އިސްލާމިކް ރިޕަބްލިކް އޮފް އީރާނުގެ ރިޔާސަތަށް ބޭފުޅަކު އިންތިޚާބުކުރަން އިއްޔެ ނެގި ވޯޓު ރަން- އޯފް އަކާދިމާލަށް ހިނގައްޖެއެވެ. މިއަދު ޚަބަރުދީފައިވާ ގޮތުގައި ކުރީގެ ރައީސް އިބްރާހީމް ރައީސީ އަވަހާރަވުމުން އެ މަނިކުފާނުގެ ބަދަލުގައި ރިޔާސަތަށް އެހެން ބޭފުޅަކު އައްޔަންކުރަން އިއްޔެ ބޭއްވުނު އިންތިޚާބީ ވޯޓުގައި އެންމެ ކުރީގައި އުޅުއްވާ 2 ބޭފުޅުންނަށް ކާމިޔާބު ނުކުރެވުމުގެ ސަބަބުން ރަން- އޯފަކަށް ދާން ސަރުކާރުން ނިންމަވާފައި ކަމަށް އީރާނުގެ އޮފިޝަލަކު ހާމަކޮށްފިއެވެ.
އީރާނުގެ އިލެކްޝަން އޮފީހުގެ ތަރުޖަމާނު މުޙްސިނު އިސްލާމީ އީރާނުގެ ރަސްމީ ޓެލިވިޒަންގައި ރިޔާސީ އިންތިޚާބުގެ ނަތީޖާ ޢިއުލާން ކުރައްވަމުން ވިދާޅުވީ އިއްޔެ ބޭއްވުނު އިންތިޚާބުގައި 24.5 މިލިއަން މީހުން ވޯޓުލާފައިވާ ކަމަށާއި މަސްޢޫދު ޕެޒެޝްކިއާނަށް 10.4 މިލިއަން ވޯޓު ލިބިވަޑައިގެންފައިވާއިރު އެންމެ ކައިރިން ވާދަކުރެއްވި ސައީދު ޖަލީލީއަށް 9.4 މިލިއަން ވޯޓު ލިބި ވަޑައިގެންނެވި ކަމަށެވެ. އިންތިޚާބުގެ ކުރިން މި އިންތިޚާބު ކާމިޔާބު ކުރައްވާނެކަމަށް އެންމެބޮޑަށް އުންމީދުކުރެވުނު މަޖިލީހުގެ ރައީސް މުހަންމަދު ބާޣިރް ޤާލިބާފްއަށް 3.3 މިލިއަން ވޯޓު ލިބި ވަޑައިގެންނެވިއިރު އިސްލާމީ މުދައްރިސް މުސްތަފާ ޕޯރް މުޙައްމަދީ އަށް ލިބިވަޑައިގަތީ 206000 ވޯޓެވެ.
އީރާނުގެ ގާނޫނު ބުނެފައިވާ ގޮތުން އިންތިޚާބެއް ކާމިޔާބު ކުރެވޭނީ މަދުވެގެން ވޯޓުލީމީހުންގެ 50% ލިބިގެންނެވެ. އެހެންނޫންނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެބޭފުޅުން އެއްހަފުތާ ފަހުން އަލުން އިންތިޚާބީ ވޯޓަށް ކުރިމަތި ލައްވަން ޖެހިވަޑައި ގަންނަވާނެއެވެ.
އީރާނުގެ ރިޔާސީ އިންތިޚާބުގައި މީގެކުރިން އެއްފަހަރު މިގޮތަށް ދިމާވެފައި ވެއެވެ. އެއީ 2005 ވަނައަހަރު މަހްމޫދު އަހްމަދީނެޖާދު އާއި ކުރީގެ ރައީސް އަކްބަރު ހާޝިމީ ރަފްސަންޖާނީއެވެ. އެފަހަރު ދެވަނަބުރުގައި %63 ރައްޔިތުންގެ ތާއީދާއެކު ކާމިޔާބުކުރެއްވީ އޭރު ތެހެރާނުގެ މޭޔަރަކަށް ހުންނެވި މަހްމޫދު އަޙްމަދީ ނެޖާދު އެވެ. މަހްމޫދު އަހްމަދީ ނެޖާދަކީ އޭރުގެ ސުޕްރީމް ލީޑަރ އާޔަތު ﷲ ރޫހު ﷲ ޚުމޭނީގެ ވަރަށް ވަފާތެރި އަދި އަރިސް ބޭފުޅަކު ކަމުގައި ބެލެވުނެވެ.
މަހްމޫދު އަހްމަދީ ނެޖާދު ރިޔާސީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަތްޕުޅުގައި ސުޕްރީމް ލީޑަރ ދޮނެއް ދެއްވިއެވެ. މިއީ އީރާނުގެ އާދަކާދައިގެ ވަރަށް މަދުން ނޫނީ ނުފެންނަ މަންޒަރެކެވެ.
އިއްޔެ ވޯޓަކީ މިހާތަނަށް އީރާނުގައި ބޭއްވުނު ރިޔާސީ އިންތިޚާބުތަކުގައި އެންމެ މަދުން ރައްޔިތުން ވޯޓުލާން ނިކުތް ފަހަރެވެ. އިއްޔެގެ އިންތިޚާބީ ވޯޓުގައި އެންމެ ކުރި ހޯއްދަވާފައި ވަނީ އިސްލާޙީ ވިސްނުމުގެ މަސްއޫދު ޕެޒެޝްކިއާން އާއި ކުރީގެ ނިއުކްލިއަރ ނެގޯޝިއޭޓަރ އަދި އިސްލާމީ ފިކުރުގެ ސަޢީދު ޖަލީލީ އެވެ.
މުހްސިން އިސްލާމީގެ ވާހަކަފުޅުގައި ގާރޑިއަން ކައުންސިލުން ދެވަނަބުރަށް ދިއުމުގެ ރުހުން ބޭނުންވާނެއެވެ. އެންމެ ކުރިން އުޅުއްވާ ދެބޭފުޅުންގެ މެދުގައި ފާހަގަކުރެވޭ ޚިޔާލު ތަފާތުވުމެއް ނެތުމާއި އެކު ގާރޑިއަން ކައުންސިލްގެ ރުހުން ލިބުމަށް ހުރަސް އެޅޭނެކަމަކަށް ނުބެލެވެއެވެ.
އިއްޔެގެ ވޯޓުގައި މިލިއަނަކަށް ވުރެން ގިނަ މީހުން ވޯޓުލާން ބޭނުން ނުވުމާއި ގަސްދުގައި ނުބައިކޮށް ސޮއިކުރުންފަދަ ސަބަބުތަކާއި ހުރެ މިލިއަނެއްހާ ވޯޓު ބާތިލު ކުރެވިގެން ދިޔައެވެ.
ޖަލުގައި ބަންދުކޮށްފައި ތިބި ނޯބެލް ޕީސް ޕްރައިޒް ލޯރިއެޓް ނަރްގިސް މުޙައްމަދީ އާއި އަދި ގޭބަންދުގައި ބަހައްޓާފައިހުރި 2009 ގެ ގްރީން މޫވްމެންޓުގެ މީރު ހުސައިން މައުސަވީ ދޫކޮށް ނުލަނީސް ވޯޓުލުން ބޯއިކޮޓްކުރަންވެސް ގޮވަމުން ދިޔަކަމަށް ޚަބަރު ލިބިފައި ވެއެވެ.
މަސްއޫދު ޕެޒެޝްކިއާނަކީ ސަރުކާރުން އިޚްތިޔާރު ކޮށްގެން ނެރެފައިވާ ކެންޑިޑޭޓެކޭ ވެސް ގޮވަމުން ދިޔަކަމަށްވެއެވެ. އާންމު ގޮތެއްގައި އިންތިޚާބު ނިމިގެން ދިޔައީ މެދުވެރިވި ހަމައެކަނި އެންމެ ހާދިސާއެއް ފިޔަވައި ވަރަށް އަމާންކޮށް ކަމުގައި ޚަބަރުތައް ބުނެއެވެ. ދައުލަތުގެ ޓެލެވިޒަނުން ޚަބަރު ދީފައިވާ ގޮތުގައި ބަލޫޗިސްތާނުގެ ސިސްތާން ސަރަހައްދުން ވޯޓުފޮށިތައް އުފުލަމުން ދިޔަ ވޭނަކަށް ބަޑި ހިފައިގެން ހުރި މީހަކު ޙަމަލާދީ އޭގައިތިބި ފުލުންގެ 2 އޮފިސަރުން މަރާލައި އެހެންމީހުން ޒަޚަމްކޮއްލިކަމަށް ބުނެފައިވެއެވެ.
މިދުވަސްވަރު ބައިނަލް އަގްވާމީ މީޑިއާގައި އެންމެ ހޫނުކޮށް ދައުރުވަމުންދާ ޚަބަރަކީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދޭވަރަށް ޔުރޭނިއަމް ފައްކާ ކޮށްފައި އަދި އޭގެ ބިޔަ ސްޓޮކެއް ފޮރުވާފައި ހުރި ވާހަކައާއި އަދި އީރާނުން ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ބޭނުންވާ އަދަދަކަށް ނިއުކްލިއަރ ހަތިޔާރު އުފެއްދުމަށް ހުރަސް އެޅޭގޮތެއް މިހާރު ނެތްކަމަށް ދެކެވެމުނަދާ ވާހަކަތަކެވެ.
އެހެންކަމާއިއެކު އީރާނުގެ މި އިލެކްޝަންއަށް ބޭރުގެ ބައެއް ގައުމުތަކުގެ ނުފޫޒާއި ފައިސާ ބޭނުންކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.