ފުރިހަމަ މަޢުލޫމާތު ނެތި ކަމެއް ނުފަށާށެވެ.

Loading

Facebook
Twitter
WhatsApp

މަތިންދާބޯޓު ސާފުކުރުމުގެ މަސައްކަތް ކުރާ މީހަކު އެއްދުވަހަކު ޕައިލެޓުގެ ކެބިން ސާފުކުރަނިކޮން އޭނާ އަށް ފޮތެއް ފެނުނެވެ. ފޮތުގެ ނަމަކީ ”އަލަށް ފަށާ މީހުން ބޯޓު ދުއްވަން ދަސްކުރާނެގޮތް“ ވޮލިއުމް1 މިއެވެ.

އޭނާ ފޮތް ހުޅުވާލިއެވެ. އަދި ފުރަތަމަ ސަފުހާ ބަލާލިއިރު އޭގައިވަނީ ”އިންޖީނު އިސްޓާޓް ކުރުމަށް ރަތްކުލައިގެ ފިތަށް ފިއްތާލާށެވެ“ މިހެންނެވެ.އޭނާ ރަތް ފިތަށް ފިއްތާލިއެވެ.އެއާއެކު އިންޖީނު އިސްޓާޓު ވެއްޖެ އެވެ.

ވަރަށް އުފަލުން އޭނާ ފޮތުގެ ދެވަނަ ސަފުހާ ހުޅުވާލިއެވެ. އެ ސަފުހާގައިވަނީ ”ބޯޓު ދުއްވާލުމަށްޓަކައި ނޫކުލައިގެ ފިތަށް ފިއްތާލާށެވެ“. އޭނާ ނޫ ފިތަށް ފިއްތާލިއެވެ.އެއާއެކު ބޯޓު ދުއްވައިގެންފިއެވެ.

އޭނާ ދެން ބޭނުންވީ ބޯޓު އުދުއްސާލުމަށެވެ. އެހެން ކަމުން ދެން ޖެހުނު ޞަފުހާ ބަލާލިއެވެ. އޭގައިވަނީ ”ބޯޓު އުދުއްސާލުމަށް ފެހި ކުލައިގެ ފިތަށް ފިއްތާލާށެވެ“. އޭނާ ވަރަށް ހިތް އަވަސްވެއްޖެއެވެ. ބަލާކަށް ނުހުރެ ފެހި ކުލައިގެ ފިތަށް މަޑުމަޑުން ފިއްތާލިއެވެ. އެއާއެކު ބޯޓު ޓާމެކް މަތިން ނެއްޓި މައްޗަށް އަރަން ފެށިއެވެ. އިސާހިތަކު ބޯޓު މަތީގަ އުދުހެން ފަށައިފިއެވެ.

ބޯޓުގައި އުދުހޭތާ ވިއްސަކަށް މިނިޓް ފަހުން އޭނާ ހިތްހަމަ ޖެހިއްޖެއެވެ. އަދި އަނބުރާ ބޯޓު ޖައްސަން ބޭނުން ވިއެވެ. އެއާއެކު ފޮތުގެ ހަތަރު ވަނަ ސަފުހާޔަށް އެއްލައިފިއެވެ.

ހަތަރުވަނަ ސަފުހާގައިވަނީ ”ބޯޓު ޖައްސަން ދަސްކުރުމަށްޓަކައި އެންމެ ކައިރީގަހުރި ބުކްޝޮޕަށް އަވަހަށް ގޮސް މި ފޮތުގެ ދެވަނަ ވޮލިއުމް ގަންނާށެވެ“ މިހެންނެވެ. މި ލިބުނީ ކިހާބޮޑު ލަނޑެއް ހެއްޔެވެ.

އޭނަ ފުރަތަމަ ވެސް ފޮތުގެ ގަނޑުތައް ބަލާލާފަ މަސައްކަތް ފެށި ނަމަ އެލަނޑެއް ނުލިބުނީހެވެ.

އަބަދުވެސް ހަނދާން ކުރާށެވެ. އެއްވެސް ކަމެއް އަލަށް ކުރަން ފަށަން ވާނީ އެކަމާބެހޭ ފުރިހަމަ މައުލޫމާތު އެނގި ހުރެއެވެ. ނޫންނަމަ ބޯޓު ސާފުކުރާމީހާ އަށް ލިބުނު ލަނޑު ލިބިދާނެއެވެ.

އިލްމެއްގެ ބައިކުޅަބަޔެއް ލިބުމަށްވުރެ އިލްމެއް ނެތުންވެސް މާރަނގަޅޭ ބުނަނީ މިހެންވީމައެވެ.

Loading

3 Responses

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް