ކަމަށެވެ.

މިކަމާ ގުޅިގެން އެންޑީއޭ ހިންގާނީ ހެލްތު މިނިސްޓްރީގެ ދަށުން ކަމަށްކަނޑައަޅައި ޑްރަގާ ދޭތެރޭ ދައުލަތުން ގެންގުޅޭ އެޕްރޯޗް އެމްޑީޕީ ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް މަޢުރޫފް ވިދާޅުވިއެވެ. އެއީ އދ.އިން ވެސް ކަނޑައަޅާފައިވާ ގޮތަށް ހެލްތު އިޝޫއެއްގެ ގޮތުގައި ކަމަށާއި އެގޮތުން އެންޑީއޭގެ ތެރެެއަށް ގެންނަންޖެހޭ އިސްލާހުތައް ވެސް ގެންނަމުން އައިކަމަށް އޭނާ ވިދާޅުވިއެވެ.

“ނަމަވެސް މި ސަރުކާރު ފެށުމާއެކު ހެލްތު މިނިސްޓްރީގެ ދަށުން ޑްރަގް އެޖެންސީ ވަކިކޮށް, ހޯމްް މިނިސްޓްރީގެ ދަށަށް ލީ ހިސާބުން އަޅުގަނޑުމެންގެ ޕާޓީއަށް ފާހަގަކުރެވުނު މި ސަރުކާރުގެ އެޕްރޯޗް މިކަމުގަ ބަދަލުވިކަން ނޫނީ ސާފު ނޫންކަން. އެހެން މި ދެންނެވީ ހެލްތު އިޝޫއެއްގެ ގޮތުގައި މިކަމުގަ މަސައްކަތް ކުރުމުގެ ބަދަލުގައި އެންފޯސްމަންޓަށް އަނެއްކާ ވެސް އެންމެ ކުރިން އޮންނަ ގޮތަށް އެންފޯސްމަންޓްގެ މިނިސްޓްރީއެއްގެ ދަށަށް ލައިގެން ފަރުވާއަށް މާބޮޑު ސަމާލުކަމެއް ނުދީ ގަދަބާރުން މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް މަސައްކަތް ކުރާނެ ކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ.“

އެހެންކަމުން މިކަމުގައި ސަރުކާރުގެ މައިގަނޑު ވިސްނުން ހުރި ގޮތް ވެސް ފެންނަ ފެނުމަށް ސާފެއް ނޫން ކަމަށް މަޢުރޫފް ވިދާޅުވިއެވެ. އަދި މިހެން އޮތް ހާލަތެއްގައި އެންޑީއޭގެ މުވައްޒަފުންތަކެއްގެ މިފަދަ މައްސަލަތަކެއް އާންމުވުމާ ގުޅިގެން އަދި ޕާޓީއަށް ޝަކުވާ ލިބެމުންދާތީ ޕާޓީން ވަރަށް ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ހިނގާ ގޮތް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު ފަރުވާގެ ކަންކަން އަވަސްކޮށް ކުރިއަށްގެންދިއުމަށް ޕާޓީގެ ފަރާތުން ސަރުކާރަށް ގޮވައިލާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޑްރަގް ފަރުވާގެ ކަންކަމާ ގުޅޭ ގޮތުން އެންޑީއޭގެ ބަސް:

މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަސް ކަމަށްވާ 26 ޖޫންގައި އެ އެޖެންސީގެ ބޯޑުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެންޑީއޭއިން މަސްތުވާތަކެތީގެ ފަރުވާދެވޭ މީހުންނަށް ދެމުންގެންދިޔަ ފަރުވާތަކުގެ އިތުރުން މެޑިކަލް ފަރުވާ ހިމެނުމާއި، ރެސިޑެންޝަލް ފަރުވާއަށް ފަސޭހައިން ދެވޭނެ އިންތިޒާމުތައް އެކުލަވައިލައި، މާލެ އާއި ރާއްޖޭގެ އެކި ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް އައުޓްރީޗްކޮށް ފަރުވާއަށް ގެނައުމަށްޓަކައި އަވަސް ހައްލެއް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި ރިކަވަރީގައި ތިބި ފަރާތްތަކަށް އާފްޓަރކެއަރގެ ޚިދުމަތްތައް ފަށައިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށާއި ސިވިލް ސޮސައިޓީއާއެކު ވަރުގަދަ ޕާޓްނަރޝިޕެއް އުފައްދައި، ކޮމިއުނިޓީތަކަކީ މަސްތުން ސާފު ތަނަކަށް ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އެންޑީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

މީގެއިތުރުން މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވެ، އެންމެންނަށް ސިއްހަތާއި ދުޅަހެޔޮކަން ކުރިއެރުވުމަށް ދިވެހި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން އެންޑީއޭގެ ބޯޑުން ވަނީ ދީފައެވެ. އަދި މަސްތުވާތަކެތީގެ ވަބާ އާއި މި ވަބާގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ދެނެގަނެ، މަސްތުވާތަކެތީގެ ވަބާއިން ރައްކާތެރިވުމަށާއި، ނަހަމަ ގޮތުގައި ޑްރަގު ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމާއި، އެފަދަ ފަރާތްތައް މުޖުތަމައުއަށް އަލުން ގެނައުމުގެ މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދީފައެވެ.

ސަރުކާރުގެ އަމާޒަކީ އެވިޑެންސް ބޭސްޑް ސްޓްރެޓެޖީތަކާއި ތައުލީމާއި ކޮމިއުނިޓީ ޕާޓްނާޝިޕްގެ ޒަރިއްޔާއިން މަސްތުވާތަކެތީގެ ޑިމާންޑް ކުޑަކޮށް، ކުށުގެ ނެޓްވޯކްތައް ނައްތާލައި، ކަމުގެ އަސްލަށް ވާސިލުވުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެންޑީއޭގެ ބޯޑުގެ އާ ޗެއާމަން އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބުނާ ޒާހިރު އަދި އެމްޑީޕީގެ ގާނޫނީ ކޮމެޓީގެ މެންބަރު އަލްއުސްތާޒު އަޙްމަދު މަޢުރޫފް: ލުބުނާގެ ފޮޓޯ ހޯމް މިިނިސްޓްރީގެ ވެބްސައިޓުން ނަގާފައި. މަޢުރޫފްގެ ފޮޓޯ އެމްޑީޕީގެ ރަސްމީ ’އެކްސް‘ އެކައުންޓުން ނަގާފައި.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް